މި ޖިސްމުގާ ވަނީ 01

Cover image for [Story Title in Dhivehi]

ސްޕެއިންގެ ބާސެލޯނާގެ ހަމަހިމޭން ހިސާބެއްގައި ހުރި ގަނޑުވަރެއްފަދަގެއެކެވެ. ”ކާސާ ސިއެލޯ“ ގޭގައި ތިރީސް ފަންގިފިލާ ހިމެނޭއިރު އެ ބޮޑު ގޭގައި ދިރުމެއް ނުވާފަދައެވެ. ގޭގެ އެތެރެއަށް، އެއްފަރާތަކަށް ބޮޑު ހުސް ބިމެއް އޮތް އިރު، އަނެއް ފަރާތައް އޮތީ މާމެލާމެލީގެ ބަގީޗާއެކެވެ. ގޭގެ ބޭރުން ފެންނަފެނުމަށް ސްޕެއިންގެ އާސާރީ ގޮތްގަނޑު ހުރި އިރު،  އެގައުމުގެ ތާރީހް ދައްކުވައިދޭ ހެން ހަދާފައިވާ މޮނިއުމަންޓްތަކެއް ބަގީޗާގެ ތެރޭގައިވެއެވެ. ގޭގެ ފުރަގަހުން ދުރުދުރަށް ދާންދެން މޫދު ފެންނަން އޮތެވެ.

އެގޭގެ ފަންސަވީސް ވަނަ ފަންގިފިލާގެ ރެއިލިންގައި އަތްއަޅުވާލައިގެން ޒުވާން އަންހެން ކުއްޖަކު ހުއްޓެވެ. ހިމަ ތޮޅިކޮން ހުރި އިރު އުނަގަނޑާއި ހަމައަށް އޮތް ޗޮކްލެޓް ކުލައިގެ ރާޅުބާނީ އިސްތަށިގަނޑެކެވެ. އިސްކޮޅުން މާދިގު ނޫނަސް ކުރެއްވެސް ނޫނެވެ. ހުދު ދޮންކަމަކާއި އޮމާން ހަންގަނޑެއް ލިބިފައިވާއިރު މޫނުމަތީގައި ކޫރުމެއް ވެސް އެޅިފައި ނުވާއިރު  ސިހުރުވެރި ރީތިކަމެކެވެ.

އެ އަންހެންކުއްޖާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވާއިރު ވޭނީ އާހެއްގެ އަޑު އަނގައިން ބޭރުވަމުން ދިޔައެވެ. ބެލްކޮނީގެ ހުރިއިރު ބޭރުގައި އުފެދިފައިވާ ތޫފާން ނުހަނު ސާފްކޮން ފެންނަމުންދިޔައެވެ. ޖެހެމުންދިޔަ ގަދަފަދަ ވަޔާއި އެކު ވާރޭ ވެހެމުން ދިޔައިރު ހިތްތައް ރޫރޫ އަޅައިގެންދާ ވަރުވެއެވެ. ފައިތިލަތަކުގެ ދަށުގައިވާ މާބަލް ތަޅުން ފިނިވެފައި ވަނީ ކަނޑުން ވައިގައި ހިފާލައިގެން އައިސް ޖެހިފައިވާ ފިނިފެންފޮދުތަކުންނާއި ވާރޭގެ އަސަރުންނެވެ.  އޭނާގެ އިސްތަށިގަނޑުގައި އައްސާލެވިފައިވި ހިމަ ރެބަންކޮޅު އޭގެ މަގާމުން ދޫވެ ވަޔަށް އަރައިގެން ދިޔައިރު އިސްތަށި ކޮޅުތަކުގެ ލުއި ހަމަލާތައް މޫނަށް ދެމުންދިޔައެވެ. ވައިރޯޅިތައް ހިނދެއް ހިނދަކަށް ބާރުވަމުން ދާތީ ފަހަތަށް ނުދިއުމަށްޓަކައި ބެލްކޮނީގެ ދަގަނޑު ރެއިލިންގުގައި ބާރަށް ހިފަހައްޓަން ޖެހުނެވެ.
ދުރުދުރަށް ދާންދެން ފެންނަން މުޅި ސިޓީ އޮތީ މެންދަމުގެ އެ ގަދަފަދަ ތޫފާނުގައި ނިދާ ހަރުވެފައިވާ ފަދައަކުންނެވެ.  ދުރުގައިވާ އުސް އިމާރާތްތަކުގެ އަލިތައް ވާރޭގެ ތެރެއިން ނިވި ދިއްލެމުންދިޔަ މަންޒަރު ފެންނަމުން ދިޔައެވެ.

ބޭރުގައި ހަލަބޮލިވެގެން އައި ތޫފާނަށް ވުރެން އޭނާގެ ހިތުގައި އުފެދިފައިވާ ތޫފާނުގެ ބާރު ގަދައެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނުތައް ހުރަހެއް ނެތި ކޯތާފަތް މަތިން ތިރިއަށް ފިރުކެމުން ދިޔައިރު ދޭތެރެއަކުން އަތުގެ ނުފުށުން ފުހެލައެވެ. ބެލްކޮނީގެ ހަހިމޭންކަން ނަގާލެވިފައިވަނީ އޭނާގެ ހިމޭން ގިސްލުމުގެ އަޑުންނެވެ. އެ މޫނުމަތީގައިވީ ހިތާމައިގެ އެންމެ ފުން އަސަރުތަކެވެ. ހިތް ފުރެންދެން ރޯލެވުމުން ހިތައް ހިސާބެއްގެ ހަމަޖެހުމެއް އިހްސާސްވީ ކަންނޭގެއެވެ. ރަތްވެފައި ދެލޯ ފުހެލުމަށްފަހު އެތަނުން ދިޔުމަށްޓަކައި ފަހަތައް އެޅި ފިޔަވަޅު ހުއްޓެން ޖެހުނީ ފަހަތުގައިވާ އުމުރުން ދުވަސްވީ އަންހެންމީހާ ފެނިފައެވެ.

