ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 44

”އީވާ ފެނިއްޖެ.. ހޮސްޕިޓަލްގެ ޓެރެސް މަތިން ފެނުނީ..ހުރިޙާ އެންމެން އެބަ ޖަމާވޭ އެތަނަށް.. ވަރަށް ބޮޑަށް ގާޑްކޮށްފަ މިވަގުތު ވަނީ“ ދެމީހުން ހަނދާނެ ގޮތް ހުސްވެފައި ތިއްބާ ޝުހާދު އައިސް ހަބަރު ދިނެވެ.

 

***

އެންމެންގެ ތެރެއިން  ފުރޭނިގެން ދުވަމުން ކަހަލަ ގޮތަކަށް އަލާރާއަށް ލިފްޓާއި ހަމައަށް ދެވުނު އިރު މާނޭވާލެވެއެވެ. އޮބިނޯންނަ ވަރަށް ހިތްތެޅެމުން ދިޔަވަރުން މެޔަށް ބާރުވަމުން ދިޔައެވެ.

”އީވް ޅަ އެއްޗެއް ނާޅޭނެ ނަމަ.. “ ކިތަންމެ ނުބައި ކަމެއް އީވާ ކޮށްފައިވީ ނަމަވެސް އީވާގެ ފުރާނައަށް ގެއްލުން ވާފަދަ ގޮތެއް ވުމަކީ އަލާރާއަށް ބަލަން އުނދަގޫ ވާނެކަމަކަށެވެ. ކޮންމެ ގޮތެއް ވީ ނަމަވެސް އީވާއަކީ އަދިވެސް އޭނާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. އީވާއަށް ޓަކައި ހިތުގައިވާ ލޯބި އަދިވެސް އެގޮތުގައި ވެއެވެ.

ލިފްޓުން އަރައިގެން ގޮސް ހަ ފަންގިފިލާ ކަޑައްތުކުރުމަށްފަހު އަލާރާ ޓެރެހަށް އެރިއެވެ. އޭރު ފުލުސް އޮފިސަރުން އަދި ހޮސްޕިޓަލް ސްޓާފުންނާއި އެކު ޓެރެސް ވަނީ ފުރިފައެވެ. އީވާ ހުރިގޮތް އަލާރާއަށް ފެނުނީ އެވަގުތުއެވެ.

”އީވާ..ނޫންން“ އަލާރާއަށް ހަލޭއްލަވާ ގަނެވުނުއިރު ހުރީ ދެލޯ ބޮޑުވެފައެވެ. ޓެރެސްގެ އެންމެ އުސް ފާރުބުރި މައްޗަށް ކޮޅަށް އަރާ ހުރިއިރު،  ރެއިލިންގްގެ ބަދަލުގައި ޖަހާފައިވާ ހިމަ ދަގަނޑު ތަކުން ދަގަނޑު ގަނޑެއްގައި ހުރީ އަތް އަޅުވާލައިގެންނެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަމުގެ ކަންފުޅެއް ވެސް ނުފެނެއެވެ. އެ ޖެހިލުން ކުޑަކަން ފެނި އަލާރާ ތުރުތުރު އަޅައިގަތެވެ. ހޮސްޕިޓަލް ގައުންގައި ހުރިއިރު އީވާގެ އިސްތަށިގަނޑުގައި ވެސް އެއްވެސް ތަރުތީބެއް ނެތި ވަޔާއި އެކު ނަށާލަ ނަށާލަ ހުއްޓެވެ.

”އީވް.. ތިތަނުން ފައިބާ.. ތިހެން ނުހަދާ..އީވް ޕްލީޒް“ ރޮވިފައި ހުރެ އަލާރާއަށް، އީވާއާއި ދިމާލަށް ދެވުނެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ އަލާރާ ކުރިއަށް އެޅި ފިޔަވަޅާއި އެކު އީވާ ވެސް ފާރުބުރީގެ ކުރިއަށް ޖެހިލުމުންނެވެ. އެވަގުތު އީވާ އަރިއަޅާލިއެވެ. އެހިނދު އެންމެނަށް އެކުއެކީ ހެން ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އީވާގެ ފައި ފާރުގައި ފަސޭހަކަމާއިއެކު ހިއްޕާލުމުން އެންމެންނަށް ހެން ހިފަހައްޓައިގެން ހުރި ނޭވާތައް ދޫކޮށްލެވުނެވެ. އެ މަންޒަރު ބަލަން ހުރެފައި ހީވާ ޖަހައިލީ ނުބައި ހިނިގަނޑެކެވެ.

 

”ހަހަހައްހާ.. ކަލޭ ވަރަށް އުފާވެފައެންނު ތިހުންނަނީ އަހަންނަށް މި ހާލު ޖައްސާފަ.. އަލާރާ..މީ ހުސް ކަލޭގެ ނުބައިކަން.. ވިހޭ ތަނުން މަރުވިނަމަ ކޮންފަދަ.. އަސްމާ ފަދައިން“ އީވާގެ ޖުމްލަތައް ވިހަގަދަ ތީރެއް ފަދައިން އަލާރާގެ ހިތައް ހެރުނެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނަ ވިއެވެ. ފެންކަޅި ވެފައިހުރެ ދެފަރާތައް ބޯހޫރުވާލެވުނީ ތިހެން ނުބުނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

”ނުބުނާށޭތަ ތިކިޔަނީ.. ކީއްވެތަ ނުބުނަން ވީ.. އޭތްތް.. ބުނެބަލަ.. ކީއްވެހޭ ނުބުނަން ވީ..ހުރިހާ ކަމެއް ފެށުނީ ކަލޭގެ ހަރާމް ބައްޕަގެ ސަބަބުން.. އޭނާގެ ހުރި ސުންޕާކަން ކަލެއަށް ވެސް ލިބިފަ ތިހުރީ.. ޝަވަންއަށް ވެސް އެހެން ހަދަން ޖެހުނީ މާއިދު، އީމާން މަރާލީމަ… ހުރިހާކަމެއް ފެށުނީ އެހިސާބުން.. ހުރިހާ ކަމަކަށް ފަސްއަޅައިގެން އަޒީޒްއާއި ދިނާޔާ ހުއްޓަސް އެހެން މީހުން ނުތިބޭނެ.. ޒެވިއަލްގެ މައިންބަފައިން ވެސް މަރުވީ އެ ސުންޕާ މާއިދުގެ ސަބަބުން… އެކަމުގެ ތެރެއިން އަރްކާން އާއި ޒެވިއަލް  މައްސަލަ ޖެހުނީ ވެސް.. ހުރިހާ ކަމެއް ފެށިފަ ހުރި ކަލޭގެ ފަރާތުން.. ހީވަނީތަ ބައެއްގެ އުފާވެރިކަން ފޭރިގަނެގެން ކަލެއަށް ހިތްހަމަޖެހިގެން ހުރެވޭނެ ހެން… ނުބައި އަންހެނެއް ތިއީ.. ކަލެއަށް ހަލާކުހުރި.. ކަލެއަށް ދުވަހަކު ވެސް އުފަލެއް ނުލިބޭތޯ ދުއާ ކުރާނަން“ އީވާ އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ދިޔައިރު ހީވީ ބުއްދިވެސް ފިލާ ގޮސްފައިވާހެންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް ހަރާލައިގެން ހުރެ ދަމަމުން ދިޔައިރު އޭނާގެ ނަފްރަތުން ފުރިގެންވާ ރުޅިގަނޑު އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. އަލާރާއާއި ދިމާލަށް އަތް ހޫރަމުން ދިޔަގޮތުން ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

ހަބަރު ލިބިގެން އައި އަޒީޒްއާއި ދިނާޔާއަށް އީވާގެ ޖުމްލަތައް އިވި ދޮރާއި ހިސާބުން ހުއްޓުން އަރާފައި ތިބެވުނެވެ. ދެރަވިވަރުން  ދިނާޔާ ރޮވެމުން ދިޔައީ ހިތްތައް ކުދިކުދިވާ ފަދައަކުންނެވެ. ހަރަކާތެއް ވެސް ގެންނަން އަޒީޒްއަށް ވެސް އިސްޖެހިފައި ހުރިއިރު ދޭތެރެއަކުން ކަރުނު ފުހެލައެވެ. އަމިއްލަ އަންހެން ދަރިފުޅު އުޅެމުން ގޮތް ފެނި އޭނާ މުޅިން މާޔޫސް ވިއެވެ.

“އަޒީޒް ދޭބަލަ އަލާ ކައިރިއަށް“ ރޮވެމުން ދިޔައިރު ދިނާޔާއަށް ބުނެވެލެވުނެވެ. އީވާއަށް އޭނާގެ މޫނުވެސް ދައްކާލަން އެވަގުތު ބޭނުން ނުވިފަދައެވެ.

”ދެން ކަލޭ ތިއުޅޭނީ ކޮންކަމެއްގެ ބަދަލް ހިފަންތަ މިކުއްޖާގެ ފަރާތުން .. މާއިދު ކުރި ކުށުގެ ޝަޒާ މި މައުސޫމް ކުއްޖާއަށް ދިނުމުގެ ހައްގެއް އެބައޮތްތަ..މި ކުއްޖާގެ ކޮން ކުށެއްތަ އޮތީ..އީވާ އަށްޓަކައި އަލާ ނުކޮށްދެނީ ކޮންކަމެއް..“ އަލާރާގެ ކައިރިއަށް ޖެހިލަމުން އޭނާގެ ގައިގާ އަޒީޒް ހިފަހައްޓާލިއެވެ.

”މީހުންގެ ސަމާލުކަން ހޯދަން ރޮއި ހޭރޭ އަދި އެބަ“އަނެއްކާ ވެސް އީވާގެ ވިހަގަދަ ޖުމްލަތައް އަލާރާއާއި އަމާޒުވެގެން އެވަގުތު ދިޔުމުން، އަޒީޒް އީވާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.

”އަހަރެމެން ދެމީހުން ކަލެއަށްޓަކައި ވީ ގުރުބާނީގެ އަގު ވަޒަން ކުރަން އެނގުނުގޮތަކީ މިއީތަ.. ކޮބާތަ ކަލޭގެ މައްސަލައަކީ“ އަޒީޒް ބުނެލި ހިނދު އީވާ އަނެއްކާ ވެސް ޖަހައިލީ ނުބައި ހިނިގަނޑެކެވެ.

”ތިއީ މައްސަލައަކީ .. އަމިއްލަ ދަރިފުޅު ހުއްޓާ އެހެން މީހެއްގެ ދަރިއެއް ގާތް ކޮށްގެން އުޅުން ކަލޭމެން ދެމީހުންގެ މައްސަލައަކީ.. އަހަންނަށް ލިބެންޖެހޭ ހުރިހާ އެއްޗެއް އަލާރާ ފޭރިގަތުން މައްސަލައަކީ..އެ މޮޔަގަނޑު ގަމާރުކަމުން ޝަވަން ފަހަތުން އުޅުނީ..ނޭނގުނޭ އަހަރެންގެ ހައްގަކަށް އަރައިގަނެވުން އިރުވެސް.. ކީއްވެތަ ބަދަލު ނުހިފަންވީ..ނުވިތާކަށް ކޮމްޕެނީގަ އަހަރެން ޑްރީމް ކުރި ޖޮބް ވެސް މީނާއަށް ތަ ހައްގުވީ..  އަހަރެންގެ މުދަލަށް ގަދަވެފަ ފޭރިގަނެގެން އަލާރާ އުޅުނީ..އެހުރިހާކަމަކަށް އޭނާގެ ފަރާތުން ބަދަލު ހިފަން އަހަރެން އުޅުނީ އަދި ޝަވަންގެ އާއިލާއަށް މާއިދު ޖެއްސި ހާލުގެ ބަދަލް ހިފަން ޝަވަން އުޅުނީ..އަހަރެމެން ދެމީހުންއެކަކު އަނެއްކަކު ދެކެ އިންތިހާއަށް ލޯބިވޭ.. އެހެންވީމަ ދެމީހުން އެކަކު އަނެއްކަކަށް މިކަމުގަ އެހީވުން އެއީ މުޅިން ނޯމަލް ކަމެއްނު.. މިތަނުން ސަލާމަތް ވެވިއްޖެޔާ އަދިވެސް ކަލޭގެ ފަރާތުން ބަދަލު ހިފާނަން..އަހަރެން އެންމެ ދެކޭ ހިތްވަނީ ކަލޭ މަރަށް ތެޅޭތަން..ހަހަހަހަ“ ފަހު ޖުމްލަ ބުނެލަމުން މޫނަށް ވެރިކުރުވީ ނުބައި ކުލައެކެވެ. ފިލްމުތަކުން ފެންނަ ”ވިލަން“އެއް ފަދައެވެ. އެއިން ކޮންމެ ޖުމަލްއަކުން އަޒީޒްގެ ލޭ ދިޔައީ ކެކެމުންނެވެ. އަތުގެ ހޫނު ހަމަލާއަށް އީވާގެ މޫނުމައްޗަށް ދޫކޮށްލިއެވެ. ފެންކަޅި ވެފައި ހުރެ އަޒީޒްއަށް ބަލައިލެވުނީ އަލާރާގެ މޫނަށެވެ. އަލާރާއަށް ކޮޅަށް ހުންނަން ވެސް ދަތިވެގެން އިށީންދެވުން އިރު ނުހަނު ބޮޑަށް ރޮވެމުން ދިޔައެވެ. އެ މަންޒަރު ފެނުމުން އަޒީޒްއަކަށް ނުހުރެވުނެވެ. އަލާރާގެ ގައިގާ ދެއަތްވަށާލަމުން އެމޭގައި އަލާ ފޮރުވާލާ ހިމާޔަތް ދިނެވެ. އެ މަންޒަރު ފެނި ދެލޮލުން ކަރުނަ ނުހިލާ އެކަކުވެސް އެތާކުނުވެއެވެ. އަރްކާން އާއި ސުހާދު އާއި ލިއާނާއަށް ވެސް އީވާގެ ހަބަރު ލިބިގެން އާދެވުނީ އެވަގުތުއެވެ.

