“ގޭގެ ގޭޓު ކައިރީގަ ވެއްޓިފައި މި ފޯނު ހުންނަނީ އަހަރެން ހެނދުނު ނުކުމަތް އިރު.. އެހެންވެ ފޯނު ނަގަނިކޮން ތި ކޯލް އަންނަނީ..އިއްޔެ ސާރ ދިޔަ ގޮތައް އަދި ގެޔަށް ނާންނަނީ” ނާފިޒް އިތުރަށް ކިޔައިދިނެވެ. އެންމެފަހުން ލިއާނާއަށް ވިސްނުނީ ހުޅުމާލެ ދިޔުމަށެވެ. ނާފިޒް ކައިރިން އެޑްރެސް އޮޅުން ފިލުވައިގެން ލިއާނާ ގެއިން ނުކުމަތެވެ. ހިތް ތެޅެމުން ދިޔަ ގޮތުން ލިއާނާގެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.
***
ސެކިއުރިޓީ މީޙުންގެ ސުވާލެއް އަމާޒު ނުވެ ނުކުމެވުމުން ލިއާނާއަށް ފިނި ނޭވާއެއް ދޫކޮށްލެ ވުނެވެ. މަގުމައްޗަށް ނުކުމައިން އިރު ފުދޭވަރަކަށް ވަނީ ދުނިޔެމަތި އަލިވެފައެވެ. އެވަގުތުވެސް ދުއްވާ އެއްޗިހިނުގެ ބާރުބޮޑުކަމުން ނުހަނު ހަލަބޮއްޔެވެ. ލިއާނާ ޓެކްސީއަކަށް އަތް ނަގައިގެން ހުންނަތާ ގިނައިރެއް ނުވެ ޓެކްސީއެއް އަތުވުމުން ލަސްކުރުމެއްނެތި އެރިއެވެ.
“ކޮންތާކަށް ދާންވީ”
“ހުޅުމާލެ” ޑްރައިވަރު އަހައިލުމުން ލިއާނާ ޖަވާބު ދިނެވެ. ސީޓުގައި ބޯ އަޅާލައިގެން އޮވެ ބިއްލޫރިގަނޑުން ބޭރު ބަލަމުން ދިޔައިރު އޭނާގެ ދެލޮލުން ތިރިއަށް ފިރުކިގަތީ ކަރުނަތިއްކެވެ. ދެއަތް ދެއަތާއި ޖޯޑު ކޮށްލައިގެން އިން އަތުގައި ވެސް ވީ މަޑު ތުރުތުރެކެވެ. ޒެވިއަލްގެ މަތިން ހަނދާންވާ ކޮންމެ ފަހަރު އޭނާގެ ދެލޯ ކަރުނު ފުރެއެވެ. ރޭގައި އެގެޔަށް އައިސް އަރްކާން ކިއަދިން ވާހަކަ ތަކުން ވަކިން ބޮޑަށް ހިތައް އުނދަގޫ ވަމުންދިޔައެވެ. ދިނާޔާއާއި އަޒީޒްއަށް އެކަންތައް ގަނޑުގެ ޥާހަކަ ކިޔައިދިނުމުން އެނގުނު ކަންތައް ލިއާނާއަށް ވަނީ އަރްކާން ތަފްސީލާއިއެކު ކިޔައިދީފައެވެ.
“ދޮން ކަނބުލޯ.. އާއިލާ މީހަކު ނިޔާ ވީތަ…”ޑްރައިވަރަކަށް އިން ދުވަސްވީ ފިރިހެން މީހާ ޓިޝޫ އެއް ދިއްކޮށްލަމުން އަހާލިއެވެ. ލިއާނާ ވަގުތުން ނޫނެކޭ ބުނެ އެ ޓިޝޫ ގައި ހިފާ މޫނު ސާފް ކޮށްލިއެވެ. ކިތަންމެ ވަރަކަށް މޫނު ފުހުނުކަމުގައި ވިޔަސް ތާޒާ ކަރުނަތައް މަޑުޖެހުމެއް ނެތި ޖަމާވަމުންދިޔައެވެ.
ޓްރެފިކްގައި ޖެހުމުގެ ސަބަބުން މަންޒިލަށް ފޯރީ ތިރީހަކަށް މިނެޓް ވާން އުޅެނިކޮންނެވެ. ކާރުން ފައިބައިގެން ފޯނު ނަގައި ބަލައިލިއެވެ. ކުރިމަތީގައިވާ ދިހަ ބުރީގެ އިމާރަތަކީ ނާފިޒް ފޮނުވާފަ އިން އެޑްރެސްކަން ޔަގީންވުމުން، ލިއާނާ ގޭޓު ކައިރިއަށް ގޮސްފައި ނާފިޒްއަށް ގުޅާލުމުން ލަސްތަކެއް ނުވެ އޭނާ ނުކުންނަ ތަން ފެނުނެވެ.
“ވަދޭ މެޑަމް.. މެޑަމް ފެނުނީމަ މިހާރު ޔަގީންވަނީ ސާރ ގެ ކޮއްކޮކަން” ގޭޓް ހުޅުވާލުމަށް ފަހު ނާފިޒް އެއް ކައިރިއަކަށް ޖެހި ވަންނަން ތަން ދެއްކުމުން ލިއާނާ އެތެރެއަށް ވަނެވެ. ނާފިޒްއަށް ރައްދު ނުދީ ލިއާނާ ހީލިއެވެ. ވަށައިގެން ނަޒަރު ހިންގާލި އިރު ގޭޓްގެ ކުރިމައްޗަށް ވާހެން މާ ބޮޑު ނޫން ގަރާޖެއް ވެއެވެ. ތަފާތު މާ މެލާއިމެލީގެ ބަގީޗާއެއް އެއްގެޔަށް ވަދެވޭހެން އޮތް ވޯކްވޭގެ ދެފަރާތައް ވާހެން ވެއެވެ.
