މި ޖިސްމުގާ ވަނީ 27

mijism

”ހަހަހަހަ.. ލަދެއް ވެސް ނުގަނޭތަ.. އެއް މިނެޓް ޒޯޔާއާއި ވާހަކަ ދައްކަން ހުރެފަ އަނެއް މިނެޓް ގަ މަށައް އުނދަގޫ ކުރުން.. ހަހް  ޖޯކެއްނު“ އަމީރާ ވާހަކަ ދެއްކީ މަލާމާތުގެ ރާގެއްގައެވެ. އިޔާން އެއްޗެއް ނުބުނެ އަމީރާގެ މޫނަށް ބަލަހައްޓައިގެން ހުރުމުން، އަމީރާގެ ގާތައް ވަކިން ރުޅި އައެވެ.

”މާ އިނޮސެންޓް މީހަކަށް ވެގެން އެބަ ހުއްޓެއްނު.. ތަން ދައްކާ!“ އޭނާ އަމުރުކޮށްލުމުން ވެސް އިޔާން ފަހަތަކަށް ނުޖެހުނެވެ.

”ޒޯ އަކީ މަ ފަހަރިއެއް.. ވުޑް ޔޫ ބިލީވް އިޓް؟“  އިޔާން ބުނެލި ހިނދު އަމީރާގެ ދެލޯ ބޮޑުވިއެވެ. ގަބޫލް ކުރަން ދަތިވިއެވެ. އައިސް ހުރި ރުޅިގަނޑު ފިލައިގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ.

***

”ވަޓް؟“ އަމީރާގެ އަތުން ދޫކޮށްލަމުން އިޔާން ޖީބުން ފޯނު ނަގާ އިރުކޮޅަކު ހާވާލުމަށްފަހު ދެއްކީ ފޮޓޯއެކެވެ. ކައިވެނީގެ ހެދުމުގައި އެހުރީ ޒޯޔާއެވެ. އޭނާއާއި ޖެހިގެން ނުހަނު ގައިގޯޅިކޮން ޒުވާން ފިރިހެނަކު ހުއްޓެވެ. ޒުވާނާ ކޯޓުފަޓުލޫނުގައި ހުރި އިރު އެއީ އޭނާއާއި ޒޯޔާގެ ކައިވެނީގެ ހަފްލާގެ މަންޒަރެއް ކަން ދޭހަ ވާ ވަރުވެއެވެ. ދެމީހުންގެ އެއްފަރާތުގައި ނުހަނު ހިނިއައިސް އިޔާން ހުއްޓިލައިގެން ހުއްޓެވެ.

”ތިއީ ޒޯ މެންގެ ވެޑިން.. ޒޯޔާ އާއި ޔާފިއު.. ޔާފިއު އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް.. ދެމީހުން އެހާ ބޮޑަށް ހަގް ކޮށްގެން މަށާއި އެއް ފޮޓޯއެއްގަ ނުތިބޭނެ އެންނު މަށާއި ޒޯއާއި ދެމެދު ހާއްސަ ގުޅުމެއް އޮތްނަމަ.. ގަބޫލް ކުރެވިއްޖެ ތަ މިހާރު؟“ އިޔާން ބުނެލިއެވެ. އަމީރާގެ މޫނުމަތިން ފެނިގެންދަނީ ހުސްކަމެވެ. ހުއްޓުން އަޜާފައިހުރިއިރު ބަހެއް ދުލައް ނައިސް ހުރިފަދައެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު އަމީރާ ދެލޮލުން އައިސް އައިސް ހުރި ކަރުނުތަކާއި އެކު ދެފަރާތައް ބޯހޫރުވާލެވުނެވެ. އިޔާންއަށް ދޫކޮށްލެވުނީ ފުންނޭވާއެވެ. އަމީރާ ގަބޫލް ނުކުރިޔަސް ޒޯޔާއާއި ދެމެދުގައި އޮތް ގުޅުން އެހިސާބުން ކިޔައިދޭން ނިންމިއެވެ.

“ މަ ތެދަށް ޖަވާބު ދިނަސް އަމީރާ މަ ދައްކާ ވާހަކަ ގަބޫލް ކުރާނަން ތަ؟ އަދިވެސް އަމީރާ ކިޔަން ބޭނުން ވީމަ ކޮންމެ އެއްޗެއް ވެސް މަށާއި ދިމާލަށް ކިޔާނަން ދޯ؟ އަހަރެން ހަމަ މިހެން ކެތްކޮށްގެން ހުންނަން ވީތަ؟ އަމީރާ އެކަނިތަ ސަފާރ ކުރީ؟ ދެން މަށޯ؟ މަ އުޅުނީ އުފަލުގަ ތަ؟ ދެން ވެސް ބުނެފާނަން ދޯ އިޔާން ތި ހަދަނީ އަނެއް ދޮގޭ؟ ނޫނީ މީ އޭ އައި ފޮޓޯ އެކޭ ވެސް ބުނެފާނަން ދޯ؟ މަ ނުބުނަމޭ އަމީރާގެ ކުރި މައްޗަށް ޒޯޔާ ގޮވައިގެން ނާންނަމެކޭ.. އަމީރާއަށް ދައްކަން ވެސް ގެނައިން .. އެކަމަކު މަ ނުބުނަން އެކަކު ކައިރީގަ ވެސް އެއީ ރައްޓެހި ވެގެން އުޅޭ މަންޖެ އެކޭ! … އަމީރާއަށް ދައްކަން ވެގެން، ވާހަކަދައްކާ އެންމެންނަކީ މަ އަދި ގުޅޭނެ މީހެއް ނޫނޭ!.. އެވަރު ނުވިސްނޭ ތަ؟ ނޭނގޭތަ އެހެން ވާން ޖެހުނީ އަމީރާގެ ސަބަބުން ކަމެއް؟ ހަނދާން ވޭތަ އެންމެ ފަހު ވަގުތު ކާރުގެ ތެރެއަށް ދޫކޮށްލާފަ އައުމާއި ހަމައަށް، ކައިރީގަ ހުރެ މަ އާދޭސް ކުރި ވަރު؟ އެކަމަކު އަމީރާ ކިހިނެތް ހެދީ؟“ އިޔާންގެ އަޑު ފަހަރަކަށް ވުރެން ފަހަރެއް ބާރުވަމުން އައި އިރު އެއަޑުގައިވީ ހިތްދަތިކަމެވެ. ވޭނެވެ.  އަމީރާގެ ދެކޮނޑުގައި އިޔާން ހިފާލީއެވެ. ނުހަނު ބާރަށެވެ. އަމީރާގެ ދެލޮލަށް ބަލަހައްޓާއިގެން ހުރިއިރު އެދެލޮލުގައިވީ އެކުކުޅުންތަކާއި ހިތައް ކޮށްފައިވާ އަސަރު ހީވީ އަންގާލަ ދިންހެންނެވެ.

”ވީ އާރ ޖަސްޓް އޮފީސް މޭޓްސް.. އަމީރާ އެދުވަހު ބުނީމެންނު އެންމެ ބޮލަށް ފަސޭހަވާނީ އިތުރު މީހަކާއި އެކު ލައިފްއެއް ފެށިއްޔާއޭ..ބަ-“

“ ދެން އެދުވަހު ކީއްވެތަ ޒޯޔާ އެވަރަށް ގުޅީ؟.. ލިފްޓްގަ ގުޅި! ކާރުގަ ގުޅި!.. އަހަރެން ދާށޭ ބުނީމަ ހަމަ ދާންޖެހޭތަ!… ހައު ކުޑް ޔޫ!“ އިޔާންގެ ވާހަކަ ނުނިމެނީސް އަމީރާ ރޯންފެށިއެވެ. އިޔާންގެ މޭގައި ދެ އަތުން ތަޅައިގަތެވެ.

”ލެޓް މީ ކޮމްޕްލީޓް.. އެހެންބުނީމަ ވަރަށް ބޮޑަށް ޑައުން ވެފަ ހުރީ.. ފިރިހެނަކަށް ވީނަމަވެސް އަހަރެންގެ ވެސް އިޙްސާސްތަކެއް ވެއޭ.. ހަމަ މީން ކޮށްފަ ބުނި ކަމަށް އިޙްސާސް ކުރެވުނީ.. ކިތަންމެ ގަބޫލް ކުރަން އުނދަގޫ ނަމަވެސް ،ތި ދެލޮލުން ހީވީ ބުނެދިން ހެން އިތުރު ފުރުސަތެއް ނެތޭ.. ވާހަކަ ދައްކާލާނެ ޗާންސްއެއް ނުދިން..ދެން އެދުވަހު އެ ގޮތައް ވާހަކަ ދެއްކީމަ އެންމެ ފަހުން އުއްމީދު ކެނޑޭގޮތް ވި.“ އިޔާން ވާހަކަ ދައްކަމުން ދިޔައިރު އަމީރާގެ ރުއިމަކަށް ބަދަލެއް ނައެވެ. ހިތައް އެންމެ ތަދުވީ އަމީރާގެ ފުރިހަމަ ނަމުން އިޔާން މުހާތަބު ކުރުމުންނެވެ.

”އެކަމާއި ވެފާ ހުރި ދެރައިން ކާރުން ނުކުމެވުނުތަނާ ޒޯޔާ ގުޅީ.. އޭގެ އިރުކޮޅެއް ކުރިން ވެސް ޒޯޔާ ގުޅި، އެއީ މިހާރު ކުރިއަށްދާ ކޭސް އަކާއި ގުޅިގެން  އަހަރެމެން ވަރަށް ބޮޑު މަސައްކަތެއް ކުރަމުން ދާތީވެ ކޮންމެހެން ވެސް ބައްދަލް ކޮށްލަން ޖެހޭތީ މަ ފްރީކޮން ތޯ ހުރީ ބަލަން ވެގެން.. މަ އޯކޭ ދިނީމަ ޒޯޔާ އައީ.. ދެމީހުން ދިޔައީ މަހުދީ އާއި ޝައިމަން ތިބި ރެސްޓޯރެންޓްއަށް.. އެދުވަހު ލިފްޓްގަ ހުއްޓަ ގުޅިތަން ފެނިގެން ދޯ ލިފްޓް ތެރޭގަ މަ ވާހަކަ ދެއްކި ގަޑީގަ އެހާ ޕްރެޝާރ އަށް ދިޔައީ“

“ ޒޯޔާ ވާރޭގެ ތެރެއިން ވެއްޓެން ހެދީމަ ގަޔާއި ކައިރިކޮށްލީ ކީއްވެ؟ ނަގާދީފަ ވެސް އިޔާންއަށް ދެވޭނެ.. އެކަމަކު އޭނާގެ ގައިގަ ފާޑަކަށް ބައްދާލައިގެން ގެންގޮސް ސައިކަލަށް އެރުވީ..ދެން ބާރތްޑޭ ސެލެބްރޭޓް ކުރި ދުވަހުގެ ހަވީރު، ނަދީމްބެ އާއި އެއްކޮން އޮފީސް ނިންމާފަ ގެއަށް އަންނަން ކާރަށް އަރަނިކޮން އަހަރެން ފެނުނީމަ ޒޯޔާގެ އަތުގަ ހިފީ ކީއްވެ؟އެވެސް އަހަރެން ބަލަން ހުރިކަން އެނގިހުރެ.. އޭނާ ވެސް ހާދަ ލަދު ކުޑައޭ.. މެރީކޮށްގެން ހުރެ އިތުރު މީހަކާއި ގާތްވީ ކީއްވެ؟.. ނުވިތާކަށް އެރޭ ސެލެބްރޭޝަންއަށް އޭނަ ގެނައީ ކީއްވެ؟ ނޭނގޭތަ ޒޯޔާއަކީ އިޔާގެ ޖީއެފް އޭ ބުނެ މަޖުއްތަ އެންމެންނަށް އިންޓްރޮޑިއުސް ކޮށްދިން ވަގުތު މަށައް ކުރާނެ އަސަރެއް؟ ނޭނގޭތަ އެއީ އަހަންނަށް ކިހާ މުހިއްމުވި ވަގުތުކޮޅެއް ކަމެއް؟.. އެންމެ މީހަކު ފިޔަވައި، ދުވަހަކުވެސް ނެތޭ އަހަރެންގެ ބާރތްޑޭ އެފަދަ ގޮތަކަށް ބަޔަކު ސެލެބްރޭޓް ކޮށްދީފައެއް.. އެއީ ލައިފް ޓައިމްގަ ވެސް ކުރެވުނު މުޅިން ތަފާތު، އާ އިޙްސާސްއެއް.. އެކަމަކު ޔޫ ރުއިންޑް އިޓް“ ރޮމުން ރޮމުން ހިތުގައި ބަނދެލާފައި ހުރި ޝަކުވާތައް އެކުއެކީ ބޭރުކޮށްލިއެވެ.

