ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 39

ޗޭނުގަނޑުން ސަލާމަތް ވާނެ އާލާތެއް ފެނޭތޯ ވަށައިގެން ލޯ ހިންގަނިކޮން ކުއްލިއަކަށް އެ ތަނުގައިވާ ހަނި ދޮރެއް ހުޅުވުނު އަޑު އަހާފައި  ޒެވިއަލް ބަލަހައްޓައިގެން އިނެވެ. ދޮރު ހުޅުވުނު ވަގުތު ބޭރުން އިންޖީނު އަޑެއް އިވެމުންދިޔައިރު، ކޮންމެ ވެސް ވަރަކަށް މޫދު ލޮނު ވަސް ދުވަމުންދިޔައެވެ. އެކަމަށް ސަމާލުވެގެން އިންދާ އޭނާއަށް ފެނިގެން ދިޔައީ ފެންނާނެ ކަމަށް އުއްމީދު ކުރި ފަރާތެއް ނޫނެވެ.

“ސާމިއު” ޒެވިއަލް ދިޔައީ ރުޅިގަދަ ވެގެން ދިޔައިރު އެ މޫނަށް ފާއްދާލީ ރަތްކުލައެވެ. ރުޅިން ތުރުތުރު އަޅަމުން ދިޔައިރު  ސާމިއުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުބައި ހިނިތުންވުމެކެވެ.

***

“އާން މަ..” ސާމިއު ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. އެ  އަމަލުން ޒެވިއަލްގެ ރުޅި ވަކިން ގަދަވިއެވެ.

” އަލާ ކޮބާ… އަދިވެސް ކަލެއަށް ކުރެވުނު ވަރު ކުޑައީތަ”

“އާން ކުޑައީ.. މާއިދުގެ އާއިލާއަށް ކުޑަވެސް އުފަލެއް ލިބޭތަން ދެކުމަކީ އަހަންނަށް އެންމެ ކެތް ނުކުރެވޭނެ ކަންތައް..” ޒެވިއަލްގެ ޖުމަލް ނިމުނު ހިނދު ، އިތުރު މީހެއްގެ އަޑު އިވިގެން ބަލައިލި އިރު ޝަވަންއެވެ. ޒެވިއަލް ސިހުމެއް ލިބުނީ އޭނާގެ އަތުގައިވާ ފިސްތޯލެއް ފެނިއެވެ.

“ފިރިހެނަކަށް ވެ ހުރެ ކައެ ހާދަ ބިރުން އިން ހެން ހީވެއޭ.. ރަނޑު ސ**.. ހަހަހަ” ސާމިއު ޖަހައިލި ހިނިގަނޑުގައި ޝަވަން ވެސް ބައިވެރިވެރި ވެލިއެވެ.

“މަ ކޮން ބިރެއް ގަންނާކަށް.. ރަނޑުވެގެން އުޅޭ ސ*ކީ ކޮބައިކަން އެނގޭނެ އަދި.. އަލާ ކޮބާ ” ޒެވިއަލް ރައްދުދިނެވެ.

“އެއީ ކަލޭގެ ކާކުތަ މާ ފޯރިއެއް އަރައިގެން ތިއުޅެނީ..” ޝަވަން އެއްސެވެ.

“ޖެހޭތަ ބުނަން.. ކަލެއަށް ކީއްތަ އަހަރެމެން ދެމީހުން ކޮންމެ ކަހަލަ ގުޅުމެއް އޮތަސް.. އީވާ އާއި ސިއްރުން ގުޅުން ބާއްވާފަ އަދިވެސް މައިތިރި ނުވެގެން ތަ ތިއުޅެނީ.. ކަލެއަކަށް ނުވާނެ އެއްކަމެއް ވެސް..” ޒެވިއަލްގެ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް އަރައިގެން ދިޔައީ ޝަވަންގެ ގޮށް މުށުގެ ހަމަލާއެކެވެ. އަނގަމަތިން ލޭތައް އޮހޮރިގެން އައި އިރު ޒެވިއަލް ޖަހައިލީ ހިނިގަނޑެކެވެ.

“ކަލޭ ހެނީތަ ..އެނގޭތަ އަލާރާ ވީ ތަނެއް… އޭނައަށް ހެދި ގޮތް އެގޭނަމަ ވެސް ކަލޭ ތިހާ ހިނި އައިސްފަ ހުންނާނެ ތަ” ޝަވަން ފިސްތޯލް ނަގާ އޭގައި އިނގިލި ހިންގާލިއެވެ. ޒެވިއަލް، ސާމިއުއަށް ނަޒަރެއް ދިން ހިނދު އޭނާ ހުރީ އެ ނުލަފާ ހިނިތުން ވުމުގައެވެ. ޒެވިއަލްއަށް ބޯހޫޜުވާލެވުނީ ސާމިއު ދުވަހަކު ވެސް ބަދަލް ނުވާނެކަން ޔަގީންވުމުންނެވެ.

“މަށައް އެނގޭ ކަލެއަށް އަލާ މަރާލުން އެއީ ނުކުރެވޭނެ ކަމެއްކަން..މަ ކޮންކަމަކާ ބިރުގަންނަން ވީ” ޒެވިއަލް ބުނެލިއެވެ. އެހެން ބުނެލި ކަމުގައި ވިއަސް އެވަގުތު ވެސް އޭނާގެ ހިތް ތެޅެމުން ދިޔައީ  އިންތިހާއަށެވެ. އަލާރާއަށް ކަމެއް ނުވޭތޯ ހިތާހިތުން ދުއާ ކުރެވުނު އަދަދެއް ވެސް ނޭނގެއެވެ.

“ކިހިނެތް ހޭ އެނގެނީ.. މަ ކީއްކުރަންތަ އެ އާއިލާ އެކަކުވެސް ބަހައްޓަން ވީ ސަލާމަތުން.. ކަލޭ ހީކުރީ ދޯ ލިއާނާއާއި އަރްކާން ގުޅުވާފަ ފިލިއިރު  އަހަރުންނަށް ލިއާނާއަކަށް ވެސް ކަމެއް ނުކުރެވޭނެއޭ.. އަޒީޒްގެ އާއިލާއަށް އެހީވާ އެކަކަށް ވެސް ސަލާމަތެއް ނޯންނާނެ.. މަށައް އެނގޭ މަށަށް ކުރެވުނު ފޯނު ކޯލްގެ އަޑު ކަލެއަށް ކަން އިވުނީ.. އެހެންވެ ދޯ އަލާރާ ގޮވައިގެން ފިލަން އުޅުނީ.. ސޭމް އަށް ފެނުނު ކަން ނަސީބު ހަމަ”ޝަވަން ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަހެން ވެސް ހީވިއެވެ.

“ކަލެއަށް ކެރިއްޖެ ދޯ އަރްކާން އަށް ލިއާނާ ދޭން ވެސް.. ދުޝްމަނެއްނު..ހަހަހަހާ”

“ލިއާ އާއި އަރްކާން އެގުޅުނީ އަހަރެންގެ ފުރިހަމަ ރުހުމުގަ.. އަހަންނަށް އެނގޭ ދޮގު ހެކި ބަސް ދިނީ ކަލޭކަން..އަހަންނަށް ޖަލަށް ދާން ޖެހުނީ އަދި އަރްކާންއަށް އެދުވަހު އެހެން ހަދަން ޖެހުނީ ވެސް ކަލޭގެ ސަބަބުން… ކޮބާ ހޭ އަލާ..” ސާމިއުއަށް ރައްދު ދެމުން ޒެވިއަލް ބުނެލިއެވެ. ސާމިއުގެ ކަންފަތް ދޮށުގައި ޝަވަން އެއްޗެކޭ ބުނެލުމުން ބޯ ޖަހައިލާފާ އެވަގުތު އެތަނުން ނުކުމެގެން ދިޔައެވެ.

“އަލާރާ ދޯ.. ހާސް ނުވޭ.. މަ ބޭނުން ފުދުނީމަ ކަލެއަށް ދީފާނަން… ހައެއްކަ ރެއަށް އޭނަ އަދި ބޭނުންވޭ” ޝަވަންގެ ޖަވާބު އަހާފައި ޒެވިއަލްގެ ލޭ ކެކިގަތެވެ.

“ނިމުނީ އިނގިލި ކުރި ޖައްސާލިއަސް… ބުނާށޭ.. ކޮބާ އަލާރާ” ޒެވިއަލްގެ ރުޅިގަދަ ވެގެން ގޮސް މަޑުން އިންނަން އުނދަގޫ ވީ އިރު ވެސް ކެތް ކޮށްލީ އޭނާ ބަލިކަށި ވީ ކަމަށް ހަދާފައި ޝަވަން އިތުރަށް ގަދަ ކޮށްލަފާނެ ކަމަށް ވިސްނާފައެވެ.

“އަދި ވެސް ތި ހާލުގަ އިނދެވެސް މަށައް އިންޒާރު ދެނީތަ…ހަހަހަ.. ނާހާނަންތަ މަށައް މި ހާލު ޖެހުނީ ކީއްވެކަމެއް… މުއްސަނދި ވިޔަސް އަހަންނަކީ ވެސް ކަލޭ މެން ކަހަލަ އާދައިގެ ދިރިއުޅުމަށް އެންމެ ކުރިން ލޯބި ކުރި މީހެއް.. ނުބައި މީހެއް ނޫން.. މީހުންނަށް ހެޔޮ މީހެއް.. އަހަރެންގެ މުޅިހަޔާތުގަ ، މުޅި ދިރިއުޅުމުގަ ހުޅުޖެހީ ތިޔަބުނާ އަޒީޒްގެ އާއިލާ” ޝަވަންގެ އެންމެ ފަހު ދެ ޖުމްލަ އިވި ޒެވިއަލްއަށް ބަލައިލެވުނެވެ.

