ފުއްޓަރު ފުށި 01

ftf

ފިނިފިނި ހިތްފަސޭހަ ވައިރޯޅިތައް ޖެހެމުން ދިޔަ ހިތްފަސޭހަ ހެނދުނެކެވެ. މޫސުން ރީތިކަމުން، ރަށުގެ ”ހިތައްފިނިވާގޭ“ އާއިލާމީހުންވެސް ތައްޔާރު ވަމުން ދިޔައީ ދަތުރު ދިޔުމަށެވެ. ބޮޑު ޗުއްޓީ ދުވަސްވަރަށް ވުމުން މާލޭގައި ދިރިއުޅެމުން ދިޔަ އާއިލާގެ މެމްބަރުން ވެސް ރަށައް އައިސްފައިވާތީ އެމީހުންގެ ދަތުރު ދިޔުމަށް ހަމަޖެހުނީ، ރަށާއި މާދުރު ނޫން ހިސާބެއްގައި ޥާފަޅު ރަށަކަށް، އެއް ހަފްތާއަށެވެ.

ގޭގެ ގިނަ ބަޔަކުހެން ދަތުރު މައްޗަށް ތައްޔާޜު ވަމުން ދިޔައިރު،ގްރޭޑް ބާރައިގާ ތައުލީމް ހާސިލް ކުރަމުންދާ، އުމުރުން އަށާރަ އަހަރުގެ އައިމާން އިނީ ނެގިމަޑުވެފައެވެ. އޭނާގެ މޫނުމަތިން އެއްގޮތަކަށް ވެސް އެދަތުރު ދާން ބޭނުން ނުވާކަން ހާމަވެއެވެ. އޭނާއާއި ދާދި ގާތުގައި ރީހާން ވެސް އިނީ އެފަދަ ހާލަތެއްގައެވެ. ރީހާން އަކީ އައިމާންގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އޭނާއާއި އެއް އުމުރެއްގެ ކުއްޖެއް ވެސް މެއެވެ.

”މި މީހުން ގަބޫލެއް ނުކުރިއޭ އެ ވާހަކަ ކިޔައިދިނީމަ ވެސް.. އެއްބަޔަކު ބުނީ ޖިންނިން އެ އުޅޭ ބައެއް ހޯ..އަނެއް ބަޔަކު ބުނީ ޖިންނީންނަށް ގޯނާއެއް ނުކުރެވެނީސް އެމީހުން ގޯނާއެއް ކޮށެއް ނުހަދާ ކަމަށް އަދި އަހަރެމެން މާ ފިނޑީ ކަމަށް“ އައިމާންގެ މޫނުމަތީގައިވަނީ ނުހަނު މާޔޫސްކަމެވެ. ރީހާން ވެސް އިނދެފައި ބޯޖަހައިލިއެވެ.  ދަތުރު ދިޔުމަކީ ކުރާ ހިތްވާ ކަމެއް ނަމަވެސް، އާއިލާއިން މިއަދު ދާން އުޅޭ ރަށަކީ އެއްގޮތަކަށް ވެސް ދެކުދިން ދާން ބޭނުންވާ ރަށެއް ނޫނެވެ. އަހަރުތަކެއް ކުރިން އެ އެރަށުގައި ހިނގާ ދިޔަ ކަމަށް ބުނާ ކަމެއް، ކްލާހުގައި ކިޔަވަން އުޅުނު ކުއްޖެއްގެ ފަރާތުން މީގެ ދުވަސްކޮޅެއް ކުރިން އެދެ މީހުން ވެސް ވަނީ އަހާފައެވެ.