”ނިޔާވި ފަރާތުގެ އާއިލާއަށް، ގާތިލްގެ އާއިލާއަށް އެ ހާލަތުގައި ދެވެން އޮތް އެއްޗަކީ މަރުގެ ދިޔަ..އެކަމަކު އާއިލާގެ އެންމެ މީހަކު  ވެސް ދިޔަ ބޭނުން ނޫން ކަމުގަ ބުނެފި ނަމަ އެ ދިޔަ ދޭކަށް ނުޖެހޭނެ.. ތިޔަ ބުނާ ޝަވަންގެ ބައްޕަ ހަމްދީ އެއީ އީމާންގެ ވެސް ބައްޕަ.. އެކަމަކު ހަމްދީ އިންކާރު ކުރި މަރުގެ ދިޔަ ހޯދަން..އެއީ އަސްމާއަކީ ހަމްދީގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށްވެފަ އަސްމާ އާއި އަލާގެ ކުށެއް އެކަމުގަ ނުވާތީ..އަޑުއިވިއްޖެތަ..އޭތްތް“ އަލާރާއަށް ވަމުން ދިޔަ ގޮތުން ކެތް ނުވެގެން ދިނާޔާ ކައިރިއަށް ގޮސް އީވާ ހުރި ހިސާބާއި ނުހަނު ކައިރިއަށް ހުއްޓި ހަޅޭއްލަވައިގަތެވެ. ދިނާޔާގެ ޖުމްލައިން އީވާ ފާޑާކަށް ސިހުނެވެ. ނަސްރާގެ ފަރާތުން އީވާ އަހާފައިވާ ގޮތުން ދިޔަ ވެސް ދޭން އަޒީޒްމެން ދެކޮޅުހެދިއެވެ.

”އީވާ އަޑުއަޙާ..މި ވާހަކަތައް އިވުމަށްފަހު މަށައް ހެޔޮ އީވާ އަމިއްލައަށް ތިތަނުން ފުންމާލިއަސް..މިހާރުވެސް އަހަންނަށް ހީވަނީ އަހަރެންގެ އަމިއްލަ ދަރި އަހަންނަށް ގެއްލިއްޖެހެން..އިތުރަކަށް ކުރަންޖެހޭނެ ހިތާމައެއް އަހަންނަކަށް ވެސް އަޒީޒްއަކަށް ވެސް އަދި އަލާއަކަށް ވެސް އޮތް ހެންނެތް ހިއެއް ނުވޭ އީވާ ނެތިގެން“ ދެލޯ މަރާލެވުނު އިރު ދިނާޔާގެ އަޑުވެސް ކުރެހޭގޮތްވިއެވެ.

”މިކިޔާ ދެނީ އެހާދިސާ…އާން.. އީވާއަށް ރަނގަޅަށް ތިބުނެވުނީ އަލާގެ ބައްޕަ މާއިދު އަކީ ސުންޕާ މީހެއް.. މާއިދުއަކީ އަޒީޒް އާއި ޝާތިރް އަދި އަމީނާގެ އެއްބަނޑު އެއްބަފާ ބޭބެ.. އަސްމާ އަކީ ހަމްދީއާއި ހާމިދުގެ ހުރި ހަމައެކަނި ކޮއްކޮ.. ހާމިދުއަކީ ސާމިއުގެ ބައްޕަ.. އޭރު ހާމިދުމެން އުޅުނީ ރާއްޖެއިން ބޭރުގަ.. އޭގެ މާ ފަހުން ހާމިދުއާއި އަންހެނުން ކާރު އެކްސިޑެންޓުގައި ނިޔާވީ .. އަހަރެން އަޒީޒްއާއި ކައިވެނިކޮށްގެން އަޒީޒްމެން ގެޔަށް ދިޔައިރު އަމީނާއަށް ތޭވީސް އަދި ޝާތިރްއަށް އެކާވީސް އަހަރުވާނީ… މާއިދުއަށް ނަވާރަ އަހަރުވާނީ.. އޭރު ވެސް މާއިދު އަކީ ވިޔާނުދާ އުޅުމެއް އުޅެމުން ދިޔަ ކުއްޖެއް..އެކަމަކު އަޒީޒް ފަދައިން ޝާތިރްއާއި އަމީނާގެ އަހްލާގް ރަނގަޅުވާނެ..އަޒީޒްގެ ހެޔޮކަން އެހުންނަނީ އެދެބެންގެ ގައިގަ ވެސް.. އަޒީޒްގެ ބައްޕަ ވެސް ނިޔާވިތާ މާގިނަ ދުވަހެއް ނުވޭ އަދި އަޒީޒްގެ އަމިއްލަ ކޮމްޕެނީ ވެސް ފަށައިގަތީ ހަމަ އޭރު ..އޭނާއަށް ލިބޭ ހުރިޙާ އެއްޗެއް ކޮއްކޮމެންނަށް ދީގެން އުޅުނީ.. އެކަމަކު ވެސް މާއިދުއަކީ ފޭރުމާއި ވައްކަމާއި މިފަދަ ގިނަކުށްތަކެއް ކުރާ ކުއްޖެއް.. ހުރިހާ ކަމެއްގެ ތެރެއިން ވެސް ޒުވާން އަންހެން ކުދިންއެއީ އޭނާގެ ބަލިފައި.. އަހަރެން ވެސް ސިހޭ މާއިދު ބައެއްފަހަރު ބަލަން ހުންނަ ގޮތުން.. ލަދުވެތި ކަމެއްނު.. އެކަމާއި ޝަކުވާ ވެސް ކުރެވޭ އަޒީޒްގެ ގާތުގަ.. އެގޮތުގައި ދުވަސްތައް ވޭތުވެގެން ދިޔައިރު އަހަންނަށް އަރްކާން ލިބި އޭނާގެ އުމުރުން ދެއަހަރު ވެއްޖެ“

”ދެން އެހެން ހުއްޓާ މާއިދު އަށް އަސްމާ ފެނުނީ..ހާމިދުމެން ގާތު ރާއްޖެއިން ބޭރުގަ ކިޔަވަން އުޅެފަ އަސްމާ ވެސް ރާއްޖެއައި ތަނާ..މާއިދުއާއި އެއް އުމުރެއްގެ ކުއްޖެއްއެއީ.. އޭރުވެސް އަޒީޒްއާއި ހަމްދީއަކީ ގާތް މިތުރުން..އަޒީޒް ބުނެގެން އޭނާއާއި އެކު އެއްދުވަހު މާއިދު އެގެޔަށް ދިޔަ ހިނދު، މާއިދުއަށް އަސްމާ ފެނުނީ..އަސްމާއަކީ ރީތި ކުއްޖެއް.. އެގެއިން އަސްމާ ފެނުނު ވަގުތުން ސުރެން އެ ކުއްޖާއަށް މާއިދު ކަޅިއަޅަން ފަށައިފި އަދި އަސްމާ ހޯދުމުގެ މަސައްކަތް ފެށީ.. މާއިދުއަކީ ބަލާލަން ހުތުރު މީހެއް ނޫން..އަސްމާއަށް ވެސް ވީ ގޮތަކީ އެއީ ކިހިނެތް އުޅޭ މީހެއްކަން ވެސް ނޭނގި މާއިދު ރީތި ވީ..ދެން ވީ ގޮތަކީ ނުހަނު އަވަހަށް މާއިދުގެ ދަލުގައި އަސްމާއަށް ޖެހެވުނީ.. އަޒީޒްއާއި ގާތްނަމަވެސް ހަމްދީއަކަށް ވެސް ނޭނގޭ އެހާ ބޮޑަކަށް މާއިދުގެ ގޮތެއް.. އަޒީޒް ނުރުހޭނެކަން ޔަގީން ވާތީވެ މާއިދު އުޅުނީ ވަރަށް ސިއްރުން.. ހަމްދީއާއި އަޒީޒްއަށް ނޭނގޭނެހެން މާއިދު އާއި އަސްމާގެ ގުޅުން ފެށުނީ..ދެމީހުން ސިއްރުން ބައްދަލްކޮށް ރައްޓެހިވީ.. އަސްމާ ވަރަށް ލޯބިވި މާއިދު ދެކެ.. އެކަމަކު މާއިދު ބޭނުންވީ އަސްމާގެ ރީތިކަމުގެ ފައިދާ ނަގަން.. އެހެން އަންހެން ކުދިންނަށް އޭނާ ހަދާހެން ބޭނުން ވީމަ ބޭނުން ކޮށްލާފަ ބޭނުން ކެނޑުނީމަ އެއްލާލަން.. ދެމީހުން ގުޅިގެން އުޅޭތާ މަހެއް ވީ އިރުވެސް އެއިން ކަމެއް އަސްމާއަކަށް ރެއަކާއި ނުލާ..އޭރުވެސް އަސްމާއާއި ގުޅިގެން އުޅެމުން ވެސް އެތަން އަންހެންކުދިންނެއް ކައިރިއަށް މާއިދު ދޭ.. އެހެން ހުއްޓާ ނަސްރާ އަށް ފެނުނީ އެދެމީހުން ސިއްރުން ބައްދަލު ކުރާތަން..ނަސްރާ ވެސް އޭރު ރަނގަޅު.. އީމާން މަރުވި ފަހުން އޭނާ ވެސް ބަދަލު ވީ.. ދެން ނަސްރާ  އެކަމާއި ނުހަނު އުފާވެފައި ހުރިވަރުން އަޒީޒްއާއި  ހަމްދީއާއި ހުއްޓަ އެވާހަކަ މިބުނެލީ.. ހަމްދީވަރަށް އުފަލުން ހުރީ.. އެކަމަކު އަޒީޒް ވަރަށް ހިތްހަމަ ނުޖެހުނު..އެއީ މީހެއްގެ މައުސޫމް އަންހެން ދަރިއަކަށް މާއިދު ފަދަ ނުބައި މީހަކު ލަނޑެއް ދޭން ނޫން ގޮތަކަށް ނުގުޅޭނެތާ ދޯ.. އޭގެ ދެދުވަސް ކުރިން ވެސް އަޒީޒްއަށް ފެނިފަ އޮތީ އެހެން އަންހެންކުއްޖަކާއި އެކު މާއިދު ބޭރުގަ އުޅެނިކޮން.. ހަމްދީ އާއި އެހާ ގާތް އިރު ކިހާ ހިތްހަމަ ނުޖެހޭނެ ހަމްދީގެ ކޮއްކޮއަށް އޭނާގެ ކޮއްކޮ ގެއްލުމެއް ދޭން އުޅޭކަން އެނގުމުން.. އެތާގަ ހުރެފަ މާއިދު އަށް ގުޅައިގެން ގެނެސް އެންމެންގެ ކުރިމަތީގަ ބުނީ އެކަން ހުއްޓަން.. އެވަރުގެ ކަމެއް ކުރި އިރު ވެސް މާއިދު ލަދެއް ވެސް ނުގަތް ޖަޙާލި ހިނިގަނޑެއް..“ ވާހަކަ ދައްކަމުން ދިޔައިރު ދިނާޔާ، ދޭތެރެ ދޭތެރެއިން ކަރުނަ ފުހެލައެވެ. ހަނދާން ކުރަން ބޭނުން ނުވި އެތައް ކަމެއް އެއްފަހަރާ ދިޔައީ އީވާގެ ސަބަބުން އޭނާގެ ސިކުނޑީގެ ލޯގަނޑުގައި ކުރެހުން އެޅެމުންނެވެ.

”އަޒީޒް ކިހާ ލަދެއް ގަންނާނެ.. ހަމްދީއާއި ނަސްރާ ވެސް ތިބީ ވާނުވާގަ..އޭރު އެދެމަފިރިންގެ  ޝަވަން ވެސް ހުންނާނެ.. އީމާން ވެސް ހުންނާނެ…ޝަވަންއަށް ދެއަހަރު އީމާންއަށް އަހަރެއް ..ދެކުދިން އަހަރުގެ ދެކޮޅުގަ ވީމަ އޭރު އީމާންއަށް ވެސް ދެއަހަރުވާން ވަރަށް ކައިރިވެފަ ހުރީ.. ޝަވަންއާއި އަރްކާންއާއި އެއްވަރު ވާނީ.. ދެން އެދުވަހު އަޒީޒް ރުޅި ގަދަވި ވަރަކަށް މާއިދު ހެނީ.. ހަމްދީމެން ތިބީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ.. އެކަމަކު ވެސް ހަމްދީ ބުނީ މައްސަލައެއް ނެތް ކަމަށް އެ ދެމީހުން ގުޅެން.. ހަމަ ބުނުމާއި އެކު އަޒީޒް ދެކޮޅު ހެދުމަށް ފަހު ބުނީ އެކަމެއް ނުކުރެވޭނެއޭ އަދި ހަމްދީއާއި އަޒީޒްގެ ޒަމާނުންސުރެން އޮތް ގާތް ގުޅުން ނެތިގެންދާން ބެނުންހޭ.. ހަމްދީ ނޫނެކޭ ބުނުމުން އަޒީޒް ކިޔައިދިން މާއިދުގެ ގޮތް ވަގުތުން.. ހަމްދީއަށް އެނގޭނެ ދޯ އަޒީޒް ނުހަދާނެކަން ދޮގެއް.. ވަގުތުން ވަރަށް ހިތްހަމަ ނުޖެހުނު މާއިދު ދެކެ.. ނަސްރާ ލައްވާ އަސްމާ ގެނައި އެތަނަށް.. އަސްމާ އައުމުން މާއިދު އުޅުނު މައުސޫމް ވެގެން ވާހަކަ ދައްކަން ވެސް.. ދެން ހަމްދީ އެހުމުން އަސްމާ ބުނި ގުޅިގެން އުޅޭ ވާހަކަ އަދި ކައިވެނި ވެސް ކުރަން ބޭނުންވާ ވާހަކަ.. ވަގުތުން ހަމްދީ ދެކޮޅު ހެދުމަށްފަހު އަސްމާއަށް ބުނެދިން މާއިދުގެ ހަގީގަތް..އަދި އަޒީޒް ވެސް ބުނި ދެދުވަސް ކުރިންވެސް މާއިދު އެހެން އަންހެން ކުއްޖަކާއި އެކު ދުށް ވާހަކަ..“

”އެކަމަކު އަސްމާ ގަބޫލެއް ނުކުރި.. އަސްމާ އައި ވަގުތު މައުސޫމް ވާން ވެގެން ދެތިން އެތި ބުނެލާފަ ފަހުން އެހުރިހާ ކަމެއް ވީއިރު ވެސް މާއިދު އަނގަ ވެސް ނުހުޅުވާލި..އެވަރުން ވެސް އެ އަންހެންކުއްޖާ ފަކީރު ބަދުނަސީބު ކަމުން އެތަންކޮޅު ވެސް ނުވިސްނުން.. އެންމެ ފަހުން އަސްމާއަށް ހަމްދީ މަޖުބޫރު ކުރުވަންފެށީ އެކަން ހުއްޓުވުމަށް ބުނެ.. ކޮންމެ ގޮތެއް ވިއަސް ކޮއްކޮއަކަށް ގެއްލުމެއް ލިބޭކަށް ވިސްނޭ މީހަކު ބޭނުމެއް ނުވާނެ.. އަސްމާ ވަރަށް ރޮއެ ރޮއެފަ ހަމްދީގެ ފައިދަށަށް ތިރިވެފައި އެންމެފަހުން ބުނީ ތިމަންނަ މާއިދުގެ ދަރިއަކަށް ބަނޑުބޮޑޭ.. ވިސްނާލަ ދެން ހަމްދީއަށް ވެސް އަޒީޒްއަށް ވެސް ކިހިނެތް ހެދޭނީ.. ކަންދިމާ ކުރިގޮތުން އަހަރެންވެސް ދެވަނަ ކުއްޖާއަށް ބަނޑުބޮޑުވީ އެދުވަސްކޮޅު.. ނަމަވެސް“ ވާޙަކަ ދައްކަމުން ގޮސް ދިނާޔާއަށް ހުއްޓާލަން މަޖުބޫރު ވީ މާ ބޮޑަށް ރޮވެން ފެށުމުންނެވެ. އަރްކާންއަށް މަންޒަރު ބަލަން ކެތް ނުވެގެން މަންމަގެ ކައިރިއަށް އާދެވުނެވެ.