“ނާހާނަން ދޯ…ހަހަހަހަ.. މަށައް ހެވޭ ނޭޙިޔަކަސް… މަ ކިޔައިދީ ފާނަމޭ ކަލޭ ނޭހިޔަސް… މަށައް އެނގޭ އިއްޔެގެ ފޯނު ކޯލް އިވުނީ ޒެވިއަލްއަށް ކަން…އަހަރެންގެ ކޮއްކޮ އީމާން.. އީމާން ރޭޕް ކުރުމަށް ފަހު އެންމެ ދެ އަހަރުގަ އެ ތުއްތު ކުއްޖާ މަރައިލީ އެ އަލާރާގެ ބައްޕަ، އަދި އަޒީޒްގެ އެއްބަޑު އެއްބަފާ ކޮއްކޮ މާއިދު ރަޝާދު” ޝަވަން ބުނެލި ޖުމްލަތަކުން ޒެވިއަލް އެކީ ހުއްޓުނެވެ. ހީވީ އޭނާގެ މޫނުމަތީގައި މީހަކު ވަރުހުރި އެތިފަހަރެއް ޖަހާލި ހެންނެވެ. ބަހެއް ބުނަން އަނގަހުޅުވޭ ވަރަށް ވުރެން ޒެވިއަލްގެ ހާލު ދެރައެވެ. ޝަވަންގެ މޫނުމަތިން އުދާސްކަން ފުރަތަމަ ފަހަރަށް ޒެވިއަލްއަށް ފާހަގަ ވިއެވެ.

“ކޮން ..ކޮން ދޮގެއް ހަދާކަށް” ޒެވިއަލްއަށް ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. ޝަވަން ބޯ ޖަހައިލިއެވެ. ޖީބުން ފޯނު ނަގާފައި ހާވާލުމަށްފަހު އޭނާ ދައްކައިލީ ފޮޓޯއެކެވެ. ކަފުނަށް ލެވިފައިޥާ ތުއްތު ތުއްތު އަންހެން ކުއްޖެކެވެ. ކަޅާއި ހުދުގެ ފޮޓޯއަކަށް ވުމުން އަހަރުތަކެއްގެ ކުރިން ނަގާފައިވާ ފޮޓޯއެއްކަން ޔަގީންވެއެވެ. ނަމަވެސް އެކުއްޖާގެ މޫނުމައްޗަށް އަނިޔާވެފައިވާ ވާ ވަރު ފެނިގެންދެއެވެ. ވައަތު ކޮލާއި ލޯ މައްޗާއި ނިތްކުރިން ބޮޑުބައެއް ހަލާކުވެފައިވިއެވެ.  އެ މަންޒަރު ޒެވިއަލް އިތުރަށް ސިހޭ ގޮތްވިއެވެ. ހިތުގައި ހިފައި ފިތާލި ފަދަ ނުބައި އިޙްސާސެއް ކުރެވެމުން ދިޔައެވެ.

“ތިއީ އީމާން… ޒެވިއަލް އާއި ލިއާނާއަށް ވެސް ރޯޅި އައީ ސަބަބެއް ނެތިއެއް ނޫން.. އެނގެއެންނު ކަލޭމެންގެ މަންމަ ޝާލިއާއަކީ ޕްރޮސެކިއުޓާރަ ޖެނެރަލްގެ ސީނިއާ ލީގަލް އޮފިސަރ އެއް… ބައްޕަ ޒާފިރްއަކީ އަޒީޒްގެ އަތްދަށު ވަޑި..ޝާލިއާ ހުރީ އީމާންގެ ކޭސްއާއި އޭރު ހަވާލުވެގެން.. އަޒީޒްގެ އާއިލާގެ ކޭސްއަކަށް ވާތީ ކޭސް ނިންމައިލީ އަޒީޒް ބޭނުންވި ގޮތައް.. ހަމްދީއަށް ވެސް މަ ނަފްރަތު ކުރަން.. އަމިއްލަ ބައްޕައެއް ކަމަކު ރަތް ރޮނގު ހުރަސްކުރީމަ މަޑަކުން ނުހުރެވޭނެ.. އަމިއްލަ ދަރިފުޅުގެ ކޭސް އަށް ވެ ހުރެ  ބައްޕައަށް މުހިއްމުވީ އެއްބަނޑު ކޮއްކޮގެ ދަރިފުޅު.. އެކުއްޖާއަށް ބަލާފަ ބައްޕަވެސް އަޅާނުލީ ބައްޕަ.. މާއިދުގެ ފަރާތުން ބަދަލް ނުހިފުނިއްޔާ އޭނާގެ ވާރުތަވެރިން އޭގެ ބަދަލް ދޭން ޖެހޭނެ..” ޝަވަން ވާހަކަ ދައްކަމުން ދިޔައެވެ.

“ވެއިޓް ވެއިޓް.. ތިބުނާ މާއިދު ކޮބާ”  ޒެވިއަލް އަހައިލިއެވެ.

“އީމާން މަރާލުމަށްފަހު ޖެހިގެން އައި ދުވަހު އޭނާ ބޭސް ތަކެއް ކާލައިގެން އަމިއްލައަށް މަރުވީ.. އެހިސާބުން އެ ކޭސް ނިންމާލީ .. ކޮބާ އަހަރުން އާއިލާއަށް އިންސާފް.. އަލާރާގެ ބައްޕަ މާއިދު އަކީ އަޒީޒްގެ އެއްބަނޑު އެއްބަފާ މީހާ ވީމާ ދޫ ކޮށްލީ ޝާލިއާ ވެސް އެ ކޭސް.. އެންމެ ކުޑަ މިނުން މަރުގެ ދިޔަ ވެސް ނުދިން.. އެނގޭތަ.. އަލާރާގެ މަންމަ އަކީ ކާކު ކަން .. އަހަރެންގެ ބައްޕައާއި އެއްބަޑު އެއްބަފާ އަންހެން ކޮއްކޮ އަސްމާ.. އަލާރާއަކީ އަރްކާންގެ ވެސް ކަޒިން އެއް.. އަހަރެންގެ ވެސް ކަޒިން އެއް.. އެކަމަކު މާއިދު ކުރި ނުބައި އަމަލުގެ ބަދަލް ދޭން ޖެހޭނީ އަލާރާއަށް.. އެ ހުރިހާ ކަމެއް ވީ އަލާރާ ވިހޭ ދުވަސްކޮޅު.. އެހުރިހާ ކަމެއް ވީ އިރު އަސްމާ ވެސް ބަނޑު ބޮޑު.. އަޒީޒްއާއި  ދިނާޔާ ދިޔައީ އަސްމާ ގޮވައިގެން އޮސްޓްރޭލިއާއަށް.. ގޮސް އައީ ދުވަސްގަނޑެއް ފަހުން އޭރު އަލާރާއަށް ނުވަ މަސް… އެންމެނަށް އަންގާފަ އޮތީ ދިނާޔާ ޕްރެގް ވެގެން އަލާރާ ލިބުނީ އެކޮޅަށް ދިޔަ ފަހުން ކަން.. އަސްމާ ވިހޭ ދުވަހު ދަރިފުޅާއި އެކު އަސްމާ  މަރުވީ ކަމަށް އަޑުފަތުރާފަ އޮތީ.. އަހަރެން ވެސް ގަބޫލް ކުރީ އެގޮތައް އެކަމަކު އީވާއަށް އެނގުނީމަ އީވާ ބުނީ މަ ކައިރީގަ.. އީވާ ވެސް ބޭނުންވާނެ ދޯ ބަދަލް ހިފަން.. މުޅިގޭގަ އީވް ހުންނަނީ ބާކީ ވެފަ.. އެ އަލާރާގެ ސަބަބުން ހަމަ….އަލާރާއަކީ ސުންޕާ އަންހެނެއް..ހުރިހާ ކަމެއް ފެށުނީ އެ ޗައިލްޑް ރޭޕިސްޓް މާއިދު ގެ ސަބަބުން .. އޭނާއަށް ނުދިން ބަދަލް މަ ހޯދާނީ އަލާރާގެ ފުށުން..  މިއީ އަލާރާގެ ކިބައިން ބަދަލް ހިފަން މައުޅޭ ސަބަބު.. މިކަން ހުއްޓުވަން އުޅޭ އެންމެން ވެސް ޖެހޭނީ އަބަދުގެ އަބަދަށް ދާން… އަލާރާއަށް އެހީވާ އެންމެނަށް ވެސް ޖެހޭނީ މިހާލު… މިހާރު އެނގޭނެ ފާރޫގް އާއި  ޝާތިރް ވެސް މަރުވީ ކިހިނެތް ކަން… އަދި ކަލޭ މައިންބަފައިން މަރުވީ ކިހިނެތް ކަން.. އަހަހަ..” ވާހަކަ ނިންމާލަމުން ޝަވަން ބުނެލި ޖުމްލަތަކުން ޒެވިއަލްގެ ލޭ ކެކިގަތެވެ.

“މަށައް ކިހިނެތް އެނގެނީ ކަލޭ ތިހެދީ ތެދު ކަމެއް ވެސް.. ހަނދާން ކުރާތި ކަލޭ ތިބުނިހެން އަހަރެންގެ މައިންބަފައިން މަރާލީ ކަލޭމެން ކަމަށް ވަންޏާ.. މަ މިތަނުން ސަލާމަތް ވާ ދުވަހު ކަލޭ މަރާލާނަން.. އަލާގެ އެއްވެސް ކުށެއްނެތް.. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް ތި އަނިޔާ ދިން އިރު އެއްޗެއް ހިތައް ވެސް ނޭރިތަ.. ހަމަ މިހާރު ބުނޭ އަލާ ވީތަން.. ބުނާށޭ” ޒެވިއަލް ހަޅޭއްލަވައިގަތެވެ. “ކަލޭ މަ އަތުން މަރުވާން ބޭނުން ނުވަންޏާ އަލާ ވީ ތަން ބުނޭ”

ޒެވިއަލްއަށް ހުއްޓުމެއް އައީ އަތުގައި އޮތް ފިސްތޯލަށް ފިތާލި ހިނދު ބުރައިގެން ދިޔަ ވަޒަނުން އިވިލި ގަދަފަދަ އަޑުންނެވެ. ޝަވަން ފިސްތޯލް ޖަހައިލީ ހުރި ދިމާ މައްޗަށް ކަމަށް ވުމުން ވަޒަން އަމަޒުވެގެން ދިޔައީ މަތީގައި ޖަހާފަ ހުރި ލަކުޑި ތަކުން ލަކުނޑި ގަނޑަކަށެވެ.