އެރަށުގެ ދަހިވެތިކަމުގައި ވާދަޔަށް ސިހުރު ހަދަމުން ދިޔަ  ދެ ފިރިހެންނުން، ސިހުރު ހަދަމުން ގޮސް އޭގެ އިން ފަހަނަ އަޅާ ދިޔައީއެވެ. ދެމީހުން މަރުވީ ވެސް ސިހުރު ހަނގުރާމައިގާ އެރަށުގައެވެ. އިވިފައިވާ ގޮތުން އެމީހުން މަރުވުމުގެ ކުރިން ސިހުރު ހެދުމަށް ޒުވާން އަންހެންކުއްޖަކު ގުރުބާން ކުރިއެވެ. އެހުރިހާ ހާހޫރައެއް ހެދީ އެރަށުގައެވެ. އޭގެފަހުން އެރަށަށް ދަތުރު ދާ އެތައް ބަޔަކަށް އެރަށުން ކަންތައްގަނޑެއް ކުރިމަތިވެއެވެ. ބައެއް މީހުންނަށް ހުދު ހެދުމުގައި ހުންނަ އަންހެން ކުއްޖަކު ފެންނަކަމަށް ވެސް ވަނީ އަޑު އަރާފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ ކުއްޖާއަކީ އެބުނާ ސިހުރުވެރިން، ސިހުރުހެދުމަށް ގުރުބާން ކުރި އަންހެންކުއްޖާގެ ރޫހެވެ.

ނޫކުލައިގެ އުދަރެހުގައި ހުދުކުލައިގެ ވިލާތައް ވަނީ ފަޑުފަޑުކޮށް ފެތުރިފައެވެ. އިރުގެ ރަންކުލަ ގަދަ ދޯދިތައް ކަނޑުގެ ފަށަލައަށްއެޅުމުން ، ބިއްލޫރިގަނޑެއްހެން އުޖާލާވެއެވެ. ކަނޑުމަޑުކަމުން ރާޅެއްގެ އަޑުވެސް ނީވެއެވެ. އާއިލާގެ ތިރީސް ފަސް މީހުންނާއި އެކު ބޮޑު ކަންނެލި އޮޑި އެއްގައި އެރަށަށް މިސްރާބު ޖެހީ ހެނދު ހަތެއް ޖެހުމާއި އެކުއެވެ. އެކި އުމުރު ފުރައިގެ ކުދިންގަނޑާއި ބޮޑެތި މީހުން ސަކަރާތް ގަނޑުގެ  އަޑު ނުހަނު ބޮޑެވެ. މަޖަލާއި އެކު ދަތުރު ފޯރި ގަދަ ކުރަން އައިމާންގެ ބޭބެ އާއި އޭނަގެ އެކުވެރިން ބެރު ޖަހާއި ލަވަން ކިޔަން ފެށިއެވެ. އަންހެން ވެރިން ވެސް ހީހީފައި ފިރިހެންނުންގެ ލަވައަށް ފަރި ހަރަކާތްތައް ދައްކަމުން ދިޔައެވެ.

ނަމަވެސް އެއިން ކަމަކަށް އައިމާންއާއި ރީހާންގެ ސަމާލުކަމެއް ނެތެވެ. ދެ ޒުވާނުން އެ ސަކަރާތުން ބޮލަށް އުނދަގޫ ވެގެން ގޮސް ހަމަޖެހިލީ އިންޖީން ފޮށި މަތީގައެވެ. އެތަނަށް އައުމާއި އެކު އައިމާންގެ އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ.

”އޭނާ ވެސް ގެނައީ ދޯ ރޫނާ“ ދުރުގައި އައިމާންއަށް ކަޅި ޖަހައި ނުލާ ބަލަން ހުރީ ރާޔާ ފެނިގެން ފޫހިކަމެއް އައިމާންގެ މޫނަށް ވެރިކުރުވިއެވެ. ރޫނާއަކީ ރީހާންގެ ކޮއްކޮއެވެ. ރާޔާއަކީ އައިމާންގެ ކުރީގެ ލޯބިވެރިޔާއެވެ.

”ހާން. މަންމަ މެން ރޫން ކައިރީގައި ރާޔާ ގެންދިޔަސް މައްސަލައެއް ނެތޭ ބުނީމަ އޭ އެގެނައީ.. އެނގޭތަ އަހަރެމެންގެ ވާހަކަ ރޫން ވެސް ގަބޫލް ކުރިއޭ..އެހެންވެ ބިރުން ނާންނަން އުޅުނީ.. ފަހުން ރާޔާ އަންނާނެ ވާހަކަ ބުނީމަ އޭނާ އައީ.. ޔޫ ނޯރ ބެސްޓީސް“ރީހާން ލާނެތް ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އައިމާން ވެސް ހީލިއެވެ. ކިތަންމެ ރުޅި އަންނަ ކަމަށް ހެދިގެން އުޅުނު ނަމަވެސް ރާޔާ ދެކެ އައިމާންއަކަށް ރުޅި އެއް ނާދެވެއެވެ.