ދިނާޔާގެ ޖުމްލަތައް އަޑުއަހަން ހުރިއިރު އަލާރާއަށް ހީވީ އެއްފަހަރާ، ތުނޑު ތޫނު އެތައް ހަންޖަރަކުން އޭނާގެ ހިތް ލޭ ކޮށާލެވުނުހެންނެވެ. އަމިއްލަ ނަފްސު ބަދުނަސީބުކަން އިޙްސާސްވެގެން ވެގެން ދިޔައެވެ. އޭނާއަކީ ދެމީހެއްގެ ވިޔާނުދާ އަމަލުގެ ސަބަބުން ލިބިފައިވި ނަހަލާލް ދަރިއެއްކަމަށް ބުނެ ހިތާއި ސިކުނޑި ހީވީ އެ ނަފްސަށް މަލާމާތް ކުރަމުން ދިޔަހެންނެވެ.

”އެންމެފަހުން މާއިދުއާއި އަސްމާގެ ކައިވެނި ޖެހިގެން އައި ހަފްތާގައި ކުރުވިގެންދިޔައީ.. ހިތާ ދެކޮޅަށް ހަމްދީ ވެސް އެ ކައިވެނި ކުރުވީ އިތުރު ދެން ވަކި ކޮންގޮތެއް އޮތީ..ކޮންމެއަކަސް އަސްމާގެ ނަން ހަޑިވާކަށް ބޭނުމެއް ނުވި.. އަސްމާއަކީ ހިތުގެ މައްސަލަ ތަކެއް ހުރި ކުއްޖެއް.. ހިތުގަ ލޯވަޅެއް އެޅިފަ އިނުމުން ވަރަށް ތުއްތުއިރުން ސުރެން ފަރުވާ ކުރަމުން އައީ.. ޑޮކްޓަރުން ވެސް ބުނެފަ އޮތީ ވީހާވެސް ބޮޑަށް އަސްމާ ހިތްހަމަ ޖައްސުވާފަ ބަހައްޓަން.. އަހަރެމެން އެންމެން ވެސް އެންމެ ކަންތައް ބޮޑުވެފަ ތިބީ އެކަމާ..އަޒީޒް ވަކިން މާއިދުއާއި ބައްދަލްކޮށްފަ އެދެފައިގަ ހިފާފަ އާދޭސް ކުރި އަސްމާއަށް ދެރައެއް ނުދިނުމަށް އެދި.. ބަދަލެއްގެ ގޮތުގަ އޭނާގެ ކޮންޕެނީ ވެސް ދޭނެ ކަމަށް ބުނި.. މާއިދު އެދުވަހު އާއެކޭ ބުނި.. ކައިވެންޏަށް ތިންމަސް ވީ އިރު އަސްމާގެ ބަނޑަށް ވެސް ތިންމަސް..އޭރު އަހަރެންގެ ބަނޑަށް ދެމަސް.. ވަރަށް އެކުއެކީގައި ވިހަން ވެސް ދީފަ އިނީ.. ދެން އެ ތިން މަސް ތެރޭގަ އަސްމާގެ ދެލޮލަށް ދައްކާލި ދަޅައެއް ފަދައިން  މާއިދު ހެޔޮ.. އެކަމަކު އޭގެ ފަހުން ދެން އަސްމާއަށް ފެނުނީ އަހަރެމެން އަސްމާ ކައިރީގަ ބުނެދިން ފަދަ ސިފަތަކެއް ހުރި މާއިދުއެއް.. އަންހެނުންނާއި ގުޅުން ބާއްވާ ޑްރަގް ބޭނުން ކުރާކަން އަސްމާއަށް އެނގުނީ.. އެގޭގެ ސިޑި މަތީގަ އަންހެން ކުއްޖަކު ގޮވައިގެން މާއިދު ޑްރަގް ނަގަނިކޮން ފެނުނީ އަސްމާއަށް.. ވިސްނާލަ އެ ފަކީރަށް ވާނެގޮތް“ ދިނާޔާ ވާހަކަ މެދުކަނޑާލީ އީވާ އަމިއްލައަށް ފާރުމަތިން ފޭބި ތަން ފެނިއެވެ. ވަގުތުން ފުލުހުން އޭނާގެ އަތުގައި ބިޑީ އެޅުވިއެވެ. ދިނާޔާ އަތުގެ އިޝާރާތުން މަޑޫކޮށްލުމަށް ބުނުމުން އެތަނުން އިސްކޮން ހުރި އޮފިސަރު ބޯ ޖަހައިލުމަށްފަހު ފަހަތައް ޖެހިލިއެވެ.

”ވަގުތުން އެމީހުންގެ ކުރިމައްޗަށް އަސްމާ ދިޔައީ.. އެދުވަހު އެ އަންހެންކުއްޖާ ގެއަށް ފޮނުވާލާފަ މާއިދު، އަސްމާގެ އަތުގައި ހިފައިގެން ގެއަށް ވައިންގޮތައް އަނިޔާ ކުރަން ފެށީ.. އެއި ފުރަތަމަ އަނިޔާ ކުރި ދުވަސް.. ވިހަން ވަންދެން އެފަކީރަށް އަނިޔާ ކުރީ.. މާބަނޑު އަދި ހިތުގެ ބަލި މީހަކު ބަލާ އެކަންކަމަށް ކެތް ކުރާނެ ގޮތް.. އެގޮތުގައި އެ ފަކީރު ބަނޑަށް ނުވަ މަސް ވެގެން ދިޔައީ.. ހަމްދީ މެންގޭގަ އުޅުނީ ކައިވެނި ކޮށްގެން ވެސް..އެކަމަކު ދެ ފްލޯ އަކު އުޅޭތީ އަސްމާއަށް މާއިދު ހަދަމުން ދިޔަގޮތް އޮތީ ސިއްރުވެފަ.. އެއިން މީހަކަށް ނޭނގޭ އަނިޔާ ކުރާކަމެއް ވެސް.. މީހެއްގެ ކައިރީގަ ބުނެފި ނަމަ ބަނޑުގަ އޮތް ދަރިފުޅު މަރާލާނެ ކަމުގެ ބިރު ދައްކާފަ އޮތީމަ އަސްމާ ވެސް ހުރީ ބިރުން ނުބުނެ.. އެހުރިހާ ކަމެއް އެނގުނީ ނުވަވަނަ މަސް ވީ ދުވަހު.. މާއިދުއާއި ދެމީހުން ކުރި ޒުވާބެއްގަ މާއިދުގެ ފައިން އަސްމާގެ ބަނޑުގައި ޖަހައިގެން ބްލީޑްވީ.. އެދުވަހު އެވަރުކޮށްލާފަ ވެސް ގޮވައިގެން ނުދިޔަ ހޮސްޕިޓަލަށް ވެސް.. އަނބުރައިގަނެގެން ވެއްޓިފަ  އޮތްވަ ގޭގެ މެއިޑަކަށް ފެނުނީ.. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ.. މެއިޑް އެކޮޅަށް ގޮސްފަ ހަމްދީއަށް ގުޅީމަ، ހަމްދީ ގުޅައިގެން އަހަރެމެން ވެސް ދިޔައީ.. ރޮއިރޮއިފަ އަސްމާ އެދުވަހު ހުރިހާ ވާހަކައެއް ކިޔައިދިނީ އަހަރެމެންނަށް.. އެދުނީ އޭނާ ނެތް ދުނިޔެ އެއްގައި ވެސް އަލާ ސޭފް ކުރަން ..މެންޓަލް ހެލްތް ވެސް ވަރަށް ސަކަރާތް ވެފަ އަސްމާ ހުރީ..އެކަންތައް ގޯސްވެ ހިތުގެ ބަލިގަނޑު ގޯސްވެފަ އޮތީ.. އެހިސާބުން ދެން ގެޔަކަށް ނުފޮނުވާ އެޑްމިޓް ކުރީ.. އެކަމަކު ވިހަން އިން ޑޭޓް ނުޖެހޭތީ ނުއެއް ވިއްސާ.. އެދުވަހަކީ އީމާންއަށް ދެއަހަރުވީ ދުވަސް ކަމުން ކުޑަވަރެއްގެ ކޭކެއް ފަޅާ ސެލެބްރޭޓް ކުރި ހަވީރު..އަސްމާ އޮތް ހާލުން ހަމްދީ ބޭނުން ނުވި އެހާ ބޮޑުކޮން ސެލެބްރޭޓް ކުރާކަށް..އެހެންޏާ ވަރަށް ކުލަގަދަކޮން ފާހަކަ ކުރާނެ އެކުދިންގެ މުހިއްމު ދުވަސްތައް އެދެމަފިރިން.. ސެލެބްރޭޝަން ނިންމާލުމަށްފަހު، ހަމްދީއާއި ނަސްރާ ދިއައީ ހޮސްޕިޓަލަށް، ގޭގެ މެއިޑުންނާއި އީމާން އާއި ޝަވަން ހަވާލް ކޮށްފަ..  ދެން ވީ ގޮތަކީ މާއިދު ބޭރުގަ އުޅެ އުޅެފަ ގެއަށް ދިޔަ ވަގުތާއި އެވަގުތު ދިމާވީ.. ވިއްސާރަ ކަމުން މުޅި މާލެއިން ކަރަންޓް ވެސް ދިޔަ ރެއެއް އެއީ.. ރޫމްގަ ކޭންޑްލްސް ދިއްލައިގެން މެއިޑަކާ އެކު ކުޅޭ އެއްޗިހި ހާވާލައިގެން ކުޅެން އީމާން އިނީ..ޝަވަން އޮތީ ނިދާފަ.. މީހަކު ހޯދަން އައިސް އެބަހުއްޓޭ ބުނެ މެއިޑް ފޮނުވާލާފަ މާއިދު ގޮސް އީމާންގެ ކައިރީގަ އިށީނީ.. އެއި ފުށްކޮޅެއް ހެން އިންނަ ލޯބި ލޯބި ކުއްޖެއް.. ފެންނަ ކޮންމެ މީހަކު ލޯބިން މޮޔަވާނެ.. އުރާލިއަސް އަބަދުވެސް ހެވިފަ އިންނާނީ އެހާ ވެސް ރީތިކޮށް އިނީ.. އެރޭ މެއިޑް ދިޔަ ވަގުތު މާއިދު އެ ކުއްޖާ ރޭޕް ކޮށްލީ..އެ ތުއްތު ތުއްތު މައުސޫމް ކުއްޖާ ..އެންމެ ދެ އަހަރުގެ ކުޑަ ކުއްޖާ.. އީމާން ރޯ އަޑަށް ޝަވަން އަށް ހޭލެވުނީ.. ފެނުނު މަންޒަރުން ޝަވަން ވެސް ރޯން ފެށީމަ ފާރާއި ދިމާލަށް ޝަވަން އެއްލާލީ..އޭނާގެ ބޯ ވެސް އޮތީ ފެޅިފަ.. ނުވެސް ތެދުވެވޭ ޝަވަންއަށް.. ހުރިހާކަމެއް ކޮށްފަ މާއިދު، އީމާން އެއްލާލި އިރު ވެސް ފުރާނައެއް ނެތް.. ޝަވަންގެ ކުރިމަތިގަ އެހުރިހާ ކަމެއް ހިނގީ.. މެއިޑް ވެސް އެނބުރިއައީ އެވަގުތު.. އޭނާއަށް އީމާން އޮތް ހާލު ފެނި ހަޅޭއްލަވައިގަނެވުނީ.. މެއިޑް ކޮއްޕާލާފައި މާއިދު ދުވެފައި ނުކުމަތީ ބޭރަށް.. އަސްމާގެ ކައިރީގަ އުޅެލާފަ، ހަމްދީއާއި ނަސްރާ ވެސް އެނބުރި ގެއަށް އައި ވަގުތު ކަމުން އެމީހުން ވެސް މަތީގަ އަޑުގަދަ ވާއަޑަށް މައްޗަށް އެރީ .. އެމީހުން ސިޑިން އަރަންދެން ސިޑިގޮޅި ދަށުގަ ފިލާ ހުރި މާއިދު އަނެއްކާ ވެސް ދުވެފައި ނުކުމަތީ ބޭރަށް“ ދިނާޔާއަށް ހުރިހާ ވާހަކައެއް ކިޔައިދެވުނު އިރު އެތަނުގައި ނުރޮވޭ އެއްވެސް މީހަކު ނެތެވެ. އަލާރާގެ ހާލަކީ ތޯއެވެ. ކެތްނުވެގެން ހުރިދިމާލަށް ތިރިވެވުން އިރު ގިސްލުމުގެ އަޑު ނުކެނޑެއެވެ.

ހިތާ ދިމާލު މޭގައި އަތް އަޅާލައިގެން ހުރިއިރު އަލާރާ ރޮމުން ދިޔަ ގޮތުން އަލާރާގެ ގައިގާ ހިފަހައްޓައިގެން ހުރި އަޒީޒްއަށް ވެސް ދިޔައީ ރޮވެމުންނެވެ. އެ ހިތައް ކުރާނެ އަސަރު ކިތަންމެ ހާ ވެސް ބޮޑަކަށް އަޒީޒްއާއި ދިނާޔާއަށް އިޙްސާސްވެއެވެ. ދިނާޔާއަށް އެ މަންޒަރު ބަލަން ކެތް ނުވެގެން އަލާރާގެ ގާތައް ގޮސް ބައްދާލިއެވެ.