“ހަބަރު ދާރް އެންމެ ބަހެއް ބުނެލަން އަނގަ ހުޅުވާލިއަސް އަލާރާ މަރުވާނީ މަގޭ އަތުން.. މައިތިރި ވެގެން އިނދޭ” ޝަވަން އިތުރަށް ބަހެއް ނުބުނެ އެތަނުން ނުކުމެގެން ދިޔައިރު ޒެވިއަލް ތުރުތުރު އަޅަމުންދިޔައެވެ.

“މަ ދުނިޔޭގެ ހުއްޓަ ލާހިކެއް ނޫން އިނގިލި ކުރި ވެސް އަލާ ގައިގަ ޖައްސާފަ އޭނާ ފިލާ އޮންނާކަށް.. ނިމުނީ” ޒެވިއަލް ބަލަމުންދިޔައީ ވީހާ ވެސް އަވަހަކަށް އެ ޗޭނުގަނޑު ގައިން ވަކި ކޮށްލެވޭތޯ އެވެ.

***

ކުޑަ ކޮޓަރިގަނޑުގެ ކަނެއްގައި އަލާރާ އިން އިރު ބޯ ޖަހައިގެން އިނީ ކަކުލުގައެވެ. އެ ދިގު އިސްތަށިގަނޑު ދެފަރާތުން ވަނީ ފެތުރިފައެވެ. އޭނާ ލާފައިވަނީ އެންމެ ފަހުން އަޒީޒްގެ ރިޞޯޓުގައި ބޭއްވި ހަފްލާގައި ލާފައިވި ހެދުމެވެ.  ބޮޑު ހެދުމުގެ ފަސްބައި ވެސް އޭނާ އިށީންދެ އިން ހިސާބަށް ވަނީ ފެތުރިފައެވެ. ހަޔާތުގައި އިވޭނެ ކަމަށް ދުވަހަކު ވެސް އުއްމީދު ކުރި ވާހަކަ ތަކެއް ނޫނެވެ. އޭނާގެ މުޅި ދުނިޔެ އަނދިރި ވެއްޖެ ކަހަލަ އެވެ. ޝަވަން، އޭނާއަށް އަނިޔާ ދެމުންދާ ސަބަބު އެނގުނު އިރު އަލާރާގެ ހިތައް ކޮށްފައިވާ އަސަރު އެ މޫނުން ކިތަންމެހާ ވެސް ބޮޑަކަށް ހާމަވަމުން ދިޔައެވެ. އަލާރާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައިރު، އެ އަޑު އިވުމުން ކިތަންމެ ހަރު ހިލަ ހިތެއްގެ ވެރިއަކަށް ވެސް އަސަރްކުރާނެކަން ގައިމެވެ. މޫނާއި ދެލޯ ރަތްވެ ދުޅަވެފައިވީ އިރު ހަށިގަނޑު މަޑުތުރުތުރެއް އަޅަމުންދިޔައެވެ.

“އަހަންނަކީ ބައްޕައާއި މަންމަގެ ދަރިއެއްނޫން.. ބައްޕަގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް.. ދޮންބެގެ ކަޒިން އެއް..ޝަވަންގެ ކަޒިން އެއް.. އުފަން މަންމަ ނިޔާވެއްޖެ.. އުފަން ބައްޕަ އަކީ ގާތިލެއް.. ޝަވަންގެ ކޮއްކޮ މަރާލުމަށްފަހު އަހަރެންގެ އުފަން ބައްޕަ މަރުވީ އަމިއްލައަށް އެވެސް ޕޮލިހުންނަށް ފިލަން.. ޒެވްގެ މައިންބަފައިން ވެސް މަރުވީ އަހަރެންގެ އުފަން ބައްޕައޭ ކިޔުނު މީހާގެ ސަބަބުން… އަންކަލް ވެސް.. މަރުވީ…މަ..މަ މަރުވީ އަހަރެންގެ ސަބަބުން” ހިތް ރޮމުން ދިޔަ އިރު އަލާރާގެ ހަށިން ވަރު ދޫވާހެން ވެސް ހީވަމުންދިޔައެވެ. އެއްވެސް ވަރެއް އިޙްސާސް ނުވެ އިންދާ އިށިންދެ އިން ދިމާލަށް އޭނާ އަރިއަޅާއިލިއެވެ.  ނުހަނު ބާރަށް ރޮވެމުން ދިޔައިރު ދެންމެ އިވިގެން ދިޔަ ކޮންމެ ޖުމްލައެއް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

“އަހަންނާއި ހެދި ހުރިހާ ކަމެއް ވެސް ވީ.. ޔާ ﷲ މިއަޅާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި” އެތައް އިރެއް ވަންދެން އެހެން އަލާރާ ރޯން އޮތެވެ. ނަމަވެސް އެއަޑު އަހާނީ ކާކުހެއްޔެވެ. އަމިއްލަ ނިކަމެތިކަން އިންތިހާއަށް އިޙްސާސް ކުރެވެމުންދިޔައެވެ. “އަހަންނަށް ހައްގު ޝަޒާ ބަ މި ލިބެމުންދަނީ.. އަހަރެންގެ މަންމައާއި ބައްޕަގެ އަސްލު ދަރިއަކަށް ވީ ނަމަ..މަންމާ…އާއާހްހް” ދިނާޔާއާއި އަޒީޒްގެ މަތިން ހަނދާންވެ ވަކިން ބޮނޑަށް ރޮވެމުންދިޔައެވެ. ހިތައް ލިބެމުން ދިޔައީ ނިމުން ނެތް ކެކުޅުންތަކެވެ. ދުރުގައި އަލާރާގެ ހަރަކާތްތަކަށް ނަޒަރު ހިންގާލަ ހިންގާލަ، ހިންމިއަކަށް ދޮރު ހުޅުވާލައިގެން ބޭރުގައި ސާމިއު ހުއްޓެވެ. އޭނާގެ މޫނުމަތީގައި ރަހުމުގެ ކަންފުޅެއްވެސް ނުވާއިރު ދުވެލަ ދުވެލަ ހުރީ ކާމިޔާބީގެ ހިނިތުންވުމެވެ.

ދޮރު ހުޅުވިގެން ދިޔައިރު ބަރުފިޔަވަޅު ތަކެއްގެ އަޑު އިވެމުން ދިޔައެވެ. ފަހަރަކަށް ވުރެން ފަހަރެއް ކައިރިވަމުން ދިޔަ އިރު ވެސް އަލާރާ އެގޮތުގައި އޮތެވެ. ނުހަނު ހިތްވަރުކޮށްފައި އެންމެ ފަހުން އަލާރާ ތެދުވެލިއެވެ.

ޝަވަން ދޮރުން ވަދެގެން އައިސް އިށީންދެލީ ނުހަނު ކައިރީގައެވެ.

“މިހާރު އިނގިއްޖެ ދޯ ޖެހިގެން ހުރި ކޮޓަރީގަ ތި ހޯދާ މީހާ އިން ކަން.. ސައުންޑު ޕްރޫފް ކޮށްފަ ހުރި ތަނެއް މިއީ.. ޒެވިއަލް އަކަށް ނީވޭނެ ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް.. ޒެވިއަލް ކިތަންމެ ހަޅޭއްކެއް ލެވިއަސް ކަލެއަކަށް ވެސް ނީވޭނެ.. މި ރިމޯޓުން އެކްސެސް ދިނީމަ މަ ބޭނުން ވީ އިރަކުން މަ އިއްވަން ބޭނުންވާ އެއްޗެއް އެކަނި އިވޭނީ.. ދެންމެ ޖެހިގެން ހުރި ކޮޓަރިން ޒެވިއަލް އާއި މަށާއި ދޭތެރޭގަ ދެކެވުނު ވާޙަކަ އިވުނީ، މަ އެކްސެސް ދިނީމަ..  ”  ފޮނިވެލާފައި ޝަވަން ދައްކައިލީ އަތުގައި އޮތް ރިމޯޓެވެ. އަތުގައިވާ ރިމޯޓު ނަގާ ސާމިއުގެ އަތައް އެއްލުމުން އެ ހިފައިގެން އޭނާ ނުކުމެގެން ދިޔުމުން ޝަވަން އަނެއްކާ ވެސް އަލާރާއާއި ވީ ކޮޅަށް އެނބުރިލިއެވެ.