”މި ދަތުރުގަ ދެމީހުން ތިކަންތައް ސޯޓް އައުޓް ކޮށްލާތި.. ތިއުޅެނީ ހަމަ މިސްއަންޑަސްޓޭންޑިންގް އެއް.. ރާޔާ އާއި އަސީލްގެ އެއްވެސް ގޯސް ގުޅުމެއް ނެތް.. ރާޔާއަށް އަސީލް ފޮނުވި ނޯޓު ކޮޅެއް ފެނިގެންނު އެ ފަކީރު ގާތު އަހާވެސް ނުލާ ކަލޭ ބްރޭކްއަޕް ކޮށްލީ.. އެނގޭތަ އޭގެ ހަގީގަތް .. އަސީލްއަށް ކަމުދިޔައީ ރާޔާގެ ކަޒިން އެއް.. އެހެންވެ ރާޔާ މެދުވެރިކޮން އަސީލް އެކަން ކުރަން އުޅުނީ..އެކަމަކު ފެނުނު އެންމެ ކަމަކު އައިމާން އޭނާ ދޫކޮށްލީ.. އަސީލް ގުޅީމަ ވެސް ކަލޭ ފޯނު ނުނެގީމެންނު ދެން ކިޔައި ވެސް ދެވޭނެ ގޮތެއް ނެތެއްނު..އޭނާ ވެސް އެކަމާއި ދެރަވެގެން މަށާއި އެ ވާހަކަ ދެއްކި.. އޭނަ ދެރަވެފަ ހުރިވަރުން މަ ބުނިން މިއަދު މި ވާޙަކަ ދައްކާނަމޭ ކަލޭ ކައިރީގަ“ރީހާން ކިޔައިދިން ވާހަކަ ތަކުން ދެލޯ ބޮޑުކޮށްލައިގެން އައިމާން އިނެވެ. އެއްފަހަރު ދުރުގައި އިން ރާޔާއަށް އަނެއް ފަހަރު ރީހާންއަށް ބަލައިލިއެވެ.

”ވަޓް.. ހަމަ ތެދެއްތަ“ އައިމާންގެ އަނގަވެސް ހުޅުވުނެވެ.

”އާއެކޭ.. ރާޔާ ވަރަކަށް ރޮވުނު ކަމަށް ރޫ ބުނީ.. އެކަމާއި ހުރެ ރޫވެސް އެހުންނަނީ ކަލޭ ދެކެ ރުޅި  އައިސް“ ރީހާން ޔަގީންކޮށްދިނެވެ.

”އާހްހް..އަހަންނަށް ކީއް މިކުރެވުނީ..“ އައިމާންއަށް ބިމުގައި ދެފައި ތަޅައިލިއެވެ. ރީހާންއަށް ހެވުނެވެ.

”މިވީ ގޮތުން މި ދަތުރުގައި ރާޔާ އަލުން ހާސިލް ކުރަން އެބަޖެހޭ.. އެއީ ހަމަ ޖަވާހިރެއް.. އަހަރެންގެ ޝައްކު ބައްޔާއި ސިނގުރުޅި އިސްލާހު ވެސް ކުރަން ވެއްޖެ“އައިމާން އަނެއްކާ ވެސް ބުނެލިއެވެ. ރީހާން ވެސް ބޯޖަހައިލީ އައިމާންއަށް ހިތްވަރު ދެމުންނެވެ.

ބައިގަޑި އިރުގެ ދަތުރަކަށް ފަހު ފެހިކަން ގަދަ “ފުއްޓަރުފުށި“ އަށް އާދެވުނެވެ. ފުދޭވަރަކަށް ބޮޑު ރަށެކެވެ. ވިލުނޫކުލައިގެ ފަޅުގެ ތެރޭގައި ދޯނި އަޅާފައި، ދޯނީގައި ކަފުޖަހައިގެން ގެނައި ޑިންގީއަށް އަށް  ސާމާނުތަކާއި ފަހަރަކު މީސްކޮޅެއް އަރުވައިގެން ރަށުގެ ގޮނޑުދޮށައް މިސްރާބު ޖެހިއެވެ.