”ދަރިފުޅާ.. ތިއީ އަބަދުވެސް މަންމަ އެންމެ ލޯބިވާ މަންމަގެ ފުރާނަ.. މަންމައަށް އެންމެ އުނދަގުލީ މި ދެލޮލުން މި އޮހޮރޭ ކަރުނަތައް ދެކެން.. އެނގޭ ދެރަ ވާނެކަން.. އެހެންވެ މިހުރިހާ ދުވަސް ވަންދެން ވެސް ސިއްރުކުރީ.. މިއަދު މަންމައަށް މަޖުބޫރުވީ މިހުރިހާ ކަމެއް ކިއައިދޭން.. ހަގީގަތް އެނގި ހުރެ ބަޔަކު މަންމަގެ ދަރިފުޅަށް އަނިޔާވެރި ވަމުންދާ މަންޒަރު ކިހިނެތް ބަލާނީ.. އެއިން އެއްވެސް މީހަކަށް ދެނެއް ނުކެރޭނެ ދަރިފުޅުގެ ގައިގަ އިނގިލި ކުރި ވެސް ޖައްސާލާކަށް.. ދަރިފުޅު ސިޑިން ވައްޓާލައިގެން މަރާލަން އުޅެ އެކަން ކާމިޔާބު ނުވީމަ އިތުރު ގޮތްގޮތުން ދަރިފުޅުގެ ދުވަސް ދުއްވާލަން އުޅުނު އެންމެންގެ ކައިރިން މި މަންމަ ބަދަލު ހިފާނަން..“ ދިނާޔާގެ އަޑުގައިވީ  ޔަގިން ކަމެވެ.އަލާރާގެ ނިތުގައި ދިނާޔާ ބޮސްދިނެވެ. އެދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް ދިނާޔާ ފުހެދެމުން ދިޔަނަމަވެސް އާ ކަރުނުން ދެލޯ ފުރެމުން ދިޔައެވެ.

”ދެން ކިހިނެތް ވީ..“ ދިނާޔާގެ މޫނަށް ބަލައިލަމުން އީވާއަހައިލިއެވެ. އެއަޑަށް ދިނާޔާވެސް އިސް އުފުލާލިއެވެ.

”މާއިދުގެ ފަހަތުން ހަމްދީވެސް ދިޔަ..އެކަމަކު އަތުވާ ގޮތެއް ނުވި..ހަމްދީއަށް ހޮސްޕިޓަލަށް ދާން ޖެހުނީ އީމާންގެ ހަބަރު ލިބިގެން އަސްމާގެ ހާލަތު ގޯސްވެ ގުޅީމަ..  ޖެހިގެން އައި ދުވަހު އިވުނީ މީހުން ނޫޅޭ ގެއެއްގަ ދަންޖެހިފަ މާއިދު ހުރި ހަބަރު.. ދެން އެ ހަބަރުން މާ ބޮޑަށް ހާލު ދެރަވެގެން ވެގެން އަސްމާ އަށް ވެންޓިލޭޓާގަ ފަރުވާ ދޭން ޖެހުނީ.. ދެން ހަމްދީ އާއި އަސްމާގެ ބޭބެ ހާމިދު އައި މިކޮޅަށް.. ހާމިދު އަކީ ރުޅި ގަދަ މީހެއް.. އޭނާ އެދުވަހު ހުރިހާ ރުޅިއެއް ބޭލީ އަސްމާގެ ބަނޑުގައި އޮތް ދަރިފުޅަށް.. ސަލާމަތެއް ނުވެވޭނެ ކަމަށް ބުނީ މާއިދުގެ ލެޔަށް..އެހެން ބުނި އިރު އަސްމާއަކީ އޭނާގެ ކޮއްކޮ .. ކޮއްކޮގެ ބަނޑުގައިވި ދަރިފުޅުގެ ކޮން ކުށެއް އޮތީ.. އީމާން އެކޭ އަލާރާ އެކޭ އެމީހުންނަށް ވާނީ އެއްވަރު.. މިކުއްޖާ ކީއްކުރީ.. މިހުރީ އަލާރާ.. ތި އެންމެންގެ ކުރިމަތީގަ.. މިހާރު ހުރިޙާ ހަގީގަތެއް އެނގޭނެ ތި އެންމެންނަށް.. ބުނެބަލަ  މި ކުއްޖާގެ ކުށެއް އެބަ އޮތްތަ.. ނިކަން ބުނެބަލަ..“ ދިނާޔާ އެންމެ ފަހު ޖުމްލަ ބުނެލީ ނުހަނު ބާރަށެވެ. ރޮވިފަ ހުރެއެވެ.

”ދެން އޭރު ޝާތިރް އާއި ހައުލާގެ ވެސް ކައިވެނިކޮށްގެން އޮސްޓްރޭލިއާ ދިރިއުޅުން ބަދަލް ކޮށްފަ ވަނީ..އެމީހުން ވެސް އެ ހަބަރު އިވުމުން އަވަހަށް އައީ މިކޮޅަށް.. އަސްމާގެ ދަރިފުޅަށް މިތަނުގެ އެއްވެސް ރައްކާތެރިކަމެއް ނެތެންނު..ހަމްދީ ނޫނީ އެކުއްޖާގެ މައްޗަށް ރަހްމަތް ހުރި އެއްވެސް މީހަކު އޭނާގެ މަންމަގެ އާއިލާގަ ނެތް.. މާއިދު ބަހައްޓާ އެއްކައިރީގަ.. އަލާއަށް އެންމެ ހެވީ އަބަދުވެސް އަޒީޒް އާއި މިއާއިލާ… ވެންޓިލޭޓަރުން އަސްމާ ނެރުނުތަނުން ތަންކޮޅެއް ރަނގަޅުވުމުން އަމީނާއާއި ޝާތިރްއާއި ހައުލާ ވެގެން އަހަންނާއި އަސްމާ ގޮވައިގެން އޮސްޓްރޭލިއާ އަށް ދިޔައީ.. އެދުވަހު ދިޔުމުގެ ކުރިން ނަސްރާ އައި އަސްމާ ހޯދަން .. ދިމާ ވެސް ވީ.. ނަސްރާގެ އަސްލު ވެސް އެދުވަހު އެނގުނީ.. އީމާންއަށް އިންސާފް ނުލިބުނިއްޔާ އަސްމާގެ ބަނޑުގައިވާ ދަރިފުޅުގެ ފުށުން ބަދަލު ހިފާނަމޭ ބުނީ.. ނަސްރާގެ އާއިލާއަކީ ނުފޫޒު ގަދަ ބަޔަކަށް ވާތީ ޖެހިލުންވެސް ވީ.. ހަމްދީ ފަކީރު ހުރީ ހަފަރާތުން ބެދިފަ.. ހަދާނެ އެއްވެސް ގޮތެއް ނޭގިފަ..  އެންމެފަހުން ނަސްރާ ދިއުމުން ހަމްދީ  އައިސް ބުނީ ކުރަންވާ ހަރަދެއް ތިމަންނަ ކުރާނަމޭ އަސްމާ އާއި ދަރިފުޅު ސަލާމަތުން ބަލަހައްޓައި ދިނުމަށް.. އަޒީޒް މިކޮޅުގައި މަޑުކުރީ ކަންކަން ހަމައަކަށް އެޅެންދެން.. ނަސްރާ އެ މައްސަލަ ޖެއްސި.. މަރުގެ ދިޔައަށް ވެސް އެދުން.. އެކަމަކު ކުރިން ބުނިހެން އާއިލާގެ އެންމެ މީހަކުވެސް މަރުގެ ދިޔައިން މަނާވެގަނެފިނަމަ ދިޔަ ދޭކަށް ނުޖެހޭނެ.. ހަމްދީ ދިޔައަށް އިންކާރު ކުރީ.. ދެން ޒެވިއަލް އާއި ލިއާނާގެ މަންމަ ޝާލިއާ ހުރީ އެ މައްސަލަ އާއި ހަވާލުވެގެން ހުރީ.. ހަމްދީ ނޫނަސް ޒާފިރްއަކީ ވެސް އަޒީޒްގެ ގާތް އެކުވެރިއެއް.. އެކަން އެނގޭނެ ނަސްރާއަށް ވެސް.. ޝާލިއާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިއާ.. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމާއިއެކު މައްސަލަ ނިންމާލަން ޖެހުނީ.. ސަބަބަކީ ކިހިނެތް ކުރިއެއް ގެންދަނީ ގާތިލް މަރުވެފަ ވަނިކޮން.. ދެން ހަމްދީ ވަނީ ދެ ހެކިން ބައިތިއްބާފަ މަރުގެ ދިޔަ ބޭނުން ނޫން ކަމަށް ބުނެފަ.. ހަމްދީ ނުދޭ ކޯޓަކަށް ނަސްރާގެ މެންގެ ކަންތައް ހުރިގޮތުން.. އެކަމަކު އެ ދެހެކިން ކޯޓުގަ ހެކިބަސް ދިނީ އެކަމަށް .. އެހިސާބުން އެމައްސަލަ ނިމުނީ..އެއީ އެކަން ވީގޮތަކީ.. ނަސްރާއަށް ވެސް އެނގޭނެ އެކަންތައް..އެކަމަކު ދަރިފުޅު މަރުވުމުގެ ސަބަބުން އޭނާ މުޅިން ބަދަލުވެ އަނިޔާވެރިޔަކަށް ވެ ނިމިއްޖެ.. މާއިދު ދެކެ އައި ރުޅި މި ކުށެއް ނެތް ކުއްޖާގެ ފަރާތުން ހިފަން އޭނާ ހިތުލީ.. ޝަވަންގެ ގާތުގަ ވެސް ބޮޑުވެގެން އައި އިރު ކިޔާދީފަ ހުރީ ޝާލިއާއަށް އަހަރެމެން ބްރައިބް ކުރިކަމަށް އަދި ޝަވަންގެ ހިތުގައި ނަފްރަތު އުފެއްދުމަށް އަހަރެމެން ދިޔަ ވެސް ނުދިން ވާހަކަ ބުނެދީފަ ހުރީ .. އަދި ގާތް އެކުވެރިއަކަށް ޝާލިއާ ވާތީ ޝާލިއާ މައްސަލަ ނިންމާލީ އަހަރެމެން ބޭނުންވާ ގޮތަށް ކަމަށް ބުނީ.. އޭގެ އަހަރުތަކެއް ވީ ފަހުން ނަސްރާމެން ބަދަލްހިފުމައިގެން ނުކުމަތީ…ޒެވިއަލްމެން އަރްކާން މެން ބޮޑުވެފަ ތިއްބަ ހުރިހާކަމެއް ނަސްރާމެން ފަށައިގަތީ.. ނަތީޖާއަކަށް ވީ ޝާލިއާއާއި ޒާފިރު ބޭރަށް ނުކުތް ރެއަކު އެދެމީހުންގެ ފުރާނަ ދުއްވާލީ ބަޔަކަށް ލާރި ދީގެން.. އޭގެ ފަހުން އަހަރެމެންގެ ގޭގަ އުޅުނު ފާރޫގު މަރުވީ.. ހީވާ ގޮތުން ނަސްރާމެން ޝާލިއާމެން މަރާލިކަން ފާރޫގްއަށް ކޮންމެވެސް ގޮތަކުން އެނގުނީ.. އެދެމަފިރިން މަރުވި ދުވަހު ފާރޫގު ވަރަށް ސްޓްރޭންޖް ކޮން އުޅުނީ.. ހާއްސަކޮން ނަސްރާ ފެނުނު ވަގުތު ވަރަށް ބިރުން އުޅުނީ.. އަޒީޒްއަށް ފާހަގަ ވެގެން މަށަށް ވެސް ދެއްކީ ..އެހެން ހުއްޓާ ފާރޫގް އައިސް ބުނި ވާހަކަ އެއް ބުނަން ބޭނުންވެފަ ހުރި ވާހަކަ.. އެކަމަކު އެ ނަސީބެއް ނުލިބުން އޭގެ ދެދުވަސް ފަހުން އޭނާ ވެސް މަރާލާފަ އޮތްވާ ފެނުނީ..ޒެވް ޖަލަށް ލެވުނީ ވެސް އެކަމާއި އެގުޅިގެން .. އެކަން ބޮޑަށް އަރްކާން އާއި ޒެވްގެ ކައިރިން އެހިއްޔާ ރަނގަޅު، ވާނީ..“ ދިނާޔާ ވާހަކަ ނިންމާލުމަށްފަހު ބަލައިލީ އީވާގެ މޫނަށެވެ. އީވާއަށް އިސްޖެހިފައިވީ އިރު ދެލޮލަށް ބޮނޑިވެފައިވީ ކަރުނުތައް ފެނި ދިނާޔާގެ ހިތައް ހަމަޖެހުން އިޙްސާސްވިއެވެ.ކޮންމެ ވެސް ވަރަކަށް އީވާގެ ހަރު ހިތައް ރަހްމް ވަދެއްޖެކަން ދިނާޔާއަށް އެނގިގެން ދިޔައެވެ.

”އީވާ އަދިވެސް އިންސަލްޓް ކުރާނަން ތަ އަލާދައްތައަށް.. މީހަކަށް ލިބޭނެ ތަ އެ ކަހަލަ ދައްތައެއް.. އެކިޔާދިނީ މަންމަގެ ދުލުން ހުރިހާ ހަގީގަތެއް.. އަދިވެސް ދާނަންތަ އެ ފަކީރު މަރަން..އަލާ ދައްތަ އަހަރުތަކެއް ވަންދެން އާއިލާއާއި ދުރުގަ ބޭރު ތަނެއްގަ ވެސް އުޅުން.. އެކަމަކު އީވާ ދުވަހަކުވެސް އާއިލާއާއި ވަކިން ތާކަށް ދިޔައިންތަ..މަންމައާއި ބައްޕައަށް އަޅާލެވިފަ ހުންނާނީ އެންމެ ބޮޑަށް ކާކަށްތަ.. ނިކަން ޖަވާބުދީބަލަ “ ރޮވިފައި ހުރެ ލިއާނާއަށް ބުނެލެވުނެވެ. ހުރިޙާ ކަމެއް އެނގުމުން ލިއާނާގެ ހިތުގައި ޖެހުނެވެ. އަލާރާގެ ހިތައް ކުރާނެ އަސަރު ހިތައް ވެސް ގެންނަން ދައްޗެވެ.