“މިހާރު އެނގިފަ ހުންނާނީ މަށައް މިހެން އުޅެން ޖެހިފަ މިއަދު މި ވާ ރީޒަން..މި ހުރިހާ ކަމެއް ފެށުނީ ކަލޭގެ ބައްޕަގެ ސަބަބުން.. އެމީހާ ދުނިޔެއަށް އުފަން ނުވިނަމަ ދޯ.. އެތައް މުސީބާތަކުން އެތައް ބައެއްގެ ދިރިއުޅުނު ސަލާމަތް ކުރެވުނީސް.. އަހަރެންގެ ލޯބިވާ ކޮއްކޮ، އަހަރެންގެ ބޮޑު ދައިތަ އަސްމާ..އައި މީން ކަލޭގެ މަންމަ…ދެން ޝާތިރްއާއި ޒެވިއަލްގެ މައިންބަފައިން… މި އެންމެންގެ ފުރާނަ ގެއްލުނީ އެ ސުންޕާ މާއިދުގެ ސަބަބުން.. ކަލޭގެ ބަފާގެ ސަބަބުން..” ރުޅި ވެރިކަމާއި އެކު ޝަވަން ދައްކަމުން ދިޔަ ވާހަކަ އަހަން އިސްޖެހިފައި އަލާރާ ހުރިއިރު އެއާއި ވިއްދާފައި ވެސް އެއްޗެއް ބުނަން މިއަދަކު އަލާރާއަކަށް ކުޅަދާނައެއް ނުވިއެވެ. ކޯތާފަތުން ތިރިއަށް ހޯސްލާފައި ކަރުނު އޮހޮރެމުން ދޔައެވެ.

“ދިނާޔާއާއި އަޒީޒް ކަލޭ ފޮރުވައިގެން ގެންގުޅުނު އިރު މިދުވަސް އައިސްފާނެ ކަމަކަށް ހިޔެއްވެސް ނުކުރަންދޯ…ހަހް.. ކަލެއަށް ހަމަ ހައްގު އަދަބު މިއަދު ތިލިބެނީ.. ހަހަހައްހާ..”

“އަހަރެންގެ އާއިލާ ދޫ ކޮށްލާފަ ކުރާ ކަމެއް މަށައް ކުރޭ.. އެމީހުންގެ ނަން މިތަނަށް ނުގެނޭ” ވަރަށް ހިތްވަރު ކޮށްފައި އަލާރާ ބުނެލިއެވެ.ޝަވަން ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. ދެވަނަ ސިކުންތު އޭނާ އަލާރާއާއި ދިމާލަށް ޖެހިގަތެވެ. ރަހުމެތް ހަމްދަރްދީއެއް ނެތި އަލާރާގެ އަނގައިގާ ޝަވަން ހިފައިގަތެވެ. ބިރުގަނެފައި ހުރި ވަރުން އަލާރާގެ ދެލޯ ބޮޑުވިއެވެ.ކަރުނަތަކާއި އެކުވެގެން، އަނގައިން ފައިބަމުންދިޔަ ލޭތައް ވެސް ތިކި ޖަހަންފެށިއެވެ. ވަމުން ދިޔަ ތަދުން އަލާރާ ފަހަތައް ޖެހެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

“ނޫނޭ..ގެންނާނަން ކަލެއަށް ހީވަނީތަ.. ލާ ހިކެއް ނޫން އެކަމުގަ ބައިވެރިވި އެކަކަށް ވެސް ސަލާމަތް ވެގެން ހުންނާކަށް.. މި ކޮށްލީ ކުޑަ ވަރެއް.. ދެން ވެސް މައިތިރި ވެގެން އިނދޭ ބޭކާރް ވާހަކަ ނުދައްކާ” އަލާރާގެ މޫނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލުމުން ކަރުނައިގެ ތެރެއިން ބޯ ޖަހައިލިއެވެ.

***

ރައިހާއަށް ނިދާ ހޭލެވުނީ އޭނާ ފޯނަށް ހުއްޓުމެއް ނެތި ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުންނެވެ. ނުދަންނަ ނަމްބަރަކުން ގުޅައިފިނަމަ އޭނާ ނުނަގާނެއެވެ. ރަނގަޅަށް ހޭލެވުނު ވަގުތު ހުއްޓުމެއް ނެތި މެސެޖް ތަކެއް ވެސް އަންނަމުން ދިޔަ އަޑު އިވުނެވެ. މެސެޖް ބަޔަށް ވަދެ ބަލައިލި އިރު ކަޔާންގެ ނަން ފެންނަން އިނުމުން މޫނުމައްޗަށް ވައްތަރެއް ޖައްސާލުމަށްފަހު ފޯނު ދުރަށް ހޫރުވާލިއެވެ. ކިތަންމެ ނޫންކަމަށް ހެދި ނަމަވެސް ކަޔާންގެ ނަން އިވިލިޔަސް ދުށުމަށް އެދެވެއެވެ. މާޒީއާއި ދުރަށް ދާން އެ ހިޔާލްތައް ފުހެލުމަށް ކުރަމުންދާ މަސައްކަތް ވެސް ކާމިޔާބު  ވާކަށް ނޫޅެއެވެ. ކަޔާންގެ މަތިން ހަނދާން ނެތުމުގެ ބަދަލްގައި ހައްތަހާ ވެސް ދެމީހުން އެކުގައި އުޅުނު ހަނދާންތައް އާވަނީއެވެ. ރައިޙާ މެސެޖްތައް ނުބަލާ ފޯނާ ދުރުވެލީވެސް އެހެންވެއެވެ. ކަޔާން ދޭތެރެއަކުން އެހެން ކުރާ މެސެޖް ނުބަލާ ރައިހާ ބަހައްޓާނީއެވެ. އެކަމުން އޭނާ ދެރަ ވަނީއެވެ. މާޒީގައި ކަންވެފައި އޮތް ގޮތުން، ކަޔާންގެ މަތިން ހަނދާންވެ އޭނާ ދެރަވާ ކަން ޝާފިއު އާއި ރަމްލާ އަދި ލިއާނާއަށް އަންގާކަށް ބޭނުމެއް ނުވެއެވެ.

ފެންވަރައި މަގްރިބް ނަމާދު ކޮށްލައިގެން ރައިހާ ކޮޓަރިން ނުކުމަތީ ބަނޑުހައިވެފައި ހުރިވަރުން ކޮންމެވެސް އެއްޗެއް ކާލުމަށެވެ.  ބަދިގެއަށް ވައިން އިރު ނޭފަތުގައި އައިސްޖެހިލީ ރަމްލާ ޕޭން ކޭކް ފިހަމުންދާ މީރު ވަސްގަނޑުންނެވެ. ބަނޑު ފުރިގެން އައި ފަދައެވެ.

“މަންމާ ޕޭން ކޭކް ތާ” ނުހަނު އުފާވެފައި ހުރެ ރައިހާ ގޮސް ހުއްޓިލީ ރަމްލާގެ މަގަތުގައި އުނދުނާއި ވީ ފަރާތަށެވެ. ރައިހާ ބުނެލި ގޮތުން ރަމްލާގާތައް ހުރީ ހިނި އަންނަ ގޮތްވެފައެވެ.

“ކޮބާތަ ބައްޕަ” އުނދުން މަތީގައި ރަމްލާ ފިހަމުން ދިޔަ ޕޭން ކޭކު އަތުން ނަގަމުން ރައިހާ އަހާލިއެވެ.

“ދަރިފުޅާ…އުނދުންމަތީގައި ކެކި ކެކި ހުންނަ އެއްޗިހި މާ މީރީތަ.. އެހެރީ ފިހެފަ ނަގާފަ ހުރި ކޭކްތައް ވިއްޔަ..” ރައިހާ ގެ ބޮލުގައި އިނގިލިން ކޮއްޓާލަމުން ރަމްލާ އަޑުލިއެވެ. ރައިހާ ހެމުން ހެމުން މޭޒުމަތީގައި އިން މޭޕްލް ސިރަޕް ފުޅިން އެތިކޮޅެއް އަޅާލަމުން ކާލިއެވެ. ހިނިގަނޑެއް ޖަހާލަމުން އަނެއްކާ ވެސް އޭނާ އަހައިލީ ޝާފިއު ފެންނަން ނެތުމުންނެވެ.

“ބައްޕަ ވެއްޖެ ފެންވަރަން ވަދެފަ…އަހާނ މިއޮތް އައީނު” ރަމްލާ ޖަވާބް ދީދީ ހުއްޓާއި ޝާފިއު ވަދެގެން އަންނަތަން ފެނުނެވެ.

“ދަރިފުޅާ.. މިރޭ ދެން ނިދޭނެތަ.. ހަވީރު ނިދަން އޮއްތާލި ކުއްޖަ ތިޔަ ހޭލީ ވިއްޔަ.. މިހާރު އެއޮތް އަށެއް ޖެހީ..” ޝާފިއު ގޮސް ހުއްޓިލީ ކޮފީ މޭކަރ ކައިރީގައެވެ.

“ލައްބަ ނިދޭނެ އޭ..ބައްޕާ އާދެ ޕޭން ކޭކް ކާން” ތައްޓަކަށް ހަވަރަކަށް އެތިލާފައި މޭޕަލް ސިރްޕް ފުޅިއާއި އެކު ތަށި ހިފައިގެން އޭނާ ދިޔައީ ލިވިންގރޫމްއަށެވެ.

” ދަރިފުޅާ ލިއާ ކޮބާތަ.. ތިން ދުވަސް މިވީ ނުފެންނަތާ”  ތަނަވަސް ބޮޑު ސޯފާގައި ޖައްސާލި ތަނާ ޝާފިއު ވެސް އައިސް އިށީނީ ކޮފީއެއް ހިފައިގެންނެވެ.

“ލައްބަ އަޅުގަނޑަށް ވެސް ނުފެންނަތާ ތިހާ ވަރު ވެދާނެ.. ގުޅާލަން މިއުޅެނީ މިރޭ އެގެޔަށް ދާން.. ޕާޓީގެ ފަހުން ނުފެނޭ ވިއްޔަ”

“އެހެންތަ.. ބުނައްޗޭ ބައްޕަ ހޯދި ވާހަކަ ..އޭތް…އަށެއްގެ ހަބަރު ފެށެން އެއުޅެނީ .. ނިކަން ލާބަލަ ..އަހަރެމެން ޕާޓީ މީހުން މުޒާހަރާއަށް ނުކުންނަ ވާހަކަ ކިޔާނެ މިރޭ…” ޝާފިއު ނިކަން ގަޔާވެފައި ބުނެލުމުން ހިނިއައިސްފައި ރައިހާ ހަބަރަށް ލައިދިނެވެ.