”އެމީ…  މިއަދުވެސް ރުއީތަ“ އޭނާގެ އަޑުގައި ވަނީ ހަމްދަރްދީއެވެ. އޭނާގެ ސުވާލަށް އަމީރާ ދެފަރާތައް ބޯހޫރުވާލި ނަމަވެސް އެދެލޯ އޭނާއާއި ދެކޮޅަށް ހެކިދެމުންދިޔައެވެ.

”ނޫނޭ އެމީ.. ލޯލާ އާންޓީއަށް ތަ ތި ދޮގު ހަދަނީ.. “ އަމީރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ލޯލާ އެއްސެވެ. ނަމަވެސް އެސުވާލަކަށް އަމީރާއަކަށް ޖަވާބެއް ނުދެވުނެވެ. ކުޑަކުއްޖެއް ފަދައިން ލޯލާގެ ގައިގާ ބައްދާލަމުން އަމީރާއަށް އަނެއްކާވެސް ރޮވުނެވެ.

”ދަރިފުޅަށް މިއަދު ހޫގޯ ކީއްތަ ކުރީ“ އަމީރާ އިރުކޮޅަކު ރޯލުމަށްފަހު ދުރުވެލުމުން ލޯލާ އަހާލިއެވެ. އަމީރާ އެއްޗެއް ނުބުނެ އޭނާ ލައިގެން ހުރި ކަޅު ކުލައިގެ މެކްސީގެ ފަހަތުގައިވާ ޒިބު ނުހަނު އުނދަގުލުން ކަހާލަމުން ތިރިކޮށްލިއެވެ. އެވަގުތު އޭނާގެ ހިމަ އުނަގަނޑާއި ދެއަތުގައި ވާ ޒަހަމްތައް ހުރަހެއް ނެތި ލޯލާއަށް ފެނުނެވެ. ލޯލާއަށް އަނގަމަތީގައި އަތްއެޅުނު އިރު ދެލޯ ފެންކަޅިވިއެވެ.

”އޭނާގެ އެކުވެރިން އައިވަގުތު ބިއާރ ގެންދަން ބުނީ.. ބައި މިސްޓޭކް އަހަންނަށް ގެންދެވުނީ ނުބައި ވައްތަރެއް.. އޭގެ ބަދަލް ބެލްޓުން“ ލޯލާ ފަދައިން އަމީރާ ވެސް ވާހަކަ ދެއްކީ ސްޕެއިން ބަހުންނެވެ. ބެލްޓުގެ ފާހަގަ ހުރިގޮތައް އެ ދޮން ހަންގަނޑަށް ފެތުރިފައިވެއެވެ.  ލޭ ހިލިފައިވާ އިރު އެނޫނަސް އެތައް ލަކުނަކުން އޭނާގެ ހަށިގަނޑު ވަނީ ފުރިފައެވެ.

”ސުބުހާނައްﷲ.. ދަރިފުޅާ މިތަންތަނުގަ އިންފެކްޝަނެއް ނުއުފެދެނީސް ހިނގާ ބޭސް އަޅަން..“ އަމީރާގެ އަތުގައި ހިފައިގެން ލޯލާ، ބެލްކޮނިން ނުކުމެ، ކޮރިޑޯގެ ތެރެއިން ލާފައި ގޮސް އެމީހުން ތިބޭ ކޮޓަރިއަށް ވަނެވެ. މާ ބޮޑު ނޫން ނަމަވެސް ކުޑައެއް ވެސް ނޫނެވެ. ބަންކް ބެޑްއެއް ހުރިއިރު ހެޔޮވަރުގެ ހަތަރު ދޮރުފަތުގެ އަލަމާރިއެއް ވެއެވެ. ކޮޓަރިއަށް ވަންނަން އިން ދޮރު ނޫން އިތުރު ކުޑަދޮރެއް އެ ކޮޓަރިއަކު ނުވެއެވެ. ބަންކް ބެޑްގެ ތިރީގައި ލޯލާ، އަމީރާ ގެންގޮސް ބައިންދާލިއެވެ.

ހެދުމުގެ ޒިބު ކަހާލަމުން ބުރަކަށީގައިވާ ޒަހަމްތައް ހާމަވިއެވެ. އަތުގައިވާ އޮއިޓްމަންޓް،  ކަފަބުރަކުން ހާކަމުން ދިޔައިރު ނަގަމުން ދިޔަ ދިލައިން އަމީރާއަށް ލޯ މަރާ ފިތާލެވުނެވެ.

”ވަރަށް ތަދުވޭދޯ… މިހާރު މި ނިމެނީ އިނގޭ“ ލޯލާ ފުމެމުން ދިޔަ ނަމަވެސް ރޯ ފާރުގަނޑަށް މާ ބޮޑު ލުޔެއް ނުލިބުނެވެ. އެފަދަ ހާލެއްގައި ބޭސްއަޅާ ނިންމާލިއެވެ.

ލޯލާއަކީ އެގޭގައި މަސައްކަތު މީހުންގެ އެންމެ އިސްމީހާއެވެ. އުމުރުން އެންމެ ފަސް އަހަރުގައި އެގެޔަށް އޭނާ ގެނައި ދުވަހުން ސުރެން އަމީރާ ބަލާބޮޑުކުރީ ލޯލާއެވެ. އެ ބޮޑު ގޭގައި  އޭނާގެ މައްޗަށް ހަމްދަރްދީ އެއްވާ އެއްވެސް އިންސާނަކު ލޯލާ ނޫނީ ނުވެއެވެ. އެގޭގެ އަހުވެރިންނާއި ގޭގައި ދެން ގެންގުޅޭ މީހުންނަކީ އޭނާ ހަޔާތުގައި ވެސް ދުށް އެންމެ އަނިޔާވެރި މީހުންނެވެ.

ހެދުމުގެ ޒިޕް ދަމާލަ ދިނުމަށްފަހު އަމީރާގެ މަގަތުގައި ލޯލާ އިށީންނެވެ.