“ އަމީރާ.. ޝީ އިޒް ޕްރެގްނަންޓް!.. ފުރަތަމަ ދުވަހު ފެނުނީ މަގުގެ އެއްފަރާތައް ހުރި ފެންކޮޅަކަށް އެރިފަ ފައި ކަހާލީމަ އަހަރެން، އޭނާގެ ފައި ބިމުގަ ހަރުލައްވާލި މަންޒަރު.. ޗަކަ ހުރިވަރުން ދޫކޮށްލަން ނުކެރިގެން އެހެން ގެންދިޔައީ… މާ ބަނޑު އަންހެނަކު އެހާ ވިއްސާރައިރު މަގުމެދަށް ދޫކޮށްލާފަ ދާހާ ހިތްހަރު މީހެއް ނޫން އަހަންނަކީ.. ޒޯ އަކީ ކިރިޔާ ވެސް ހިތްވަރެއް ހުރިއްޔާ މަސައްކަތައް ނުކުންނަ ކުއްޖެއް.. ވިއްސާރަވިޔަސް އޮފީހަށް ނުގޮސް އެންމެ ދުވަހެއް ވެސް އޭނާ ދުލެއް ނުކުރާނެ.. ކަނޑުގަދަ ވިޔަސް އޮޕަރޭޝަނެއްގަ ކަނޑުމައްޗަށް އަރަން ޖެހުނަސް އެއީ ކުޅަދާނަ ކުއްޖެއް.. އަދި އެންމެ ދެ މަސް ޒޯގެ ބަނޑަށް..އެހެންވީމަ އޭނާ ފެނުނަސް ޕްރެގް ކަމެއް ނޭނގިދާނެ.. ކުރިން ބުނިހެން އަހަރުމެން މި ދުވަސްކޮޅު މިއުޅެނީ ވަރަށް ބޮޑު ކޭސްއެއްގަ.. ވަރަށް ގިނަ ވަގުތު އެންމެން އެއްކޮން އުޅެން..  އަމީރާގެ އުފަންދުވަހުގެ ޕާޓީ  ބޭއްވި ދުވަހަކީ ވެސް ވަރަށް ބުރަ ދުވަހެއް.. އެދުވަހު ނިމިގެން މިގެޔަށް އައީ ފައިލް އެއް ބަލާ.. އެއީ އޭނާއަށް މަ ދިން ހޯމްވޯކެއް.. އޭރު ޒޯޔާގެ ފިރިމީހާ ޔާފިއު މިގޭ ތިރީގަ ހުންނާނެ.. ކާރު ޕާކް ކުރާނެ ތަންކޮޅެއް ނެތިފަ އަނެއްކޮޅުން އަވަހަށް ދާން ޖެހޭތީ ޔާފިއު މައްޗަށް ނާރަ މަޑުކުރީ..  ސޯ އެހިފައިގެން އޭނާ ގެއަށް ދާން ނުކުތުމުގެ ކުރިން މަ ބުނެގެން ޒޯ ޓެރެހަށް އެރީ.. ހަމައެކަނި ބޭނުންވީ ދެމީހުން އެއްކޮން ފެނުނީމަ އަމީރާ މޫނަށް އަރާ ކުލަވަރު ދެކިލަން .. އެނގެން ބޭނުންވީ އަމީރާ ހަމަ އަސްލުވެސް އަހަންނާއި ދުރަށް ދާން ބޭނުން ވޭތޯ.. ވާހަކަ ދެއްކުމަށްޓަކައި ކައިރިއަށް އަންނަ ކޮންމެ ފަހަރަކު އެހާ ހިތްވަރާއި އެކު ގަދަބަސް ބުނަމުންނު ދިޔައީ..އެކަމަކު ވެސް އައި ނޯ އެކަން ކުރެވުނީ ރަނގަޅު ދުވަހަކު ނޫން ކަން.. އެކަމަށްޓަކައި ވަރަށް ބޮޑަށް ސޮރީ… މި އިން އެއްވެސް ކަމެއް ނުހިނގީސް އަމީރާ މަށައް ޗާންސް އެއް ދިންނަމަ..“ އިޔާން ބަލައިލި އިރު އިސްޖެހިގޮތައް އަމީރާ ހުރީއެވެ.

”އެދުވަހު ކާރުތެރެއަށް ދޫކޮށްލާފަ ދިޔައި އިރު ނޭނގޭތަ އަހަންނަށް ރިގްރެޓް ކުރެވޭނެ ކަން“

”މަށައް ކިހިނެތް އެނގެނީ އަމީރާ ގަބޫލް ކުރާނެ ކަމަށް.. ދެފައިގަ ހިފާފަ އާދޭސްކުރުމުން ނައި މީހަކު އަންނާނެ ކަމަށް ގަބޫލް ކުރަން އުނދަގޫވި.. އެހެން އަންހެންނަކާއި އަނގައިން ވެސް ބުނަން ބޭނުން ނުވާތީ ޒޯ ކައިރީގަ ބުނީ… އަމީރާއަށް ފުރަތަމަ ޒޯ ފެނުނު ދުވަހު ރެސްޓޯރެންޓަށް ދިއުމުގެ މަގުމަތީގަ އޭނާގެ ގާތު ބުނިން އަމީރާ ފެންނަ ހިސާބުގައި އުޅެލަ ދޭށޭ މަށާއި އެއްކޮން ..  ބޭނުމަކީ އެދުވަހު އަމީރާ ކީ އެއްޗިސް ރިގްރެޓް ކުރުވުން .. އެންޑް ޝީ ނޯޒް އެބައުޓް ދީސް..

”އެންޑް އެނގޭތަ އަމީރާގެ މައްސަލައަކީ ކޮބާކަން؟ ފެންނަ ކޮންމެ މަންޒަރެއް ކަމުގެ ދެކޮޅު ނުބަލާ ގަބޫލް ކުރުމާއި އިވޭހާ އަޑެއް ގަބޫލްކުރުން.. ދެން ތި ބޯހަރުކަން.. ކަމެއް ވަކި ގޮތަކަށް ފައިނަލް ކޮށްގެން އެކަން އެގޮތައް ހަމަ ހިނގިކަމަށް ނިންމަން ވާނީ ދެ ސައިޑް ބަލާފަ.. އެހެންނަމަ އެ ސިޓީ އިން ފެށިގެން މިހިސާބަށް މިހިނގި އެއްވެސް ކަމެއް ނުހިނގީސް“

އިޔާން ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނެލިއެވެ. ޒޯޔާއާއި ދެމެދު އޮތް ގުޅުން ސާފްކޮށްދިނެވެ. އެހުރިޙާ ވާހަކައަށް ފަހުގައިވެސް އަމީރާގެ މޫނުމަތިން ބަދަލެއް ނައުމުން އިޔާން މާޔޫސްވާ ގޮތްވިއެވެ. އަމީރާގެ ކޮނޑުން އިޔާންގެ އަތް ލަސްލަހުން ދޫކޮށްލިއެވެ. އެ މޫނަށް ފުން ނަޒަރެއް ދިނެވެ. ރޮމުން ދިޔަ ނަމަވެސް އެންމެ ފަހަރަކުވެސް އިޔާންގެ މޫނަކަށް ނުބެލިއެވެ.  ނާއުއްމީދާއި އެކު އިޔާން އެނބުރިލީ އެތަނުން ދިޔުމަށެވެ. އަމިއްލަ ބަދުނަސީބުކަމަށް ހިތާއި ސިކުނޑިވެސް ހީވީ މަލާމާތް ކުރަމުން ދިޔަހެންނެވެ. އެހާވަރަށް ކިޔައިދިނުމުން ކޮންމެވެސް ވަރަކަށް އަމީރާ ގޮތްދޫކުރާނެކަމަށް ހީވި ހީވުން އެއީ ބޭކާރު ހީއެއްކަމުގައި ޒަމީރް ބުނަމުން ދިޔައެވެ. މޭގައި ވީ ތޫނު ރިހުމެއް އުފެދިފައެވެ. އެންމެ ފަހުން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

ނަމަވެސް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ހުއްޓިލަން މަޖުބޫރުވީ އޭނާގެ މެދު ހަށީގައި އަމީރާ ނުހަނު ބާރަށް ބައްދާލުމުންނެވެ. އެއާއި އެކު އިޔާންގެ އުނަގަނޑާއި ހިސާބުން ގަމީސް ތެންމަން ފެށީ ހޫނު ކަރުނައިންނެވެ.

”މިއަދު ކީއްވެތަ ދެން ތިއައީ؟ އަހަރެންގެ ކުށް އިޙްސާސް ކޮށްދީގެން ދެރަކޮށްލުވަންތަ! އެ ލެޓާރ ގެ ހަގީގަތް އެނގުމަށްފަހު ވެސް އަހަރެން އެކަމާއި ރިގްރެޓް ނުކުރާކަމަށް ތަ އިޔާ ހީކުރީ!.. އައި ވޯޒް ބްރޯކެން އިޔާ.. އަމް ސޯ..ސޯ..ސޮ..ރީ…އެދުވަހު ވާރޭގެ ތެރެއަށް ދިޔައީ މާފަށް އެދެން ވެގެން.. ދެމީހުން އެއްކޮން ފެނުނީމަ އައި ތޯޓް އައި ވޯޒް..ޓޫ..ލޭ..ޓް “ ރުއިމުގެ ތެރެއިން އަމީރާ ބޭރުކުރަމުން ދިޔަ ލަފްޒުތަކާއި އެކު އިޔާންއަށް ދެލޯ މަރާލެވުނެވެ. އަމީރާގެ ފަހު ޖުމްލައާއި އެކު އިޔާންއަށް ފަސް އެނބުރި އެމޭގެ ތެރޭގައި ފޮރުވާލެވުނެވެ. އިޔާންގެ އެ އަދާއިން އަމީރާގެ ރުއިން ވީ އިތުރެވެ. އެންމެ ބޮޑަށް ދެރަވީ އޭނާގެ ސަބަބުން އިޔާން އެހާ ބޮޑަށް މާޔޫސްވެފައިވާ ތަން ފެނިފައެވެ. އިޔާންގެ ދެލޮލުން އެފަދަ ގޮތަކަށް ކަރުނު އޮހޮރިގެންދާ ތަން ދުށުމަކީ އަމީރާއަށް ދެކެން ކުޅަދާނަ މަންޒަރެއް ނޫނެވެ. ދެރަވީ ނަމަވެސް، އިޔާން ދެއްކި ހުރިޙާ ވާޙަކައެއް ވެސް އަމީރާއަށް ގަބޫލް ކުރެވުނެވެ. އިޔާން ބުނިފަދައިން ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ އޭނާގެ ގޮތްދޫ ނުކުރުމުގެ ސަބަބުންނެވެ. އެވަގުތުވެސް އެފައި ދޮށަށް އިޔާން ތިރިވި މަންޒަރު ސިފަވެގެން ދިޔުމުން އަމީރާއަށް މާ ބޮޑަށް ރޮވުނެވެ.

”އިޔާ އަމް ސޮ..ރީ.. އިތުރު ޗާންސެއް ނުދިން ނަމަވެސް މާފްކޮށްދޭނަންތަ؟“ އިޔާންއާއި ދުރުވެލަމުން އެ މޫނުގައި ދެފަރާތުގައި އަމީރަގެ މަޑު ދެއަތްތިލަ އަޅުވާލިއެވެ.

“ ކެން ޔޫ ޕްލީޒް ފޮގިވް މީ؟“ އަމީރާގެ ދިގު އެސްފިޔަތަކުގައި ކަރުނައިގެ ތިކިތައް ބަބުޅަމުން ދިޔައެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ހުރިއިރު އެބޮޑު ދެލޮލުގައިވީ އަސަރަކުން އިޔާންގެ މެއިން ދިލަނަގައިގަތެވެ.