“ރާއްޖެ އާއި ދުނިޔޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު އަޒީޒްގެ އަންހެން ދަރިފުޅު އަލާރާ މުހައްމަދު އަޒީޒް ގެއްލިގެން ހޯދަން ފަށައިފި…” އެންމެ ފުރަތަމަ ވެސް ހަބަރުގައި އަޅާލި ސުރުހީ އިން ރައިހާއާއި ޝާފިއު ދިޔައީ ސިހިގެންނެވެ. ދެލޯ ބޮޑުވެފައި އެކަކު އަނެކަކުގެ މޫނަށް ބަލައިލި އިރު ދެން ހަބަރުގައި ކީ އިތުރު އެއްވެސް ވާހަކައެއް ދެމީހުން ކުރެން އެކަކަށް ވެސް ނީވޭ ކަހަލައެވެ. ޔަގީން ކުރަން ހަބަރުގެ ސުރުހީ ދެތިން ފަހަރަށް ކިޔައިލެވުނެވެ. އެހެން ތިއްބާ ރަމްލާ ވެސް ބަދިގެއިން ނުކުމެގެން އައީ ޝާފިއުގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. ރަމްލާއަށް ވެސް ޓީޥީ އިން ގެނެސްދެމުން ދިޔަ ހަބަރު ފެނި ގަނޑުވިއެވެ.

“ބައްޕާ.. ރަނގަޅު ހަބަރެއް ތަ” ހުއްޓުން އަރާފައި އިން ޝާފިއުގެ ކޮނޑުގައި ހިފާލަމުން ރަމްލާއަށް އަހާލެވުނެވެ. ޝާފިއު އެއްޗެއް ނުބުނެ ގުޅާލި އަޒީޒްއަށެވެ.

“ވެއިޓް ކަޔާން އެހެން ބުނަންބާ މި ދެ ދުވަހު އެހެންޏާއަށް ވުރެން ގިނައިން މެސެޖްއެކުރީ.. އަޅެ ލިއާ ވެސް ރަނގަޅެއްނު” ރައިހާއަށް ހިތާހިތާ ކިޔައިލެވުނެވެ. އަތުގައިވާ ތަށި ސޯފާ މައްޗަށް ދޫކޮށްލާފައި ފޯނު ނަގައި މެސެޖްބައިން ކަޔާންގެ މެސެޖްތައް ހުޅުވާލިއެވެ. އެތައް ދުވަހަކަށް ފަހު ކަޔާންގެ މެސެޖްތައް ފެނުމުން، އެ ނާޒުކް ވަގުތުވެސް ރައިހާ ހިސާބަކަށް ފިނިވެސް ވިއެވެ. ބައްދަލް ކޮށްލުމަށް އެދިފައި ކަޔާން ވަރަށް އާދޭސް ކޮށްފައިވެއެވެ. ލިއާނާއާއި އަލާރާގެ ކަމެއްކަމުގައިވެސް ބުނެފައިވިއެވެ. އެގޭ ކައިރިއަށް ވެސް މެސެޖް ކޮށްފައި ހުއްޓެވެ. ގޭގެ ކުރިމަތި އަރާނެ ހެން ފޮޓޯ ނެގުމަށްފަހު ފޮނުވާފައި ހުރިއިރު އެގެޔަށް ކަޔާންއަކަށް ވަންނާކަށް ނުކެރޭނެކަން ރައިހާ ވެސް ދަނެއެވެ.

އިރުކޮޅަކު ވިސްނާލަން ހުރެފައި ކަޔާންއަށް ގުޅާލިއެވެ. ގުޅާލިތާ މާގިނައިރެއް ނުވެ ފޯނު ނަގާ ކަޔާން ވާހަކަ ދައްކަން ފެށިއެވެ.

“ރައިހާއަށް ފޯނު ނެގިއްޖެ ދޯ.. އެނގޭތަ ބޮޑު ކަމެއް ވެގެން އުޅޭކަމެއް.. އަހަރެން ދެކެ ރުޅި އަޔަސް ކީއް ދޯ ވާނީ މެސެޖް ވެސް ބަލާލަން.. މިރޭ ހަބަރު ފެނިގެން ހެން ހާދަ ހީވެއޭ ތި ގުޅީ.. ނޯ ޔޫސް ދެން.. މަ ނިއު ނަމްބަރުން ގުޅީމަ ވެސް ފޯނު ނެގީއެއް ނޫނޭ އަދި” ކަޔާންގެ އަޑުގައިވާ ހިތްހަމަ ނުޖެހުން އިޙްސާސްވެ ރައިހާގެ ހިތައް ތަދުވެލިއެވެ. ނަމަވެސް އޭގެ މައްޗަށް ރައިހާ އިސްކުރީ ރުޅިއެވެ.

“ޖެހޭތަ ނަގަން.. ތިހާ ކަމެއް އަންގަ ދޭން ބޭނުން ވާ މީހެއް ނަމަ މިގޭ ކައިރިއަށް އައިސް ވެސް މެސެޖް ނުކޮށް އަސްލު ނަމްބަރުން ގުޅި ދާނެ އެންނު.. ” ރައިހާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރު ރަމްލާއާއި ޝާފިއު ތައްޔާރު ވަމުން ދިޔައީ އަޒީޒްމެންގެ ގެޔަށް ދިޔުމަށެވެ.

“ދަރިފުޅާ ތައްޔާރު ވޭ..އަލާ ވެސް ޒެވް ވެސް ގެއްލިގެން..އެހެންވެ ލިއާ އެ ފޯނު ނުނަގަނީ” ރަމްލާ ގޮވާލުމުން ރައިހާއަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.

“މަގޭ އަސްލު ނަމްބަރުން ގުޅިއްޔާ ނަގާނަން ތަ.. އާން އެބަ ގުޅަން” ރައިހާ ވާހަކަ ދައްކަން އަނގަހުޅުވާލި ހިނދު ކަޔާން ފޯނު ކަނޑާލައިފިއެވެ. އެކަމާއި ރުޅި ގަދަވި ވަރުން އިންތަނުން ތެދުވަންނަން އުޅުނު ހިނދު އޭނާ ފޯނު ރިންގު ވުމުން ބަލައިލި އިރު ކަޔާން އެވެ.

“ވަޓް.. ނައު.. އަނަދާރ އެކްސްކިއުޒް..ހަހް” ރައިހާ ތުންފިއްތާލަމުން ބުނެލިއެވެ.

“ދޮރު ހުޅުވާ” ކަޔާން ބުނެލިއެވެ. އެހިނދު ރައިހާ ދެލޯ ބޮޑުވިއެވެ. އޭރު ޝާފިއު މެން ވެސް ނުކުންނަން ވެގެން ތިބީ ދޮރު ކައިރީގައެވެ.

“މިގޭގަ ތަ..ނޫން..ނޫން.. މަންމައާއި ބައްޕަ އެބަ ތިބި ދޮރު ކައިރީގަ.. އަލާ ދައްތަ މެންގެ ކަންތައް ހަބަރުން އެނގިގެން ބައްޕަ ވަރަށް ޕްރެޝާރ ގަ ހުރީ.. ކަޔާން މިގަޑީގަ ނުވަންނާތި ބައްޕަ ހުއްޓާ ބައްޕަ އަތުން ބޮނޑިއެއް ބޯން ނޫނިއްޔާ..” ވައި އަޑުން ރައިހާ ބުނެލިއެވެ.

“ޑޯންޓް ވޮރީ..އައި ސޭފް” އިތުރު އެއްޗެއް ނުބުނެ ކަޔާން އަނެއްކާ ވެސް ފޯނު ކަނޑާލައިފިއެވެ.

“ދަރިފުޅާ އަދި ތީނީ ރެޑީ ނުވެ.. މަންމަމެން މިދަނީ.. މީހުން ގިނަ މަގުތައް ބަލައިގެން އާދޭ އެނގޭ” ރައިހާ ހުރިގޮތައް ހުރުމުން ރަމްލާ ބުނެލިއެވެ. އަވަސް އަވަހަށް ބޯ ޖަހައިލާފައި ރައިހާ މަޑުކޮށްލީ އެމީހުން ލިފްޓާށް އަރަންދެންނެވެ.

ލިފްޓްގެ ދޮރު ލެއްޕުމާއި އެކު ރައިހާ ފަރާތް ފަރާތައް ބަލައިލީ ކަޔާންގެ ހިލަމެއް ޥޭތޯއެވެ.

“ތި ވަރަށް ނުހޯދާ މަ މިހުރީއޭ..”ކަޔާން ނުކުމެގެން އައީ ސިޑި ގޮޅި ބިއްދޮށުންނެވެ. ރައިހާއަށް މޭގައި އަތް ޖައްސާލެވުނެވެ. އެހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ވެސް އޭނައަށް ދޫކޮށްލެވުނީ އެވަގުތެވެ. އެއްޗެއް ނުބުނެ ހުރެފައި ރައިހާ، ކަޔާންއަށް ނަޒަރެއް ދެވުނެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓާއި ކަޅު ޖީންސްގައި ހާދަ ފުރިހަމައެވެ. ކުރުކޮން ކޮށާލާފައިވާ އިސްތަށިކޮޅާއި ރީތިވަރަކަށް ހުރި ތުނބުޅިން، އެ ފިރިހެންވަންތަ ހަށިގަނޑަށް އިތުރު ދިރުމެއް ލިބެއެވެ. ކަޔާން ބޭނުންކޮށްފައި ސެންޓްގެ ހިތްގައިމް ވަސް މުޅި ތަނުގައި ހިފާލާފައި ވާއިރު ރައިހާއަށް ނޭވާ ހިފަހައްޓާލެވުނީ ކަޔާން އައިސް ހުއްޓިލެއް ކައިރިކަމުންނެވެ.