”އެމީ.. އާންޓީ ބޭނުމެއް ނުވޭ އާންޓީގެ ދިރިއުޅުން ފަދައިން ދަރިފުޅުގެ ދިރިއުޅުން މިގޮތުގައި ވޭތުވާކަށް.. ބޭރަކަށް ނުދެވޭ އެންމެ ކުޑަ މިނުން ބަގީޗާއަށް ވެސް ނުދެވޭ.. ގައިދީއެއް ފަދައިން ބަންދު ކުރެވިފަ.. އެއްވެސްކުށެއް ނެތި އެންމެ ސަތާރަ އަހަރުގައި ވެސް މިފަދަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައި ޥާއިރު މިހުރިހާ މަންޒަރެއް ފެންނާތީ ހަގީގަތުގައި ވަރަށް ދެރަވޭ.. އަމް ސޮރީ ޑޯޓާރ..އެއްވެސް ކަމެއް ނުވެސް ކޮށްދެވޭ ސަލާމަތް ކޮށްދޭކަށް“ އަމީރާގެ އުނަގަނޑުގައި ފިރުމާލަމުން ލޯލާ ބުނެލިއިރު ހުރީ ފެންކަޅިވެފައެވެ. އެއްޗެއް ނުބުނެ އިސްޖެހިފައި އިން އިރު އަމީރާގެ މައުސޫމް މޫނުމަތީގައިވާ މޮޅިވެރިކަމުން ލޯލާގެ ހިތައް ނުހަނު ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ.

”އާންޓީއަށް މައްސަލަ އެއް ނެތް ކޮންމެ ފަދަ ގޮތެއް ވިޔަސް އެކަމަކު ތިހެން އަނިޔާ ލިބޭތަން ދެކޭކަށް ދެން ނުހުރެވޭނެ.. މިތަނުން ސަލާމަތް ކޮށްދޭނަން“  ލޯލާ ބުނެލިއެވެ. ނަމަވެސް ވަގުތުން އަމިރާއަށް ބޯ ހޫރުވާލެވުނެވެ.

”އިޒް އިޓް ޕޮސިބަލް ވިތް ދިސް“ ފުންނާބާއި ހަމައަށް ހުރި ހެދުން ހިއްލާލުމަށްފަހު އަމީރާ ދައްކައިލީ އޭނާގެ ފައިގާ އަޅުވާފައިވާ ”ޓެގް“ އެވެ.  ލޯލާއަށް މޫނު އަނބުރާލެވުނު އިރު ކޮންޓްރޯލް ނުކުރެވިގެން ރޮވުނެވެ.

”އިޓްސް އޯކޭ.. ޑޯންޓް ވޮރީ..އެނގެ އެންނު ދެ އަހަރުކުރީން ވެސް ފިލައިގެން ދިޔައީމާ ވީގޮތް“  އަމީރާއަށް ޓެގްއާއި ދިމާ ބަލައިލެވުން އިރު ދެލޯ މަރާލެވުނެވެ.

***

ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގެން އައި އިރު ތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އަންހެންކުދިންގެ ނަޒަރު ހުއްޓިފައިވަނީ އިޔާންއަށެވެ. ދިގު އިސްކޮޅަކާއި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު މާ ދިގެއް ނޫނެވެ. ތުނި ތުނބުޅީގައި ވެސް ބަލާފޫހި ނުވާފަދަ ފިރިހެންވަންތަ ކަމެކެވެ. ޒުވާން އަންހެންކުދިން މޮޔަކުރުވާފަދަ ރީތިކަމެކެވެ. ފެންނަ ކޮންމެ މީހަކަށް އިޔާން ހީލި ނަމަވެސް އޭނާއާއި ވާހަކަ ދެއްކުމުގެ ހިތްވަރެއް އެކަކުގެ ކިބައިގާ ވެސް ނުހުރެއެވެ. އެ މޫނުމަތީގައި ހަރުކަށިކަމެއް ވާއިރު  އެހެން މީހުން ޖެހިލުންވާ ސިފައަކަށް އެ ސިފަ ވަނީ ވެފައެވެ.

ކަޅުކުލައިގެ ޖީންސާއި ގަމީހުގައި ފެންނަލެއް ނުހަނު ސްމާޓެވެ. ވަށައިގެންވާ މާހައުލަށް ސަމާލުކަން ނުދީ އޭނާގެ އޮފީހަށްވަނެވެ. އެއްއަތުގައި ވާ ކުޑަފޮއްޓަށް ގެއްލުމެއް ލިބިދާނެތި އޭނާ އައީ ވަރަށް ބަލައިގެންނެވެ. އޭނާއަށް ހާއްސަ ކުރެވިފައިވާ އޮފީހަށް ވަދެ މޭޒުމަތީގައި އެ ފޮށި ބެއިންދިއެވެ.

މޭޒުކައިރީ ގައިވާ ގޮނޑީގައި ރަނގަޅަށް އިށީންދެ ހަމަ ނުޖެހިލެވެނީސް ދޮރުގައި ކޮންމެވެސް މީހަކު ޓަކި ޖަހަންފެށިއެވެ.

”ވަދޭ“ އިޔާން ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އެތެރެއަށް ވަދެގެން އައީ އޭނާގެ އެންމެ ގާތް އެކުވެރިއާއެވެ.

”މީނަ ވީއައިޕީ ކަމުން މަ އޮފީހަށް ވެސް އައިސް މި ވަދެލަނީ ކިހިނެތް..“ ދެލޯ ހަނިކޮށްލައިގެން ހުރެ އިއާންބުނެލިއެވެ.  ބަދަލުގައި  ކުރިމަތީގައި ހުރި ވިޝާމް ޖަހައިލީ ހިނިގަނޑެކެވެ.

”ބްރޯއަށް އެނގެއެންނު މަ އައިސް މިތަން ކާލިޔަސް މިމީހުން އެއްޗެއް ނުބުނާނެކަން..  ތިއެއް ނޫނޭ ..ބޭފުޅާ ކޮބާތަ އައު މަގާމަށް ނުކުމެވުނު ފުރަތަމަ ދުވަހުގެ އިހްސާސްތަކަކީ.. މަރްހަބާ މަރްހަބާ.. ސްޓާފް ސާޖަންޓް މުހައްމަދު އިޔާން“ ޖުމްލަތައް ރާގަށް ފައްތާލަމުން ވިޝާމް ދިމާކޮށްލިއެވެ. ނުހޭން އިންނަމަވެސް ވިޝާމްގެ މަޖާ މިޒާޖު ހުންނަ ގޮތުން އިޔާންއަށް ހޭން މަޖުބޫރުވެއެވެ. މޭޒުމަތިން ހުސް ކަރުދާހެއް ނަގާ ބޮނޑިކޮށްލުމަށްފަހު ވިޝާމްގެ މޫނާއި ދިމާލަށް އެއްލިއެވެ.