ދޮރު ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ވެސް ލިއާނާގެ ލޮލުގައި އަޅައިގަތީ ގޭތެރެ ޑިޒައިން ކޮށްފައިވާ ގޮތެވެ. ހުރިހާ ތަނެއް ހެން ވަނީ ހުދު ކުލައިންނެވެ. ލިވިންގްރޫމުގައި ވީ ރަންކުލައިގެ ބޮޑު ޗާންދަލިޔާއިން ތަނަށް ވެރިފައިވީ ހުވަފެނީ ރީތިކަމެކެވެ. ހުދު ކުލައިގެ ފަރްނީޗަރުތަކުން ދަޅައަޅަމުން ދިޔަ ގޮތުން ތަފާތު ވިދުމެއް ހުއްޓެވެ. އާޝޯހް ވާފަދަ ރީތި ގެއެކެވެ. ލިއާނާގެ ކަޅި ހުއްޓުނީ، ބަހައްޓާފައިވާ ހުދުކުލައިގެ ވެލްވެޓް ސޯފާތަކުގެ ބިއްދޮށަށް ވާހެން ފާރުގައިވާ ހުރި ހުދުކުލައިގެ ފްރޭމްއަކުން ފްރޭމްކުރެވި ފައިވާ ޒާފިރް އާއި ޝާލިއާގެ ބޮޑު ފޮޓޯ ލޯގަނޑެކެވެ. އޭގެ ކައިރިއަށް ހުދު ކުލައިގެ ސެލްފް އެއްގައި އިތުރު ކުޑަ ފްރޭމް ވެއެވެ. އޭގައިވަނީ ޒެވިއަލް އާއި ލިއާނާ އަދި ޒާފިރްއާއި ޝާލިއާއެވެ. ލިއާނާގެ ދެލޯ ތެމިގެން ދިޔައިރު މަޑުމަޑުން ފޮޓޯ ފްރޭމްގެ ކައިރިއަށް ހުއްޓި އޭގައި ބޮސްދިނެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް ދެތުންފަތް ފޫ އަޅުވާލައިފާ އަޑު ބޭރުވާން ފެށިއެވެ. މޭގައި އަތް އަޅައިގެން ހުރެ ރޮމުން ދިޔައިރު އެ މޫނުމަތީގައި ވީ ބަޔާން ކުރަން ދަތި ހިތްދަތިކަމެކެވެ. މާޒީގެ ހަނދާންތަކަށް ހިނދުކޮޅަކަށް ނަމަވެސް ގެނބެވުނެވެ. މާބޮޑަށް މައިންބަފައިންގެ ހަނދާންތައް ހިތުގައި އާލާވެ އިތުރަށް ހިތްތަދި ވަމުންދިޔައެވެ.
“ނާފިޒް މިގޭގަ ހުރޭ ދޯ ކެމެރާ” ރުއިމުގެ ތެރެއިން ލިއާނާ އަހައިލިއެވެ. ލިއާނާއަށް ވެފައި ވާ ގޮތުން ނާފިޒް ވެސް ހުރީ ހާސްވެފައެވެ. ލިއާނާގެ އެދުމުގެ މަތިން އަލާރާގެ ފޯނު ހަވާލް ކުރުމަށް ފަހު ނާފިޒް އަވަސްވެގަތީ ކެމެރާތައް ފެންނާނެ އިންތިޒާމް ހަމަ ޖެއްސުމަށެވެ. އޭނާ މިސްރާބު ޖެހީ ލިވިންގ ރޫމްގައިވާ ޓީވީއާއި ދިމާލަށެވެ.
“އަޅުގަނޑު އެހާ ޕްރޯ ނުވަނީ އެނގޭ.. ސާރ ކިޔާދީފަ ހުންނަނީ ކެމެރާ ބޭސިކްސް” ޓީވީގެ ސެޓިންސްތަކާއި ބެހެމުންދިޔަ އިރު، އެ މަސައްކަތައް ނާފިޒްގެ ހުރި ފަރިތަކަން ފެނި ލިއާނާ ކޮށްލި ސުވާލަށް އޭނާ ޖަވާބުދިނެވެ. އިރުކޮޅެއްގެ މަސައްކަތައް ފަހު، ހުޅުވާލެވި ފައިވާ ޓީވީއިން ގޭގެ ހުރިހާ ދިމާލެއްގައި ހަރުކުރެވިފައި ވީ ކެމެރާގެ ފޫޓޭޖްތައް ފެންނަމުން ދިޔައެވެ.
“މި ފޯނު ފެނުނު ތަނަށް ވާހެން އިން ކެމެރާއަށް ލާބަލަ.. ރޭގެ އެއިޓް އިން ފެށިގެން ފެންނަ ހުރިހާ މަންޒަރެއް ބޭނުން ބަލަން ” އަތުގައިވާ އަލާރާގެ ފޯނަށް ނަޒަރެއް ދެމުން ލިއާނާ ބުނެލިއެވެ. ލިއާނާ ލަފާ ކޮށްލާފައި އަށެއްގެ ފަހޭ ބުނެލީ އެންމެ ފަހުން ޒެވިއަލްގެ ހަބަރެއް ވެފައި ވީ އެހާއިރު ކަމަށް ވާތީއެވެ.
އަލާރާގެ ފޯނު ހުޅުވަން ބަލައިލި އިރު ޕާސްވޯޑު ޖަހަން އަރާފައި ވުމުން ލިއާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެކަން ވެސް ކާމިޔާބު ނުވީއެވެ. އެންމެފަހު އަރްކާން އަށް ދެއްކުމުގެ ނިޔަތުގައި އަތްދަބަސް ތެރެއަށް ފޯނު ކޮށްޕާލިއެވެ.
“އާދޭ މެޑަމް.. ފާސްޓް މޯޑްގައި ބަލަނީމާ އަވަހަށް ފެންނަނީ” ނާފިޒް ގޮވާލުމުން ލިއާނާ ދިޔައެވެ. އެންމެ ފުރަތަމަ ނާފިޒް ދެއްކި ބޭރަށް ވާހެން އިން ކެމެރާގެ މަންޒަރުތަކެވެ. އެއަށްފަހު އެތެރޭގެ މަންޒަރުތައް ވެސް ދެއްކިއެވެ.
ގެޔާއި މާ ދުރު ނޫން ހިސާބެއް ދެއްކުމަށްފަހު ފޯނު ފެނުނީ އެހިސާބުން ކަމަށް ނާފިޒް ބުނެދިނެވެ. ކެމެރާގެ މަންޒަރު ބަލަމުން ގޮސް ނުވަގަޑި ބަޔާއި ހަމަޔަށް މަންޒަރުތައް ބެލުނު އިރު ވެސް ތަފާތު ކަމެއް ފާހަގައެއް ނުވިއެވެ. ނަމަވެސް ނުވަގަޑި ސާޅީސް އަތް މިނެޓުގައި ފެނުނު މަންޒަރުން ލިއާނާއަށް ކޮޅަށް ތެދުވެވުނެވެ.
***
“މަންމާ ލިއާ ދިޔައީ ތަ” ކާކޮޓަރީގެ ތެރެއަށް ވަދެގެން އައި އަރްކާން ފޯނު ނަގާފައި ގުޅަމުން ދިޔައީ ޒެވިއަލްއަށެވެ. ތިން ފަހަރަށް ގުޅި އިރު ވެސް ފޯނު ނުނެގުމުން އިރުކޮޅަކުން ގުޅާލަން މަޑު ކޮށްލިއެވެ.
“މަންމަ ލިއާއަށް ގޮވަން ވެގެން ދިޔަ އިރު ހޭލައިގެން އުޅޭ.. އޭގެ ފަހުން އިރުކޮޅެއް ވެއްޖެ ..މިހާރު އަންނަން އުޅޭނެ ކަންނޭގެ” ދިނާޔާ ވެސް އަރްކާން އިށީންނުމުން ކޮފީ ތައްޓެއް ކައިރިކޮށްލަ ދިނުމަށްފަހު ތެދުވެގެން ދިޔައީ އީވާ ހޯދުމަށެވެ.