”ދަރިފުޅާ..  އޭތް ..އަލާ..އަލާ..ދަރިފުޅާ“ އެންމެން ސިހިގެން ދިޔައީ އަލާރާއަށް ވެގެން ދިޔަ ގޮތުންނެވެ. މޭގައި އަތް އަޅާލައިގެން ހުރިއިރު ދެލޯ ބޮޑުވެ ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އަނގަޔާއި ނޭފަތުން ލޭގަނޑު އޮހޮރިގެން އައީ ކުއްލިއަކަށެވެ. އަޒީޒްއަށް ހަޅޭއްލަވައިގަނެވުނު އިރު ލިބިފައިވި ޝޮކުން އެހެންމީހުންނަށް ވެސް އެވަގުތު ހޭވެރިކަން ވިއެވެ.

”އަލާ ..އަލާ“ ހޭވެރިކަން ވެގެން އަރްކާން ތެޅިގަނެފައި އައިސް އަލާރާގެ ގައިގާ ހިފައިގަނެވުނެވެ. ނަމަވެސް އޭރު އަލާރާގެ ދެލޯ މަޑުމަޑުން މެރެމެން ގޮސް އެކީ މެރުނެވެ. އަރްކާންގެ އަތްދަނޑި މައްޗަށް އަލާރާ ލައިގެން ދޮރާއި ދިމާލަށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން އެހެން މީހުން ވެސް ނުކުމަތެވެ.

އެމަޖެންސީ ރޫމްތެރެއަށް އަލާރާ ވެއްދުނުއިރު އަރްކާންގެ ސިކުނޑިއާއި ހިތުގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. ދެލޮލުން ފޫދިފައިވާ ކަރުނަތިކިތައް އަތުގެ ނުފުށުން ފުހެލިއެވެ. ކޮޓަރީގެ ބޭރުގައި ހިނގާލަ ހިނގާލަ ހުރިއިރު އަލާޜާއަށް ވެދާނެ ގޮތަކާއި މެދު އެހިތް ބިރުގަނެފައިވާ ވަރު ހާމަވެއެވެ.

އަޒީޒްގެ ކޮނޑުގައި ބޯ އަޅައިގެން އޮތްއިރު ދިނާޔާގެ ރުއިން ހުއްޓިފައިވީ ނަމަވެސް ހީވީ ދެންމެ ދެންމެ ކަރުނަތައް އޮހޮރިދާނެ ހެންނެވެ. ދެމީހުންގެ މަގަތުގައިވާ ގޮނޑީގައި ލިއާނާ އިށީންދެލިއެވެ.

”އިރާދު ކުރެއްވިއްޔާ ރަނގަޅުވާނެ“ ދިނާޔާގެ އުނގުމަތީގައިވާ އަތްތިލާގައި ހިފާލަމުން ލިއާނާ ބެލީ ކުޑަނަމަވެސް ހިތްވަރެއް ދިނާޔާގެ ނަފްސަށް ދެވޭތޯއެވެ. ލިއާނާގެ އަތައް ބާރުކޮށްލަމުން ދިނާޔާ ބޯ ޖަހައިލިއެވެ.

”ޒެވް ގެ ގާތުގަ ކޮންބައެއް“ އަޒީޒް، ލިއާނާ ކުރެން އެއްސެވެ.

”އެބަތިބި ކަޔާންއާއި ރަމްދައްތައާއި ޝާފީބޭބެ“ ލިއާނާ ޖަވާބު ދިނުމުން އެހެންހޭ ބުނެ އަޒީޒް ބޯ ޖަހައިލިއެވެ.

”ދައްތާ އެބައޮތް ސުވާލެއް..އެންމެ ރަނގަޅުތަ ކޮށްލިއަސް“ ލިއާނާ އަހައިލިއެވެ. ދިނާޔާ މަޑުމަޑުން ބޯ ޖަހައިލުމަށް ފަހު ނިތް ހިއްލާލިއެވެ.

”މީ.. ޝަވަން އެއީ ދޮންބެއާއި  އަރްކާންގެ އޭޖް އޭ ބުނީ މެންނު.. އެކަމަކު ކިހިނެތް އަލާ ދައްތައާއި ސޭމް ކްލާހުގަ ކިޔެވީ“ އެހުރިހާއިރު ލިއާނާގެ ހިތުގައި އުފެދުނު ސުވާލް އެންމެ ފަހުން ދިނާޔާ ގާތު އެހިއެވެ.

”ޝަވަން ހަމަ ނާސަރީއަށް ލީ ތަނާ އެކަމެއް ވީ.. އެ ކަންތައްގަނޑަށް ފަހު ޓްރައުމަޓައިޒް ވެގެން ވަރަށް ޑީޕް ސިޓްއޭޝަނެއްގަ އުޅުނީ..އަބަދު ރޮވިފަ ނެގިމަޑުވެފަ މުޅިން ނަފްސާނީވެފަ ހުރީ.. އޭރު އެހާ ކުޑަ އިރު އެކަމެއް ދިމާވީ ދެން ސްކޫލަށް ނުގޮސް ވަރަށް ދުވަސްވަންދެން ހުރި..އޭނާގެ އުމުރު ކުދިން ގްރޭޑް ފޯރ އަށް ދިޔައިރު އޭނާ ގްރޭޑް ވަން އަށްދިޔައީ އަލާ މެންނާއި އެއްކޮން..އެހެންވެ ސޭމް ކްލާސް އަށްވީ..“ދިނާ ކިޔައިދިނެވެ.

”ޔެސް.. ޝަވަންއަށް މެންޓަލް ހޮސްޕިޓަލް އެއްގަ ވެސް އަހަރެއް ވަންދެން ފަރުވާދޭން ޖެހުނު އެކަމުގެ ސަބަބުން“ އަޒީޒްއަށް ވެސް އެނގޭ މިންވަރަކުން ބުނެދިނެވެ. ލިއާނާ އެހެންހޭ ބުނެ ބޯޖަހައިލިއެވެ.

”ދެން ދައްތަ އާއި އަސްމާ ދައްތަ އޮސްޓްރޭލިއާއަށް ގެންދިޔަ ފަހުން ވީ ކިހިނެތް.. ދައްތަ ޕްރެގް އޭ ބުނީމެންނު“ އަނެއްކާ ވެސް ލިއާނާ އަހައިލިއެވެ. ދިނާޔާގެ ތުންފަތައް ފާއްދާލީ ފަނޑު އެހެނަސް ހިތި ހިނިތުންވުމެކެވެ.

”އަހަރެމެން ނުވިސްނަން ބުންޏަސް ވިސްނޭނެ ތާ އެވަރުގެ ބޮޑު ހާދިސާއެއް ހިނގާދިޔައީމަ.. އަސްމާ އެންމެ ބޮޑަށް ހާސްވެ ދެރަވީ އަލާ އުފަންވާއިރު އަލާއަށް ވެދާނެ ގޮތަކާއިމެދު ކަންތައް ބޮޑުވެފަ… އެރޭ އަސްމާއަށް ކާންދޭން ވެގެން ހައުލާ އެކޮޓަރިއަށް ވައިންތަނާ ފެނުނީ އަނބުރައިގަނެގެން ވެއްޓިފަ އޮއްވާ.. ހަމަ ވަގުތުން އެމަޖެންސީކޮން ހޮސްޕިޓަލަށް ގެންދިޔައިން..  ޑޮކްޓާރ ބުނީ ވަރަށް ބޮޑަށް އަސްމާގެ ހާލަތު ގޯސްކަމަށް.. މާ ބޮޑަށް ވިސްނުމުން ބްލަޑް ޕްރެޝާރ ހައިވެގެން ގޮސް ސްޓްރޯކެއް ޖެހުނީ.. ދަރިފުޅު ނޫނީ އަސްމާ ސަލާމަތް ކުރެވޭނެ ވާހަކަ ބުނީ.. އޭގެ ކުރިން މާލޭގަ މާއިދު އަނިޔާކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހިނދު އަސްމާ ވަސީއަތް ކޮށްފަ އޮތީ ވިހެއުމުގެ ތެރެއިން ވެސް ކަމެއް ގޯސްވެއްޖެނަމަ ކޮންމެވެސް ގޮތަކުން ދަރިފުޅު ސަލާމަތް ކޮށްދޭން.. އެ ދަރިފުޅަށް އަލާރާގެ ނަމުން ނަންދޭން ބުނި..“ ދިނާޔާ ކިއައިދިނެވެ. ލިއާނާއަށް އިށީންދެ އިން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫ ކޮށްލެވުން އިރު އަލާރާއާއި މެދުވިސްނާލިއެވެ. ހާދަދެރައެވެ. އަލާރާގެ ހިތާމަތަކަށް ލުޔެއް ލިބޭނީ ކިހިނެތްބާއޭ ލިއާނާ ވިސްނާލިއެވެ. އަލާރާގެ މަތިން ހަނދާންވީހެން ލިއާނާގެ ހިތައް ނުހަނު ފުން އަސަރު ތަކެއް ކުރިއެވެ.

”ދައްތަގެ ބޭބީ.. ކޮ.. ކޮބާ“

”ނިޔާވީ..އަލާ ވިހޭ ދުވަހު އަސްމާ ވަޅުލުމަށްފަހު ގެއަށް އައިތަނުން އެއްޗެއް ހީވެގެން ބަލައިލި އިރު ބްލީޑްވަނީ.. ހޮސްޕިޓަލަށް ދިޔަފަހުން އެނގުނީ ބޭބީ ފޫޅު ކަރުގަ އޮޅިގެން ނިޔާވިކަން.. އެދުވަހު ހަމްދީއަށް ގުޅާފަ ބޭބެ ބުނީ އަސްމާއާއި ދަރިފުޅު ނިޔާވެއްޖެ ކަމަށް.. އަދި ދައްތަ އަށް އަންހެން ކުއްޖަކު ލިބުނު ވާހަކަ.. އެކަމަކު އަލާރާއަށް ވަން އިޔާރ ވި ފަހުން ހަމްދީ ގާތު ތެދުތެދަށް ބޭބެ ބުނެދިން ހުރިހާ ހަގީގަތެއް..ކޮންމެވެސް ގޮތަކުން ނަސްރާއަށްވެސް އެނގިފަ އޮތީ ފަހުން..އެހެންވެ އެތައް ބައެއްގެ ފުރާނައާއި ކުޅެލައިގެން ރިވެންޖްއޭ ކިޔާފަ އެނުކުތީ.. އެކަމަކު އަހަރެމެން ކިހިނެތް އެމީހުންނަށް އިންސާފް ހޯދާދޭނީ.. ގާތިލް ހުރެފަ އިންސާފް ނުލިބި އޮތްނަމަ އެންނު އެހެން ނުކުންނަށް ވާނީ.. އަލާގެ ފަރާތުން ހެޔޮ ވާނެތަ ބަދަލް ހިފަން ..ލިއާ ބުނެބަލަ އެކުއްޖާގެ ކޮން ކުށެއް އޮތީ“ ދިނާޔާއަށް އަނެއްކާ ވެސް ރޮވުނެވެ.

”ނޫން..އޭގަ އަލާ ދައްތަގެ އެއްވެސް ކުށެއް ނެތް.. އަހަރެން ދެލޮލުން ދެކުނިން އީވާއާއި ހެދި އެފަކީރު އުޅުނު ގޮތް.. އަރްކާން ކައިރީ ބުނިން ވީހާވެސް އަވަހަކަށް ކޯޓް މަރުހަލާ ފަށަން.. ދެން ޕީސްފުލްކޮން އެންމެ ނޭވާއެއް ވެސް ލެވޭނީ ކޯޓުގަ އެމީހުންގެ ކުށްތަކަށް ހުކުމް ތަންފީޒް ކުރެވުނީމަ.. ސޯފިއާ ބުނި އެބަހުއްޓޭ އަލާދައްތަ ސިޑިން ވައްޓާލިކަމަށް ޝަވަން އިއުތިރާފްވެފަ ހުރި ކޯލް ރިކޯޑިންގް އެއް..އެންޑް ސަފާރީ ދޮންބެ ހޯދި އެއްޗިހި ވެސް އެހުރީ ހަމަ ”ދެލޮލުން އަންނަމުންދިޔަ ކަރުނުތައް ލިއާނަ ފުހެލިއެވެ. އޭނާގެ ހިތުގައި ވަނީ ގަދަ ހިތްވަރެވެ. ގުޑުން ނާރާނެ ފަދަ އަޒުމެކެވެ. ހާއްސަކޮން ނަސްރާގެ ފަރާތުން ބަދަލް ހިފަން ލިއާނާ ބޭނުން ވެއެވެ. ލޯބިވާ މައިންބަފައިން ކުށެއްނެތި ގަތުލުކުރީ އޭނާކަން ލިއާނާއަށް އެނގެއެވެ. ނުވިތާކަށް އެމީހުންގެ ސަބަބުން، ޒެވިއަލްގެ ކުށެއްނެތި ފަސްއަހަރު ވަންދެން ވަނީ ޖަލުގައި ހުންނަންޖެހިފައެވެ. އެމީހުންނާއި ދެކޮޅަށް ނުކުމުގެ ކުރިން އޭނާގެ މައިންބަފައިން މަރައިލި ދުވަހު ވީ ގޮތް ހޯދަން ލިއާނާ ވިސްނާލިއެވެ.

”މްމްމް ފާރޫގް ބޭބެ ކޮންތާކު މަރާލި“ ލިއާނާ އަހައިލިއެވެ.

”ގޭގެ ބެކްޔާޑްގަ.. ލިއާއަށް ޝަވަން މެން ހަމަލާ ދިނެއްނު.. ސޭމް ސްޕޮޓް..“ ދިނާޔާ ޖަވާބުދިނެވެ.

”އޭރުވެސް ކެމެރާ ހުންނާނެތަ ގޭގަ..“

”ޔެސް ހުންނާނެ.. އެކަމަކު މިހާރު އެހުރީ ތަފާތު ސިސްޓެމްއެއް… އޭގެ ކުރިން ހުރި ކެމެރާތައް އެބަޔަކު އެކަމެއް ކޮށްފަ ހުރީ ޑެމޭޖު ކޮށްލާފަ..ނުވިތާކަށް ހުރިހާ މެމޮރީކާޑް އަކާއި ސިސްޓެމް ފޯލްޑާރސް ތައްވެސް ނައްތާލާފަ ހުރީ..އެހެންވެ އެއްވެސް ފޫޓޭޖްއެއްވެސް ސަލާމަތެއް ނުވި“ ދެރަވެލާފައި އަޒީޒްވެސް ބުނެލިއެވެ. އެ ޖަވާބުން ލިއާނާ މާޔޫސްކުރުވިއެވެ. ދެން އޮތީ އެންމެ ގޮތެކެވެ. ކޯޓުގައި ނަސްރާ އެއްބަސްވޭތޯ މަޑުކުރުމެވެ. އެހެން ހުރިހާ ކަމަކަށް ހެކިއެބަހުއްޓެވެ. ނަމަވެސް އެންމެންނަށް ޔަގީން ކަމާއިއެކު ޒާފިރުއާއި ޝާލިއާގެ މަރަކީ ނަސްރާގެ ކަމެއްކަން އެނގޭއިރުވެސް އެކަމަށް ދެއްކޭނެ ހެއްކެއް ނެތުމުން ވާނެ ގޮތެއް ނޭނގެއެވެ. ލިއާނާ ބޯ ހާސްވާ ގޮތްވިއެވެ.