ރީތި ހިމުން ދޮންފަސްގަނޑުގައި ފައި ޖެހުނު އިރު އައިމަންއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ހިތައް ފާޑެއްގެ ބިރުވެރިކަމެއް ވަނީއެވެ. ރަށުގެ ރީތިކަމަކުން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދިގު ތުނޑިއެއް ވާއިރު ގަސްބޯ ޖަންގަލީ ރަށެކެވެ. ކިރު ދޫނި ބައިގަނޑެއް އެކި ކޮޅުކޮޅުމަތިން ދުވަމުން ދިޔައެވެ. އެ ސޮރުމެންގެ ތެރޭގައި ކާޅުތައް ވެސް އުދުހެމުން ދިޔައެވެ.

ފުންނޭވާއެއް ލުމަށް ފަހު އައިމާން ހިނގައިގަތީ އާއިލާގެ ފަހަތުންނެވެ. އެހެން އެންމެން ހީ ސަކަރާތް ގަންނަމުން ދިޔައިރު އެމީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައި އައިމާން ވެސް ހުއްޓެވެ. ކަން ދިމާކުރި ގޮތުން އޭނާއަށް ހުރެވުނީ އެންމެ ފަހަތުގައެވެ. ދަބަހާއި ދެތިން ފެންފުޅި އޭނާގެ އަތުގައި އޮތް އިރު ދޭތެރެއަކުން ވަށައިގެން ވާ މާހައުލަށް ކަޅިއުކެމުންދިޔައެވެ.

ގެނައި ސާމާނުތައް ހިފައިގެން އެމީހުން ދިޔައީ ރަށުގެ ތަންކޮޅެއް އެތެރެއަށް ވާހެން ހުންނަ ގެއަށެވެ. އެއީ އެރަށައް ދަތުރު އަންނަ މީހުން އައިސް ހަދާ ރަސްމީ ގެއެވެ. ގެނައި ސާމާނުތައް ބެހެއްޓުމަށްފަހު އެންމެން އަވަސް ވެގަތީ ހެނދުގެ ނާސްތާއާއިގެން ކުރިއަށް ދިޔުމަށެވެ.

”ކޮބާ ކުދިންނޭ މަޑުންނުތިބެ އަވަހަށް ކާން ފަށަމާ.. މިހުރީ  ރޮއްޓާއި ޑިސްކާއި ކުޅި ރިހާކުރާ މަސްހުނި އަދި ހިކި ރިހަ ވެސް..“ ރީހާންގެ މަންމަ ރާމިޒާ ގޮވާލިއެވެ.

”އެބުނާހެން .. ކަޅު ސައި ވެސް މިހުރީ ކޮފީ އާ.. ސައިބޮއިގެން ރަށު ތެރެ ބަލާލަން ވެސް ވާނެ ދާން.. ނިކަން ރީތި ރަށެކޭ މިއީ.. އޮންނާނެ މިހިސާބު ބިއްދޮށުގަ ވަރަށް ބޮޑު ކުޅިއެއް ވެސް.. އަހަރުމެން ކުޑައިރު އައިސް ނިކަން އެރެން އެތަނަށް.. އައިމާން މެން ލިބުނު ފަހުން ނާދެވެނީ.. މިހިރަ އުސްމާން އަހަރެމެން ގޮވައިގެން ތަންތަނަށް ދާން ނިކަން ލަދު ގަންނާނެ ވިއްޔަ“ އައިމާންގެ މަންމަ ހުސްނާ ލޯ އަޅާލަމުން އައިމާންގެ ބައްޕަ އުސްމާނުގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ. އެއާއި އެކު އުސްމާން އަނގަޔަށް ވައްތަރެއް ޖައްސާލާފައި ބެލީ ހުސްނާ ރުޅި އަރުވަލެވޭތޯއެވެ. އެއަމަލުން އެންމެންގެ ހުނުމުގެ އަޑު ތަނުގައި ހިފާލިއެވެ.