”ކިހިނެތްތަ އެމީ އާއި ނުލާ އަހަންނަށް ކެތްކޮށްލެވޭނީ؟ ނިކަން ބުނެބަލަ،  ކިހިނެތް؟ ބޭބީ، ޔޫ ޑޯންޓް ހޭވް ޓް ބެގް.. ޔޫ އާރ ފޮގިވެން..  އައި ނޯ އަމް ނޮޓް އިނޮސެންޓް އީދާރ ..ޖެލަސް ކުރުމުގެ ނިޔަތުގަ ވެސް އައި މޭޑް މިސްޓޭކްސް އެންޑް ކޯޒްޑް ޕްރޮބްލެމްސް ޓޫ.. މިރޭ މި ވާހަކަ ދެއްކުނު ގޮތުން ވެސް ދެރަވޭ.. ޑޮންޓް ސޭ އެ ވޯޑް ، ޖަސްޓް ސޭ ޔެސް އޯރ ނޯ! ކެން ޔޫ ފޮގިވް މީ ބޭބީ؟“

”އިޔާ މާފަށް އެދޭކަށް ނުޖެހޭނެ.. ޔޫ އާރ ފޮގިވެން“އަމީރާ ބުނެލި ހިނދު ލިބުނު ހިތްހަމަޖެހުމާއި އެކު އިޔާންގެ ދެލޯ ފުރިގެން އައެވެ.

”އެމީ ކެން ޔޫ ޑޫ ވަންތިންގް ފޯރ މީ؟“ އިޔާން ސުވާލްކޮށްލުމުން އަމީރާ އަވަސްއަވަހަށް ބޯ ޖަހައިލިއެވެ. ”އެއްވެސް ކަމެއް ވެގެން އެހާ އަވަހަށް ގޮތެއް ނުނިންމައްޗޭ! އަހަރެން ކުރެން އަހާލާފަ ނޫނީ ވަކި ކޮޅަކަށް ބުރަނުވާތި.. މި ދުނިޔޭގަ ހަސަދައިގެ ލޯތައް ގިނަ.. ހަމަޖެހިގެން އުޅޭ ދެމީހެއްގެ ދޭތެރެއަށް ތިންވަނަ މީހަކު އަބަދުވެސް ވަންނާނެ.. އެއްވެސް ކަމެއް ވިޔަސް ނުފޮރުވައްޗޭ.. ކެން ޔޫ ޑޫ ދިސް؟ ޕްރޮމިސް މީ“

”ދެން ދުވަހަކުވެސް ޝައްކެއް ނުކުރާނަން.. އައި ޕްރޮމިސް“ އަމީރާ ޖަވާބް ދިނުމަށްފަހު އިޔާންގެ ގައިގާ ބައްދާލިއެވެ. އިޔާންގެ ވެސް ހިފަހައްޓައިގެން ހުރި އަތައް ބާރު ކޮށްލިއެވެ. ހީވީ އެތައް ދުވަހެއް ވަންދެން ބޯމަތީގައި ބުރަދަން އަޅައިގެން ގެންގުޅުނު ހިލަގަނޑު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ނެގުނުހެންނެވެ. ލިބުނު ހިތްހަމަ ޖެހުމާއި އެކު އެކަކު އަނެއްކަކުގެ ކޮނޑު ތެއްމަމުން ދިޔައީ އުފާވެރިކަމުގެ ކަރުނުންނެވެ. އެއީ ކިހާ ދުވަހެއްގެ ދިގު އިންތިޒާރެއްގެ ނިމުންކަން އެއިން ކޮންމެ ކަރުނު ތިއްކެއް ހީވީ ބުނެދެމުން ދިޔަހެންނެވެ. ދެހިތައް ލިބިފައިވީ ކެކުޅުންތައް ހީވީ ހިނދުކޮޅެއްގެ ތެރޭގައި އައިބުވެގެން ދިޔަ ހެންނެވެ. ދެލޮލުގައިވީ ރިހުމެއް ފިލައިގެން ގޮސްފިއެވެ. އެގޮތުގައި އެތައް އިރެއް ވުމަށްފަހުގައި ދުރުވެލި އިރު ދެމީހުންގެ ލޮލުގައިވާ ފެންތިކިތަކާއި އެކު ވެސް ތުންފަތުގައި ދުވެލަ ދުވެލަ ހުރީ ރީތި ހިނިތުންވުމެކެވެ.

އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮން ޓެރެހުގެ ދޮރުގައި މީހަކު އަތް ލިހެން ހީވެގެން ތެޅިގަނެފައި އަމީރާ ދުރުވެލިއެވެ.

”ކާކު ބާ؟“  އަމީރާ ވާހަކަ ދެއްކީ ވައި އަޑުންނެވެ. އިޔާން ދެފަރާތައް ބޯހޫރުވާލީ ނޭނގެއޭ ބުނަމުންނެވެ. އޭނާ އެތަނަށް ވަނީ ތަޅުލާފައި ކަމަށް ވުމުން ބޭރުގައި ހުރި މީހަކަށް ނުވަދެވިގެން އުޅޭކަން އެނގުނެވެ. ދެފަހަރަކު ދޮރުގައި ޖަހާލައިފިއެވެ.

”ޝުޑް ވީ ލީވް ނައު؟“ އަމީރާގެ އަތުގައި އިޔާން ހިފާލިއެވެ. ވަގުތުން އިޔާންގެ އަތުން ދޫކޮށްލާފައި އަމީރާ ދެފަރާތައް ބޯހުރުވާލިއެވެ. އޭރު އަމީރާގެ ދެލޮލުން ހިސާބަކަށް ނުތަނަވަސްކަން ފެނިގެންދެއެވެ. އެހާ އަވަހަށް  ދެމީހުން އެކުގައި ވަނިކޮން އިތުރު މީހަކަށް ފެންނާކަށް އަމީރާ ބޭނުމެއް ނޫނެވެ.

”ނޯ ވޭ.. އައި ކާންޓް.. ޕްލީޒް ޕްލީޒް .. ޑޫ ސަމްތިންގ އިޔާ“

”ކާކުތަ ދޮރު ތަޅުލައިގެން؟ އިރަމް.. އިރޫ ތަ؟.. އިޔާ؟“  އިވުނީ މަޖުދާގެ އަޑެވެ. އަމީރާ ގަންނާކުރެއްވި ބިރު ދެގުނަވިއެވެ. ބިމުގައި ދެފައި ހަރުލެއްވޭ ގޮތެއް ނުވިއެވެ. އިޔާންގެ އަތުގައި ހިފާ ދަމަން ފެށުނެވެ.

”ކާމް ޑައުން..ގޯ ވާހަކަ އެއް ހަދާލާނަން އިރުކޮޅެއް ފަހުން މަންމަ ނުގޮސްފިއްޔާ.. ދޮރު ހުޅުވަން ދާ ގަޑީގަ ހައިޑް ދެއާރ“ އަމީރާގެ އިސްކޮޅު ހުރި ގަސް މުށިގަނޑެއް ދެއްކުމަށްފަހު އިޔާން ބުނެލިއެވެ. އޭނާ ގޮސް ހުއްޓިލީ ބެލްކޮނީގެ ދޮރު ކައިރީގައެވެ. ނަސީބު ކަންދިމާކުރި ގޮތުން އިރުކޮޅެއް ވަންދެން ދޮރުގައި ތަޅަން ހުރެ މަޖުދާ އެތަނުން ގޮސްފިއެވެ.

”ތޭންކް ގޯޑު .. މޭގައި އަތް އަޅުވާލައިގެން ހުރެ އަމީރާ ހިފަހައްޓައިގެން ހުރެ ނޭވާ ބޭރު ކޮށްލިއެވެ. ހާސްވެފައި ހުރިވަރުން އެހުރިހާ އިރު އިޔާންގެ ނަޒަރު ހުއްޓިފައި ހުރިކަމެއް ވެސް ނޭނގުނެވެ. ”ދައްތަ އަންނަން ވާއިރަށް ހިނގާ މިތަނުން ނުކުންނަން“ އިޔާންގެ އަތައް ދަމާލަމުން އަމީރާ ހިނގައިގަތެވެ. ނަމަވެސް ކުރިއަށް ނުދިޔުމުން އަމީރާ ބަލައިލި އިރު އިޔާން ބަލަހައްޓާއިގެން ހުރިގޮތުން ހިތައް އެނގުން ވެލިއެވެ. ތުންފަތައް ވެރިވި ލަދުރަކި ހިނިތުންވުމާއި އެކު ނިތްއަރުވާލިއެވެ.  ޒާތަކަށް ހީލައިގެން ހުރިއިރު ކަޅި ހުރީ އަމީރާގެ ދެލޮލަށެވެ. ހިނދުކޮޅަކަށް އަމީރާ އެދެލޮލުގެ ތެރެއަށް ގެނބުނެވެ.

”ލެޓްސް ގޯ..“ އަމީރާ ސިހުނީ ކައިރިވެލާފައި އެ ކޯތާފަތުގައި އިޔާން ބޮސްދިނުމުންނެވެ. ވަގުތުން ދޮން މޫނަށް ޖަންބުލަ ފާއްދާލައިފިއެވެ. ލަދުގަނެފައި ހުއްޓާ އޭނާގެ އަތައް ދަމާލަމުން އިޔާން އެތަނުން ނެރުނެވެ.

”ގުޑް ނައިޓް .. މާދަމާ ޑިއުޓީއަށް ގެންގޮސްދޭނަން އިނގޭ“ އަމީރާގެ އަތައް ފިތާލަމުން އިޔާން ބުނެލިއެވެ. އެއަޑުގައިވީ ލޯބި އިހްސާސްވެ އަމީރާގެ ތުންފަތުގައި ވީ ނުފިލާ ހިނިތުންވުމެކެވެ.  އަމީރާ ބޯޖަހާލިއެވެ.  އިރަމްގެ ކޯލެއް އައުމުން އިޔާންއަށް ފޯނު ދައްކާލާފައި ލަސް ނުކޮށް އެތެރެއަށް ވަނެވެ.

”ފައިނަލީ!އާހްހްހްހް…“ ކޮޓަރިއަށް ވަތް ގޮތައް އިޔާން އެނދުމައްޗަށް ޖެހިގަތެވެ. ދެލޮ މަރާލައިގެން އޮށޯވެލި އިރުވެސް ދެލޮލާއި ހިސާބަށް ތުންފަތުގައިވީ ހިނިތުންވުން ވަނީ ދެމިގެން ގޮސްފައެވެ. އިރުކޮޅެއް ކުރިން އެ މޫނުމަތީގައި ވަޅުޖެހިފައި ހުރި ހިތާމަވެރި އެއްވެސް ޝުއޫރެއް އޭރު ނުވެއެވެ. އެހެން އޮތްޥާ ނިދުނުގޮތް ވެސް ނޭނގެއެވެ.

….

ފަތިހު ހޭލެވުމާއި އެކު ނަމާދުކޮށްގެން މަޖުދާއަށް ވުރެން ކުރިން ނުކުމެ ހެނދުނު ގެ ނާސްތާ  އަމީރާ ތައްޔާރު ކުރިއެވެ. އެހެންމީހުން ނުކުންނަން ވާއިރަށް އެނބުރި ކޮޓަރިއަށް ވަދެ އުޅެންފެށީ ޑިއުޓީއަށް ދިއުމުގެ ކުރިން ލާނެ އެއްޗެއް ހޯދުމަށެވެ. އަމީރާ އެކި ހެދުން އެކިފަހަރު ނަގާފައި ޓައިލްސް މައްޗަށް ވައްޓާލައެވެ. ނަމަވެސް ކަމުދާ ކަހަލަ ހެދުމަކާއި ދިމަލެއް ނުވެއެވެ. ދާދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ ލުމަށް ގެންގުޅޭ ހުރިޙާ ހެދުމެއް ހެން އޮތީ ޓައިލްސް މަތީގައެވެ.

”އާހްހް .. އިތުރު މަސައްކަތެއްނު މިޖެހުނީ“ ފައިދޮށް އޮތްގޮތުން އަމީރާއަށް އަނގައިން އަޑެއް ލައްވާލެވުނެވެ. އޭނާ އުޅެމުން ދިޔަ ގޮތުން އިރަމް ވެސް ހޭލައިގެން އެނދުން ނުފައިބާ ބަލހައްޓައިގެން އިނެވެ. އަމީރާ އުޅެމުން ދިޔައީ މިއިން ދުވަހަކު ވެސް އުޅެމުން ދިޔަ ގޮތަކަށް ނޫނެވެ.  އެންމެ ފަހުން އިރަމްއަށް ނީނދެވިގެން ގޮވާލައިފިއެވެ.