”ދެން ބުނެބަލަ ދޯ ޑިޓެކްޓިވް ސާރ.. ހާދަ ދުވަހެއްގެ  މަސައްކަތައް ފަހުއޭ ތިކަން ކާމިޔާބު އެވީ“

”ދެން އުފާވާނެތާ.. ވާހަކަ ނުދައްކާ ހިނގާބަލަ އާދެވުނު ވަގުތު ކޮފީއެއް ބޯން“ ވިޝާމް އަހަން ފެށުމުން ކުރު ޖަވާބެއް އިޔާން ރައްދުކޮށްލިއެވެ. ދެމީހުން އެކުގައި ބޭރަށް ނުކުމެ އެންމެ ފުރަތަމަ ވެސް ވަނީ ޕޮލިސް ސްޓޭޝަނުގެ ކުރިމައްޗަށް ވާހެން މަގުގެ އަނެއް ފަރާތުގައި ހުރި ”ގޯލްޑެން ފޯކް“ ރެސްޓޯރެންޓްއަށެވެ.

”ހޫމްމް މަށައް އެއްޗެއް ކާންދޭންވީނު އިޔާނޫ… ނިކަންބަނޑުހައޭ..“ ބަނޑުގައި އަތް ކާއްތާލަމުން ވީސާމް އިއްވާލިއެވެ.

”ކަލޭ ނުކައިތަ ހުންނަނީ..“

”ކީއްތަ ވީ.. ލާރި ގަނޑެއް ލިބޭނެ އެންނު މިމަހުން ފެށިގެން.. ސަދަގާތް ކުރި ވަރަކަށް މުސާރައިގަ ބަރަކާތް ލައްވާނީ.. އިޔާންގެ  ޖުމްލަ އިވުމުން ވިޝާމްއަށް ނުހީ ނުހުރެވުނެވެ. ދެމީހުން ގޮސް އީށީންދެލީ ވީއައިޕީ އޭރިޔާއިން މޭޒެއްގެ ކައިރީގައެވެ. މޭޒުގެ ދެފަރާތުގައިވާ ދެ ސޯފާ ގޮނޑީގައި ހަމަޖެހިލިއިރު ވެއިޓަރަކު އައިސް އޯޑަރ ނަގަން  ފެށިއެވެ.

”ހެވޭ ދެން ތިހާ ބޮޑާ ނުހޭކިޔަކަސް.. މަ ދޭން ވެގެން ދޯ މިގެނައީ.. އަދި ލަދެއް ވެސް ނުގަނެއޭ މިތަނުގެ އޯނަރ މަ ކައިރިން ސަލާމް ޖަހާކަށް..“ ވެއިޓަރު ދިޔުމުން އިއާން ދިމާކޮށްލިއެވެ. އެއާއެކު ވިޝާމް ފެށީ ހޭށެވެ.

”ހަހަހަ އޯނާރ ވެސް ދޭނަމޭ.. ހިނގާބަލަ އޯނާރ އާއި އެއްކޮން ޑަބަލް ޑޭޓަކަށް ދާން.. އޭރަށް މުޅި އުމުރު ދުވަހު މިތަނުން ފްރީ މީލްސް ދޭނަން“

”ހޯ ހޯ ތިކަމެއް ނުވާނެ..“ ވިޝާމްގެ އަނގައިން ޖުމްލަ ނިމުނު ހިނދު އިޔާން  ވަގުތުން ނޫނެކޭ ބުނެލިއެވެ.

”އަހާން ކީއްތަވީ ހަތާވީސް އަހަރުވަނީއޭ ތިއޮތް.. އެއްފަހަރު އެހެންވިއަސް ދެވަނަ ފަހަރަށް އެހެން ހަމަ ނުވެދާނެ..ވަރަށް ރަނގަޅު ކުދިން ވެސް އުޅޭ ހަމަ..ނަރެއް ޖެހުނީ ނަރަކާ..އެހެންވެ ނަރަކަށް ވެފަ ތިއިނީ.. ބޯ ހަރު ކަމެއް އެބަހުއްޓޭ އިރާދުކުރެއްވީތީ ލިބިފަ“ ވިޝާމް ދެލޯ ހަނިކޮށްލިއެވެ.

”ތި ޥާހަކަ ފަށާއިރު ވެސް އެނގެއެންނު ހުރިހާ ކަމެއް.. “ އިއާންގެ މޫނުމަތީގައި އިރުކޮޅެއް ކުރިން ހުރި މަޖާކަން ކެނޑީ އަޑަށް ވެރިވެގަތީ ސީރިއަސްކަމެވެ.

”އެނގެއޭ.. ރޭގަ ވެސް މަޖުއްތަ ދެއްކީ ބްރޯ ގޭގަ އުޅޭ ގޮތުގެ ވާހަކަ.. ކިރިއާ  ވެސް ތި މޫނުން ހިނިތުން ވުމެއްގެ އަސަރް ތިފެންނަނީ މަށާއި އެއްކޮން ހުންނައިރު.. ވިސްނާލަ.. ކުޑަ ދަރިއަކު އެބަހުރި ބަލަން ވެފަ.. މިހާރު އެނގެއެންނު އެ އަންހެން ގޮލާ ނާންނާނެކަން.. އެހެންނޫނަސް އޭނާ ދެކެ ލޯތްބެއް ވެސް ނުވަމެންނު“ ވިޝާމްގެ އަޑުގައިވެސް ވަނީ ސީރިއަސްކަމެވެ. އޭނާ ބަލަމުން ދިޔައީ އިޔާންއަށް އެއްޗެއް ވިސްނައި ދެވޭތޯއެވެ. ނަމަވެސް އެއަށް ވުރެން އިޔާންގެ ބޯހަރެވެ.