ދިނާޔާ ދޮރުން ނުކުމަތްތަން ބަލާފައި ފުންމައިގެން ތެދުވެ އޭނާ ސިޑިއާއި ދިމާލަށް ވެސް ދިޔައީ ދުވެލާފައިއެވެ. ލިއާނާ ނުފެނި މާގިނަ އިރު އިންނަން އޭނާއަށް ކެތް ނުވީއެވެ. އަނގައިން ލުއި ރާގެއް އަޅުވާލަމުން އޭނާ ގޮސް އެރީ ހަތަރު ވަނަ ފްލޯ އަށެވެ.
“ލިއާ..” ލިއާނާގެ ކޮޓަރީގެ ދޮރުގައި ތިން ފަހަރަށް ޖަހާލުމުން ވެސް ނުހުޅުވުމުން އަރްކާން ގޮވާލިއެވެ. ޖަވާބެއް ނުދިނުމުން ދޮރު ހުޅުވާލި އިރު ކޮޓަރި ތެރެ ހުސްކޮން އޮތުމުން އަރްކާންގެ ނިތައް ރޫ އަރައިގެން ދިޔައެވެ.
“ލިއާ ކޮންތާކަށް ބަ އެ ދިޔައީ .. މްމްމް ގުޅާލަން ވީ” ފޯނު ނަގާފައި ގުޅާލުމުން ވަގުތުން ލިއާނާ ފޯނު ނެގިއެވެ. ” ދޫނި މިއޮތް ހެނދުނާ ކޮންތާކަށް ތަ ތި ދިޔައީ.. މޯނިން ކިސް އެއް ނުދިނޭ މިގޭގަ ހުރެވުން ދުވަހު” ކުޑަ ކުއްޖެއް ހެން ޝަކުވާ ކޮށްލި އިރު އަރްކާންގެ އަޑުގައިވީ ސަމާސާ ކުލަވަރެވެ. ނަމަވެސް އޭނާއަށް ސިހުން ލިބުނީ އެކޮޅުން އިވިލި ލިއާނާގެ ރުއިމުގެ އަޑުންނެވެ. ވަގުތުން މީހާ ސީރިއަސް ވިއެވެ.
“ބޭބީ.. ކިހިނެތް ވީ.. ވަޓްސް ރޯންގް.. ކޮންތާކު ތިހުރީ” ލިއާނާ ރޯ ވަރުން އަރްކާން ހާސް ވަމުން ދިޔައެވެ. ޖަވާބެއް ނުދެވުން އިރު ލިއާނާއަކަށް ރުއިމެއް ވެސް ނުހުއްޓުވުނެވެ.
”ލިއާ.. ވަރަށް ހާސް ވާނެ އެނގޭ ވެގެން އުޅޭ ގޮތެއް ނޭނގެންޏާ.. އޯކޭ އޯކޭ.. ޖަސްޓް ޓެލް މީ ވެއާރ އާރ ޔޫ.. ބޭބީ ޔޫ އާ މޭކިންގް މީ ސްކެއާރޑް”
“ދޮން.. ދޮންބެ.. ކޮބާ” ހިތްވަރު ކޮށްފައި ލިއާނާ އަހައިލިއެވެ.
“ހީޒް އޯލް ރައިޓް… ބޭބީ ވެއާރ އާރ ޔޫ”
“އަރްކާން ދޮގު ނުހަދާ ހީ އިޒް ނޮޓް އޯކޭ..” އަރްކާން ބުނެލި ހިނދު ލިއާނާ ހަޅޭއްލަވައިގަތެވެ.
“ކާމް ޑައުން ލިއާ.. އައި ނޯ ވެއާރ ހީ އިޒް.. ހާދަ ވަރަކަށް ތި ހާސްވަނީ.. ދެންމެ ވެސް ގުޅައިފިން.. ފޯނު ނުނަގާ.. މޭބީ ކުޑަކޮން ބިޒީ ކަންނޭގެ.. ” އަރްކާން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. އިތުރު އެއްޗެއް ނުބުނެ ކުރިއަށް ވުރެން ބާރަށް ރޯންފަށާފައި ލިއާނާ ވަގުތުން ފޯނު ކަނޑާލިއެވެ.
“ލިއާ..އޭތް..ލިއާ” ލިއާނާ ފޯނު ކަނޑާލި ގޮތުން އަރްކާން ކުޑަކޮން ހާސް ވިއެވެ. ޒެވިއަލްގެ ނަމްބަރަށް ގުޅަން އުޅެފައިވެސް ލިއާނާ ހުރި ތަނެއް އޮޅުން ފިލާތޯ އަނެއްކާ ވެސް އަރްކާން ގުޅައިލީ ލިއާނާއަށެވެ. އެވަގުތު ލިއާނާ ފޮނުވި ވީޑިއޯ މެސެޖެއް ފެނި އަރްކާންއަށް ހުއްޓުން އެރިއެވެ.
ސީސީޓީވީ ފޫޓޭޖް އިން ފެނިގެންދަނީ ޒެވިއަލް އާއި އަލާރާ އައިސް ގެއަށް ވައިން މަންޒަރެވެ. ނަމަވެސް ގޭގެ ގޭޓުން ވަދެ ގަރާޖު ކައިރީގައި ހުއްޓާ އައި ނައި ދިމާލެއް ނޭގި ފެނުނީ ކަޅުކުލައިގެ މާސްކެއް އަޅައިގެން ހުރި މީހަކު އައިސް ޒެވިއަލްގެ ބޮލުގައި އަތުގައި އޮތް އެއްޗަކުން ޖެހި ތަނެވެ. ވަގުތުން ޒެވިއަލް ވެއްޓުނު އިރު ސިހިފައި އަލާރާ ހަޅޭއްލަވައިގަތް ކަން އެނގެއެވެ.
އަލާރާ އެނބުރިގަނެފައި ގެޔާއި ދިމާލަށް ދުއްވައިގަތް ގޮތުން އިތުރު ޝޮކެއް އަރްކާން އަށް ލިބުނެވެ. ގައިމުވެސް ދުއްވައިގަތީ ލޮލަށް ނުފެންނަ މީހަކު ދާކަހަލަ ގޮތަކަށް ނޫނެވެ. އެނދުމައްޗަށް ޖެހިގަނެވުން އިރު އޭނާގެ ހިތް އާދަޔާއި ހިލާފަށް ތެޅެމުންދިޔައެވެ. ވީޑިއޯގެ ދެން އިން ބައި ބަލަމުން ދިޔައިރު އަރްކާންގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.
އަލާރާ ގޭތެރެއަށް ދުއްވައިގެން އިރު އޭނާގެ ފަހަތުން ދެން އައި މީހަކު ދުވެފައި ގޭތެރެއަށް ވަނެވެ. އެމީހަކު ވެސް ހުރީ މާސްކަކުން މޫނު ފޮރުވާލައިގެންނެވެ. ފަނަރަ ވަރަކަށް ސިކުންތު ފަހުން އޭނާ ނުކުން އިރު އަލާރާ އޮތީ އޭނާގެ ކޮނޑުމަތީގައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އޭނާ ގޮސް ގޭޓުން ނުކުމެފައި އައި އިރު އަލާރާ ނެތެވެ. ހީވާގޮތުން އެމީހުން އައި ވެހިކަލަށް އަލާރާ އަރުވާފައި އައީއެވެ. އޭނާ އާއި ޒެވިއަލްއަށް ހަމަލާދިން މީހާއާއި ދެމީހުން ވެގެން ޒެވިއަލް ނަގައިގެން ގެންގޮސް ބޭރަށް ނެރުނެވެ. ފަހުން އައިސް އަނެއްކާ ތިރިއަށް ވެއްޓިފައިވާ ފޯނު ނަގައިގެން ނުކުމެ ގޭޓް ކައިރިއަށް ގޮސްފައި ދުރައް އެއްލާލިތަން ފެނިގެންދެއެވެ. އޭނާގެ މާސްކު މޫނުމަތިން ނެގީވެސް އެވަގުތެވެ.