”އެމީ.. އިވެންޓް އަކަށް ދާން ވީ ތަ؟“ އިރަމް ގޮވާލި އަޑަށް އަމީރާ ދިޔައީ ސިއްސައިގެންނެވެ. ކުރަމުންދިޔަ މަސައްކަތައް ގެއްލިފައި ހުރި ވަރުން އިރަމް ހޭލި ކަމެއް ވެސް އަމީރާއަކަށް ނޭނގުނެވެ.

”ނާހް.. މިއުޅެނީ ޑިއުޓީއަށް ދާން ހެދުމެއް ހޯދަން“ ބުނެވުނު އެތީ މޮޔަކަން އިޙްސާސްވީ ލަފްޒްތައް އަނގައިން ނުކުތް ފަހުންނެވެ. އެއީ ކިހާ މޮޔަ ޖަވާބެއްކަން އިރަމްއަށް ނޭނގި ނުހުންނާނެތާއެވެ. އަމީރާ އެދުވަހަކު ލައި އުޅެނީ އެންމެ އަވަހަށް އަލަމާރިން އަތުޖެހުނު ހެދުމެކެވެ. އެ މަންޒަރު އެންމެ ގިނައިން ފެންނާނީ އެކޮޓަރީގައި އުޅޭ މީހަކަށްތާއެވެ.

”އާރ ޔޫ އޯކޭ ހަނީ؟“ އިރަމްއަށް އެނދުގައި ވެސް ނީނދެވިގެން އައިސް އަމީރާގެ ގާތައް ހުއްޓި ނިތްކުރީގައި އަތްޖައްސާލިއެވެ.

”އެހެމް އެހެމް.. މްމްމް.. އަމް އޯކޭ އޭ.. ކުޑަ ކަމެއް ޑިއުޓީއަށް ފަހު އިނީމަ.. “ ކަރުކެހިލުމަށްފަހު އަމީރާ ދޮގެއް ހެދިއެވެ. އިރަމްގެ ގާތުގައި ބުނަން ހިތައް އަރާފައިވެސް އަދި މަޑުކޮށްލުމަށް ހިތް ބުނިވަރުން އެހިޔާލް ދޫކޮށްލީއެވެ. ނަސީބަކުން އިތުރު ސުވާލެއް ނުކޮށް އިރަމް ދައްކާލީ ކަޅުކުލައިގެ ހެދުން ކޮޅަކާއި ޖީންސެކެވެ.

”އަވަހަށް ތައްޔާރު ވޭ މިހާރު ގަޑި ޖެހެނީ“

އެ ސާމާނު ކަމުގޮސްގެން ލައިގެން ނުކުތެވެ.  އަމީރާ ފެނުމުން، ނުހަނު ހިނިއައިސް އިނދެ އިރަމް ބޮޑުވާ އިނގިލި ދައްކާލާފައި ފުރިހަމަ ކަމަށް ބުނެލިއެވެ. ޝުކުރު އަދާކޮށްފައި، އަމީރާ ވެސް ކުޑަ ގޮތަކައް ތައްޔާރު ވެލުމަށަފަހު ދަބަސް ހިފައިގެން ނުކުމެ ނުކުމެ ހުއްޓާ ނަދީމްއަށް ފެނިގެން ގޮވާލައިފިއެވެ.

”ކޮބާ ދާންވީ ދޯ..މި އަންނަނީ އިނގޭ“ އަމީރާއަށް ބަހެއް ބުނެވުމުގެ ކުރީގައި ނަދީމް ކޮޓަރިއާއި ދިމާލަށް ގޮސްފިއެވެ. މަނާ ކުރުމުގެ ގޮތުން ބުނާނީ ވެސް ކީކޭ ހެއްޔެވެ. އިޔާންއާއި އެކު ދާން އުޅޭ ވާހަކަ ޔަގީނުން ވެސް ބުނާކަށް ނުކެރޭނެއެވެ. ތުންފިއްތާލައިގެން ހުރެ ފައިވާން އަތައް ނަގައިގެން އަމީރާ ނުކުތެވެ.

އެޕާޓްމަންޓް އިން ނުކުމެ ދޮރު ލައްޕާލާފައި އެނބުނު ވަގުތު އިޔާންހުރީ ދޮރުމަތީގައެވެ. އަމީރާއަށް ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އަމީރާއަށް ވީ ގޮތުން އިޔާންގެ ގާތައް ހިނިއައެވެ.

”ސޮރީ.. ސޮރީ.. ޔޫ އޯކޭ؟“ އަމީރާގެ ގާތައް އައިސް އިޔަން ހުއްޓުނު ވަގުތު އެތެރެއިން ނަދީމް އަމީރާއަށް ގޮވާލިއެވެ.

”އެމީ.. ދަރިފުޅާ ކިހިނެތް ވީ؟“ އަމީރާގެ އަޑަށް ނަދީމް އައީ ދުވެލާފައެވެ.

”މީ ..މީ. ހޯނެއް ފެނުނީ“ އާގަންނަމުން ކަހަލަ ގޮތަކަށް އަމީރާ ޖަވާބުދިނެވެ. އެހެންހޭ ބުނެ ނަދީމް ވެސް މާ ބޮޑުކަމަކަށް ނުހެދިއެވެ.

”ބައްޕަ މަޑުކޮށްލިއަސް އޯކޭ.. ދަމުން ލައިދޭނަން“

”މައްސަލައެއް ނެތް .. އެހެންވީމަ ބައްޕަ މި ވަނީއޭ އެތެރެއަށް.. އެމީ އެކަނިން ނާންނައްޗޭ.. ނިމުނީމަ ބޭބެއަށް ގުޅާލަ“ ނަދީމް އެތެރެއަށް ވަންނަން ދިއުމުން އަމީރާ ބޯޖަހައިލިއެވެ. އިޔާންއާއި ދިމާ ބަލާލަމުން ލޯ އަޅާލާފައި ގޮސް ލިފްޓަށްއެރިއެވެ.

”ނެތްތަ މޯނިންގް ހަގެއް “ އަމީރާއާއި ގާތްވެލި ހިނދު އިޔާންގެ ފޯނު ރިންގްވަނީއެވެ. ޒޯޔާގެ ނަން ފެނި ޒާތަކަށް ހީލައިގެން ހުރެ އަމީރާއަށް ފޯނު ދައްކާލިއެވެ. ނަމަވެސް މިފަހަރަކު އެމޫނުމަތީގައި ރުޅިވެރިކަމުގެ އަސަރެއް ނެތެވެ. އަމީރާ އިޝާރާތް ކޮށްލީ ފޯނު ނެގުމަށެވެ.

”ކީކޭ ޒޯ؟ މްމް؟ ކޮން މެސެޖެއް ؟ މަހުދީގެ ތަ؟ އޫޕްސް ހަނދާނެއް ނެތް.. ރޭގަ ނިދުނީއޭ ފަހުން.. މިހާރު މި ބަލާލަނީ އިނގޭ..“ ޒޯޔާގެ ފޯނު ކުރުކޮށްލާފައި ލަސްނުކޮށް އިޔާން އަވަސްވެގަތީ އެމެސެޖް ބެލުމަށެވެ.

”އެނީތިންގް ރޯންގް؟“ އިޔާން ފޯނު ބަލަން ފެށިގޮތުން އަމީރާ އަހާލިއެވެ.

”ނޫނޭ … މަހުދީ ފޯނަށް ގޮތެއް ވެގެން ސައިމަން އާއި ޒޯގެ ފޯނުން އޭނަ ބުނެގެން އެގުޅަނީ… ކޮންމެވެސް މެސެޖެއް ފޮނުވައިގެން ރޭންސުރެން ބަލަން އެކިޔަނީ..އަދި އެކަމަކު މި ބަލާ..ލެ.ވު.ނީ-“ އަމީރާއަށް ޖަވާބު ދެމުން ގޮސް ބުނަމުން ދިޔަ ޖުމްލަ ހުއްޓާލަން މަޖުބޫރުވީ މަހުދީގެ މެސެޖާއި އީމެއިލް ފެނިފައެވެ. އިޔާން ރަނގަޅަށް ބަލައިލީ މަހުދީ އެ ފޮނުވާފަ ވަނީ ރަނގަޅު އެއްޗެއް ތޯއެވެ. މެސެޖްގައިވާ މައުލޫމާތާއި އެކު މެއިލްގައިވާ ލިސްޓުން ސާދިގްގެ ނަން ފެނުމުން އިޔާން އިރުކޮޅަކަށް ހުއްޓުނެވެ. އޭނާގެ އުފާވެރި މޫނުމަތީގެ ކުލަވަރު އޮއްސެން ގިނައިރެއް ނުވިއެވެ. އަމީރާގެ އަތުން ދޫކޮށްލުމަށްފަހު ފޯނު ނަގާ ޒޯޔާއަށް ގުޅާލިއެވެ. އޮފީހަށް ދެވެންދެން ވެސް އޭނާއަށް ކެތް ނުވީއެވެ.

”ސާދިގް ސާރ؟ އެނީ އަދާރ ޕްރޫފް؟“ ލިފްޓްއިން ފައިބައިގެން ގޮސް އިޔާން ކާރަށް އެރިއެވެ. ފަހަތުން އަމީރާ ވެސް އެރިއެވެ. އެކޮޅުން ދެއްކި ވާހަކަ އެއް ދައްކަންދެން އިޔާން އެއްޗެއް ނުބުނެ އިނެވެ. ފޯނު ބައްވާފައި ހުންގާނުގައި އެއް އަތް އަޅުވާލާފައި އަނެއް އަތުން ތުނބުޅީގައި އަތް ހާކާލެވުނެވެ.

”ހަމަ އަސްލުގަ ވެސް ހުރިހާ ކަމެއް ރަނގަޅުތަ ؟“ އިޔާންގެ އަތްމަތީގައި އަތް ބާއްވާލަމުން އަމީރާ އަނެއްކާ ވެސް އެއްސެވެ. އިޔާންގެ ނުތަނަވަސް ވެފައިވާ މޫނުމަތިން ކަމެއް ގޯސްހެން އަމީރާއަށް ހީވިއެވެ. ފޯނުން ޒޯޔާ ދެއްކި ވާހަކަ ތަކަށް ގެއްލިފައި އިން ވަރުން ކުއްލިއަކަށް އަމީރާ ވާހަކަ ދެއްކުމުން އިޔާން ދިޔައީ ސިއްސައިގެންނެވެ.

”ޔެސް ޔެސް.. އެއީ އޮފީހުގެ ކުޑަ ކަމެއް..“ ނުތަވަސްކަމުގެ މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އިޔާން ހީލިއެވެ. އިތުރު ވާހަކައެއް ދެއްކުމެއް ނެތި ކާރު ދުއްވާލިއެވެ. އަމީރާ ބޭލުމަށްފަހު ކާރު ޕާކް ކޮށްފައި އިޔާން ވެސް އޮފީސްތެރެއަށް ވަނެވެ.

އަމިއްލަ ކެބިންއަށް ވަތް އިރު ތިން މީހުން އޭނާގެ އިންތިޒާރުގައި ތިއްބެވެ. އިޔާން ފުރަތަމަ ވެސް އެމީހުންނަށް ނިތް އެލިއެވެ. މަހުދީ ކުރީން ސުރެން ތައްޔާރުކޮށްފައި އޮތް ހާއްސަ ޑޮކިއުމަންޓްތަކެއް އިޔާންގެ އަތައް ދިނެވެ. މެސެޖްގެ ޒަރީއާއިން ބުނެފައިވީ ނަމަވެސް އަދި އެއްފަހަރު އެމީހުންނަށް ދެނެގަނެވުނު ހުރިހާ ކަމެއް މަހްދީ އޮޅުންފިލުވާލަ ދިނެވެ. އިޔާންއަށް ގޮނޑިއަށް ޖެހިގަނެވުނު އިރު ނިތުގައި އަތް ހާކާލެވުނެވެ.