”އާން.. މަންމަމެންނަށް މިޙާރު އެނގޭނެ މަޖުބޫރުން ކުރާ ކައިވެނިން ވާ ގޮތް..ޔަނާލް ދެކެ ލޯބިވާތީކީ ނޫނޭ އިތުރު ކަމަކާއި ނޫޅެ މިހުންނަނީ..މިހާރު މަ ބަލާނީ ރީއްކޮއަށް.. އަމިއްލަ ނަފްސަކަށް ނޫން ..އެހެން ނޫނަސް ޔަނާލް އަކަށް އިންތިޒާރެއް ނުކުރަމޭ މަށެއް… އޭނަ އަޔަސް ދެން ނުދޭނަން ފުރަސަތެއް ވެސް.. ލޯބި ނުވިއަސް ރީއްކޮއަށްޓަކައި އަލުން ގުޅެން ހުރީ…މިހާރު ވިސްނެނީ ރީއްކޮ މަންމަ ހޯދަން ކިޔާ ވަރުން އެކަމާ.. އަދި ކިރިޔަ ކިރިއާ ވާހަކަ ދެއްކޭކަން.. އަބަދު މަންމަ ކިޔާލަ ކިޔާލަ އެހުންނަނީ.. އެހާ ކުޑަ އިރު ކޯއްޗެއް ވިސްނޭނީ ވެސް އަދި ހަމަ އެންމެ ދެއަހަރު.. އެއަށް ވުރެން ތަންކޮޅެއް ބޮޑުވީމަ ވެސް، އަހަރެން ގަޔަކު ނެތް ރީއްކޮ ނުބަލަން ޔަނާލް ދިޔަ ވާހަކަ ބުނާނެ ހިތްވަރެއް“ މާޔޫސީ ރާގެއް ގައި އިޔާން ބުނެލިއެވެ. އޯޑަރު ކުރި ސާމާނު ވެއިޓަރު ގެނައުމުން ދެމީހުން ބެލީ ކެވޭތޯއެވެ.

”ރީއްކޮ އަށް ރަނގަޅު ކުއްޖަކު ހޯދާ ދޭންވީތަ އަހަރެން..“ ވިޝާމް އަހައިލުމުން އިޔާން ނޫނެކޭ ބުނެ ދެފާރާތައް ބޯ ހޫރުވާލިއެވެ. އޭނާގެ ހިތަށް ވެރިވެގަތީ އެންމެ އަންހެން ކުއްޖެކެވެ. ނަމަވެސް އެ އަންހެންކުއްޖާ އޭނާއަށް ދުވަހަކު ވެސް މާފްނުކުރާނެކަން މިއީ ދުވާލު ފަދައިން އިޔާންއަށް އެނގެއެވެ. އެއީ ދިރިއުޅުމުގައި އޭނާއަށް ހެނދުނު އެންމެ ބޮޑު ގޯހެވެ. އަދިވެސް އެ އަންހެން ކުއްޖާއަށް ޓަކައި ހިތުގައި އުފެދުނު ލޯތްބަށް ކުޑަވެސް ބަދަލެއް ނައިސް އެގޮތުގައި ވެއެވެ.

”މަޖުއްތައަށް ވެސް އެނގޭ ޔަނާލްއާއި އިޔާންގެ ކައިވެނި ކުރެވުން އެއީ ހެދުނު އެންމެ ބޮޑު ގޯސްކަން.. ބްރޯގެ ލައިފްގަ ކުއްޖެއް އޭރުނެތީމަ ދެން އެމީހުން ވެސް އެގޮތައް ކައިވެނި ކުރުވީ.. އަދިވެސް ލޯބިވޭ ދޯ ސްޕެއިން އިން ފެނުނު އަންހެން ކުއްޖާ ދެކެ..“ ސުވާލްގެ ޖަވާބު އެނގިހުރެ ވިޝާމް ކޮށްލިއެވެ. އިރުކޮޅެއްގައި ވިސްނަން އިނދެފައި އިޔާން ބޮލުން އާއެކޭ ބުނެލިއެވެ.

”އެކަމް ހީވޭތަ އެ މަންޖެ މާފް ކުރާނެހެން.. ލުކް މަށައް އެނގޭ މީހަކަށް އަނިޔާ ވެރިވުން އެއީ ބްރޯ ކުރާނެ ކަމެއް ނޫންކަން.. އަދި ބްރޯ އިނޮސެންޓް ކަން ވެސް އެނގޭ.. އެކަމަކު މަޖުބޫރު ވެގެންނު އެހެން ހަނދަން ޖެހުނީ.. އެހެން ވިޔަސް އެއްވެސް ކަމެއް ނޭނގޭއިރު  ސިޓީ ކިޔާފަ، އޭނާ ހުންނާނީ ވަރަށް ބްރޯކް ވެ ވަރަށް ހިތްހަމަ ނުޖެހިފަ.. އެންމެ ސޯޅަ އަހަރުގެ ކުއްޖެއް އޭރު އެއީ..  އޭގެ ފަހުން ލިބޭ ކޮންމެ ޗުއްޓީއެއްގަ އެބަ ދަމެންނު އޭނާ ހޯދަން .. އެކަމަކު އޭނާ ނުފެނިގެން ހޯދަ ހޯދާފަ ތި އަންނަނީ.. އޭނާއާއި މެދު ކަންތައް ވީ ގޮތުން އޭނާ ހިއެއް ނުވޭ އިޔާން ހޯދަނިކޮން ފެނުނަސް އެހާ ފަސޭހައަކުން މައާފް ކުރާނެ ހެންނެއް..“ ވީޝާމް ދެއްކި ވާހަކަ ތަކާއި މެދު އިޔާންއަށް ފުންކޮން ވިސްނާލެވުނެވެ. ކިތަންމެ ދެރަވެ ހިތާމަ ކުރިޔަސް ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ވިޝާމް އެދެއްކީ ތެދުވާހަކަ ތަކެއްކަން ވެސް އިޔާން ގަބޫލް ކުރެއެވެ.