މަޖާ މާހައުލެއްގައި އެންމެން ކައި ހަދަމުން ދިޔައިރު ވަކިން އައިމާންއާއި ރީހާން އިނެވެ. ތައްޓަކަށް ދެތިން ރޮއްޓާއި މަސްހުނި އަޅައިގެން ކަމުން ދިޔައިރު އައިމާންގެ ނަޒަރު ހުއްޓިފައި ހުރީ މަންމަމެން ގާތު ހުރި ރާޔާއަށެވެ. ކަޅުކުލައިގެ ދިހުން ކުލައިގެ އިސްތަށިގަނޑު  ކޮނޑުމަތިން ގެނެސް ދޫ ގޮތަކަށް އައްސާލާފައިވާއިރު، އެދޮން މޫނު ފެންނަމުންދިޔައިރު ނުހަނު ފުރިހަމައެވެ. ގަޔަށް ދޫ ސްވެޓާރ އަކާއި ދޫ ހަރުވާޅު ރާޔާއާއި ނުހަނު ގުޅެއެވެ. އައިމާންގެ ނަޒަރު ސީދާވެފައި ހުރިކަން އެނގި ދޭތެރެއަކުން ރާޔާ ވެސް ބަލައިލައެވެ. އޭނާގެ ދެލޮލުގައި ހިތާމައާއި އެއްވަރަށް ފެންނަން ހުރީ ރުޅިވެރިކަމުން އައިމާންގެ ހިތައް އުނދަގޫ ވެލިއެވެ.

”ރާޔޫ ކޮބާތަ ރޫން؟“ އެންމެން ސައިބޮމުން ދިޔަ ވަގުތުގަ ވެސް ރޫނާ ނުފެނުމުން ރާމިޒާ ސުވާލުކޮށްލީ ރާޔާ އާއެވެ.

”އިމްރާން ދޮންބެ ގޮވީމަ އެކޮޅަށް ދިޔައީ ކޮފީ އެއް ހިފައިގެން“ ރާޔާ ހިނިތުންވެލާފައި ރޫނާ ދިޔަތަން ބުނެދިނެވެ. އެހެންހޭ ބުނެ ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ރަނގަޅަ ކެއުމަށް ބުނެފައި ރާމިޒާ އަނެއްކާ ވެސް ދިޔައެވެ.

އައިމާން ބަލާވަރުން އެތަނުން ދުރަށް ދާން ބޭނުން ވެގެން ތަށި ހިފައިގެން ރާޔާ ނުކުތީ އަތިރި މައްޗަށެވެ. ދެލޮލުގައި ބޮނޑިވެފައި ކަރުނުތައް ހިންދަން ކުރި މަސައްކަތް ބޭކާރު ވާން އުޅޭ ހެން ހީވަމުން ދިޔައެވެ. އެހާ ބޮޑަށް އައިމާން، އޭނާ ރޮއްވާލުމުން ވެސް ހިތުގައި ވާ ލޯބިން ހަމަ ދެރަވަނީއެވެ. އުމުރުން ސޯޅަ އަހަރުވީ އިރު ހަޔާތުގައި އޭނާގެ ހިތާ ކުޅެލުމުގެ ބާރު ލިބުނީ އައިމާންއަށެވެ. ނުހަނު ކުރިން ސުރެން ވެސް އައިމާންގެ ފިރިހެންވަންތަ ކަމާއި ރީތިކަމުން ހިތުގައި ތަފާތު އިޙްސާސްއެއް އަބަދުވެސް ވެއެވެ. ރޫނާގެ ބޭބެ އެއް ނަމަވެސް އައިމާންއާއި ވާހަކަ ދައްކާކަށް ނުކެރެއެވެ. ރީހާންއާއި ހީ ސަކަރާތް ޖެހިނަމަވެސް އައިމާން ފެނިއްޖެނަމަ އަބަދުވެސް ރާޔާގެ ނަފްސަށް ލަދުވެތިކަން ވަދެއެވެ. އައިމާން ބަލާލާ ގޮތުން ރާޔާގެ ހިތުގެ ހަމަޖެހުން ނެގިގެން ދެއެވެ. އެހެން ހުއްޓާ އޭނާގެ ފޯނު ނަމްބަރު ރޫނާގެ ފަރާތުން ހޯދައިގެން އައިމާން އެއްރޭ ގުޅުމަށްފަހު ބައްދަލުކުރަން ބުނެލިއެވެ. ރާޔާ ވެސް ލަދުން ހުރެފައި އެއްބަސް ވިއެވެ. ޖެހިގެން އައި ދުވަހުގެ ހަވީރު ރާޔާގެ ގެއިން ބައްދާލު ކޮށް އައިމާން ލޯބި ހުށައެޅިއެވެ. ވަގުތުން އާބަސް ބުނި އިރު އިރު ރާޔާގެ ހިތް އެދުވަހު އުފަލުން ފޮޅުނެވެ. ރައްޓެހިވުމަށްފަހު ފާއިތުވި ހަ މަސްދުވަހު އައިމަންގެ ހިތްހެޔޮ ކަމުން ރާޔާ އަބަދުމެ ހުންނަނީ ނުހަނު އުފަލުންނެވެ. ނަމަވެސް އެހިތް ހެޔޮ ކަމުގައި ވެސް އައިމާންގެ ކަމުނުދާ ސިފަ އަކީ މާ އަވަހަށް ޝައްކު ކުރުމެވެ. އެކަންތައް އެހެން ނުކުރުމަށް ރާޔާ ކިތަންމެ ވަރަކަށް ވެސް އެދުނެވެ.  އެންމެފަހުން މީގެ ދެދުވަހެއް ކުރިން ހިނގި ހާދިސާގައި ރަނގަޅަށް ބެލުމެއްނެތި ލޮލަށް ފެނުނު މަންޒަރެއް ގަބޫލު ކުރުމަށް ފަހު އައިމާން ވަނީ ރާޔާ އާއި ގުޅުން ކަނޑާލާފައެވެ. އެއްވެސް ސުވާލެއް ވެސް ނުކޮށެވެ.