”ސޯ އެންމެ ފަހުން ހޯދުނު މައުޝޫމާތަކީ ސާވައިލެންސް ސްޕަވައިސް ކުރަން އޭރު ތިބި މީހުންގެ ތެރެއިން ހުރީ ސާދިގް ކަން ދޯ..“ އިޔާން ބުނެލި ހިނދު ތިންމީހުން އެކުއެކީގައި ބޯޖަހައިލިއެވެ. އެއާއި އެކު ގޮނޑީގެ ލެނގޭބަޔަށް ހަށިގަނޑު ދޫކޮށްލެވުނެވެ. އިޔާންގެ ބޮލުގައި ރިއްސައިގަންނަ ގޮތެވެގެން ވެގެން ދެލޯ މަރާލެވުނެވެ.  ސާދިގްގެ އަތެއް އެކަމުގައި ވާނެ ކަމަކަށް އިޔާންއަކަށް  އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. އަދި އެތަނުގައި ސެކިއުރިޓީ ބެލެހެއްޓި ކަމުގައި ވީނަމަވެސް އެކަމާއި ގުޅުމެއް ނެތި ހިނގައިދާނެތާއެވެ. ނަމަވެސް ޒޯޔާ ގެނެސްފައި ހުރި ޑޮކިއުމަންޓްތަކަކީ ސީދާ ސާދިގް ސޮއި ހުރި ސާމާނެވެ. ހިތް ނޭދުނަސް ކޮންމެ ވެސް ވަރަކަށް އިޔާންގެ ހިތުގައި ކިލަނބު ކަމެއް އުފެދިއްޖެއެވެ. ނަމަވެސް އެހާ އަވަހަށް ގޮތް ނުނިންމަން ހިތައް ވިސްނައިދިނެވެ.

”އެނގޭ ގަބޫލް ކުރަން އުނދަގޫވާނެކަން އެކަމަކު އަހަންނަށް ހީވޭ ސާދިގްގެ އަތެއް ވާހެން.. އެހެންނޫނަމަ މިހާ ސިންޕަލް އިންފޯ އެއް ވެސް ސިއްރުކުރާކަށް ނާންގާނެ.. މިހާ އާދައިގެ އިންފޯ ފެންނާނެ އެންމެ ލޯ ކެޓެގޮރީގެ އޮފިސަރުންނައް ވެސް.. އެކަމަކު މިއީ ހައިޕްރޮފައިލް ކޮށްފަ ހުރި ޑޮކިއުމަންޓްތަކެއް..ކެން ޔޫ ބްލީވް ދިސް؟“ މިފަހަރު ޥާހަކަ ދެއްކީ ޒޯޔާ އެވެ. އިރުކޮޅެއް ހަމަހިމޭން ކަމަށް ފަހު އެއޮތް ގޮތައް އޮވެ އިޔާން ބޯޖަހައިލިއެވެ.

”ގާއިޒް އައި ޙޭވް އޭން އައިޑީއާ“ އިޔާން ތެދުވެ އަދި އެއްފަހަރު ނަޒަރެއް ދިނެވެ. ތިން މީހުން އެކުއެކީގައި ބުނާށޭ ބުނެލިއެވެ. ”ވެއިޓް އައިލް ކަމްބެކް“ އިތުރު އެއްޗެއް ނުބެ، އެމީހުން ހައިރާންކަމެއްގެ ތެރެއަށް ވައްޓާލުމަށް ފަހު އިޔާން ނުކުމަތެވެ.

ލިފްޓަށް އަރައިގެން އިޔާން މިސްރާބް ބެހެއްޓީ އެންމެ މަތީ ފަންގިފިލާއަށެވެ. ކަންކުރާނެގޮތް ސިކުނޑީގައި ރާވާލަމުން ދާން ބޭނުންވި ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނެވެ.

”ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް، މުހައްދު ސާދިގް“ ކޮޓަރީގެ ދޮރުގައި ހަރުކުރެވިފައިވާ ނަންބޯޑަށް ބަލައިލެވުނު ހިނދު އިޔާންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އިޔާން ޓަކި ދިން ތާ  މާ ގިނަ އިރެއް ނުވެ އެތެރެއިން ސާދިގްގެ އަޑު އިވިގެން ދިޔައެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލަމުން އިޔާން އެތެރެއަށް ވަނެވެ.

”އަހާންން .. ވަދޭ ވަދޭ“ މޭޒު ދޮށުގައި އިނދެފައި ސާދިގު ތެދުވީ އިޔާން ފެނުމާއި އެކުއެވެ. ސާދިގު ހަމައިސްކޮޅަށް ދެމިލި އިރު ފުދޭވަރެއްގެ އިސްކޮޅުން ދިގެވެ. ހަށިގަނޑުން ބިޔަކޮން ހުރި ނަމަވެސް މޫނުމަތީގައި ވީ ކުދި ރޫތަކާއި ބޮލުގައިވާ ހުދު އިސްތަށިތަކުން އުމުރުން ދެބައި ވެފައިވާކަން އޮޅުމެއްނެތި ބުނަން އެނގެއެވެ. ލޮލުގައި އަޅާފައިވާ ވާ ނަންބަރު އައިނު ނަގަމުން ސާދިގް ހިނިއައިސްފައި ހުރެ އިޔާންގެ ގާތައް އައެވެ.

”އިޔާން ކޮބާ ކިހިނެތް ކަންކަން ދަނީ؟“

އާދައިގެ މަތިން އެ މޫނުމަތިން ފެންނަ ހިނިތުންވުން ފެނުމުން، އިޔާން ހުރީ ޒާތަކައް އުނދަގޫ ވެފައެވެ. އޭނާގެ ބައިވެރިން ބުނިކަމުގައި ވީނަމަވެސް ސާދިގްއަށް ހަމަ ޝައްކުކުރަން ވީބާއޭ ހިތައް އެރިއެވެ.

ސާދިގް، އޭނާ ދަންނަނީ އިއްޔެއަކު މިއަދަކު ނޫނެވެ. ނުހަނު ތުއްތު އިރުން ސުރެންވެސް އެއީ ދަންނަ ފަރާތެކެވެ. ނަދީމްއާއި އޮންނަ ގާތްގުޅުމުގައި ގެޔަށް އައިސް ހުރިހާ ކުދިންނާއި އަދި މަޖުދާ އާއިވެސް އެ ގާތްކަން އޮވެއެވެ. ހަގީގަތުގައި ވަޒީފާގެ ކަންތައްތައް ވެސް އިޔާން ހަމަޖެހުނީ އޭނާގެ ނުހަނު ބޮޑު އެއްބާރުލުމަކާއި އެކުގައެވެ. ވަޒީފާގައި އުޅޭތާ ވީ ނުވަ އަހަރު ސާދިގްގެ އެހީތެރިކަން އިޔާންއަށް ލިބުނީ އެންމެ ފަހަރަކު ނޫނެވެ. ވަޒީފާގެ މާހައުލުގައި ހިނގާ ކޮންމެކަމެއްގެ ހިއްސާ ކުރެވެއެވެ. ދެމީހުންގެ ވިސްނުން އެއްގޮތް ވެފައި މިޒާޖުގެ ގޮތުންވެސް ގުޅޭތީ އިޔާންއަށް އަބަދުވެސް އޭނާ ބަލައެވެ. އެގުޅުން ހީނަރުވެދާނެ ފަދަ ގޮތެއް މެދުވެރިވާކަށް އިޔާންވެސް ބޭނުމެއް ނޫނެވެ.

”ރަނގަޅު ހަމަ..“ އިޔާންގެ މޫނުމަތިން ނުތަނަވަސްކަމެއް ފެނިދާނެތީ ހީލިއެވެ. އާދައިގެ މަތިން ވަޒީފާގެ މާހައުލާއި ގުޅޭ ވާހަކަތައް ދެމެދުގައި ފެށުނެވެ. އިޔާން އިނީ ވާހަކަ އެއް ތެރެއިން ވިޔަސް ހިތުގައިވާ ދެތިން ސުޥާލްގެ ޖަވާބު ހޯދަން އަޒުމް ކަނޑައަޅާއިގެންނެވެ. ސާދިގްއަކީ ވާހަކަ ދައްކަން ފަށައިފިނަމަ އަވަހަށް ނުހުއްޓާ މީހަކަށްވާތީ ގިނަވަގުތު އިޔާންއަށް އިންނަން ޖެހުނީ އޭނާގެ ވާހަކަ އަޑުއަހާށެވެ. އިޔާން ބޭނުންވާ ފަދަ ފުރުސަތެއް ލިބުނީ އިންތިޒާރުގައި އިންނަތާ ބައިގަޑި އިރު ފަހުންނެވެ.

“ ވާހަކަ އެއް ދައްކާލަން ވެފަ އެބައޮތޭ..“

”ކޮން ވާހަކައެއް؟ ނިކަން ފަށާބަލަ.. ކޮފީ އެއް ބޭނުން ތަ؟“

”ނޫނޭ ކޮފީ ބޮއެގެން މިއައީ.. މީ..“ އިޔާންއަށް ވާހަކައެއް ފަށަންވީ ގޮތަކާމެދު ވިސްނާލެވުނެވެ. އެއްވެސް ކަމެއް ޝައްކު ނުވާނޭ ގޮތަކަށް އޭނާގެ ޚިޔާލުތައް ހާމަނުކޮށް އެވާހަކައަށް ވަދެވޭނެ ގޮތެއް އޭނާއަށް ބޭނުންވިއެވެ. އެހެންކަމުން އޭނާ އިޚްތިޔާރުކުރީ، ދާދި ފަހުން އެންމެނަށްވެސް އިނގޭ މަޖިލިސް މެންބަރެއްގެ އެކްސިޑެންޓުގެ ވާހަކައިންނެވެ.

އިޔާންގެ މޫނަށް ދިން ނަޒަރާއި އެކު ސާދިގް ބުމަ އަރުވާލިއެވެ.

”ފާއިތުވި އަހަރު ޕާލިމަންޓް މެންބަރުގެ އެކްސިޑެންޓް ހަނދާންވޭތަ؟ އެ މަންޒަރުގެ ފުޓޭޖު ހުރިހާ ދިމާލަކުން، ފެންނަން ހުރިދޯ؟“

”މިހާރު ބްލައިންޑް ސްޕޮޓް އެއް ނޯންނާނެ.. ކުރިން ހީކޮށްގެން އުޅުނުހެން މިހާރަކު ހީކުރާކަށް ނުޖެހޭނެ.. އެ މައްސަލައިން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދިން… އެއީ ވަރަށް ސީރިއަސް ކޭސްއެއް…ހާއްސަ ގޮތެއްގައި އަލަށް ޤާއިމުކުރި ސަރވައިލަންސް ނިޒާމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ފާޅުވެގެން ދިޔަ… ކޮންމެ ދިމާލަކުންވެސް މަންޒަރުތައް ވަރަށް ފުރިހަމައަށް ރެކޯޑްކުރެވިފައި ހުރުމުން ކަންކަން ހިނގައިދިޔަގޮތް މިހާ ސާފުކޮށް ފެނުން އެއީ އެކަމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް“ ސާދިގް ހީލާފައި ޖަވާބު ދިނެވެ.

އިޔާންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ.  އަދި މިހާ ދުރުދުރުން ފަށައިގެން އޭނާ ބޭނުންވާ ސުވާލްގެ ޖަވާބެއް ނުހޯދޭނެއެވެ. ނުސީދާކޮން އަހާނެ ގޮތަކާއި މެދު ކުޑަކޮން ވިސްނާލިއެވެ.  ”އާނ. މިހާރު މިހުރި ތަރައްޤީތައް އައުމުގެ ކުރިން، އަހަރެމެން ކުރިން ކަންތައްތައް ކުރި ގޮތް ހަނދާންވަނީ“

”އެއީ މުޅިން ތަފާތު ދުނިޔެއެއް.. ކުރިން އަހަރެމެން މަސައްކަތްކުރީ ވަކި ވަކިން ހުރި ސިސްޓަމްތައް ބޭނުން ކޮއްގެން.. ދެބައިކުޅަ އެއްބައި ހުރީ ސްޓޭންޑް-އެލޯން ކޮން. އޭރު ގިނައީ ޑީ.ވީ.އާރު ތަކާއި ލޯކަލް ސްޓޯރޭޖްތައް. ފުޓޭޖު ނަގަން ޖެހެނީ އެކްސްޕޯޓްކޮން، ބާރންކޮށްގެން. މިހާރުހެން ސެންޓްރަލްކޮށް އެކްސެސް ކުރެވޭކަށް ނޯނެނާނެ“

”މިހާރު އެއްކޮން އަޕްގްރޭޑްކޮއް ކުރީގެ ސިސްޓަމްތައް ދޫކޮއްލީތަ؟“ އަނެއްކާ ވެސް އިޔާން އަހާލިއެވެ.