****

ހެންވޭރު ”ވައިޓް ބްރީޒް“ ގޭގެ ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ މުއްސަނދިކަމާއި ޝާޙީކަމާއި ހައިބަތެވެ. ހަތަރު ފަންގިފިލާއަށް ވާ ބޮޑު ގެއެކެވެ.  ގޭގެ ގޭޓްއިން ފެށިގެން ގެއާއި ހަމައަށް ހުދުކުލައިގެ ސަންގުމަރުމަރު ހިލައިގެ ތަޅުމެއް ވާއިރު ފުޅާ ވޯކްވޭ އެއް ދެފަރާތުގައި ވެއެވެ. މާ ދުރު ނޫން ހިސާބެއްގައި ފެންނަހުރީ ބޮޑު ގަރާޖެކެވެ. އެންމެ ފަހުގެ އަގުބޮޑު މޮޑެލްތަކުގެ ބްރޭންޑެޑް ކާރާއި ސައިކަލް އެތަނުގައިވެއެވެ. ގޭގެ ފުރަގަހަށް ފިނިފެންމަލުގެ ބަގީޗާއެއް ވާއިރު ފަތާފެންގަނޑެއް އޮތެވެ.  ގޭގެ ނަމާއި ގުޅޭނެ ފަދައިން ޒީނެތްތެރި ކޮށްފައިވާ އިރު މުޅި ގޭގެ ހުރިހާ ތަނެއްހެން ވަނީ ހުދު ކުލައިންނެވެ. ހުދާއި ރަނުގެ ކުލަތަކުން ގިރިޓީ ކުރެވިފައިވާ ވެލްވެޓް ފަރުނީޗަރާއި މަޑު ރަންކުލައިގެ ޗާންދަލިޔާތަކުން ގޭތެރެ އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އެގޭގެ ވެރިއާ ”އަހުމަދު ހައިކަލް“ގެ ނަން ބުނުމުން ނޭނގޭނެ މީހަކު މަދުވާނެއެވެ. އެ ނަމަކީ ފަނޑު ނަމެއް ނޫނެވެ. ނަން ހިނގާ، މަޝްހޫރު ޝަހްސިއްޔަތެކެވެ.  ރާއްޖެ އާއި ބައިނަލް އަގްވާމީ ފެންވަރުގައިވެސް ވިދާލާ ފިޔަފާރިވެރިއެކެވެ. އޭނާއަކީ ރާއްޖެއަށް އުފަންވެފައިވާ އެންމެ ކާމިޔާބު، ގަދަރުވެރި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާގެ ވިޔަފާރީގެ ދާއިރާ ވަރަށް ފުޅަލެވެ. ރާއްޖޭގެ އެންމެ ރީތި ރިޒޯޓްތަކުގެ ތެރެއިން ފަސް ރިޒޯޓެއްގެ ވެރިއަކީ އޭނާއެވެ. އޭގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓް ސިލްސިލާތަކެއް ކަމަށްވާ ”ކްރަސްޓް އެން ކޯ“ އަދި ”ގޯލްޑެން ފޯކް“ ވެރި ފަރާތެވެ.

ހައިކަލް އާއި އަނބިމީހާ އާމިލާގެ ތިންދަރިންގެ ތެރެއިން އެންމެ ދޮށީ  ތިރީސް އަހަރުގެ ޔުމާންއެވެ. އެއީ ޖެހިގެން ހުރީ ހަތާވީސް އަހަރުގެ ވިޝާމް އެވެ. ޔުމާން އާއި ވިޝާމް އަކީ ހައިކަލް އާއި އާމިލާ ފަދައިން ހަރުދަނާ ޒިންމާދު ދެދަރިން ކަމުގައި ވީ ނަމަވެސް އެންމެ ހަގު ދަރިފުޅު މާއިންގެ ހުރީ އުމުރުން ފަންސަވީސް އަހަރުވީ އިރު ވެސް ޅައުޅުމެކެވެ. އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ.

”ހައިކަލް.. ހައިކަލް..ހައިކަލް“ ތަނަވަސް ލިވިންގރޫމުގައިވާ  ސޯފާގައި އިން ހައިކަލްގެ މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ހުދުވެފައިއެވެ. މޫނުމަތީގައި ވެސް ކުދި ރޫތައް ފެންނަން ހުއްޓެވެ. އަތުގައިވާ ފޮޓޯ ފްރޭމްއަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެ މޫނުމަތީގައިވީ ކޮޅުނެތްކޮޅަށް މޮޅިވެރިކަމެވެ. ދޭތެރެއަކުން ނޭފަތް ދަމާލައެވެ.

”އަޅެ ހައިކަލް މިތާގަ ތަ.. އަހަރެން އެވަރަށް ގޮވީމަވެސް ޖަވާބެއް ނުދިނީމަ ހީކުރީ ނެތީ ކަމަށް“ ހައިކަލްގެ އަނބިމީހާ އާމިލާ ވާހަކަ ދެއްކިއެވެ. ގަޔަށް ދޫ ޕާކިސްތާނު ހެދުމާއި ކަޅުކުލައިގެ ވަށް ބުރުގާގައި ވެސް އާމިލާ ނުހަނު ފުރިހަމައެވެ. ދޮންކަމުން ހަންގަނޑަށް އަރަނީ މަޑު ފިޔާތޮށިކުލައެވެ. އުމުރުން ފަންސާސް އަހަރު ވެފައިވީ ނަމަވެސް އާމިލާގެ މޫނުން އަދިވެސް ފެނިގެން ދަނީ ޒުވާންކަމެވެ.

އާމިލާއަށް ޖަވާބް ދިނުމެއް ނެތި ހައިކަލް ދިއްކޮށްލީ އަތުގައިވި ފޮޓޯ ފްރޭމެވެ.  އެ ފެނުމާއި އެކު އާމިލާގެ ދެލޯ ފެންކަޅިވިއެވެ.