ލޮލުން ވެއްޓުނު ކަރުނު ތިކި ފޮހެލުމަށްފަހު ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އަތިރިއަށް ފޭބުނު ހިނދު ގަސްގަނޑެއްގެ ދަށުގައި ރޫނާގެ އާއި ރީހާންގެ ދޮންބެ އިމްރާން އާއި އަންހެނުން ލަމްހާ ސައިބޯން ތިއްބެވެ. އެމީހުންނަށް ރާޔާ ފެނިގެން ގޮވާލިއެވެ.

”ރާޔޫ އާދެ މިތާގަ ޖައްސާލަން.. ކޮބާތަ ރޫން.. ކޮފީ އެއް ގެނެސްދޭން ބުނީމަ ދިޔަ ކުއްޖާ ވިއްޔަ“ ލަމްހާ ބުނެލިއެވެ.

”ރޫން ނާދޭތަ.. ކޮފީ ހިފައިގެން މި ދިމާލަށް އައީ“ ހައިރާންވެފައި ރާޔާ އެއްސެވެ. އިމްރާން ވެސް ހައިރާންވެފައި ހުރެ ނާދެއޭ ބުނެލިއެވެ.

“އަޅޭ އެކަމަކު ހާދަ އިރެއް ވެއްޖެއޭ “ އަތުގައި ހުރި ކާތަށި ވެސް ބިންމަތީގައި ބެހެއްޓުމަށްފަހު ރާޔާ ހިނގައިގަތީ ރޫނާ ހޯދުމަށެވެ. އޭނާގެ ފަހަތުން ލަމްހާ އާއި އިމްރާން ވެސް ރޫނާ ހޯދުމަށް ހިނގައިގަތެވެ. ތިންމީހުން ވެގެން މުޅި އަތިރިމަތި ބެލިއިރު ވެސް ރޫނާގެ އެއްވެސް ހިލަމެއް ނުވިއެވެ.

”ހިނގާބަލަ މަންމަ މެން ކައިރިޔަށް ”ލަމްހާ ކަންބޮޑުވެފައި ހުރެ ދުއްވައިގަތީ ރާމިޒާމެންގެ ގާތަށެވެ.

ރާޔާގެ ހިތައް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. އެރަށައް އައި ދޯނި މަތީގައި އައިމާން އާއި ރީހާން ކިޔައިދިނޭ ކިޔާފައި، ރޫނާ އޭނާގެ ގާތުގައި ވަނީ އެރަށާއި ބެހޭ ގޮތުން ވާހަކަތަކެއް ދައްކާފައެވެ.  ހިތައް ނުބައި ގޮތެއް ވެގެން ދިޔައެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Comments (3)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.