“ޝާމިއު” އަރްކާންގެ އަތުން ފޯނު ދޫ ވިއެވެ. ދާހިއްލައިގެން އިރު މޫނުމަތީގައި ދެއަތް އަޅައިގެން އިނދެވުނެވެ. ރުޅިގަދަ ވާންފެށިއިރު ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައިއެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން ޒެވިއަލްގެ ފޯނަށް ގުޅޭތޯ އަނެއްކާ ވެސް މަސައްކަތް ކުރިއެވެ. އެންމެ ފަހުން ލިއާނާގެ ކައިރިއަށް ދިޔުމަށް ތިރިއަށް ފޭބި އިރު ސޯފާގައި އިން ދިނާޔާ ފެނި ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ. ދިނާޔާ ނިކަން ބާރަށް ރޮމުން ދިޔައިރު އޭނާގެ ކައިރީގައި އަމީނާ ވެސް އިނެވެ. އަމީނާއަށްވެސް ރޮވިފައި ހުރި އިރު ކޮންމެ ވެސް މީހަކަށް ނުގުޅިގެން ފޯނު ނަގައިގެން ހުއްޓެވެ.
“މަން..މަންމާ.. ކިހިނެތް ވީ” ހާލަތު ކިތަންމެ ނާޒުކު ކަމުގައި ވީ ނަމަވެސް އަމިއްލަ މަންމަ އެހާލަތުގައި ވަނިކޮން ދޫކޮށްލާފައި ދެވޭކަށް ނޯންނާނެތާއެވެ. އަރްކާން ފެނުމުން އަމީނާ ދިއްކޮށްލީ ކަރުދާސް ކޮޅެކެވެ.
“އަހަރެން ހޯދަން ނޫޅޭތި.. އަހަންނަނީ ކަލޭމެންގެ ދަރިއެއްކަމުގައި ދެކުން ހުއްޓާލާ.. އަހަރެން މިދަނީ ކަލޭމެންނާ ދުރަށް.. މިހުރިހާ ދުވަހަކު އަލާރާ އުޅުނީ އަހަރެންގެ މަގާމު ފޭރިގަނެގެން.. އޭނާގެ ކިބައިން އެކަމުގެ ބަދަލް ހިފާނަން….އީވާ” ކަރުދާސްކޮޅުގައިވާ ޖުމްލަތައް ކިޔާލެވުނު ހިނދު އަރްކާންގެ ލޭ ކެކިގަތެވެ. ރުޅި އައިސްގެން ތުރުތުރު އަޅައިގަތެވެ.
“އެހެންވީމަ އީވާއަށް އެނގޭނެ އަލާ އާއި ޒެވް ވީތަނެއް..އެތަނައް އެ މީހުން އެ ފޮނުވީ ވެސް އީވާގެ ރޭވުމަކުން..” އަރްކާން އަށް ބުނެވުނެވެ.
“ދަރިފުޅާ ކިހިނެތް ތަ މިވަނީ.. އީވާ މިހެދީ ކިހިނެތްތަ .. އޭނާ އެދިޔައީ މަންމައާއި ގުޅުން ކަނޑާލާފަ އޭ.. ދަރިފުޅާ .. މަންމަ ކިހިނެތް ހަދާނީ..” ދިނާޔާއަށް ރޮވޭ ވަރުން ވާހަކަ ދެއްކަން އުނދަގޫ ކަމަކަށް ވިއެވެ.
“މަންމާ…ހިތްވަރު ކުރޭ އަލާ އާއި ޒެވް ހޯދަން ވެސް އެބަ ޖެހޭ.. އީވާ މިއަދު ތިހެން ބުނެގެން އަހަރެން ނުވޭ ހައިރާނެއް.. ކިތަންމެ ދުވަހެއް އޭނާ މި އާއިލާއަށް އަނިޔާވެރިވިތާ..” އީވާގެ ހަގީގަތް އެއަށް ވުރެން ތަފްސީލް ކޮން ކިޔައިދޭން ބޭނުންވި ނަމަވެސް އަރްކާން އަދި މަޑުކުރިއެވެ.
“އީވާ ކިތަންމެ ދުވަހެކޭ..ދަރިފުޅާ އަދިވެސް ކަންކަން ސިއްރު ކުރަނީ ތަ..ޒެވް އާއި އަލާ އޭ ތަ ތިކިޔަނީ.. ދަރިފުޅެއް ނޫންތަ ބުނީ އެމީހުން ރަނގަޅޭ” ދިނާޔާ ބުންޏެވެ. އޭރުވެސް ކަރުނަތައް މެދު ކެނޑުމެއް ނެތި ފައިބަމުން ދިޔައެވެ. އަޒީޒް ވެސް ގެޔަށް އައީ އެވަގުތުއެވެ.
“ކިހިނެތް ވީ ދިނާ” އަޒީޒް ފެނުމުން ދިނާޔާގެ ރުއިން ވީ އިތުރެވެ. އަޒީޒްގެ ގައިގާ ބައްދާލައިގެން ހުރެ ރޮމުންދިޔައެވެ. އަޒީޒްގެ އަތައް އެ ކަރުދާސްކޮޅު ލައްވާލަ ދެމުން އަރްކާން އިސްޖަހައިލިއެވެ.
“އީވް އަށް ގޮވަން ވެގެން ކޮޓަރިއަށް ވަތްތަނާ އޭނާގެ ސާމާނެއް ވެސް ނެތް..މަދު އެއްޗެއް ހުރީ.. މޭޒުމަތީގަ އޮތީ މި ކަރުދާސް ކޮޅު.. އަހަރެމެން ދެމީހުން މީ މަންމަ ބައްޕަ ނޫން ކަމަށް އެދިޔައީ.. ވީ ގޮތެއް ވެސް އެނގެނީ އެއް ނޫން.. ހެޔޮ ވާނީ ކިހިނެތް ތަ..އަޒީޒް އަހަރެން ކިހާ ލޯބިންތަ އީވާ ގެންގުޅުނީ.. އެކަމަކު މިއޮތީ ބުނެފަ އޮތް ވާހަކަ.. ބަލަ އަލާއަށް ވުރެން އީވާ އެއްނޫންތަ ކައިރީގަ ގެންގުޅުނީ.. އެކުއްޖާ ގެންގުޅުނީ ސާތިރް އާއި ހައުލާގެ ކައިރީގަ ބޭރުގަ.. ބަދަލް ހިފާނަމޯ.. ކޮން ކަމެއްގެ ތަ.. ބަޔަކު އަލާ އަށް އަނިޔާވެރިވާން އުޅުނު ނަމަވެސް އީވާ އެހެން އުޅެންވީ ކީއްވެ..” ދިނާޔާ އަށް ބުނެވުނެވެ.