“އެ..އެތެރެއަށް ވަންނަން ވީނު.. ދެވިދާނެ ފަނަރަ ވަރަކަށް މިނެޓް.. އެގެޔަށް ދާން އެބަ ޖެހޭ” ވަރަށް ހިތްވަރުކޮށްފައި ރައިހާ އަހައިލުމުން ކަޔާން ކާން ބޯ ޖަހައިލިއެވެ. އެހާ ގާތުގައި ހުރެގެން ކަޅިޖަހާ ނުލާ ރައިހާއާއި ދިމާ ކަޔާން ބަލަމުން ދިޔަގޮތުން އޭނާ ހުރީ ހިސާބަކަށް ފިނިވެފައެވެ.

“އިށީންދޭ..” ކަޔާންއަށް، ސޯފާގައި އިށީންނުމަށް އިޝާރާތް ކޮށް އޭނާ ވެސް އިށީންނެވެ. ރައިހާ ދެއަތް މޮޑެލި ހިނދު ފުރަތަމަ އަހާނީ ކޮން ސުވާލެއްބާއޭ ވިސްނާލަން ޖެހުނެވެ.

ކަޔާންއަށް ވެސް ވަމުންދިޔައީ އެފަދަ ގޮތެކެވެ.ދައްކަންއައި ޥާހަކަ ދެއްކުމަށް އަނގަ ހުޅުވާލާފައި ވެސް މަޑުޖެހިލަން ޖެހުނީ ރައިހާ ފެނުމުން އޭނާގެ ނަފްސަށް ވެރިވެގަންނަމުން ދިޔަ ޖަޒުބާތު     ތަކުންނެވެ. އެ ރީތި އަންހެން ކުއްޖާ ފެނުނީންސުރެން ކަޔާން ކުރަމުން ދިޔަ ހިތްވަރު ނެތިގޮސްފާނެ ކަމުގެ ބިރުވެސް ހީވަމުން ދިއެވެ.

“ފެނިއްޖެ ދޯ ހަބަރު..” އެންމެ ފަހުން ކަޔާން ވާހަކަ ދައްކަން ފެށިއެވެ. ރައިހާ  ބޯ ޖަހައިލުމުން ކަޔާން ހުރިހާ ވާހަކައެއް ކިޔައި ދެމުން ދިޔައެވެ. އެވާހަކަތައް އިވެމުން ދިޔަ ވަރަކަށް ރައިހާއަށް ލިބެމުން ދިޔައީ ވަރުގަދަ ޝޮކެކެވެ. އީވާ އޭނާއަށް ގޯސް ނަމަވެސް، އަމިއްލަ އާއިލާއަށް އެހެން ހަދާފާނެ ކަމަކަށް ރައިހާ ކުޑަކޮންވެސް ހިތަކަށް ނާރައެވެ.

“ބަޓް އީވާ.. ވައީ” ސޯފާގެ ލެނގޭ ބަޔަށް ލެނގިލި އިރު ރައިހާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އަލާރާއާއި މެދު ވިސްނާފައެވެ. އީވާ ފެންނަ ހިނދު އޭނާގެ މޫނުމަތީގައި ރައިހާ ޖަހަން ބޭނުންވިއެވެ.

“ޒެވްއަށް އެގިގެން މިކަމާއި އުޅޭތާ ދުވަސްކޮޅެއް ފަހުން އަހަރެމެންނަށް ވެސް އަދި އެނގޭ ވަރުވީ.. ޒެވްގެ ބޮލަށް ހަމަލާ ނޭރިނަމަ އޭނައަށް ކޮންމެ ގޮތެއް ވިޔަސް ބަލާނެ އަލާ ސޭވް ކުރެވޭތޯ..” ލިއާނާގެ ފޯނުން ފެނުނު ކެމެރާގެ މަންޒަރުތަކުގެ ހަނދާން ކޮށްލަމުން ކަޔާން ބުނެލިއެވެ. ރައިހާ ދެލޯ މަރައިލާގެން އޮތް އިރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

***

****

ލިއާނާގެ ދެލޯ ދުޅަވެފައި ވީ އިރު އަދިވެސް ދެލޮލުން ކަރުނަ ހުސްނުވާ ކަހަލައެވެ. ޒެވިއަލް އާއި އަލާރާގެ ހަބަރެއް ނުވާތާ ފަސް ދުވަސް ވެގެން ދިޔައިރު ލިއާނާ ފެންނަނީ ނުހަނު ބަލިކަށި ކޮންނެވެ. ނަސްރާއާއި ލަތީފް ހައްޔަރުކުރެވުނު އިރު،  ކެނޑިނޭޅި ޕޮލިހުން ދަނީ އަލާރާ އާއި ޒެވިއަލް ހޯދަމުންނެވެ. ނަމަވެސް ކުރިއެރުމެއް  ނުލިބެއެވެ. މުޅި ސޯޝަލް މީޑިޔާގައި އަދި ޓީވީ ތަކުންނާއި އޮންލައިން ނޫސްތަކުން ހަބަރެއްގެ ގޮތުގައި ގެނެސް ދެމުންދިޔައީ އެ ހަބަރެވެ. ދެމީހުން ރަހީނުކޮށްފައި ވާހަބަރު، ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ނޫސް ތަކުން ވެސް ގެނެސްދެމުން ދިޔައިރު، ކުށްވެރިން ކަމަށް ޝައްކު ކުރެވިފައިވާ ފަރާތްތަކުގެ ވަނަވަރުވެސް ދިޔައީ އާންމުވެގެންނެވެ. ޝަވަން އާއި އީވާ އަދި ސޯފިއާ އާއި ސާމިއުގެ ފޮޓޯ ދައުރުވަމުން ދިޔައިރު އެންމެންގެ ތެރެއިން އީވާގެ ފޮޓޯ އާންމުވެގެން ދިޔުމުން ހައިރާން ނުވާ އެކަކުވެސް ނުވެއެވެ. ތަފާތު ގޮތްގޮތައް އާންމުންގެ ތެރޭގައިވެސް ވަނީ އެ ހަބަރު ފެތުރިގެން ގޮސްފައެވެ.

ފުރަތަމަ ދެދުވަހު އަޒީޒްގެ ގޭގައި މަޑުކޮށްގެން ހުރެފައި ނުދިއުމަށް ގޭގެ އެންމެން އެދެމުން ދަނިކޮން ވެސް، އަމިއްލަ ގެޔަށް ލިއާނާއައީ އެގޭގެ މީހުންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ. އެމީހުންގެ ހިތާމަތަކަށް ލިއާނާގެ ސަބަބުން ބޮޅެއް އިތުރުވާކަށް ލިއާނާ ނޭދެއެވެ. ކޮންމެ ދުވަހު އަރްކާން އެގެޔަށް އާދެއެވެ. ލިއާނާގެ ކައިރިއަށް އައިސް، އޭނާގެ އަމިއްލަ ގެޔަށް ގެންދަން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ލިއާނާ އެކަމުން މަނާވެގަންނަނީއެވެ. އިހްތިޔާރު ކުރީ ހަމަހިމޭންކަމާއި އެކަނިވެރިކަމެވެ.  ދިނާޔާގެ ހާލަތު ގޯސް ކަމުން އަޒީޒްއަށް ނާދެވުނު ނަމަވެސް ލިއާނާގެ އަށް ގުޅާ ހާލު ބަލަމުން ދިޔައެވެ.  ގިނަވަގުތު ރައިހާ އާއި ރައިހާގެ އާއިލާ އެގޭގައި ވަގުތު ހޭދަ ކުރި ނަމަވެސް އެކަނިވެލުމުގެ ބަހަނާގައި ލިއާނާ ގިނަ ވަގުތު އޮންނަނީ ކޮޓަރީގައެވެ.  މޫނުމަތިން އުފާވެރިކަމެއްގެ އަސަރް ނުވާތާ ދެލޮލުގައި ވެސް ވަނީ ހުސްކަމެވެ.

ލިއާނާ އޮތީ ސޯފާގައިއެވެ. ކެނޑި ނޭޅި ފޯނު ރިންގުވަމުން ދިޔަ އިރު ވެސް އަޅައިވެސް ނުލައެވެ. އެހެން އޮތްވާ އެންމެފަހުން ސިހުނީ ގޭގެ ދޮރު ހުޅުވުނު އަޑު އިވިފައެވެ. އެ އޮތްގޮތައް އޮވެދޮރާއި ދިމާލަށް ބޯ ދިއްކޮށްލި ހިނދު އަރްކާން އެތެރެއަށް ވަންނަނީއެވެ. ދެއަތުގައި ބަރާވެފައިވާ ކޮތަޅުތަކެއް ހިފައިގެން ހުރިތަން ލިއާނާއަށް ސޯފާއިން ތެދުވެވުނެވެ.

“ތިއޯ..” ލިއާނާ އަހައިލިއެވެ. އަރްކާން ލުއި ހީލުމެއް ރައްދު ކޮށްލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ލިއާނާގެ ކައިރީގައި އިށީނެވެ.

“އަޅެ ފޯނު ކައިރީގަ ބާއްވައިގެން ހަމަ ތިއޮތީ ދޯ ނުވެސް ނަގާ..” ލިއާނާގެ މޫނުގެ ދެފަރާތުގައި ދެއަތް އަޅުވާލަމުން އަރްކާން އަހައިލީ މަޑުމައިތިރި ކަމާއިއެކުއެވެ. އެއްޗެއް ނުބުނެ އިސްޖެހުނު އިސްޖަހައިލިއެވެ. އަރްކާން އެއްއަތުން ލިއާނާގެ ދަތް ދޮޅީގައި އަޅުވާލާ އުފުލާލިއެވެ.