”ކުރީގެ ޔުނިޓްތައް ބަންދުކޮށް، ރައްކާކުރި ހަނދާންވޭ. އޭރު ޕުރޮކިއުމެންޓް ޑިޕާޓްމެންޓުގެ ހުއްދަ ނުލިބޭތީ ފުރިހަމައަށް ނައްތާނުލެވިފަ ހުރީ.. އެކަމަކު އަލުން އެ ތަކެތި ބޭނުންވާނެ ހެންނެއް ހިއެއް ނުވޭ“

ސާދިގްގެ ޥާހަކައަށްފަހު ހިތްހަމަޖެހުނެވެ. ބޯޖަހައިލާފައި ވެސް އިތުރަށް ސުވާލެއް ނުކުރެއެވެ. އިޔާން ބޭނުންވި މައުޟޫމާތު ލިބުމުން ހިންދަމައިލެވުނެވެ. ނަމަވެސް ވަގުތުން ގޮސްފިނަމަ ޝައްކެއް ވެދާނެއެވެ. އަދި އިރުކޮޅަކު މަޑުކޮށްލުމަށް އިޔާން ގަސްތުކުރިއެވެ.

ސޯދިގު އެހާ ރީތިކޮން ވާހަކަ ދެއްކި އިރުވެސް އިޔާން ގެ ހިތުގައި އުފެދިފައިވާ  ސުވާލަކީ، ސޯދިގް އާއިމެދު ހަމަ ޝައްކުރަންވީބާއެވެ. އޭނާގެ ވާހަކައިން ކުރަން އުޅޭ ކަންތަކަށް ލިބުނީ ވަރަށްވެސް މުހިއްމު މައުލޫމާތެވެ. ނަމަވެސް ސާދިގްއަށް ޝައްކުކުރެވޭނެ އެއްވެސް ކަމެއް އެވަގުތަކު ނުފެނުނެވެ.  އިޔާން ގަސްތުކުރީ އަދިވެސް އިތުރަށް ބެލުމަށެވެ.

***

”މާއިން ގެއަށް ނާންނަތާ ދެ ހަފްތާ މި ވީ.. ހައިކަލް އަޅެ ބަލާލަބަލަ އޭނާ ކޮބައިތޯ.. އެވެސް އަހަރެމެންގެ ދަރިއެއްނު.. ކޮންމެ ގޮތަކަށް އުޅުނަސް ކިހިނެތް ނުވިސްނާ ހުރެވޭނީ“ އާމިލާ ވާހަކަ ދެއްކީ ގެއަށް ވަދެގެން އައި ހައިކަލްއާއި އެވެ. އާމިލާ އިނީ ބަގީޗާގެ ތެރޭގައިވާ މޭޒެއްގެ ދޮށުގައިވާ ސޯފާގޮނޑީގައެވެ. ރޭގަނޑުގެ ހިތްގައިމް ވަގުތަށް ވެފައި ގާޑެން ލައިޓްގެ ހިތްގައިމް އޮރެންޖް އަލިތަކުން ވަނީ މާހައުލު ހުޅުދާންވެފައެވެ.  މަގަތުގައި ވިނަގަނޑު މަތީގައި މެޓެއް ފަތުރާލައިގެން ކުޅޭ އެއްޗިހި ހާވާލައިގެން ޔޫވިން އިނެވެ.

”ގުޅީމަވެސް ފޯނެއް ނުނެގި.. ޝަހީމް ބުނި އޭނާ ރިޒޯޓްގަ އުޅޭ ވާހަކަ.. އެހެންވެ ދެން އަޅާ ނުލާ މިހުންނަނީ“ ކަރުގައި އޮތް ޓައީ ދޫކުރަމުން އޭނާ އައިސް އިށީނީ އާމިލާގެ ގާތުގައެވެ.

”ދަރިފުޅާ ކައިފިންތަ .. ކާފާ ދޫނި އާދެބަލަ.. މިހާރު އަތްގަޑީ ބައިވަނީ ނިންޖެއް ނާދޭތަ ދަރިފުޅު“ ހައިކަލް ގޮވާލުމުން ހިނިގަނޑެއް ޖަހާލާފައި ޔޫވިން އައިސް އޭނާގެ އުނގަށް އެރިއެވެ.

”ޔޫވީ ހަވީރް ނިދީ އެހެންވެ ދިހައެއްގެ ކުރިން ހިއެއް ނުވޭ ނިދާނެ ހެންނެއް.. ހައިކަލް.. އަހަރެން ހަމަ ދެރަވަނީއޭ.. އެތިބި ތިންކުދިންނާ މެދުމިހާ ކަންތައް ބޮޑު ވާކަށް ނުޖެހޭ ދުވަހަކުވެސް“ ހައިކަލްގެ ޖަވާބުން ވެސް އާމިލާއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ދަރިއަކު ނުފެނި ސައުވީސް ގަޑިއިރުވެސް ކެތްކޮށްލުމަކީ މައިމީހާއަށް ފަސޭހަ ކަމެއް ނޫނެވެ. މާއިންގެ އުޅުމުން އޭނާ ކުރާ ހިތާމަ ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އެއުޅުން އިސްލާހް ވޭތޯ ތާ އަބަދުމެ ދުއާ ކުރެވެއެވެ.

”އަހަރެން ވެސް ދެރަ ނުވާތީކީ ނޫނޭ މިހުންނަނީ.. ނަސޭހަތް ދީދީ ވަރުބަލި ވެއްޖެ.. އުމުރުން ފަންސަވީސް އަހަރުވެފަ އެހުރީ މިހާރު.. އެއީ ކުޑަ ކުއްޖެއް ނޫން.. ހެވާއި ނުބައި ވަކި ނުވަންޏާ ރަނގަޅު ގޮތް މީހަކު ބުނެދިނީމަ އެނގެންވީ އެންނު .. މާ ބޮޑަށް ލުއި ދެވި ބުނާހާ ކަމެއް ކޮށްދެވުނީމަ މިހެން މިވީ.. “ ހައިކަލް ދޫކޮށްލީ ފުންނޭވާއެކެވެ. އާމިލާގެ އުނަގަނޑުގައި ފަހަތުން އަތްއަޅުވާލިއެވެ.

”ބޭންކް އެކައުންޓް ފްރީޒް ކުރަން ފެންނަނީ.. އޭރުން އަތްމަތި ދަތިވެގެން ވެސް ގުޅާލާނެ އެންނު“

”އާމީ ހީކުރީ އެކަން ނުކުރާ ކަމަށް ތަ.. ވިޝާމްއާއި ދެމީހުން ތަޅައިގަތް ދުވަހު ޔުމާން އެކަން ކޮށްފި.. އެކަމަކު ވެސް ހަބަރެއް ނުވިއެންނު.. ޝަހީމްއަށް ވެސް އަންގާފަ އޮންނާނީ އެއްވެސް ވަރަކަށް ލާރީ ދީ ނުހަދަން.. އޭނާ ބަރާބަރަށް ހަބަރު ދޭނެ.. ރިޟޯޓްގައި ވެސް ބަހައްޓާފަ އެހުރީ ވިޝާމްގެ ކައިވެނީގެ ހުރިހާ ކަމެއް ނިމެންދެން.. އޭގެ ކުރިން ގެއަށް އައިސް އެދެމީހުންގެ ކޯޅުމެއް ފެށިދާނެ.. އޭނާ ކޮށްލާ ކަންކަމަށް އަހަރެމެން މަޑުން ތިއްބަސް ވިޝާމް ނުހުންނާނެ މަޑަކުންނެއް “ ހައިކަލް ބުނެލިއެވެ.

”އާން ތިވެސް ރަނގަޅު ވާހަކަ އެއް .. އެކަމަކު ވެސް ހަނދާން ވަނީ… ކޮބާ ރިޟޯޓްގެ ތައްޔާރީތައް ކުރިއަށް ދޭ ދޯ އެބަ “

”އާން ވަރަށް ބާރު ސްޕީޑްގަ އެކަން އެބަ ކުރިއަށް ދޭ.. ހެދުން ކަންތަކާއި އެކުދިން އެބަ އުޅޭތަ؟“

”ނާޔޫއާއި ޔުމާން ވެއްޖެ އެމީހުންނާއި އެއްކޮން ބޭރަށް ގޮސްފަ … މިއަދު އެދިޔައީ ހެދުން ފަހާ ނިމިގެން ގުޅީމަ ހެއޮވަރުކުރަން..ޝެޑީ ދާން އުޅެފަ ކޮންމެ ވެސް ކަމެއް ޖެހިގެން ނުއެއް ދޭ..“ އާމިލާ ބުނެލިއެވެ. އެހެންހޭ ބުނެ ހައިކަލް އެހީ ސަދަފް ކޮބައިތޯއެވެ. އާމިލާ ބުނެލީ ނޭޏގޭ ކަމަށެވެ. ނަމަވެސް ސަދަފް ވެސް ކޮންމެ ވެސް ކަމެއްގައި ބޭރަށް ދިޔަ ކަމަށް ބުނެލިއެވެ.

 

***

މަގުގެ އެއްފަރާތުގައި ކާރު ޕާކް ކޮށްލައިގެން ދޮރުފަތުގައި ލެނގިލައިގެން ސަދަފް ހުއްޓެވެ. އިރަމް ނުކުމޭތޯ ހުރި ނަމަވެސް، އެއްވެސް އުއްމީދެއް ނެތެވެ. އިއްޔެއިން ފެށިގެން އެވަގުތާއި ޖެހެންދެން ސަތޭކައެއްހާ ފަހަރު އިރަމްގެ ފޯނަށް އޭނާއަށް ގުޅިއްޖެއެވެ. ނަމަވެސް ފޯނު ނެގުމުގެ ވިސްނުމެއް އިރަމް ނުވެސް ނެތް ކަހަކައެވެ. އިރަމްގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ވެސް އެންމެފަހުން އޮންލައިން ވީ ކަމަށް ދައްކަނީ ދެދުވަސް ކުރިންނެވެ. އޭރުވެސް ނުހުއްޓި އިރަމްގެ ފޯނަށް ސަދަފް ދިޔައީ ގުޅަމުންނެވެ.

ސަދަފް ގަޑި ބަލައިލި އިރު ބައްދަލް ކުރަން ބުނި މާ ބޮޑަށް ވެސް ފަހަނައަޅައިގެން ގޮސްފިއެވެ. އޭރު ދިހަ ގަޑި ބައިވަނީއެވެ. އަށެއް ނުޖަހަނީސް އައި ގޮތައް ސަދަފް އެތަނުގައި ހުރީ އިރަމް ދެކިލަން ބޭނުންވީތީއެވެ. ކިތަންމެ ބޭނުންވީ ނަމަވެސް އެގޭގެ އޮޅި ގިރާކޮށްފައި ވަނުމުގެ ހިތްވަރެއް އޭނާގެ ނެތެވެ.  މާޔޫސް ކަމައި އެކު ސަދަފް ކާރަށް  އެރީ ދިހަގަޑި ބައިވެ އެގާރަ ވެސް ޖެހުމާއި ގާތްވެފައި ވަނިކޮންނެވެ. ދެލޮލުގައި ބޮނޑީވެފައިވީ ކަރުނުތައް ފޭބި ޔަ ނުދީ ހިންދާލަމުން ޖީބުގައި އޮތް ކަޅުކުލައިގެ މަހްމާ ފޮއްޓެއް ސަދަފް ނެގިއެވެ.

”މިވަރަށް ގުޅާއިރު އިރޫ ފޯނު ނަގަން ރަނގަޅެއްނު… އައި މިސް ޔޫ ސޯ މަޗް “ އަތުގެ ތެރޭގައި އެ ފޮށި އަނބުރާލެވުނު އިރު ސަދަފްގެ ދެލޯ އަނެއްކާ ވެސް ފެންކަޅިވިއެވެ. އެދެލޮލުން އެކަނި ވެސް އިރަމް ހާއްސަވަރު ހާމަވެއެވެ. ހިތުގެ ފުނުގައި ވަންހަނާކޮށްފައިވާ ޖަޒުބާތުތައް ބަންޑުން ކޮށްލަން ތައްޔާރުވީ ނަމަވެސް ހެދުނު އެންމެ ގޯހަކުން ހުރިހާ ކަމެއް ގަޑުބަޑުވެއްޖެއެވެ. މާއިންގެ ހަބަރުން ލިބިފައިވާ މޮޅިވެރިކަމުގެ މައްޗަށް އިތުރު ބަރެއް ލިބުނެވެ. ނަމަވެސް މިއީ ކެތްކުރަން އުނދަގޫ އިހްސާސެކެވެ. ހިތުގައި ރިއްސަމުން ދާފަދައެވެ.  އިއްޔެއިން ސުރެން އިރަމްގެ ސޫރަ ނުދެކި މިވީ ވަގުތު ހީވީ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތްހެންނެވެ.