“އެއީ އީވާ އަކީ ޝަވަންގެ ސިއްރު ލޯބިވެރިޔާ ވީމަ”އަމީނާ ދެލޯ މަރާލަމުން ބުނެލިއެވެ. އޭނާއަށް އެންމެ ފުރަތަމަ ވެސް ސިފަވީ ރޭގެ ހަފްލާގެ ތެރެއިން މަންޒަރެކެވެ. ދެފަރާތައް ބޯ ހޫރުވާލެވުނީ އެއީ ހަނދާން ކުރަން ބޭނުން ނުވާ މަންޒަރަކަށް ވާތީއެވެ.
“ކީކޭ” އަޒީޒްއަށް އަޑުހަރުކޮން އަހާލެވުނެވެ. އަޒީޒް އަށް އަރްކާންގެ މޫނަށް ބަލއިލެވުނު އިރު އަރްކާން އިސްޖަހައިލި ގޮތުން އެއީ ތެދެއް ހެން ހީވާން ފަށައިފިއެވެ.
“ދަރިފުޅަށް އެނގޭ ދޯ.. ތި އައި ބަދަލުން ވަރަށް ހީވޭ…އެއީ ތެދެއްތަ” އަޒީޒް ހުއްޓިލީ އަރްކާންގެ ކުރިމަތީގައެވެ.
“އާން.. ޝަވަން އާއި އީވާގެ ސިއްރު ގުޅުމެއް އޮވޭ.. ރޭގަ މަ ބުނީމެންނު އަލާ އާއި ޝަވަންގެ ރަންކިއުން ކުރިއަށް ނުގެންދެވުނިއްޔާ ޝަވަން އާއި އީވާގެ ރަންކިއުން ކުރިއަށް ގެންދަން ވީ ނޫން ހޭ.. ދެތިން ދުވަހެއް ވެއްޖެ އެންނު ތަންކޮޅެއް އަވަސްއަވަހަށް ޝަވަން މިގެއަށް އަންނަތާ .. އަހަންނަށް ފަތިސް ގަޑީގަ އީވާ ކޮޓަރިން ޝަވަން ނުކުންނަނިކޮން ފެނުނު.. ޕާޓީ ތެރެއިން ވެސް ދެމީހުން ނުކުމަތީ ސާމިއު އަށޭ ކިޔާފަ ހަމަ ޖެއްސި ރޫމްއިން.. އާދައިގެ ގޮތަކަށް ނޫން ތިބީ.. ނުހަނު ކައިރީގަ ތިބީ ދެމީހުން” އަޒީޒްއަށް ވުމުން އެ ވާހަކަ ކިޔައިދޭން ވީ އަމީނާއަށް ދަތި ކަމަކަށެވެ. އަމީނާގެ ވާހަކަ ނިމުނު ހިނދު ދިނާޔާއަށް އަނގަމަތީގައި އަތް އެޅުނެވެ.
“މްމްމް. ހުރިހާ ވާހަކަ އެއް ކިޔައިދިން އިރު ނުބުނެ ސިއްރު ކުރި ޕޮއިންޓް އަކީ އެއީ.. ޝަވަންގެ ލޯބިވެރިޔާ އަކީ އީވާ..ސާރާގެ ނަންމަތީގަ ހުޅުވާފަ އިން ބޭންކް އެކައުންޓްގެ ފަހަތުގައިވެސް ވީ އީވާ.. ބައްޕައަށް ގުޅާފަ އެރޭ އެހީމެންނު އީވާގެ އެކައުންޓް އެއް އޯޕެން ކުރިން ހޭ.. އެހެންވެ އެހީ..އެރޭ އަހަންނަށް ވެސް އެނގުނީ.. އޭގެ ކުރިން ޒެވް އަށް އެނގިއްޖެ.. ސާތިރް އަންކަލް ނިޔާވި ދުވަހު ވެސް އޭނާ ޝަވަންގެ ކާރަށް އަރައިގެން ދިޔައީ ސަހަރާއިން ނުނިމެނީސް.. ޒެވް އަށް ފެނުނީ އެދުވަހު ވެސް” އަރްކާން ބުނެދިނެވެ. އިތުރަށް ވާހަކަ ދައްކަން މަޑު ނުކޮށް އޭނާ ބެލީ ލިއާނާގެ ކައިރިއަށް ދެވޭތޯއެވެ. ޝުހާދުއަށް ގުޅާލުމަށްފަހު އައުމަށް އެދުނެވެ. އަދި ކުރުގޮތައް މިހާރުގެ ހާލަތު ކިއައިދީ ލިއާނާ ފޮނުވާފަ އިން ވީޑިއޯ ވެސް ދެއްކިއެވެ. އެހާ ހިސާބަށް ދިއުމުން އިތުރަށް އޮޅުވާލައިގެން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަން އޭނާއަށް އެނގެއެވެ.
އަރްކާން ގެއިން ނުކުމަތް އިރު ވެސް ދިނާޔާ ރޯތަން ފެނި ހިތައް ވަމުން ދިޔައީ އިންތިހާ އުނދަގުލެވެ. އަމިއްލަ މައިމީހާއަށް އެހާލު ޖެހުނީ އެ ސުންޕާ އީވާގެ ސަބަބުންނެވެ. އަމިއްލަ އާއިލާގެ ދިރިއުޅުން ނަރަކައަށް ހަދައިގެން އީވާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. ކާރަށް އަރަން އައި އިރު ޝުހާދު ވެސް އައިސްފިއެވެ. ރޭގެ ހަފްލާއަށް ފަހުން މިއަދު ހުރިހާ ސްޓާފުންނަށް ޗުއްޓީ ދީފައި އޮތުން ޝުހާދު ވެސް އަރްކާން ގުޅި އިރު އޮތީ ނިދާފައެވެ. ނަމަވެސް ބޮޑު ކަމެއް ޖެހިގެން ނޫނީ އަރްކާން އެހާ ވަރަށް ނުގުޅާނެކަން އެނގޭތީ ތިން ވަނަ ފަހަރަށް ގުޅަން ވާއިރަށް ޝުހާދު ފޯނު ނެގީއެވެ.
“ކިހިނެތް ތޯ ވީ” ޝުހާދު އަދަބުވެރިކަމާއި އެކު އެހިއެވެ. އޭރުވެސް އޭނާގެ ދެލޮލުގައި ނިދީގެ އަސަރުވިއެވެ.
” އޮފީހުން ބޭރުގަ އެހާ މާތް ކޮން ވާހަކަ ނުދެއްކިއަސް އޯކޭ ވާނެ އޭ ބުނީމެންނު” ސާރާގެ ވާހަކަ އެނގޭތީ އިތުރަށް ނުފޮރުވާ އަރްކާން ހުރިހާ ކަމެއް ޝުހާދުއަށް ވެސް ކިޔައިދިނެވެ. ޝުހާދުއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ.