“ އަހަރެމެންގެ އަންހެން ދަރިފުޅު މިއަދު ކައިރީގަ ހުރިނަމަ ދެ މަސް ފަހުން އަށާރަ އަހަރު ފުރޭނެ..“ ފޮޓޯ ފްރޭމްގައި ބޮސް ދިން އިރު ހައިކަލްގެ ދެލޮލުން ނިރާލި ކަރުނަތިކި ކޯތާފަތްމަތިން ފިރުކިގަތެވެ. ހައިކަލްގެ ކައިރީގައި އިށީންދެލަމުން އާމިލާ އެމޭގައި ބޮނޑިވެލިއެވެ.

”އެދުވަހު އަހަންނަށް އަމީ ބަހައްޓާފަ ނުދެވުނު ނަމަ.. މިއަދު ފެންނަން ހުރީސް..އަހަންނަށް މާފްކުރޭ ހައިކަލް.. އެ ހާދިސާއަށް ތޭރަ އަހަރު ފުރޭއިރުވެސް  އަމީގެ އެއްވެސް ހަބަރެއް ނުލިބުން.. އިދާރާ ތަކުން ނިންމިގޮތައް އަހަރެމެން ވެސް ގަބޫލް ކުރަން ވީތަ ހަމަ އަމީ މަރުވީ ކަމަށް“ ހައިކަލްގެ ގަމީސް ތެމެމުން ދިޔައީ އާމިލާގެ ކަރުނައިންނެވެ.

”ނޫން އާމިލާ… ތިހެން ނުބުނޭ..އަހަރެންގެ ހަށިން ފުރާނަ ނުދާ ހިނދު އަހަރެން އުއްމީދު ކަނޑައެއް ނުލާނަން.. އަހަރެމެންގެ ފިރިހެން ދަރިން ވެސް އެއަޒުމުގަ އެތިބީ ހަމަ… ކޮންމެވެސް ދުވަހަކު އެ ދަރިފުޅު ފެންނާނެ.. ހުއްޓާލަ.. އިރާދުކުރެއްވިޔާ ވަރަށް އަވަހަށް ފެންނާނެ“ ކިތަންމެ މާޔޫސް ވެފައި ވީ ނަމަވެސް ހައިކަލް ބެލީ ލޯބިވާ އަނބިމީހާ ހިތްހަމަޖެއްސޭތޯއެވެ.

“ ކޮބާތަ  ޔޫވިން“ ދެމީހުން ދުރުވެލީ ދެމަފިރިންގެ ދޮށީ ދަރިފުޅު ޔުމާން އާއި އަނބިމީހާ ނާޔާ އެކު އެކީގައި ގެއަށް ވަދެގެން އައިތަން ފެނިއެވެ. އެމީހުންނާއި އެކު މާމަ ދަރިފުޅު ޔޫވިން ފެންނަން ނެތުމުން އާމިލާ އަހާލިއެވެ.

”މަންމައާއި އެއްކޮން ގެޔަށް ދިޔަގޮތައް ނައި ބަލާ ދިޔައީމަވެސް.. ދެމީހުން އޮފީސް ނިމުނު ގޮތައް ފުރަތަމަ ވެސް ބަލާ ދިޔައީ“ ކަރުގައި އަޅުވާފައިވާ ޓައީ ދޫ ކުރަމުން ޔުމާން އައިސް އިށީނީ ނާޔާގެ މަގަތުގައެވެ.

”ހެނދުނުން ސުރެން ކިޔަނީ ރީއާ އާއި އެއްކޮން ކުޅެންދާން.. އިޔާން ޑިއުޓީއަށް ދިޔައީމާ ރީއްކޮ ވެސް ނުގެނެވިފަ އެހުރީ.. ބައްޕަ ވެސް ވީ ފައިނޭންސް ސެކްޝަންގެ މީޓިންގް އެއްގަ އަހަރެމެން ނިމިގެން ދިޔައިރުވެސް ގެޔަށް ނުދޭ.. އެހެންވެ އެންމެ ފަހުން މަންމަ އައީ “ ހިތްހެޔޮ ހިނިތުންވުމެއް ރައްދުކޮށްލަމުން ނާޔާ ބުނެލިއެވެ. އެހެންހޭ ބުނެ އާމިލާ ވެސް ހިނިތުންވެލިއެވެ.

”ކޮބާތަ އަނެއް ތިންމީހުން“ ހައިކަލް، ޔުމާން ކުރެން އަހާލިއެވެ. ޔުމާންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

”ވިޝާމް އެބައުޅޭ އޮފީހުގަ.. ސަދަފް ވެސް މީޓިންގަ ވީ“ ޔުމާން ރައްދު ދިނެވެ.

ސަދަފް އަކީ ހައިކަލްގެ ފިރިހެން ކޮއްކޮ އާނިމްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ތުއްތު އިރު މަންމައާއި ބައްޕަ ނިޔާވެފައި ވުމުން ބަލާ ބޮޑުކުރީ އާމިލާއާއި ހައިކަލްއަށް ވުމުން ޝަދަފް، އެދެމީހުން ދެކެ އިންތިހާއަށް ލޯބިވެއެވެ.  މުހާތަބު ކުރަނީ ވެސް މަންމަ ބައްޕަގެ ނަމުންނެވެ.

”ކޮބާ މާއިން“ އަނެއްކާ ވެސް ހައިކަލް އަހައިލިއެވެ.

”ކޮންމެ ވެސް އަންހެން ކުއްޖަކު އަރުވައިގެން ސައިކަލް ދުއްވަން ނުކުމެ އުޅޭނެ މިހާރު..“ ދެފަރާތައް ބޯ ހޫރުވާލަމުން އާމިލާއަށް ބުނެވުނެވެ. އެ ޖުމްލައިން ހައިކަލްގެ މޫނު ބަނަވިއެވެ.

”ހިތުން އަމިއްލަ އައިޑެންޓިޓީ ފޮރުވައިގެން އުޅެނީ.. އެކަމަކު ވާހަކަ ދައްކާ ކޮންމެ އަންހެން ކުއްޖެއް ކައިރީގަ މީނަ ބުނޭ ތިމަންނަ މީ އަހުމަދު ހައިކަލްގެ ދަރިއެކޭ.. އެހެންވެ އަންހެން ކުދިން ގަނޑު ވެސް މޮޔަވެފަ ތިބެނީ“ ޔުމާންގެ މޫނުމަތީގައިވީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.