”އާހްހް..އެކަން ކުރި ދެމީހުން ވެސް އެހާ ދުވަސް ފަހުން ޖަލުން ސަލާމަތް ވެވުމުން އަނެއްކާ ދާންޖެހިދާނެތީ ނޭނގޭ ތެދު ހަދާނެ ކަމެއް“ ލިއާނާއަށް ބުނެވުނެވެ. ލިއާނާގެ ޖުމްލައިން އަޒީޒްއާއި ދިނާޔާއަށް ވެސް ބޯ ޖަހައިލެވުނެވެ.

”ހަނދާން ނެތިފަ މިހުރީ.. ބުނީމެންނު ދޯ ލިއާގެ ޕޭރެންޓްސް ނިޔާވި ދުވަހުގެ ވާހަކަ.. އެދުވަހު ފާރޫގް އުޅުނު ސްޓްރޭންޖް ގޮތް އަޒީޒްއަށް އެނގެއެންނު..އެހެން ހުއްޓަ އޭނައައިސް ބުނި ވާހަކަ އެއް ބުނަން ވެފަ އެބައޮތޭ.. ދެން އޭގެ ދެދުވަސް ފަހުން އޭނާ މަރާލީ ބަގީޗާ ތެރޭގަ… އެދުވަހު ޒެވް ހައްޔަރު ކުރީ އެކަމުގަ ބައްދާފަ.. އެނގެއެންނު ދޯ އަރްކާންކަން ހެކި ދިނީ ޒެވްއާއި ދެކޮޅަށް.. ސްޓިލް ވީ ޑޯންނޯ އެނީތިންގް މޯރ ދޭން ދެޓް..“ ދިނާޔާ ބުނެލިއެވެ. ވަގުތުން ލިއާނާގެ މޫނު އުޖާލާ ވިއެވެ.

”އެހެންވީމަ އަރްކާންއާއި ދޮންބެ އަށް އެނގޭނެ ކޮންމެ ވެސް އެއްޗެއް އެކަމާއި ބެހޭ ގޮތުން“ ދުރުގައި ހުރި އަރްކާންގެ މޫނަށް ބަލައިލެވުނު ހިނދު ލިއާނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަޒީޒްއާއި ދިނާޔާވެސް ބޯޖަހައިލިއެވެ. ނަމަވެސް އެވަގުތު ޑޮކްޓަރު ނުކުމަތްތައް ފެނުމުން އަރްކާންއާއި ވާހަކަ ދެއްކޭ  ގޮތެއް ނުވިއެވެ.

”އަލްހަމްދުއްލިއްލާހް މިވަގުތައް އަލާރާ ރަނގަޅު..އައުޓް އޮފް ޑޭންޖާރ.. އެކަމަކު އަދި ހޭނާރާ.. ކްރޮނަރީ ސްޕަސަމްގެ ސަބަބުން ކާޑިއެކް އެރެސްޓްއަކަށް އަލާޜާ ދިޔައީ… އެކަމުގެ ސަބަބުން ސަޑަން ޗެސްޓް ޕެއިން ވިޗް އިޒް ވެރީ ޕަވާފްލް ޕެއިން އަދި ނޭވާ ނުލެވި އެގޮތައް ބްލީޑް ވާން މި މެދުވެރިވީ..  ވަގުތުން ފަރުވާ ނުކުރެވުނު ނަމަ ވަރަށް ގޯސް ވީސް..އަދި އަޅުގަނޑުމެންނަށް ފާހަގަ ވި އިތުރުކަމެއް ވެސް.. އަލާރާގެ އެބަޖެހޭ ހިތުގެ ޓެސްޓު ތަކެއް ހަދާލަން.. ޢޭރުން ޔަގީންވާނީ“ ޑޮކްޓަރުގެ މޫނުމަތީގެ އަސަރުތަކުން ދިނާޔާއާއި އަޒީޒްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފެދުނެވެ.

”ވަޓް.. ކޮން.. އަޅުގަނޑުގެ ދަރިފުޅު އިތުރު ބައްޔެއް ހުރީތަ“ އަޒީޒްއަށް އަހައިލެވުނެވެ.

”މި ދެންނެވި ފަދައިން ޔަގީން ވާނީ އިތުރު ޓެސްޓުތަކެއް ހަދާލެވުނީމަ..“

”ކޮން ބައްޔެއްތަ.. އަޅެ ބުނެބަލަ“ ޑޮކްޓަރު ނުބުނަން އުޅުނު ގޮތުން އަރްކާންއަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ.

”އަރިތްމިއާ ސިންޑްރޯމް..“ ޑޮކްޓަރުގެ ޖުމްލައިން ތަނަށް މެދަށް ވެރިވެގަތީ އަޖައިބެއް ފަދަ ހަމަހިމޭންކަމެކެވެ. އެކަކު އަނެއްކަކު މޫނަށް ބަލައިލެވުނެވެ.

”އަރިތްމިއާ އަކީ ހިތުގެ ބަލިތަކުގެ ތެރެއިން މިހާތަނަށް ހޯދިފައިވާ އެންމެ ނުރައްކާތެރި އެއްބަލި.. އިނގިލައްވާ ދެއްތޯ މިއީ ކިހާ ވަރެއްގެ ބައްޔެއްކަން..އަލާރާގެ ކިބައިގަ މިބަލީގެ ވަރަށް ގިނަ ސިމްޕްޓޮމްސް އެބަހުރި …އިތުރު ތަފްސީލް އަޅުގަނޑުމެން ދޭނަން ޓެސްޓްތައް ހަދާލާފަ ޔަގީންވީމަ“ ޑޮކްޓަރުގެ މޫނުމަތިން ވެސް ފެނިގެންދިޔައީ ހަމްދަރުދީއެވެ.. އަޒީޒްގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު އެމަޖެންސީ ރޫމްގެ ތެރެއަށް ޑޮކްޓަރު ވަދެގެން ދިޔައެވެ.

***

މަޑުމަޑު ފުސްކަމެއްގެ ތެރެއިން މަންޒަރުތައް އަލިވެ ކުލަވަމުން ދިޔައެވެ. ވަށައިގެންވާ މާހައުލު ދެނެގަނެވުނު އިރު މެޝިންތަކުގެ ބީޕްއަޑުތައް ކަންފަތުގައި ހަރުލައިގެން ދިޔައެވެ. މަޑުމަޑުން ޒެވިއަލްއަށް ދެލޯހުޅުވާލެވުނު އިރު ކުރިމަތީގައި އިންގޮނޑީގައި ކަޔާން އިނީ ނިދިފައެވެ. އޭނާއާއި ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގައި ޝާފިއު ވެސް ނިދިފައި އިންތައް ފެނުނެވެ. ޒެވިއަލްގެ ހަށިގަނޑުގައި ވާ ޒަހަމްތައް އިހްސާސްވެގެން މަޑުމަޑުން އަތް ހިތްލާލުމަށް ފަހު ކަރުން ފެށިގެން ބަނޑާއި ހަމައަށް އަޅާފައިޥާ ބެންޑޭޖްތަކުގައި އަތްހިންގާލިއެވެ.

”އަލާ.. އަލާ ކޮބައިބަ“

”އައުޗް“ އަލާރާގެ މަތިން ހަނދާންވެގެން ތެދުވުމަށް ހަށިގަނޑު ސީދާކޮށްލި ވަގުތު މުޅިގަޔަށް އަރައިގެން ދިޔަ ތަދުން ޒެވިއަލްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

”ޒެވްވް..ޒެވް“ ނިދީގެ ގަދަކަނޑަށް ގެނބިފައި އޮތް ކަޔާންއަށް ކުއްލިއަކަށް ހޭލެވުނީ ޒެވިއަލްގެ އަޑު އިވުނުހެން ހީވެގެންނެވެ. ބަލައިލިހިނދު ޒެވިއަލް ދެލޯ ހުޅުވައިގެން އޮތައް ފެނި އެނދާއި ދިމާލަށް ދެވުން ގޮތްވެސް ނޭނގުނެވެ.

”ކޮބާ ލިއާ“ ޒެވިއަލް އަހައިލުމުން ލިއާނާ ވަރަށް އިރު އިނދެފައި ނިދާލަން ދިޔަ ކަމަށް ކަޔާން ބުނެލިއެވެ. އެނދުގެ ކޮޅުގައި އިން ފިތައް ކަޔާން އޮބާލިއެވެ. މާގިނައިރެއް ނުވެ ޑޮކްޓަރާއި ނަރުހުން ވަދެގެން އައިއެވެ. އެމީހުން، ޒެވިއަލްގެ ހާލަތު ބެލުމުގައި ދިހަވަރަކަށް މިނެޓް ހޭދަވިއެވެ.

”ކިހިނެތް ޒެވިއަލް… ވަރަށް ޕެއިން އެބަހުރިތަ“ ޒެވިއަލްގެ ކަނދުރާގައި އަޅާފައިވާ ޒަހަމްގަނޑު ބަލާލަމުން ޑޮކްޓަރު އެއްސެވެ. ޒެވިއަލް ނޫނެކޭބުނެ ދެފަރާތައް ބޯހޫރުވާލިއެވެ. ޑޮކްޓަރުން ދައްކަމުން ދިޔަ ވާހަކަ އެހޭވަރަށް ވުރެން އޭނާގެ ސަމާލުކަން ހުރީ އަލާރާގެ ހަބަރެއް ބެލުމަށެވެ. އޭނާ ހުރީ ޑޮކްޓަރުން ނުގޮސްގެންނެވެ.

”އިތުރު މައްސަލައެއް މިވަގުތު އެބަހުރިތޯ“ ޝާފިއު އަހައިލިއެވެ.

”އަޅުގަނޑުމެން ބެލިބެލުމުން އިތުރު ކަމެއް ފާހަގައެއް ނުވޭ.. ވައިޓަލް ވެސް ބަރާބަރު… ހުރިހާ ޒަހަމްތަކެއްވެސް އަލްހަމްދްލިއްލާހް ކުރިއަށް ވުރެން ރަނގަޅު… މިވަގުތު ހަމަ މަޑު އެއްޗިހި ކެވޭތޯ ބަލަންވީ“ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ޑޮކްޓަރުން ނުކުމެގެން ދިޔައެވެ.

”ކޮބާ އަލާ“ އެމީހުން ނުކުމެ ދޮރުޖެހިތަން ފެނި ޒެވިއަލް އަހައިލިއެވެ. ކަޔާންއަށް ތުންފަތުގައި ދަތްއެޅުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. އަލާރާގެ ހާލަތު ކިޔައިދީފި ނަމަ ގައިމުވެސް ޒެވިއަލް އެހެން ހިމޭނަކުން ނޯންނާނެއެވެ. އެކަމަކު އެއްޗެއް ނުބުނެވެސް ނުވާނެއެވެ. ކަޔާން ވިސްނާލިއެވެ.

”ކަޔާން..ކޮބާހޭ އަލާ“ ކަޔާން އެއްޗެއް ނުބުނުމުން ޒެވިއަލް އަނެއްކާ ވެސް އަހައިލިއެވެ. ކަޔާންއަށް މިފަހަރު ބަލައިލެވުނީ ޝާފިއުއާއި ދިމާލަށެވެ.

”މްމްމް ދަރިފުޅާ ހަމަޖެހޭ.. އަލާ ވެސް އަންނާނެ.. މިވަގުތު ވީ ގޭގަ.. ރެސްޓް ކޮށްލަން އެދިޔައީ“ ތުންފަތް ހަފާލައިގެން ހުރެ ޝާފިއު ޖަވާބުދިނެވެ.އެ ޖަވާބުން ކަޔާންއަށް ދެލޯ މަރައިލެވުނެވެ.  ދޮގު ހަދަން ބޭނުން ނުވިއަސް މިވަގުތު އޮތީ އެގޮތެވެ.

”އޯކޭ.. އަލާ ކައިރީގަ ބުނައްޗޭ އަހަރެން ހޯދިއޭ“ ޒެވިއަލް ބުނެލިއެވެ. އެ ޖުމްލައިން ކަޔާންއަށް އިތުރަށް އުނދަގުވިއެވެ.

”ޔެސް ބުނާނަން…ޒެވް އެބަ ގުޅަން އަރްކާން މެންނަށް“ ކަޔާން ފޯނު ހިފައިގެން ބޭރަށް ނުކުމެލިއެވެ.އިރުކޮޅަކު އެނބުރި އައިސް ވަނީ އަރްކާންއާއި އެކުއެވެ.

”ލިއާ ވެސް އެބައާދޭ.. މާދުރަކަށް ނުދެވޭ..“ކަޔާން ބުނެލިއެވެ. އޭރު އަރްކާން އައިސް ހުއްޓިލީ ޒެވިއަލްގެ މަގަތުގައެވެ.

”އާރ ޔޫ އޯކޭ..“ އަރްކާންގެ ދެލޮލުގައިވީ ތެތްކަމެވެ. ހިނިތުންވުމެއްގައި އޮވެފައި ޒެވިއަލް ބޯ ޖަހައިލިއިރު އަރްކާންގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ. އަރްކާން ކަރުނަތައް ހިންދާލަމުން ދުރު ބަލައިލިއެވެ. އެވަރުން ވެސް ލޮލުގެ މިޔަކަނުން ކަރުނަތައް ތިއްކެއް ވެއްޓިގެންދިޔައެވެ. އަވަސް އަވަހަށް ފުހެލި އިރު ވެސް އޭނާގެ ހިތައް ސިފަވެގެން ދިޔައީ ޒެވިއަލް ލެއިން ކަޅިވެފައި އޮތް މަންޒަރެވެ.

”އެންމެންނަށް ހާޓްއެޓޭކްއެއް ދީފި“ އަރްކާން ގޮނޑި ދަމާލުމަށްފަހު ޒެވިއަލްގެ ކައިރީގައި އިށީންދެލިއެވެ. ޒެވިއަލް ހިނިތުންވެލިއެވެ.