ދެލޮލުގެ މިޔަކަން ތެމޭޙެން ހީވެގެން ސަދަފް ފުހެލިއެވެ. އެތަނުގައި އިނދެފައި ސަދަފް ކާރު ދުއްވާލީ އިޔާން އަނބުރާ އައިސްފާނެތީއެވެ. އިޔާން ގެއިން ނުކުމެގެން ދިޔައީ ވެސް އޭނާ ކާރުގައި އިންދައެވެ. ދަންނަ ކާރެއް ހެން ހީވީ ކަންނޭގެއެވެ. ދިޔައީ ވެސް ބަލަމުންނެވެ.

ކާރު އަނބުރާލާފައި ސަދަފް މިސްރާބު ޖެހީ ސާފްވައި ލިބޭ އެހެނަސް އެކަނިވެރި މާހައުލަކަށް ދިޔުމަށް ބޭނުންވި ވަރުންނެވެ. ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުއްވުމަށްފަހު ގޮނޑުދޮށަކަށް ދާން މިސްރާބު ޖަހާފައި ވެސް ވިޝާމްގެ މެސެޖެއް އައުމުން ހިޔާލް ބަދަލުވެގެން އެނބުރި މާލެ ދިޔައެވެ. ސަދަފްގެ ކާރު މަޑުކޮށްލީ ’ގޯލްޑެން ފޯކް‘ ގެ ކުރިމައްޗަށެވެ. އޭނާއަށް ހާއްސަ ޖާގައިގާ ކާރު ޕާކް ކޮށްފައި މަހުމާ ފޮށި ކާރުގެ ތެރެއަށް ދޫކޮށްލާފައި އޭނާ ލިފްޓަށް އަރައިގެން ގޮސް ވަނީ ޓެރެހަށެވެ. އެވަގުތަކީ އާންމު ގޮތެއްގައި ފުރިހަފައި އޮންނަ އޮން ވަގުތެއްކަމުން އެހެން ބަޔަކަށް އަރާކަށް އޭނާ ބޭނުމެއް ވެސް ނުވިއެވެ.

”ހެލޯ..“ ވީއައިޕީ ސަރަހައްދުގައިވާ ހާއްސަ ރިސެޕްޝަންގައި އެވަގުތު އިން ފާރިހްއަށް ސަދަފް ފެނިގެން ގޮވާލިއެވެ. ސަދަފްވެސް ހިނިތުންވެލަމުން އަތް ހިއްލާލަމުން ނުކުތީ ހާމަވައި ލިބޭހެން އޮތް ސަރަހައްދަށެވެ. ސޯފާއެއްގައި އިށީންތަނުން ވެއިޓަރަކު އައިސް އޯޑާރ ނަގައިގެން ދިޔައެވެ.

”އާހްހްހް މައި ހެޑް“ ބޮލުގައި އުފެދިފައިވާ ރިހުން ގަދަވަމުން ދިޔަ ވަރުން ލެނގޭބައިގާ ބޯ ހަރުލައްވާލަމުން މޭޒުމައްޗަށް ދެފައި ނަގައިގެން ހަމަޖެހިލިއެވެ. އެވަގުތު ކޮޅު ވެސް ކެނޑި ނޭޅި އިރަމްއަށް އޭނާ ގުޅަމުންދިޔައެވެ. ނަމަވެސް ކާމިޔާބީ ކޮޅުމައްޗެއް ނުފެނުނެވެ. ހިތުގައި އުފެދިފައިވާ ވޭނާއި އެކު ރުޅިގަދަވެގެން އެންމެ ފަހުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި މޭޒުމައްޗަށް ފޯނު ޖެހިއެވެ.

”އާތްތް.. ވަޓް ދަ-“ ސަދަފްގެ އަޑަށް ސިހުނީ އޯޑަރު ހިފައިގެން އެތަނަށް ވަތް އަމީރާއެވެ. ސިހުނުވަރުން ފަހުން ލަދުގަންނަން ޖެހިދާނެ ފަދަ ބަހެއް އަނގައިން ބޭރު ނުވީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން ހުރިއިރު އެއްއަތުން މޭގައި އަތްއަޅާލައިގެން ހުރިއިރު އަނެއް އަތުގައި އިން ކޮފީ ތަބަށް ވެސް ބަންޑުން ނުވީ ކިރިއާއެވެ.

”ޝިޓ* އަމް ސޯ ސޮރީ.. “ އަމީރާއަށް ވެގެން ދިޔަ ގޮތުން ސަދަފްއިން ތަނުން ތެދުވެގެން އާދެވުނު ގޮތްވެސް ނޭނގުނެވެ. “ އާރ ޔޫ އޯކޭ؟“

”ޔެ..ޔެއާ.. އަމް ފައިން“ އަވަސް ނޭވާތަކެއް ދޫކޮށްލުމަށްފަހު އަމީރާ ހަމަޖެހިލިއެވެ. ދެވަނަ ސިކުންތު ހީލަމުން މޭޒާއި ދިމާލަށް އިޝާރާތް ކޮށްލަމުން ކޮފީތަށި ތަބަކުން ނެގުމަށްފަހު މޭޒުމަތީގައި ބެއިންދިއެވެ.

”ޔޫ ޝުއާރ ޔޫ އޯކޭ؟“

”ޔެސް .. ކުއްލިއަކަށް އަޑުއިވުނީމަ ކުޑަކޮން ސިހުނީ “ އަމީރާ ބުނެލިއެވެ. ސަދަފް އެހެންހޭ ބުނެ ހީލިއެވެ. އެންމެން އެކުގައި ބައްދަލްވި ރެއަށްފަހު އަމީރާ އެފެނުނީއެވެ. ސަދަފް ބޭނުންވީ އޭނާއާއި ވާހަކަ ދައްކާލުމަށެވެ. އަމިރާގެ މަތިން އޭނާ ހަނދާން ހުރި ނަމަވެސް، އޭނާގެ މަތިން އަމީރާ ހަނދާން ހުންނާނެ ބާއޭ ވެސް ހީވިއެވެ. އެރޭ ކަންހިނގައި ދިޔަ ގޮތުން މާ ބޮޑު ތައާރަފެއް އެކަކު އަނެއްކަކާއި ހިއްސާކުރެވޭނެ ގޮތެއް ނުވިއެވެ.

”މިގަޑީގަ ކީއްތިކުރަނީ ؟ މިހާ ލަސް ވަންދެން.. އެންޑް ވެއިޓާރ ކޮބާ ތަ؟“

”ޑިއުޓީ ނިންމާފަ ގޮސް އަނެއްކާ ފްރެންޑަކާ ބައްދަލް ކޮށްލަން އައީ.. ހަމަ ދެންމެ މިއައީ.. މައްޗަށް އަރަނިކޮން ވެއިޓާރ އާއި ދިމާވި.. ތިރީގަ ބިޒީކަމުން އެހެންވެ މިކޮޅަށް އޯޑާރ ގެނެސްދިނީ“ އަމީރާ އޮޅުން ފިލުވައިދިނެވެ. ސަދަފް އެހެންހޭ ބުނެ އޭނާއާއި އެކު ބައިވެރިވުމަށް ދައުވަތުދިނެވެ.

”އޯކޭ“ އެތަނަށް އައި ވަގުތު ސަދަފްއަށް ވެފައި އިންގޮތުން އަމީރާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސަދަފް ފެނިފައި ނުވާއިރު ވެސް އިޔާންއައި ދެމީހުން ގުޅުން ރަނގަޅު ނޫންކަން އެނގެއެވެ. ނަމަވެސް މިވަގުތަކީ އިޔާން އަންނާނެ ވަގުތެއް ނޫންކަމުން އޭނާގެ ގާތުގައި މަޑުކޮށްލި ނަމަވެސް މައްސަލައެއް ނުޖެހޭނެ ތާއެވެ. އެހެން ނޫނަސް ސަދަފް އަކީ ގޯސް ޒުޥާނެއް ނޫން ޔަގީންވެއެވެ. ސަދަފް ބޯޖަހައިލުމުން އޭނާއާއި ކައިރީގައި އިން ސޯފާގައި އަމީރާ އިށީންދެލިއެވެ. ކޮފީއެއް ގެނައުމަށް އޭނާ ބުނުމުން އަމީރާ ދެކޮޅު ހެދީ އެހާ ބަނޑުހައި ނޫން ވީމައެވެ.

”މަ އެނގޭ ތަ އަނެއްކާ؟“

”ޔާހް.. އެހެންވެތާ މިވާހަކަ ދައްކަނީ.. އެރޭ ފެނުނޭ.. ދައްތަ ވެސް ކިޔައިދިން އެންމެން“ ސަދަފް އެހިގޮތުން އަމީރާއަށް ހެވުނެވެ. ”އެހެން ނޫނަސް އިރޫ ކައިރީގަ އުޅެންޏާ ނޭނގި ނުހުންނާނެ ތާ“ ޒާތަކަށް ހެވިފައި އިނދެ އަމީރާ ބުނެލިއެވެ. އެ ޖުމްލައިން ސަދަފް އަށް ބަލައިލެވިއްޖެއެވެ.

”ވަޓް ޔޫ މީން؟“ ސަދަފް އަހައިލުމުން އަމީރާއަކަށް ބުނާކަށް ނުކެރުނެވެ. ދެފަރާތައް ބޯހޫރުވާލި ނަމަވެސް ސަދަފް އަނެއްކާ ވެސް އަހާލިއެވެ.

”މިބުނީ އިރޫގެ ދުލުކުރީގަ އަބަދުވެސް ސަދަފް ސަދަފް.. ފެނުމުގެ ކުރިން ވެސް އެންމެ ގިނައިން ގޭތެރެއިން އިވޭ އެއް ނަން.. ދެން ނޭނގި ނުހުންނާނެތާ“

”ރިއަލީ؟“ ސަދަފްގެ މޫނުމަތީގައި އިހު ހުރި މޮޅިވެރިކަން ވަތްތަނެއް ވެސް ނޭނގުނެވެ. އަމީރާ އަނެއްކާ ވެސް ބޯޖަހާލިއެވެ.

”ދެން ކީއްވެތަ އިރޫ އެހާ ބޯ ހަރީ“

”ސޯ ދެންމެ އަހަރެން އައި އިރު އެހާ ބާރަށް ހަޅޭއްލަވައި ތިގަތީ އިރޫ އާއި ދެމީހުން ކަމެއް ވެގެން ދޯ“ އަމީރާ އެހުމާއި އެކު ސަދަފް އޮޅުވާލަކާށް ނުވިސްނިއެވެ. އާއެކޭ ބުނެލިއެވެ. އަމީރާ ވާހަކަ ދެއްކިލެއް ގާތްކަމުން ސަދަފްއަކަށް ނީނދެވުނެވެ. މީހަކާއި އެހާ ވާޙަކަ ދައްކަން ބޭނުން ވެފައި އިންދާ އެތަނަށް އައި ވެސް އޭނައެވެ. އަނެއްކޮޅުން އިރަމްއާއި އަމީރާގެ ގާތް ގުޅުން އޭނާވެސް ވަނީ އަހާފައެވެ. ސަދަފް އާއި އިރަމްއާއި ދެމީހުން އެކުވެރިވި ގޮތާއި އެ އުގުޅުން ކުރިލައިގެން ދިޔަގޮތާއި އަދި މިޙާރު އޮތް ފައްތަރު ސަދަފް ކިޔައިދިނެވެ. އެހުރިޙާ ވާހަކައެއް ފުރަތަމަ ފަހަރަށް މީހަކަށް ކިޔައިދެވުމުން އޭނާގެ ބޮލުގައިވީ ރިހުން ވެސް ފުދޭވަރަކަށް ކުޑަވެއްޖެއެވެ.