“ތިހެން ބުނީމަ ހަނދާން ވެއްޖެ އެއްޗެއް.. އަލާ އަށް އެޓޭކް އައިސްގެން ފުރަތަމަ ފަހަރު ގެ ފާސް ކުރީމެންނު ދޯ ރެއެއް.. އެރޭ އެމީހަކު ގެޔަށް ވަންނަން ބޭނުން ކުރީ ގޭގެ ކަނަށް ވާހެން އިން ގަހެއްނު.. އެ ގަސް އިން ދިމާލަށް ވާހެންއިން ފާރުގަ ހުރި އެއްޗެއް ލިޔެފަ .. އަޒީޒް ތި ފޮރުވައިގެން އުޅޭ ސިއްރޭ ކިޔާފަ.. މަ ވެސް އެހާ ބޮޑަކަށް އަޅައެއް ނުލަން އެއީ ދެން އެމީހަކު އަޒީޒް ސާރ އަށް ޖެއްސުމަށް ކޮށްފަ އިން ކަމަކަށް ބަލާފަ” ޝުހާދު ބުނެލިއެވެ. ކުރިން އެވާހަކަ ނުބުނެވުނީމަ އޭނާ ދެރަ ވެގެން އެކަމަށް މާފަށް ވެސް އެދުނެވެ.
“އިޓްސް އޯކޭ.. މަ ނަމަވެސް ވާނީ ތިހެން” އަރްކާން ޖަވާބު ދިނެވެ. އޭނާ ކާރު ދުއްވަމުން ދިޔައީ ލިއާނާ ހުރި ކަމަށް ބުނި ތަނަށެވެ.
***
ފޯނުން ފެންނަން އިން ޑޮކިއުމަންޓްސް ބަލަހައްޓައިގެން ހުރި އިރު ކަޔާންގެ މޫނުމަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. އޭގައި ވީ އޭނާއަށް އިރުކޮޅެއް ކުރިން ލިބުނު މައުލޫމާތުތަކެވެ. އޭނާ ޒެވިއަލްއަށް ގުޅަން އުޅެ އުޅެ ގުޅޭގޮތް ނުވެގެން އާޔަން ފޮނުވި ވޯޑް ފައިލްތައް ބަލަން ފެށިއެވެ.
“މްމްމް ލަތީފްއަށް ލާރި ދީގެން ނަސްރާ ގަންނަ ގަނޑު ދޯ މި.. ލަތީފްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ނަސްރާ މިހުރީ ޓްރާސްފާރ ކޮށްފަ… ބަދަލެއްގެ ގޮތުގައި ޒެވް ގެ މައިންބަފައިންގެ ގާތިލުން ދޫކޮށްލާ ގޮތައް…ދެމީހުން އަމިއްލައަށް މޮޅެތި އެގްރީމަންޓްތައް ހަދާފަ މިއޮތީ އެހާ އޯޕެން ކޮން…ހަހަހަ އަމިއްލައަށް އަތައް ގޮއްވާލީ” އެ ފައިލްތައް ބެލި ވަރަކަށް ކަޔާންއަށް ދިޔައީ ހެވެމުންނެވެ. އޭނާ ބުނެގެން އާޔަން، ލަތީފްގެ ކެބިން ޗެކް ކުރީ އޭނާ ބޭރަށް ނުކުމަތް ވަގުތު ބަލާފައެވެ. ކެބިން އެއްކޮން ބަލާ ނިމުނުއިރު ލަތީފް އިންނަ މޭޒު ވަތް ގަނޑުން ފެނުނު އެ އެގްރީމަންޓް ފެނިގެން އާޔަން އަވަހަށް ކަޔާން އަށް ހަބަރު ދިނީއެވެ.
“އާޔަން ބްރޯ. ލިބިއްޖެ.. ވަރަށް ބޮޑަށް ތޭންކްސް މި ވަރުގެ ކަމެއް ކޮށްދިނީމަ.. ކެއުން އިންނާނެ އިނގޭ” ފޯނު ކަންފަތުގައި ޖަހައިގެން އޭނާ އާޔަން އަށް ގުޅާލިތާ މާ ގިނަ އިރެއް ނުވެ ފޯނު ނެގުމުން ވާހަކަ ދެއްކިއެވެ.
“ހަހަހްހާ..އޯކޭ ވާނެ .. ކޮންމެވެސް ކޮންމެވެސް މަ ކުރި ކަމެއް ކަން އެނގުނަ ނުދެއްޗޭ.. ލަތީފް ނޭނގެ މަ މަރާ ނުލާނެ ކަމެއް ވެސް.. “ސަމާސާގެ ރާގެއްގައި އާޔަން ބުނެލިއެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ހުރެފައި ކަޔާން ފޯނު ބޭއްވުމަށްފަހު ސައިކަލައް އަރައިގެން ދިޔައީ ޒެވިއަލް ފޯނު ނުނަގާތީ ހަބަރު ބަލައިލުމުގެ ނިޔަތުގައެވެ. ޕާޓީއަށް ފަހު ޒެވިއަލްއަށް ގުޅަން ފެށި ގޮތައް ކަޔާންއަކަށް ޒެވިއަލްއަކާއި ގުޅޭ ގޮތެއް ނުވިއެވެ. ސައިކަލް ދުއްވަމުން އޭނާ ހުއްޓުނީ ޓެކްސީއަކުން ފޭބި ލިއާނާ ފެނިފައެވެ. ލިއާނާ ހުރިގޮތް ފެނި ކަޔާން ހައިރާން ވާގޮތް ވިއެވެ. ކަޔާން ބަލަ ބަލާ ހުއްޓާ ލިއާނާ ނުހަނު ބާރަށް ހިނގާލާފައި ދިޔައީ ދިމާ ކުރި މައްޗަށް ހުރި ގެޔާއި ދިމާލަށެވެ. ކަޔާން ރަނގަޅަށް ބަލައިލުމުން އެއީ ހަމްދީއާއި ނަސްރާ ދިރިއުޅޭ ގެކަން އެނގުމުން އޭނާ ވެސް އެއްފަރާތުގައި ސައިކަލް ޕާކް ކުރުމަށްފަހު ލިއާނާގެ ފަހަތުން ދިޔައެވެ.
އުސްކޮން ހުރި ގޭޓް ކައިރީގައި ލިއާނާ ހުރި އިރު ދެލޮލާއި އެކު މޫނަށް ވެރިވެފައިވަނީ ރަތް ކަމެކެވެ. އިސްތަށިގަނޑު ހޭވިފައި ވީ އިރު ދެލޮލުގައި ކަރުނައިގެ އަސަރް ވެއެވެ. ގޭގެ ދޮރުވާނުންނަށް އެއީ ކާކު ކަމެއް ނޭނގޭތީ ވަނުމުގެ ހުއްދަ އެއް ނުލިބުނެވެ.
“ނަސްރާގެ ކައިރީގަ ބުނޭ އެބަހުއްޓޭ ބައްދަލް ކުރަން މެހެމާނަކު އައިސް..” ލިއާނާގެ އަޑުގައި ވީ ޖެހިލުން ކުޑަކަމެވެ.