”އަރްކާން އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް ކޯޓް މަރްހަލާ ނިންމަން“ ޒެވިއަލް ބުނެލިއެވެ. އަރްކާން ބަލައިލީ ކަޔާންގެ މޫނަށެވެ. ކޮންމެ ގޮތެއްވިޔަސް މައްސަލައިގެ އަޑުއެހުމަށް އަލާރާ ބޭނުންވާނެއެވެ. އަލާރާގެ ހާލަތު މާ ގޯސް ނޫންނަމަވެސް އަދިވެސް  ހޭނާރައެވެ.  ދެމީހުން ކުރެ އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ އަރްކާން ހުރިހާ ޑޮކިއުމަންޓްސް އެއް ދިނީމަ އަހަންނަށް ސްޓޭޝަނުން ފެނުން ސާމާނާއި އެކު މިހާރު ވާނީ މައްސަލަ ފައިލް ކޮށްފަ.. އެކަމަކު..މްމް..މްމް“

”ކޮން މޫމްމް އެއް“ ކަޔާން ހުއްޓުމުން ޒެވިއަލް ނިތްއަރުވާލިއެވެ.

”ޒެވް ބޭނުން ވާނެ އެންނު ކޯޓަށް.. އަނެއްކާ އަދި ޑޮކްޓަރުން ނުދޭނެ އެންނު އެއްތަނުން އަނެއް ތަނަށް ޒެވް މޫވް ކުރުމުގެ ހުއްދައެއް “ ކަޔާން ބުނެލުމުން އެކަމާއި އެއްބަސްވުމުގެ ގޮތުން ޒެވިއަލް ބޯޖަހައިލިއެވެ.

”ޕޮލިހުން އަންނާނެ ބަޔާން ނަގަން.. އެކަމަކު ކޯޓަށް ދާން ވީމަ ޑޮކްޓާރާއި ވާހަކަ ދައްކާލާނީ ދޯ.. ވީލްޗެއާރގަ އެވަގުތުކޮޅަށް ހަމައެކަނި ދާ ގޮތައް ބުނެފަ“ ޝާފިއުގެ ހިޔާލަށް ބޯޖަހައިލި ނަމަވެސް އަރްކާން އެވަގުތު ވެސް ވިސްނާލީ އަލާރާއާއި މެދުގައެވެ.

****

”އަޅުގަނޑުމެން ހަދާލި ޓެސްޓު ތަކުގަ ރިޒަލްޓްސް ލިބިފަ ހުރީ.. އިޓްސް އަރިތްމިއާ ..“ އަލާރާ ބޭއްވިފައިވާ ޕްރައިވެޓް ރޫމްގެ ތެރެއަށް ވަދެގެން އައި ޑޮކްޓަރު ބުނެލިއެވެ. އެވަގުތު އަލާރާގެ ކައިރީގައި ތިބީ ދިނާޔާއާއި އަޒީޒްއެވެ.

”އަޅުގަނޑު ކުރިން ވެސް ބުނެލި ގޮތައް އަރިތްމިއާ އަކީ ހިތުގެ ބަލިތަކުގެ ތެރެއިން މިހާތަނަށް ހޯދިފައިވާ އެންމެ ނުރައްކާތެރި ބަލިތަކުން އެއްބަލި..މީގެ ސިމްޕްޓޮމްސްއެއް އެއީ އިންސާނާގެ ހާޓްބީޓް ނޯމަލްކޮން ހުންނަ މިންވަރަށް ވުރެން މާ ބޮޑަށް މަތިވުން ނުވަތަ މާބޮޑަށް ދަށްވުން.. އަލާރާގެ ކާޑިއެކް އެރެސްޓައަށް ފަހު ވެސް އަޅުގަނޑުމެންނަށް ފާހަގަ ވި މާ ބޮޑަށް ހާޓްބީޓް ރޭސް ވަމުންދާކަން..އެންޑް ސަމްޓައިމްސް ބީޓްސް ވެސް އިހްސާސް ނުވާހާ ދަށްވެގެން ދަނީ.. އެހެންވެ މިކޮޅުން އިތުރު ޓެސްޓް ތަކެއް ހަދާލީ.. މޭގަ ރިއްސާތީ އުޅޭތަ ކުރިން ވެސް“ ޑޮކްޓަރު އަހާލުމާއި މާއިއެކު ދިނާޔާ ނޫނެކޭ ބުނެ ދެފަރާތައް ބޯހޫރުވާލިއެވެ.

”ޗެސްޓް ޕެއިން ..ނޭވާ ލުމަށް އުނދަގޫވެ ކުއްލިއަކަށް އަނބުރައިގަތުން މިއީ ބޮޑެތި ސިމްޕްޓޮމްސް… ވަރަށް ބޮޑަށް ފަރުވާތެރި ވާންވާނެ މިކަހަކަ ކަމެއް ފެނިއްޖެނަމަ“ ޑޮކްޓަރު އިރުޝާދު ދެމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތެވެ. ބޭހާއި އަލާރާއަށް ބަލަން ޖެހޭނެ މިންވަރު ކިއައި ދިމުންދިޔައެވެ. ދިނާޔާއަށް ފެންކަޅިވެފައި ހުރެ ބަލައިލެވުނީ އަލާރާގެ މޫނަށެވެ. ދެލޯ މެރިފައި އޮތް އިރު އެމޫނުމަތިން ފެންނަމުން ދިޔައި ވަރުބަލިކަމެވެ.

”އާއިލާގަ ހިތުގެ ބަލި ހުންނަ ބޭފުޅެއް އުޅުއްވާތޯ“ ޑޮކްޓަރުގެ އެ ސުވާލުން ދިނާޔާގެ ހިތައް ގޮތެއްވިއެވެ. އަޒީޒްއަށް އިސް ޖަހައިލެވުނު އިރު ސުވާލަށް ޖަވާބު ދޭން ނުހަނު އުނދަގޫވިއެވެ. ފުރަތަމަ ފަހަރަށް ހަގީގަތުގައިވެސް އަލާރާ އަކީ އެހެން މީހެއްގެ ދަރިއެއްކަން އިހްސާސްވެގެން ދިޔައެވެ. އެއާއެކު ހިތުގައި ވޭން އަޅައިގަތީ ނުހަނު ބޮޑަށެވެ. ޑޮކްޓަރު ދެވަނަ ފަހަރަށް ސުވާލް ތަކުރާރް ކޮށްލުމުން އަޒީޒްގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ނުހަނު އުނދަގުލުން ޖަވާބުދިނެވެ.

”މްމް..އެ..އެ.. އަލާގެ އަސްލު..އަސްލު މަންމަ އަސް…އަސްމާ..އަކީ ހިތުގެ ބަލި ހުންނަ ފަރާތެއް..އު އުފެދުމުގައި ވެސް ހިތުގައި ލޯވަލެއް އެޅިގެން ފަރުވާ ކޮށްފައިވާ ފަރާތެއް“ އަޒީޒްއަށް ނުހަނު ކެތް ކުރަން އުނދަގޫވިއެވެ. އަލާރާގެމޫނަށް ބަލަން ހުރެފައި ޑޮކްޓަރުގެ އިތުރު ބަހަކަށް ވެސް މަޑުކުރާނެ ހިތްވަރު ނެތުމުން އަޒީޒްއެތަނުން ނުކުމެގެން ދިޔައީ ހިތް ރޮމުން ދިޔަ ހާލުގައެވެ. އަލާރާދެކެ، އަޒީޒް ވާ ލޯބި އެއީ ދުރުމީހުން ވެސް ދަންނަ ކަމެކެވެ. ދެރަވެފައި ހުރެ ދިނާޔާ ވެސް ބަލައިލީ އަޒީޒް ދާ މަންޒަރަށެވެ.

”އަމް ސޮރީ“ އަޒީޒް ނުކުމެގެން ދިޔަތަން ފެނި ޑޮކްޓަރު ވެސް ދެރަވެލާފައި މާފަށް އެދުނެވެ. އޭނާއަކީ ވެސް އަޒީޒް ހިސާބަކަށް ދަންނަ މީހެއްކަމުން އަލާރާއަކީ އަސްލު ދަރިއެއް ނޫން ކަން ކޮންމެވެސް ގޮތަކުން ވަނީ އެނގިފައެވެ. ކަރުނައިގެ ތެރެއިން ދިނާޔާ ދެފަރާތަށް ބޯހޫރުވާލީ އެއީ ކަމެއް ނޫންކަމަށް ބުނާ ކަހަލަ ގޮތަކަށެވެ.

”އެހެން ވީމަ ވެސް މިކަހަލަ ބައްޔަކަށް ފައްސިވާން ފުރުސަތު ބޮޑުވާނެ.. އަޅުގަނޑު ލިޔެދޭ ބޭސްތައް ގަވާއިދުން ބޭނުން ކުރައްވައްޗޭ.. އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކޮށްލަން ބޭނުން ވީހާ ވެސް ބޮޑަށް އަލާރާ ހިތްހަމަ ޖައްސުވާފަ ބަހައްޓަން ވާނެ… އަބަދުވެސް އުފާވެރި ކޮން ބަހައްޓުވާ، ކަންކަމާއި ނުވިސްނޭފަދަ ސްޓްރެސް ފްރީ މާހައުލެއް އަލާރާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ.. ބޭހަށް ވުރެން ހަގީގަތުގަ މި ބަލިން ސަލާމަތް ވުމަށް އެންމެ ބޮޑު ރޯލެއް އަދާކުރަނީ މިބުނި ކަންތައް.. ހާއްސަކޮން އަލާރާގެ ކައިރީގަ އެއްވެސް މީހަކު މާބޮޑަށް ދެރަވެގެން ނޫޅެއްޗޭ.. މިބުނީ ކައިރީގަ ރޮއި ހިތާމަ ކޮށް ހެދުން މުޅިން މަނާ.. އިނގިއްލައްވާފި ދެއްތޯ“ ޑޮކްޓަރުގެ ވާހަކަތައް ފަހު ދިނާޔާ ބޯޖަހައިލުމުން އޭނާ ނުކުމެގެން ދިޔައެވެ. އޭރުވެސް ދެލޮލުގައި ވަނީ ކަރުނައެވެ. އިންޒާރަކާއި ނުލާއި ދިނާޔާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. އަޑުބޭރުވެދާނެތީ އަނގަމަތީގައި އަތްއަޅައިގެން ހުރެ ކޮޓަރިން ބޭރަށް އޭނާއަށް ނުކުމެލިއެވެ.

ދޮރު ލެއްޕި މުޅި ތަން ހަމަހިމޭން ވެގެން ދިޔުމުން އަލާރާ ދެލޯ ހުޅުވާލިއެވެ. ދެލޯ ރަތްވެފައިވީ އިރު ލަސްލަހުން ޖަމާވަމުން ދިޔަ ކަރުނުތައް ފޭބިއެވެ. އަޑު ނުކުމެ ގިސްލެވެމުން ދިޔަ އަޑު މުޅި ކޮޓަރީގެ ތެރޭގައި އެ ވޭނީ އަޑު ހިފާލިއެވެ. ދެންމެ ކޮޓަރީގެ ތެރޭގައި ދެކެވުނު ހުރިހާ ވާހަކައެއް އަލާޜާއަށް އިވުނެވެ. ހިތުގައި އަޅަމުން ދިޔަ ޒަހަމްތައް އިތުރަށް ފުންވެގެން ދިޔަފަދައެވެ.

”އަލާގެ އަސްލު..އަސްލު މަންމަ އަސް…އަސްމާ..އަކީ ހިތުގެ ބަލި ހުންނަ ފަރާތެއް..“ އަޒީޒްގެ ޖުމްލަ ހިތާ ސިކުނޑީގައި ގުގުމާލެވެން ދިޔައިރު މެޔަށް ބާރުވަމުންދިޔައެވެ. އެ ޖުމްލައިގާ ހާސްވޭން ގަދައެވެ. އަޒީޒްގެ އަޑުގައި އެވަގުތުހުރި ހިތްދަތި އަސަރްތައް އަލާރާއަށް ކިތަންމެ ހާ ވެސް ބޮޑަކަށް އިޙްސާސްވެއެވެ. ލޯބިވާ ބައްޕަގެ ހިތައް އުނދަގޫ ވާނެ މިންވަރު ވަޒަންކޮށްލަން ވެސް ދައްޗެވެ.

ގަބޫލްކުރަން ހިތް ނޭދުނަސް އަލާރާއަށް ދުރުކަމެއް އިހްސާސްވަމުންދިޔައެވެ. އެންމެ ތުއްތު އިރުން ސުރެން އަޒީޒްއާއި ދިނާޔާއާއި އެކު އުޅުނު އުފާވެރި ދުވަސްތައް ރޯލްވަމުން ދިޔައިރު މާޒީގެ އެ ސަފްހާއާއި އަލްވަދާއު ކިޔަންވީ ވަގުތު ޖެހިއްޖެއެވެ.

”އަމް ސޮރީ މަންމާ ބައްޕާ… ވަރަށް ވަރަށް ބޮޑަށް ސޮރީ.. އަހަރެންގެ ސަބަބުން ދުވަހަކު ވެސް މަންމަމެންނަށް އުފަލެއް ލިބޭނެ ކަމެއް ނޭނގެ.. އަހަރެންގެ ސަބަބުން ހުރިހާ ކަމެއް ފެށުނީ.. އެންމެންގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލެވުނު އިރު ވެސް އަހަންނަށް ރެއަކާއި ވެސް ނުލާ.. ޔާ ﷲ ފޮގިވްމީ.. ”ބާލީހުގައި މޫނު ފޮރުވައިގެން އޮތް އިރު އެ ކަރުނުން ބާލީސް ވެސް ތެމެމުން ދިޔައެވެ. އެންމެންނަށް މާއިދުގެ ފަރާތުން ލިބިފައިވާ ގެއްލުންތައް ހަނދާން އާވިއާވިހެން އަލާރާއަށް އިތުރަށް ރޮވުނެވެ.