ސަދަފް ކިޔައިދެމުން ދިޔަ ގޮތުން އަމީރާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. އެގޮތައް އޭގެ ކުރިން ވެސް ގާތް ފަރާތެއް ވާހަކަ ދައްކަން އިން ކަހަލަ ގާތް އިޙްސާސްއެއް އޭނާގެ ހިތައް ކުރެވިގެން ދިޔައިއެވެ. ދުރު ހަނދާނެއްގެ ސިފައިގާ އެ މަންޒަރު ސިފަވާން އުޅުނު ކަހަލަ ގޮތެއްވިއެވެ. ދެފަރާތައް ބޯހޫރުވާލަމުން އަމީރާ ހީލީ އޭނާއަށް އައި ބަދަލް ސަދަފްއަށް ފަހްމްވިޔަ ނުދިނުމަށެވެ.

”އޯހް ނޯ.. އެހެންވެ ދޯ އިރޫ މިރޭ އެހާ މަޑުން އެހުރީ“  އަމީރާ ހަނދާން ވީ ޑިއުޓީ ނިމިގެން ނަދީމްއާއި އެކު ގެއަށް ދިޔައިރު އިރަމް އިންގޮތެވެ. ނެގިމަޑުވެފައިވީ އިރު އޭނާއާއި ވެސް އަނގައިން ނުބުނެ އިނދެފައި ކޮޓަރިއަށް ވަތްގޮތައް ނިދީއެވެ. ހޭލައިގެން ކޮޓަރިން ނުކުތީ އަމީރާ ބޭރަށް ދިއުމަށް ނުކުތް ވަގުތެވެ. އެގަޑީގައި އަމީރާއަށް ގޮވާލާފައިވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އަމީރާ އެވާހަކަ ސަދަފްއާއި ހިއްސާކޮށްލިއެވެ. ނަމަވެސް އަމީރާ ހިތައް އުނދަގޫ ކުރަމުން ދިޔައީ ދެމީހުންގެ ގުޅުނު ދުވަހަކުން އެހަބަރު އިޔާންގެ ކަންފަތައް ފޯރައިފިއްޔާ ވާނެ ގޮތަކާއި މެދުގައެވެ.

”ސޯ އިރޫ މިސްއަންޑަސްޓޫޑް.. ސީދާ ނުބުންޏަސް އައި ނޯ އިރޫގެ ހިތުގަ ވެސް އެއްޗެއް އޮތީމަކަން އެހެން އެއުޅެނީ.. ޝީ ހޭޒް ދިސް ވީކްނެސް .. ވަރަށް އަވަހަށް ރޮވޭނެ .. ގޭތެރޭގައި ވެސް މީރާންއާއި ދެމީހުންވެސް ހަނގުރާމައިގަ އުޅޭ ދުވަހެއްގައިވެސް އެންމެ ފުރަތަމަ ރޯން ފަށާނީ އިރޫ.. އަޅެ އަހަރެން ވާހަކަ ދައްކާލަން ތަ؟ ނުބުނާން ސަދަފްއާއި ދިމާވި ވާހަކައެއް“ އަމީރާ ބުނެލި ހިނދު ސަދަފްގެ ދެލޯ ވިދައިގަތެވެ. އަވަސް އަވަހަށް ބޯޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. ދެތިން ފަހަރަކު ޝުކުރު އަދާކުރިއެވެ.

”ދެން ވަޓް އެބައުޓް ޔޫ؟ އިޔާންއާއި ދެމީހުން ކިހިނެތް؟“ ސަދަފް އަހައިލީ އަމީރާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެފައެވެ. ސުވާލާއި އެކު އަމީރާ ސިހުނު ނަމަވެސް، އިޔާންގެ ނަމާއި އެކު  ތުންފަތައް ވެރިވި ލަދުރަކި ހިނިތުންވުން ސަދަފް ދެކުނެވެ.

”ވަޓް؟ ކިހިނެތް ؟ ކާ-“

”އެރޭ އިޔާން އިނީ މަ ކައިރީގައޭ.. ދެން އެހާ ވަރަށް ބެލީމަ އެނގޭނު.. އެމީ އިނީ މަންމައާއި މަޖުއްތައާއި ދެމީހުންގެ މެދުގަ.. ދެން އެމީހުންކަށް ނުބަލާންނު އެގޮތަކަށް“ ސަދަފް ބުންޏެވެ. އިރަމްއާއި މީރާންއަދި ނީޝަން އާއި ދިމާވި ދުވަހުގެ ވާހަކަ ބުނާކަށް ސަދަފް ބޭނުމެއް ނުވިއެވެ. އަމީރާ ލަދުގަނެފައި ހުރިވަރުން ބުނާނެ ބަހެއް ވެސް ނޭނގުނެވެ. އެހިނިތުންވުމުގައި ހުރެވުނެވެ.

”ޑެވިލްގެ ނަން ގަތީ މިހިރަ ވައްޓާލީ“ ކޮފީ ޖޯޑުގައި ތުންޖަހާލަމުން ސަދަފް ދޮރާއި ދިމާލަށް ބަލައިލިއެވެ. އަމީރާ ފަސް އެނބުރުނު އިރު ފުރަތަމަ ވެސް ފެނުނީ ވިޝާމްގެ ފަހަތުން އެތެރެއަށް ވަތް އިޔާންއެވެ. އަމީރާގެ ހިތްތެޅިގަތެވެ. އިޔާން އެގަޑީގައި އައިސްފާނެ ކަމަކަށް އަމީރާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އިންގޮތައް އިނދެވުނެވެ. ދެމީހުން އަލުން ވާހަކަ ދައްކަން ފެށިފަހުން ސައުވީސް ގަޑިއިރުވެސް ނުވާ އިރު އަނެއްކާ އިތުރު ކުންޏެއް ޖެހޭކަށް އަމީރާ ނޭދެއެވެ.

”އެމީ… “ އަމީރާ ފެނިގެން ޒަންޔާ ދުވެލާފައި އައެވެ. ޒަންޔާ ބައްދާލި ހިނދު ވެސް އަމީރާއަށް ބަލައިލެވުނީ އިޔާންއާއި ދިމާލަށެވެ. އިޔާން ނުހަނު ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސަދަފްއާއި ހުއްޓާ ފެނުމުންވެސް އެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކަންފުޅެއް ވެސް ފެންނަން ނެތުމުން އަމީރާއަށް ހިތްހަމަނުޖެހުމުގެ ނޭވާއެއް ދޫކޮށްލެވެނެވެ.

”މިކިޔަނީ އޭ ޒަން ކައިރީގަ އެމީ ގޮވައިގެން ނުކުތް ނަމައެއް ނޫންހޭ“ ނާޔާ ވެސް ނުހަނު ލޯބިން އަމީރާގެ ގައިގާ ބައްދާލިއެވެ.

”އެގަޑީގަ އެމީ ކުޑަކޮން ބިޒީ އޭ ބުނީ ދޯ“ ޒަންޔާ ބުނެލިއެވެ. އަމީޜާ އައެކޭ ބުނެ ބޯޖަހައިލިއެވެ.

”އައްދޭ ދަރިފުޅޫ ހާދަ މާޔޫސް ވެފަ ތި އިންނަނީ.. ބިޓު ކެޓީތަ؟“ ސަދަފް އިން ގޮނޑީގެ ބާކީ ބައިގާ އިށީންނަމުން ޔުމާން ދިމާކޮށްލިއެވެ. އިޔާން ހުރުމުން އެ ސުވާލަށް އެއްވެސް ޖަވާބެއް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ.

”ކޮބާ މިއަދުވެސް ކާމިޔާބު ނުވީތަ؟ އެ މަންޖެ އަނެއްކާ ޝައުގު ގެއްލުނީތަ؟“

ވިޝާމްގެ ސުވާލްތައް ހުރި މިސްރާބުން ސަދަފްއަށް ދެތުންފަތް ފިއްތާލެވުނެވެ. އަނެއްކޮޅުން އިޔާން ބަލަހައްޓާއިގެން އިން ޖާސޫސީ ނަޒަރު، އެދިމާލަށް  ނުބަލަން އިން ނަމަވެސް ސަދަފްއަށް ފާހަގަ ވަމުން ދިޔައެވެ.  ލޮލުގެ އިޝާރާތުން ސަދަފް ކޮށްލި އިޝާރާތް ވެސް ވިޝާމްއަށް ނަގައެއް ނުގަނެވުނެވެ. ނާޔާ ކޮށްލި ސުވާލާއި އެކު ދެވަނަ ބޮން އެއްލައިފިއެވެ.

”ޝެޑީ ޖީ އެފް އެއް ނެގީތަ؟ ބަލާ ނުވެސް ބުނޭ“

”ދޮންބެދައްތާ އޭނަ މާ ކުރީގަ އުޅެނީ.. އަހަރެމެން އަތުގަ ނުޖެހޭ މިހާރު އަބަދު ހުޅުމާލޭގަ އުޅެނީ“ ވިޝާމް ބުނި ހިނދު ޔުމާންއާއި ނާޔާ އެ ކާކުތޯ ސުވާލް ކުރަންފެށިއެވެ.

ސަދަފް ފޯނު ނަގާފައި ގެލެރީ ބައިން އިރަމްގެ ފޮޓޯއެއް ހޯދުމަށްފަހު ވިޝާމްއަށް ފޮނުވާލިއެވެ. އެ ނޫން ގޮތަކަށް އޭނާގެ އަނގަ ބަންދުކުރެވެން ނެތީއެވެ. ޒަންޔާ އިނުމުން ވިޝާމް އެހެން ފަހަރުތަކާއި ހިލާފަށް މަޑުން އިން ނަމަވެސް، އެ އަނގަހުޅުވާލާ ކޮންމެ ފަހަރަކު ސަދަފް ވައްޓާލަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. އަނެއްކޮޅުން އިޔާން ދިޔައީ އެ ޖާސޫސީ ނަޒަރުގައި އިނދެ އޭނާގެ މޫނަށް ބަލަމުންނެވެ.

ވިޝާމްއަށް މެސެޖެއް އައި އަޑުއަހާ ބަލައިލި އިރު ސަދަފްގެ މެސެޖެކެވެ. ކުރިމަތިގައި އިނދެ މެސެޖް ކުރާތީ ހައިރާންވެގެން އިސްއުފުލާލިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ނަމަވެސް ސަދަފް އިޝާރާތް ކުރީ މަޑުން އިނދެފޯނު ބެލުމަށެވެ. ބޯޖަހާލާފައި އޭނާ ފޯނު ބަލައިލިއެވެ. ސަދަފް ފޮރުވާފައިވާ ފޮޓޯއާއި އޭގެ ތިރީގައި ލިޔެފައިން ޖުމްލަ ފެނި ވިޝާމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުއްޓުން އަރައިގެން ދިޔައެވެ. އެއްފަހަރު ފޯނަށް އަނެއް ފަހަރު ސަދަފްގެ މޫނަށް ބަލައިލެވުނެވެ.

”ހިޔާރ ޝީ އިޒް.. ދެން ވެސް ތި އަނގަ މަޑުން ލައިގެން އިނދެބަލަ ތިއްތިބޭ“  ވިޝާމްއަށް ހައެއްކަ ފަހަރު އެ މެސެޖް ކިޔާލެވުނެވެ. ލިބިފައިވީ ވަރުގަދަ ޝޮކުން އަރައި ނުގަނެވިގެން އުޅެނިކޮން އިޔާން ކައިރިވިއެވެ.

”ކިހިނެތްވީ؟ ކޯއްޗެއް ތަ މާ ސިހޭ އެއްޗަކަށް ފޯނުން ފެނުނީ؟ މަށައް ވެސް ދައްކަބަލަ“ އިޔާން، ވިޝާމްގެ ގާތައް ކައިރިވެލިތަން ފެނި ސަދަފްގެ ދެލޯ ބޮޑުވިއެވެ. ނޭވާ ހިފަހައްޓާލައިގެން އިންދާ އެފޯނުގެ ސްކްރީނާއި ދިމާލަށް އިޔާންމޫނު އަރިކޮށްލިއެވެ. ސަދަފްއަށް ތުންފިއްތާލެވުނު ގޮތައް ދެލޯ މަރާލެވުނީ ދެން ވާނެ ގޮތެއް ނޭނގެތީއެވެ.

***

(ނުނިމޭ)

 

 

 

 

 

 

 

Share this
Copy to Clipboard

Comments (12)

Comments are closed.

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.