“ހަހަހަ ތިހެން އާދޭ ބައިވަރު މީހުން.. މިގޭ މީހުން މައްސޫރު ކަމުން އަންނާނެ އަބަދު ވެސް މީހުން.. ޕޮލިހަށް ނުގުޅަނީސް މަންޖެ މިތަނުން ދިޔައްޔާ އެންމެ ރަނގަޅުވާނީ” އެތަނުން އެކަކު ހީގަންނަމުން ބުނެލިއެވެ.
“މި ދޮރު ނުހުޅުވާ ފިއްޔާ ނަސްރާ އާއި އެއްކޮން ކަލޭމެން ދެމީހުން ވެސް ހަވާލު ކުރާނަން ޕޮލިހުންނާ” އެމީހުން ނުވިސްނާ ތިއްބާ، ލިއާނާ ފޯނު ކެމެރާ ޖައްސައިގެން ހުރެ ދޮރުވާނަކަށް ހުރި އެކެއްގެ އަތް އޭނާގެ އަތުގައި ޖައްސާލާ މަންޒަރު އަރާނެހެން ކެމެރާގައި ރައްކާކޮށްލިއެވެ.
“އެޑިޓް ކޮށްފަ ޕޮލިހުންނަށް ދެއްކޭނެ މިހާރުވެސް.. އެމީހުންގެ ކައިރީގަ ކަލޭމެން ބެހެން އުޅުނު ކަމަށް ބުނެފިއްޔާ ކަލޭމެން ފްރޭމް ވާނީ.. ދެން ވެސް ތި ދޮރު ހުޅުވާ.. ” ލިޢާނާ ބުނެލި ޥާހަކަ އަކުން ތެޅިގަނެފައި މާފަށް އެދެމުން ދޮރު ހުޅުވާލިއެވެ. ލިއާނާ އެމީހުންނަށް ޖަވާބެއް ނުދީ ދިޔައެވެ.
އެތެރެއަށް ވައިން އިރު އެންމެ ފުރަތަމަ ވެސް ބައްދަލް ކުރީ ހަމްދީއާއެވެ. ކުއްލިއަކަށް ލިއާނާ ފެނުމުން ހަމްދީ ވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ހިނިތުންވެލާފައި ސަލާމަތް އަތް ދިއްކޮށްލިއެވެ. ނަމަވެސް އެއަތުގައި ހިފުމުގެ ބަދަލްގައި އަމިއްލަ ދެއަތް ޖޯޑު ކޮށްލަމުން އޭނާ އަހައިލީ ނަސްރާ ކޮބައިތޯއެވެ.
“ކޮބާ ނަސްރާ.. އޭނާ ހޯދަން މިއައީ” ލިއާނާގެ އަޑުގައި ވީ ނުރުހުމެވެ. އެ މޫނުމަތީގައި ވި ކުލަވަރުން ހަމްދީ ވެސް ފަސްޖެހޭ ގޮތްވިއެވެ.
“ލިއާ.. ކިހިނެތް ވީ އަނެއްކާ.. ”
“ބޭކާރް ވާހަކަ ދައްކާކަށް ވަގުތެއް ނެތް..” ހަމްދީ ބުނެލުމާއި ރައްދު ދިން ހިނދު ލިއާނާގެ ފުރަގަހުން އައި މީހަކު ކޮއްޓާލިއެވެ. ފަސް އެނބުރުނު ހިނދު ފެންނަން ހުރި ކަޔާން ފެނި ސިހުނު ނަމަވެސް މޫނަށް ވެރިކުރުވީ އިތުރު ރުޅިވެރިކަމެކެވެ.
“ނަސްރާ ގެންނާށޭ އެންނު މިބުނީ” ހަމްދީ މަޑުން ހުންނަން ފެށުމުން ރުޅިގަދަވެގެން ލިއާނާ ހަޅޭއްލަވައިގަތެވެ.
“ކިހިނެތް ވެގެން މިއުޅެނީ” ގޭގެ ގޯތި ތެރޭގައި އަޑުގަދަ ވެގެން ނުކުމަތް ނަސްރާއަށް ފުރަތަމަ ވެސް ފެނުނީ ލިއާނާއެވެ. އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ އައިސް ހަމްދީގެ ކައިރީގައި ހުއްޓުނެވެ.
ލިއާނާއަށް ނަސްރާ ފެނުނު ވަގުތު ބަލާކަށް ނުހުރެ ގޮސް ހިފީ ނަސްރާގެ ކަރުގައެވެ. ނަސްރާގެ މޫނު ފެނުމުން ރުޅިގަދަ ވެގެން ލިއާނާ އަނދައިގަތެވެ.
“ކަލޭ މާ މާތް ވެފަ ހުންނާނެ ކަމެއް ނެތް.. ބުނޭ ކޮބާ މަގޭ ދޮންބެ.. ބުނާށޭ އެންނު މިބުނީ ކޮބާ ހޭ.. ކަލޭމެންނަށް ކޮން އުނދަގުލެއްތަ ވީ އަހަރެމެން ދެމީހުންގެ ފަރާތުން.. ދެން ތި އަނިޔާ ދެނީ މައުސޫމް އަންހެން ކުއްޖަކަށްށޭ”ނަސްރާގެ ކަރުގައި އެއްއަތުން ހިފައިގެން ހުރެ އަނެއް އަތުން ގޮށްމުށުން ހައެއްކަ ހަމަލާ އޭނާގެ މޫނުމައްޗަށް ލިއާނާ ދިނެވެ. ހަމްދީ ކައިރިވި ހިނދު އޭނާ ދުރަށް ޖެއްސުމަށްފަހު ކަޔާންގެ މަސައްކަތުން ލިއާނާ ދުރުކޮށްލެވުނެވެ.
“މޮޔަވެގެން ތަ ތިއުޅެނީ” ނަސްރާ ހުރީ ބިރު ގަންނަ ގޮތް ވެފައެވެ.
“އަދިވެސް މަތަ މޮޔަވީ.. ކަލޭ ހިލޭ ފިރިހެނުން ފަހަތުން ދުވަމުން ނުވިތާކަށް ހުރި ހަމައެކަނި ދަރި މީހުން މަރަން ފޮނުވައިގެން ހުރެވޭތަ..” ނަސްރާއަށް ވުރެން ބާރަށް ލިއާނާ ހަޅޭއްލަވައި ގަތެވެ. އެހިނދު އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔައީ ހޫނު ހަމަލާއެކެވެ. ބަލައިލި ހިނދު މޫނު ރަތް ކޮށްލައިގެން ނަސްރާ ހުއްޓެވެ. މުޅި މޫނަށް އަނދިރި ވެގެން ދިޔަ އިރު ތިރި ވާން ދިޔަ ހިނދު ކަޔާން ހިފެހެއްޓިއެވެ.