”ދެން ހުރީ ޒެވްވް.. ކިހިނެތް އަހަންނަށް ތި ލޯތްބާއި ދެން ފޭސް ކުރާނީ..އިންތިޙާއަށް ލޯބިވޭ..އެކަމަކު ކިހިނެތް… ކިހިނެތް ޒެވްގެ ގާތައް ދާނީ.. އަހަންނަކީ ޒެވްގެ ކުށްވެރިއެއް.. މިއަދު އަހަންނަށް މަޖުބޫރު ތި ލޯތްބަށް ފުރަގަސް ދޭން“ އަލާރާގެ ހިތުގައި އެންމެ ބޮޑަށް ޖެހުނީ ޒެވިއަލްގެ މަތިން ހަނދާން ވެފައެވެ. ޒެވިއަލް ދެކެ އިންތިޙާއަށް ލޯބިވާއިރު ވެސް ޒެވިއަލްގެ ގާތައް މިއަދު ދާނެ ހިތްވަރެއް އެ ހަށިގަނޑަކު ނެތެވެ. ޒެވިއަލްގެ ލޯބިވާ މަންމައާއި ބައްޕަގެ ފުރާނަ ކުށަކާއި ނުލާ ދުއްވާލާފައިވަނީ އަލާރާގެ އަމިއްލަ ލެއެވެ. އަލާރާގެ ހިތަކަށް ކެތެއް ނުވިއެވެ. އެތައް އިރަކު ރުއިމަށްފަހު އަލާރާ ގޮތެއް ނިންމިއެވެ. އަލާރާ ބޭނުން ވީ އެންމެންނާއި ދުރަށް ދިއުމަށެވެ. މުޅިން އެހެން މާހައުލަކަށެވެ. ނޫނެކެވެ. ބޭނުމެއް ނޫނެވެ. ނަމަވެސް މިއަދު މަޖުބޫރެވެ. އެއީ އޭނާ ދުވަހަކު ވެސް ކުރަން ހިތައް ވެސް އެރުވި ކަމެއް ނޫނެވެ.  އެހެން އެންމެންގެ ދިރިއުޅުމަށްފަހު ހަމަޖެހުމެއް ލިބޭނީ އޭނާ ދިޔުމުންކަން އަމިއްލަ ސިކުނޑި އޭނާގެ ހިތައް ވިސްނައިދެމުންދިޔައެވެ. އޭނާއަކީ އެހެންމީހުންގެ ދިރިއުޅުމަށް އެޅުނު ބަދުނަސީބުގެ ހިޔަންޏެކެވެ.

”ޒެވް އަހަންނަށް މާފް ކުރާތި.. އުއްމީދު ކުރަނީ ކޮންމެ ވެސް ދުވަހަކު ތި ލޯބި ލިބޭނެ ކަމަށް.. ވަރަށް ބޮޑަށް ލޯބިވޭ“ އަލާރާ އެނދުން ތެދުވިއެވެ. ސައިޑް ޓޭބަލް ހުޅުވާލި އިރު އޭގައިވާ އޭނާގެ ހޭންޑްބޭގައި ކުޑަ ނޯޓު ފޮތަކާއި ގަލަމެއް ފެނިގެން އެތަކެތި ނެގިއެވެ. މޭޒުމަތީގައިވާ ބޭސްތައް ދަބަހަށް އެޅުމަށްފަހު ނޯޓުފޮތުން ދެ ގަނޑު ނައްޓާލުމަށްފަހު އަލާރާ ބޭނުންވާ ގޮތަކަށް ގަނޑުތަކުގައި އެއްޗެއް ލިޔެލިއެވެ. އެއަށްފަހު ފަތްޖެހުމަށްފަހު އެއްގަނޑު ކޮޅުގެ ބޭރުގައި ޒެވިއަލްގެ ނަން ޖެހުމަށްފަހު އަނެއް ގަނޑުކޮޅު ބޭރުގައި ޖެހީ ދިނާޔާ އާއި އަޒީޒް އަދި އަރްކާންގެ ނަމެވެ. އެ މަސައްކަތް ނިމުން އިރު އަލާރާއަށް ހުއްޓުމެއް ނެތި ރޮވެމުންދިޔައެވެ. އެބަސްތައް ގަނޑުތަކަށް ދޫކޮށްލުމަށްފަހު އެމީހުންނާއި ވަކިވުމަކީ އޭނާއަށް ހަޔާތުގައި މިހާތަނަށް ކުރަންޖެހުނު އެންމެ އުނދަގޫ ކަންތަކެވެ. އަތައް ގުޅާފައިވާ އައިވީ ކެނިއުލާ ނައްޓާލުމަށްފަހު އެނދުގެ ކުރިމައްޗަށް ވާހެން ވާ ދެދޮރުފަތުގެ އަލަމާރި ހުޅުވާލިއެވެ. އޭގައި އަލާރާގެ ހެދުމެއް އިންތައް ފެނިގެން ބަދަލް ކޮށްލިއެވެ. އަލަރާމާރީގެ އިތުރު ވަތްގަނޑަކުން މާސްކެއް ފެނުމުން މޫނު ފޮރުވޭނެހެން އަޅުވާލައި އޭނާގެ ފޯނު ނެގިއެވެ. އިރުކޮޅަކު ވިސްނުމަށްފަހު ފޯނުން ނަމްބަރަކަށް މެސެޖްކޮށްލިއެވެ.

ކުރެވެން މިއުޅެނީ ހަމަ އެންމެ ރަނގަޅު ކަންތައް ބާއޭ އެތައް ފަހަރަކު ހީވެ ފަސްޖެހެވޭ ގޮތް ވެސް ވަމުންދިޔައެވެ. އަޒީޒްއާއި ދިނާޔާ، އޭނާ ދެކެ ވާ ލޯބި އަމިއްލައަށް ވެސް އިހްސާސް ވެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބަލައިލި އިރު އަޒީޒްއާއި ދިނާޔާ ކޮޓަރިއާއި ތަންކޮޅެއް ދުރުގައިވާ ގޮނޑިބަރީގައި ދޮރާއި ފުރަގަސްވާހެން ތިބި މަންޒަރު ފެނި އަލާރާ ނުކުމަތެވެ. ދިޔުމުގެ ކުރިން އެންމެ ފަހު ފަހަރަށް އެލޯބިވެތި ދެމީހުންނަށް  ބަލައިލުމަށްފަހު ހިތި ހިނިތުންވުމަކާއި އެކު ފަސްދިފައި ނުކުމެގެން ދިޔައެވެ. ހިތްރޮމުން ދިޔަ ހާލުގައެވެ. ނަމަވެސް މިއަދު ކެތްކުރުން ނޫން ގޮތެއް ނެތެވެ. ދިޔުމުގެ ކުރިން ޒެވިއަލްގެ މޫނު ވެސް ދެކިލަން ހިތް އެދުނެވެ. އެކަމަކު އެ ސޫރަ ފެނިއްޖެނަމަ އޭނާގެ ހިތް ބަދަލްވެދާނެ ކަމުގެ ބިރަށް ފަސްޖެހެވި އެ ހިޔާލު ދޫކޮށްލިއެވެ.

ހޮސްޕިޓަލްގެ ގޯތި ތެރެއަށް ނުކުމަތް އިރު ސޯފިޔާ ކާރުގައި އައިސް ވަތްތަން ފެނި އަލާރާ ހިނގައިގަތީ އެދިމާލަށެވެ. އަލާރާ ފެނިގެން ސޯފިޔާ ވެސް ކާރުން ފައިބައިގެން އައީ ކަޅުކުލައިގެ ދަބަހެއް ހިފައިގެންނެވެ.

”އަލާ ކޮބާ ދިނާ ދައްތަމެން“ ސޯފިއާއަށް އަހާ ނުލާ ނުހުރެވުނެވެ. އަލާރާ ކަރުނަވީ ދެލޯ ސޯފިއާގެ ދެލޮލުގައި އަޅާއިގަތެވެ. އޭނާ ހައިރާންވެ ހުރެ ކިހިނެތްވީތޯ ސުވާލް ކުރެވުނެވެ. އަލާރާއަކަށް ބަހެއް ނުބުނެވުނެވެ.  ސޯފިޔާގެ އަތުގައިވާ ދަބަސް އަތުލުމަށްފަހު އޭނާގެގައިގާ ބައްދާލުމަށްފަހު ދުރުވެލިއެވެ.

”ދޫނީ ކިހިނެތް ވީ.. ވަޓްސް ރޯންގް.. އަނެއްކާ ޝަވަންމެން ސަލާމަތް ވެގެން ކަމެއް ކުރަން އައީތަ“ ސޯފިއާއަށް އަނެއްކާ ވެސް އެހުނެވެ. އޭނާގެ ދަބަހުން ޓިޝޫއެއް ނަގަމުން އަލާރާގެ ދެލޯ ފުހެލަ ދިނެވެ. ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން އަލާރާ ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.

”އަޅޭ ކިހިނެތްތަ ވީ.. އަހަރެން ބިރުގަންނަން ފަށައިފި.. ކީއްވެތަ ނޯމަލް ކްލޮތްސްގަ ތިހުރީ.. އެހާ ބޮޑަށް ހާލު ގޯސްވެގެން އެޑްމިޓް ކުރީ..އަލާ އަށް އެނގޭތަ ހޭނާރާ ޓްވެންޓީ ފޯރ އަވާޒް ވީ ފަހުން ތި ހޭއެރީ.. ވޭކްއަޕް ވިޔަސް ނުވާނެ އެންނު ތިހެން ނުކުމަންނާކަށް.. ހިނގާ އެތެރެއަށް.. ޔޫ ކާންޓް ޑޫ ދިޒް..އެންޑް ކީއްކުރާ ބޭގް އެއް މިއީ.. އަލާ ބުނީމަ އަހަރެން މިއައީ ތިގެއަށް ވަގަށް ވަދެގެން އެހެން މީހަކަށް ނޭނގޭނެ ހެން މިހިފައިގެން“ސޯފިއާ އުޅުނީ އަލާރާގެ އަތުގައި ހިފައިގެން އެތެރެއަށް ގެންދާށޭވެ. ނަމަވެސް އަލާރާ ހުރި ފިޔަވަޅު މަތީގައި ހުރިއިރު ގުޑުވާ ވެސް ނުލިއެވެ. އެހެން ހުރެފައި ޔަގީން ކޮށްލީ އެ ދަބަހުގައި އޭނާގެ ޕާސްޕޯޓް އޮތްތޯއެވެ. ޕާސްޕޯޓް ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ސޯފިއާއަށް ދިއްކޮށްލީ އޭނާ ދެ ގަނޑުކޮޅެވެ.

”އަހަރެން މިތާގަ ހުންނާނަން.. ދޭ ތި ދީފަ އަންނަން މަންމައާއި ޒެވްގެ އަތައް“ އަލާރާ  ބުނެލިއެވެ. ހައިރާންވެފައި ސޯފިޔާ ހުރިއިރު އެ ތަނުން މައްޗަށް އޮތް ކަރުދާސްކޮޅު ސޯފިޔާ ބަލާލަން އުޅުމުން އަލާރާ މަނާ ކޮށްލިއެވެ.

“ އައިލް ގޯ ވިތް ޔޫ ތި ދީފަ އައީމަ.. އެންޑް ޑޯންޓް ލުކް އިންސައިޑް.. އޯލްސޯ ޕާސް ދިސް ހަގް ޓް މައި ޕޭރެންޓްސް އިނގޭ.. މިއަދު މަދާސް ޑޭ އެންނު…އައި ހޯޕް ޑޭވިލް ލަވް މައި ޕްރެޒެންޓް..ސޯފީ ނޯ މޯރ ކުއެޝަންސް“ ސޯފިޔާ ސުވާލު ކުރުމަށް އަނގަހުޅުވާލުމުން އަލާރާ ދެފަރާތައް ބޯހޫރުވާލިއެވެ. އަލާރާ،  އޭނާގެ ގައިގާ އަދި އެއްފަހަރު ބައްދާލުމަށްފަހު ހީލިއެވެ. އެ ހިނިތުންވުން ހާސްވޭނަށް ވުރެން ވޭންގަދައެވެ. އެހާ ހިތްދައްޗެވެ.  އަލާރާ ބުނެލި ޖުމްލަތައް ގަބޫލްކޮށް، މައުސޫމް ހިނިތުން ވުމެއްގައި ހުރެ ބޯޖަހައިލާފާ ސޯފިއާ ދިޔައިރު ވާން މިއުޅޭ ގޮތް ކުޑަކޮން ވެސް ރެއަކާއި ނުލާ ފަދައެވެ. އެއީ އަލާރާއާއި ބައްދަލް ވާނެ ފަހުފަހަރޭ ސޯފިޔާގެ ހިތައް ވެސް ނާރައެވެ.ކުޑަކޮން ދުވެލާފައި ހޮސްޕިޓަލްގެ ތެރެއަށް ވަދެގެން ދިޔައީ އެ ރައްދު ކުރުމަށްފަހު އަލާރާގެ ގާތައް އަވަހަށް އައުމުގެ ބޭނުމުގައެވެ.

ސޯފިޔާ ވަތްތަން ފެނި އަލާރާ މިސްރާބު ޖެހީ ހޮސްޕިޓަލުން ބޭރަށެވެ. އޮހޮރެމުން ދިޔަ ކަރުނަތައް އެގޮތުގައި ވުމަށް ދޫކޮށްލައި ޓެކްސީއެއް ހޯދުމަށްފަހު އަރައި މިސްރާބުޖެހީ އެއާރޕޯޓާއި ދިމާލަށެވެ. މިއަދު ލޯބިވާ އެންމެ ދޫކޮށް ކުރިމަތި ލުމަށް ތައްޔާރު އެވީ މުޅިން އާ ދިރިއުޅުމަކަށެވެ. އެންމެންނާއި ދުރު އެކަނިވެރި ދިރިއުޅުމަކަށެވެ. ހިތުގައި ވޭން ނާޅާ އެންމެ ތަންކޮޅެއް ވެސް ނުވެއެވެ. މޭގައި ރިއްސަން ފެށުމުން އަތްދަބަހުން ބޭސް ގުޅައެއް ނަގާ ކާލިއެވެ. ”އަމް ސޮރީ މައި ލަވް“ ފޯނުގައިވާ ޒެވިއަލްގެ ތަސްވީރަށް ލޮލުން ފޫދެމުން ދިޔަ ކަރުނައާއި އެކު އަލާރާ ބޮސްދިނެވެ. އެ ފިރިހެންވަންތަ ހިނިތުންވުން ދެން ފެންނާނީ ކޮންދުވަހަކުން ބާއެއޭ ހިތައް އެރިއެވެ. ޒެވިއަލްގެ ސޫރަ ނުދެކި އެންމެ ދުވަހެއް ވެސް އަލާރާ ހޭދަކޮށްލާނެ ގޮތެއް ތަސައްވުރު ކުރަންވެސް ދައްޗެވެ. ނަމަވެސް ތަގްދީރުގައި ދެމީހުން ގުޅެން ހުރި ނަމަ ދިމާވާނެކަމަށް އަލާރާއަށް އުއްމީދު ކުރެވުނެވެ.

****

(ދެ އަހަރު ފަސް)

 

***

(ނުނިމޭ)

 

 

 

 

 

Share this
Copy to Clipboard

Comments (14)

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.