”އަޅެ ކިހިނެތް އުޅޭނަމޭ ހިތާތަ އޭނަ އެއުޅެނީ.. އަވަހަށް އޭނާގެ ކައިވެނި ކުރުވަންވީ އެ އުޅުން ބަދަލު ވޭތޯ.. ނޫންތަ“ ހައިކަލް އަށް ދޯ ދެމުން އާމިލާ ބުނެލިއެވެ.

”އާމިލާއަށް ހީވޭތަ އޭނާއާއި ކައިވެނި ކުރަން ރަނގަޅު ބަޔަކު ބޭނުން ވެދާނެ ހެން..އެހެރީ ވިއްޔަ އުޅެން ދިމާކޮށްފަ ހުރި ގޮތް“ ހައިކަލް ދެފަރާތައް ބޯހޫރުވާލީ އެ ހިޔާލާއި މުޅިން ދެކޮޅު ހަދަމުންނެވެ.

***

ހެނދުނު އަރައިގެން އައި އިރާއިއެކު އަމީރާއަށް ހޭލެވުނީ ފަޔަށް އަރައިގެން ދިޔަ ތޫނު ތަދާއިއެކު އެވެ. ނިދީގެ ތެރެއިން މަންޒަރު ކުލަވަމުން ގޮސް ކުރިމަތީގައި ހުރި ސޫރަ ފާހަގަ ވި ހިނދު އައިސް ހުރި ނިދިކޮޅު ފިލާ މުޅި ކުއްޖާ ކޮޅަށް ޖެހުނެވެ. ކުރިމަތީގައި ހުރި ފިރިހެން މީހާއާއި ހަތަރުކަޅި ހަމަވި ހިނދު އަމީރާ ދިޔައީ ރޫރޫ އަޅާއިގެންނެވެ. އެ މީހާ ބަލަހައްޓައިގެން ހުރި ގޮތުން އަމީރާގެ ޅަ ހިތުގެ ކަނެއްގައި ބިރުވެރިކަން އުފެދުނެވެ. ދެލޯ ކުޑަވެފައި ހުރި ގޮތުން ހީވަނީ މިހާރުވެސް މަސްތުގެ ހާލަތުގައި ހުރިހެންނެވެ. އޭނާ ވަނުމުން ކޮޓަރި ތެރޭގައިވެސް ހިފާލާފައިވަނީ ޒާތެއްގެ ނުބައި ހުތްވަހެކެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (18)

  • Yumasays:

    ޖުލައި 23, 2025 at 12:23

    Ahchaaaa varah salhiiii😭😭😭 hama iyaan ah hiykiyaafi mihaaru🥵
    V reethi ameera sifa kohdheefa in goii
    Hama heevany ge kairyga hurevun hen
    Vvvvv reeethi
    Hiyhma jehey mi cover 🥰🥰❤️
    When next part😭

    2
  • Aalasays:

    ޖުލައި 23, 2025 at 12:25

    Reyga up vefa dhw iny
    Site ah vain gadeega i saw
    But varah lahn upload vefa ineema nueh kiyun
    But mihaaru kiaafeen varah salhi mi epp ves
    Hama heevee vaahakage thereyga ulhevey hen💕
    Veehaa ves avahakaah aa epp eh genesdhehcheyy🙏💞💞

    3
  • Leachysays:

    ޖުލައި 23, 2025 at 12:27

    Aiiiiii sooooo hottt
    Mihaaru ves heevey mashah iyan libihje hennn😭😭🤍🤍
    Ekakah ves nudheynan iyan eh
    Wowowhh🔥
    Cant waittttt next part ahhhhh 😭🤍🤍

    2
  • Enashsays:

    ޖުލައި 23, 2025 at 12:53

    Hama heevany ameera hurigothaa than sifa vegen dhiyahen
    Ma sha allh ehaa ves molhu sifa kuran hama firee 🔥
    Cant wait for the next episode
    Im in love with maain
    Playboy gadu😂😂
    Thankolheh ginain eyn ge part genesdhehchey igey gurll
    My fav author so far😘🥰🥰🌸🌸

    3
  • Ishusays:

    ޖުލައި 23, 2025 at 12:56

    Adhi kirya ennu mi comment kureveny 😭😭
    Wowwoww bestest to bestest
    Vvvvv sallhiiii
    Hama bunaaane ehchesss neiii kujjaa

    Iyan and visham iss funny 🤣🤣
    Avas nextttt😭🩶🩶🩶

    3
  • Malhersays:

    ޖުލައި 23, 2025 at 14:33

    Vishaam haadha majaley
    Ehera dhey varugadha rahdheh ves iyaan😂😂
    So iyaan r ameera dhimaa vefa dhw vany kurin ves
    So curious 🥹❤️‍🩹

    3
  • Oooppssays:

    ޖުލައި 23, 2025 at 17:10

    Vvvv reethi
    Better truth hama
    “Kale hunnany nukai tha” this line tho🤣🤣🤣🤣
    How did you manage gina vaahakathakeh ehfaharaa liyan
    Im so curious timw manage kuraa gotheh
    I tried liyan but couldnt do that🥹 i stopped writing ✍️
    You are awesome my dear 😘💗

    4
  • Lizzsays:

    ޖުލައި 23, 2025 at 21:12

    Whooahh🤩 varah salhi
    Varah detail kon sifa kollafa huryma varah reethi…hyvany hama lolah fennahen hurihaa manzareheves

    8
  • Faathusays:

    ޖުލައި 24, 2025 at 16:29

    Mi part kiyaafa ves egey reeethi vaaane kan
    You are the best
    Vvvvv reeethi as expected
    Cant wait for the next part🥰

    4
  • Biggest fansays:

    ޖުލައި 24, 2025 at 20:24

    Iyan ge baby dhw eii reekko akee
    Reeaa
    So iyan and naya eii sibilings right

    Vv loabi mi story feshigen dhiya goi vees
    You describe things like no one else—it’s a whole new level.
    🤩

    9

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.