“އަމް ސޮރީ.. އައި” އަރްކާންއާއި ހަތަރުކަޅި ހަމަކުރެވުނު އިރު އެދެލޮލުން އޭނާއަށްޓަކައިވީ ލޯބި ފެނި ލިއާނާ ހިތުގަ ޖެހުނެވެ. އޭނާއަށް ކަންތައް ކުރެވުނު ގޮތުން ގައިމުވެސް އަރްކާން ދެރަވާނެއޭ ހީވިއެވެ. ވިސްނަމުން ގޮސް ބަލިކަށިވެފައި ވާ ވަރުން އަރްކާން އާއި މެދު ވެސް ލިއާނާއަށް ދިޔައީ ފަރުވާ ކުޑަ ކުރެވެމުން ކަން އިޙްސާސްވެ، އިންތަނުން ތެދުވެ ދުރަށް ހިނގައިގަތީ  މާ ބޮޑަށް ރޮވޭތީއެވެ. ނަމަވެސް ލިއާނާއަށް ދެވުނީ ތަންކޮޅަކަށެވެ. އަރްކާން އެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލަމުން ހަށިގަނޑުގައި ބައްދާލީ ނުހަނު ބާރަށެވެ.

“ކޮންތާކަށް ތި ދަނީ ލަވް.. ޔޫ ހޭވް މީ… ޔޫ ކޭން ކްރައި އޭޒް މަޗް އޭޒް ޔޫ ވޯންޓް” ލިއާނާގެ އިސްތަށިގަނޑުގައި މަޑުމަޑުން އަރްކާން ފިރުމާލި ހިނދު ލިއާނާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަރްކާންގެ އުނަގަނޑުގައި ދެއަތް ވަށާލި ހިނދު އިތުރަށް ރޮވެމުން ދިޔައެވެ.

“އަމް ސޮރީ  މާ ބޮޑަށް ދެރަވެފަ ހުރީމަ އެއްވެސް ކޯލްއަކަށް އެޓެންޑް ނުވަން.. އަމް ސޮރީ” ލިއާނާ ބުނެވުނެވެ.

“އަހާނނ.. އިޓްސް އޯކޭ އޭ.. އެއީ އެހާ ބޮޑު ކަމެއް ނޫނޭ..އިނގެއޭ ލިއާ ދެރަވެފަ ހުރި ވަރު..”

“ދޮންބެ މަތިން ހަނދާންވަނީ.. ދޮންބެ އޯކޭ ވާނެ ބަ”ގިސްލެވެމުން ދިޔައިރު ލިއާނާ ބުނެވުނެވެ. އަރްކާން ތުންފަތުގައި ދަތް އަޅާލައިގެން ހުރެވުނެވެ. ލިއާނާ ރޯތައް ބެލުމަކީ އޭނައަށް ކުރަން އެންމެ އުނދަގޫ އެއް ކަންތަކެވެ.

“އިންޝާﷲ ޒެވް ވެސް އަލާ ވެސް ސަލާމަތުން ފެންނާނެ.. މިހާރު ވެސް ކެނޑިނޭޅި ވަރުބަލި ކަމެއްނެތި ޕޮލިހުން އެއުޅެނީ އެކަމުގަ.. ކަޔާންއައީމަ އަހަރެން ވެސް ދާނަން އެމީހުންނާ އެއްކޮން.. ތިހެން ރޯކަން އެނގުނީމަ ޒެވް ވެސް ދެރަވާނެ… އެނގޭތަ މަންމަ މިއަދު ވެސް ލިއާ ނުގޮސްގެން ދެރަވެފަ ހުރީ.. ބައްޕައަށް ވެސް މަންމައުޅޭ ގޮތުން ނުކެރޭ ނުކުންނާކަށް.. އަހަންނަށް ވެސް މިއަށް ވުރެން ބޮޑަށް އަޅާލެވޭނެ ގެއަށް ދިޔައީމަ… ނުހުރެވޭނެ ތިހާލަތައް ވެއްޓޭތަން ދެކޭކަށް ދެނެއް.. މިއަދު ދާނީ ގޮވައިގެން..” އަރްކާން ބުނެލި ހިނދު ލިއާނާ ދެފަރާތައް ބޯ ހޫރިވާލިއެވެ. ލިއާނާ ވަގުތުން ދެކޮޅު ހެދިއެވެ. ނަމަވެސް މިއަދު އަރްކާން ހުރީ ލިއާނާގެ އަޑުއަހާ ގޮތަކަށް ނޫނެވެ. އަރްކާން ގެނައި ކާ އެއްޗިހި ތައްޓަކަށް އަޅަން ބަދިގެއަށް ވައިން އިރު ރަމްލާ ގެނެސް ހުރި ސާމާނުތައް ވެސް ހުރިގޮތައް ހުރިތަން ފެނުމުން ހިތައް އުނދަގޫ ވިއެވެ. އެންމެ ފަހުން ތައްޓަކަށް ކާއެއްޗިހި އަޅައިގެން ގެނެސް ލިއާނާގެ ކުރިމަތީގައި ބެހެއްޓިއެވެ.

“ކާ ހިތެއް ނެތް މިވަގުތު.. ފަހުން ކާނީ”

“ނޫނޭ.. ފައިވް ޑޭސް ލިއާ ބޭނުންވާ ގޮތައް ހަދައިފިން.. މިއަދު މީ ހަވަނަ ދުވަސް ދެން ހަދާނީ އަހަރެމެން ބޭނުންވާ ގޮތް.. މަ ދިޔައީމަ އެއްޗެއް ނުކާނެ ކަން އެނގޭ.. އެހެންވީމަ މިގަޑީގަ ކާން ޖެހޭނެ…އެހެރީ ރައި މަންމަ ގެނަ އެއްޗެހި ވެސް ހުރިގޮތައް..ރައި ވެސް ދެރަވެގެން ކީ އަބަދު ރޫމް ލޮކް ކޮށްގެން ރޫމްގަ ހުންނަ ވާހަކަ.. ހައު ކުޑް ޔޫ ޑޫ ދެޓް ޓް ޔޯ ސެލްފް.. ޒެވް ހާދަ ލޯބިވެއޭ ލިއާ ދެކެ.. ޒެވް އަންނައިރު ލިއާ ތިހެން ހުރީމަ އޭނަ ކިހާ ދެރަވާނެ .. ކީއްވެތަ އެވަރަށް އާދޭސް ކުރާ އިރު އެގެޔަށް ވެސް ދާން އެއްބަސް ނުވަނީ… ކައިގެން ޕެކް ކުރޭ” ލިއާނާ ކެއުމަށް ދެކޮޅު ހެދުމުން ހިސާބަކަށް އަރްކާން ހިތްހަމަ ނުޖެހިފައިވާ ވާހަކަ ދެއްކިއެވެ. އެންމެ ފަހުން ބޯ ޖަހައިލާފައި އަރްކާން ދިއްކޮށްގެން ހުރި ތަށީގައި ހިފައި ލިއާނާ ކާންފެށިއެވެ.

“އަމް ސްޓެއިން ހިޔާ” ލިއާނާ ބުނެލިއެވެ. ވަގުތުން އަރްކާން ނޫނެކޭ ބުނެ ދެކޮޅު ހެދިއެވެ.

“ނޯ ޔޫ ކޭންޓް.. ޔޫ ހޭވް ކަމް ގޯ ވިތްމީ.. ބޭބީ އައި ލަވް ސޯ މަޗް.. އައި ކާންޓް ލެޓް ޔޫ ހާޓް ޔޯސެލްފް” ލިއާނާގެ އަތުގައި ހިފާލަމުން އަރްކާން ބޯ ޖަހައިލިއެވެ. ފެންކަޅިވެފައި އިނދެ އެންމެ ފަހުން ލިއާނާ ބޯޖަހައިލިއެވެ.

****

ގޮނޑީގައި ލަތްވެގެން އިން އިރު ޒެވިއަލްގެ މޫނުމަތީގައި ވީ ނުތަނަވަސް ކަމެވެ. އޭނާ ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައި ދޭތެރެއަކުން ދޮރާއި ދިމާލަށް ބަލަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް ހަށިގަނޑުގައި އޮޅާފައިވާ ޗޭނުފަތި ދުރު ކުރެވޭނެ ގޮތެއް އިންތޯ ބެލި އިރު އެކަން ވާގޮތް ނުވެގެން ޒެވިއަލް ވަނީ އިތުރު މަސައްކަތެއް ފަށާފައެވެ. ބައިންދާފައިވާ ދަގަނޑު ގޮނޑީގައި، ފައިގައިވި ޗޭނުބައި ކާއްތާއިގެން ޗޭނުފަތި ދިޔައި ލަސްލަހުން ބުރިވަމުންނެވެ. ބަންދު ކޮޓަރި ގަނޑުން  ނުކުމެވޭނެ ގޮތެއް އޮތް ބެލި ނަމަވެސް އެކަމެއް  ވާގޮތެއް ނުވެ ހުއްޓާ އޭނާގެ ސިކުނޑީއަށް އެންމެ ފުރަތަމަ އައި ހިޔާލަކީ އެއީއެވެ.  ވޭތުވެގެން ދިޔަ ހަދުވަހު އޭނާގެ ބުރަމަސައްކަތުން ޗޭނުގަނޑު ނުހަނު ބޮޑަށް ވަނީ ތުނިވެފައެވެ. ދެންމެ ދެންމެ ވަކިވެދާނެހެން ހީވެއެވެ.

އެ ކުޑަ ގޮޅިއެއް ފަދަ ތަނުގެ އޭނާ ކެތްކޮށްލީ ނުހަނު ދަތިކޮންނެވެ.  ދޭތެރެއަކުން ޝަވަން އާއި ސާމިއު އާއި އީވާގެ އިތުރުން ސޯފިއާ ފެނިލައެވެ. އެމީހުންނާއި އެކު އިތުރު ފިރިހެނަކު ވެސް އާދެއެވެ. އޭނާގެ މޫނު ފޮރުވައިގެން ހުރިއިރު ކާކުކަމެއް އެއްގޮތަކަށް ވެސް އެނގޭ ވަރެއް ނޫނެވެ. މަކަރުވެރި މޫނުތައް ފެންނަ ކޮންމެ ހިނދަކު އޭނާގެ ނަފްސަށް ވެރިވެ ގަންނަނީ އާދަޔާއިހިލާފް ރުޅިއެކެވެ. އަލާރާގެ އެއްވެސް ހަބަރެއް ނީވޭ ހިނދު ޝަވަންގެ ގާތު އެހި ނަމަވެސް ކުރިއެރުމެއް ނުލިބެ އެވެ. ލިއާނާގެ މަތިން ހަނދާން ވެ ޒެވިއަލް އިތުރަށް ހިތްދަތި ވަމުން ދިޔައެވެ. ލޯބިވާ ކޮއްކޮ ހާސްވާނެ ވަރު އިހްސާސްވަނީއެވެ.

ޒެވިއަލް އަވަދިނެތި އިންދާ ދޮރާއި ދިމާލަށް މީހަކު އަންނަހެން ހީވެގެން މަސައްކަތް ބަހައްޓާފައި ގޮނޑީގައި ލަތްވެ ދެލޯ މަރައިލިއެވެ.

ދޮރު ހުޅުވާފައި އެތެރެއަށް ވަނީ އީވާއާއި ޝަވަންއެވެ. ކުރު ސޯޓް ބުރިއަކާ ކިރިއާ ގޮތަކަށް އަރިވެލި ނަމަވެސް ބަނޑު ފެންނަ ވަރުގެ ޓީޝާޓް ކޮޅުގައި ހުރި އިރު އެ މަންޒަރު ފެނުމުން ޒެވިއަލް ލަދުގަންނަ ގޮތްވިއެވެ.

“މީނަ ނިދާފަ ދޯ ..” އީވާ ، ޝަވަންގެ ގައިގާ އޮޅިގަންނަމުން ބުނެލިއެވެ.

” އާން މަ މިތަނަށް މިއައީ މީނަ ނިދާފަ އޮންނާނެހެން ހީވެގެންނޭ..”

“އެހެންތަ.. ކަމެއް ގޯސްވީތަ” ޝަވަންގެ މޫނުމަތި ހުރިގޮތުން އީވާ އަނެއްކާ ވެސް އަހައިލިއެވެ.

“އާން ދެން ގޯސްވާނީ އެހާ ވަރަކަށްނު..އެކޮޅުން އާއިން ގުޅާފަބުނި ނަސްރާ އާއި އެގެންގުޅޭ ލަތީފް ހައްޔަރު ކުރި ވާހަކަ.. ދެން ހަމްދީއަށް ހާޓް އެޓޭކެއް ޖެހިގެން އެޑްމިޓް ކުރި ޥާހަކަ .. ބޮޑު ބަ*ވެރިކަމެއް ނަސްރާއާއި ލަތީފް މިކަމުގަ ބައިވެރި ކުރެވުނީމަ..އެއްވެސް ކަމެއް އެދެމީހުން ކުރެން މީހަކަށް ސިއްރުން ކުރެވެނީއެއް ނޫން… މިހާރު އަހަރެމެން ކުރެން މީހަކަށް ކަމެއް ވެދާނެތި އެބަޖެހޭ ވިސްނަން..  އަހަރެން އަޑުއެހިން ސޯފިއާގެ ބައްޕަ އޭ މިމީހުން ހޯދުމުގަ އިސްކޮން އެއުޅޭ ޕޮލިހުންގެ ޓީމުގަ އުޅެނީ..ޓީވީއިން ހަބަރުގަ ވެސް ދެއްކިއޯ އަހަރެމެން ހަތަރު މީހުންގެ ފޮޓޯ..ދެން އެއުޅޭ ސޮރު އެކަނި އެހެންވީމަ ސޭފް މީހަކަށް މިހުރީ” ޝަވަން ބުނެލިއެވެ. އޭނާގެ ސެކްރެޓަރީ އާއިން އިރުކޮޅެއް ކުރިން ގުޅާފައި ދެއްކި ވާހަކަ ތަކުން އޭނާ ހުރީ ބޯގޮވާފައެވެ.

“އާހްހް ޝިޓް.. ސޯފިއާގެ ބައްޕަ އޭ ތަ ތިބުނީ..އެގޭމީހުންނަކީ ސޯފިއާދެކެ ރުޅި އަންނަ މީހުން.. އޭނާ އުޅޭ ވައްތަރަކުން އެގޭ މީހުން ވެސް ތިބެނީ އޭނާ ފްރޭމް ނުކޮށްލެވިފަ.. އަހަރެމެންނާ އެއްކޮން އޭނާ ގެންނަން ވެއްޖެ އެ ސާމިއު..މުސީބާތެއްނު” އީވާ އޭރު ރުޅިގަދަވެގެން ރޫރޫ އަޅައިގަތެވެ. އެމީހުންނާއި އެއްކޮން ސޯފިއާ ގެނެސްގެން އުޅޭތީ އެކަމާއި ހިތްހަމަނުޖެހިފައި ހުރިވަރު އީވާ އަންގާލިއެވެ.

“އޭނާގެ ސަބަބުން ވެސް ކިހާ ފަސޭހަ ވި..އެހެންވެ ދޯ ގެނައީ ވެސް..ލިއާނާއާއި ބެހެލި ރޭ ތިގޭ ބިއްދަށުން ސޭމް ސަލާމަތް ވީ އޭނާގެ ސަބަބުން ވިއްޔަ.. ސޭމްއާއި އޭނާގެ އޮންނަނީ އާދައިގެ ގުޅުމެއް ނޫނޭ.. މިހާރުވެސް ވީ މަތީގަ ހުރި ކޮޓަރީގަ ދެމީހުން” ނުބައި ހިންޏެއް ހީލައިގެން ހުރެ ޝަވަން ބުނެލިއެވެ. އީވާ ވެސް ޝަވަންއާއި ބައިވެރިވެގެން ހޭންފެށިއެވެ.

“އެކަމަކު ވެސް އެބަޖެހޭ ސޯފިޔާއަށް ބަލަން އޭނާގެ ފަރާތުން ކަމެއް ބަސްޓް ވިއްޔާ ނިމުނީ.. އެންމެ ހީ ނުކުރާ ގޮތައް ހުރިހާ ކަމެއް ވެސް ބަސްޓް ވަނީ..ނަސްރާ ވެސް ހެދި ޅަ އެއްޗެއް ދެކި ބަލަ..އަދިވެސް އިބްރަތަކަށް ނުފުދޭތަ..އެކަހަލަ މީހުން ގޮވައިގެން މިކަމެއް ނުވާނެ…އޭގެ ކުރިން އޭނައަށް ގޮތެއް ހަދަން މަށައް ފެންނަނީ” ޝަވަންގެ އަތުގައިވީ ފިސްތޯލް އަތުލާ އީވާގެ އަތައް ހެޔޮވަރުކޮށްލިއެވެ. އީވާގެ ވާހަކަ ގަބޫލް ކުރެވޭ ފާޑަކަށް ޝަވަން ވެސް ބޯޖަހައިލިއެވެ.

“ހަފްތާއެއް ވެގެން ދާއިރުވެސް، އަދިވެސް މިގޮލާއަކަށް ނޭނގޭ އަލާރާ ވެސް ހުރީ މި ބޯޓުގައި ޖެހިގެން މިހުރި ކޮޓަރިގަނޑުގަ ކަމެއް..ހަހަހަހްހާ” ޝަވަން ނުބައި ހިނިގަނޑެއް ޖަހާލަމުން އެތަނުން ނުކުމެގެން ދިޔައީ އީވާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެއެވެ.

އެމީހުން ނުކުމެން އަޑުއަހާފައި ޒެވިއަލް ދެލޯ ހުޅުވާލިއެވެ. “ބޯޓް… އަލާ ޖެހިގެން ހުރި ކޮޓަރީގަ” ޒެވިއަލްގެ ދެލޯ ވިދައިގަތެވެ. ކުރިއަށް ވުރެން ހަލުވިކަމާއި އެކު އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ފަނަރަވަރަކަށް މިނެޓް ތެރޭގައި އޭނާގެ މަސައްކަތް ކާމިޔާބު ވިއެވެ. އެއް ޗޭނުގަނޑުކަމުން އެންމެ ތަނަކުން ހަލާކުކޮށްލި ހިނދު މުޅި ޗޭނުގަނޑު ދޫވިއެވެ. ލަސްލަހުން ޗޭނު ބޮޅުފަތި ނައްޓަމުން ދިޔައިރު ޒެވިއަލްގެ ތުންފަތުގައި ދެމިލީ ފަތަހައިގެ ހިނިތުންވުމެކެވެ. ކުޑަކޮން ދުވެލާފައި ދޮރާއި ދިމާލަށް ދިޔަހިނދު ފަޔަށް ވެފައިވި ހާނިއްކަ އިހްސާސްކުރެވުނެވެ. ބަލައިލި ހިނދު ފައި ގެ ކަށިމަތިން ތަންގަނޑެއް މަށައިގެން ގޮސް ލޭ ހިލިހިލިވެއެވެ.  އެކަމަށް އަޅާއި ނުލާ އޭނާ ދުއްވައިގަތީ އަލާރާ ހޯދުމަށެވެ.

***

(ނުނިމޭ)

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.