“ހަބަރުދާރު.. މަ ހިތަކަށް ނާރާ ތިއީ ތިހާ ގޮތް ކުޑަ ކުއްޖެއް ކަމަކަށް.. ދިނާޔާމެންގެ ދެލޮލުގައި އަނދު އަޅައިގެން ހުރިވަރު.. ކަލެއަށް ލާހިކެއް ނޫން އަރްކާން އަކާއި އިންނާކަށް..” ނަސްރާ ދެވަނަ ހަމަލާ ދޭން އުޅުނު ވަގުތު ހަމްދީ ހިފެހެއްޓިއެވެ. އެހިނދު ބޮލަށް އަރާފައިވާ އެނބުރުން ހަމައަކަށް އެޅިލުމުން ކަޔާންގެ އަތް ފޮޅުވާލުމަށްފަހު ދިޔަ ގޮތައް ނަސްރާގެ މޫނު މައްޗަށް އެއަށް ވުރެން ބާރު ހަމަލާއެއް ލިއާނާ ދިނެވެ. އަނގަމަތިން ތަންކޮޅެއް ފެޅުނު އިރު ނަސްރާ ރޮއިގަތެވެ.
“ބަލާ ބަލަ ހަމްދީ … މީނާ މިގެއިން ނެރޭ..” ފަޅައިގެން ދިޔަ ތަންކޮޅުގައި އަތްލައިގެން ހުރެ ނަސްރާ ދިޔައީ ހަމްދީގެ ކުރިމަތީގައި ނިޔަނެތި މީހަކަށް ވެވޭތޯ މަސައްކަތް ކުރަމުންނެވެ. ލިއާނާ ފެނުނީން ސުރެން ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައިވެއެވެ. މި ދަނޑި ވަޅުގައި ޝަވަން ގޭގައި ނެތުމުން އޭނާ ހުރީ އިންތިހާއަށް ހާސްވާ ގޮތްވެފައެވެ.
“ކިހިނެތް ތަ ވެގެން މިއުޅެނީ.. ލިއާނާ ވެސް ވެއްޖެ އެންނު ހަމަޖެހެން .. މިގެޔަށް ވަދެ ތިހެން މަގޭ އަންހެނުންނާއި ދަރިއަށް ނިސްބަތް ކޮށްގެން ތިކަހަލަ ހަޑި ވާހަކަ އެއް ނުދެއްކޭނެ.. ހުސް ތުހުމަތު ތި އަޅުވަނީ.. އަހަރެން ހީކުރީ ޒެވިއަލް ފަދައިން ތިއީ ވެސް އެކަހަލަ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށް..” ހަމްދީގެ ޖީބުން ރުމާލެއް ނެގުމަށްފަހު ނަސްރާގެ އަނގަމަތީގައި ހޭކިފައިވާ ލޭތައް ސާފް ކުރަން ފެށިއެވެ. ހަމްދީގެ މޫނުމަތިން އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ފެނި ކަޔާންއަކަށް ކަމަކު ނުދިޔައެވެ.
“އެހެންވީމަ ހަމްދީ ވެސް ކުރުވާ ކަމެއް ދޯ މީ ނަސްރާ ލައްވާ.. ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން ތިއީ .. ތެދަށް ބުނަންޏާ އަހަންނަކަށް ނޭނގޭ ލިއާނާ މިތަނަށް އައި ސަބަބެއް.. އެކަމަކު ޔަގީން ނަސްރާ ކަމެއް ނުކުރާނަމަ އެހެން ނެތް ނާންނާނެ.. ” ކަޔާންއަށް ވެގެން އުޅޭ ގޮތް އޮޅުން ނުފިލި ނަމަވެސް ދެވުނީ ރަނގަޅު ޖަވާބެކެވެ. ކަޔާންގެ ވާހަކައިން ލިއާނާއަށް ލިބުނީ އާދަޔާއި ހިލާފް ހިތްހަމަޖެހުމެކެވެ.
“ކިހިނެތް ވީ ލިއާ.. އަހަރެން ދެކެ ކިތަންމެ ރުޅިއަޔަސް ބުނެދީ.. މިއީ ރައި ގެ ކަމެއް ނޫން.. މިއީ ޒެވް ގެ ކަމެއް.. ރައީގެ ކަމެއް އިތުބާރު ނުކުރާނެ ކަން އެނގޭ.. އެކަމަކު އެނގެންވާނެ ޒެވް އަށް ދެރަގޮތެއް ވާން އަހަރެން ވެސް ބޭނުމެއް ނުވާނެ ކަން.” ކަޔާން އަހައިލީ ހަމައެކަނި ލިއާނާއަށް އިވޭ ވަރަށެވެ. އަނގައިން ބަހެއް ބޭރުކުރުމެއް ނެތި އޭނާ ދައްކައިލީ އަތުގައި އޮތް ފޯނެވެ. އެންމެ ފަހުން ނަގާފައި އޮތް ވީޑިއޯ ކޮޅު ކަޔާންއަށް ދައްކާލި ހިނދު ލިއާނާއަށް ރޮވުނެވެ. އެހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރު ކޮށްލެވުނު އިރު އޭނާއަށް ހުރި ދިމާލަށް ތިރިވެވުނެވެ. ލިއާނާއަށް ވެގެން ދިޔަ ގޮތުން ހައިރާން ވެގެން ހަމްދީގެ ދެފަޔަށް ވެސް ބާރު ލިބުނެވެ.
” މީ ކާކު.. ޕާޓީން ފެނުނު..ޝަވަންގެ ކާކު މިއީ” އެ ވީޑިއޯ ކޮޅު ބަލާ ނިމުނު އިރު ކަޔާންގެ މޫނުމަތީގައިވީ ގަދަ ރުޅިވެރިކަމެވެ. ސާމިއުއަކީ ކިހާ ވަރެއްގެ ގުޅުމެއް ޝަވަންއާއި އޮންނަ މީހެއް ކަން ކަޔާންއަކަށް ނޭނގެއެވެ.
“ސާމިއު ތިއީ.. ސާމިއު އަކީ ޝަވަންގެ ކަޒިން.. އަހަރެންގެ އެކުވެރިއަކަށް ހުރި މީހެއް.. ދޮންބެ އާއި އަރްކާންގެ ކުރީގެ ބެސްޓްފްރެންޑް.. ޝަވަން އާއި ބައިވެރިވެގެން ތިއުޅޭ މީހާ އަކީ ސާމިއު.. މި ވީޑިއޯ ދެން އެ ފެންނަނީ ކާކު ކަމެއް ނޭނގެ.. އެކަމަކު އެނގޭ އެތާގަ އެހުރީ ޝަވަން ނޫން ކަން.. އެކަމަކު ޝަވަންގެ އެހީތެރިއެއް އެތާގަ އެވަނީ..” ހިތްވަރު ކޮށްފައި ލިއާނާ ބުނެދިނެވެ.
ލިއާނާ ދެއް ވާހަކަ ތައް އިވި ނަސްރާގެ ހިތުގެ ހަމަޖެހުން ނެގުނެވެ. ބިރާއި ސިހުމުން އެ މޫނު ފުރުނެވެ. އެ ވީޑިއޯ ނުފެނުނަސް އެކިޔަނީ ކީކޭކަން ނަސްރާއަށް އެނގުނެވެ. އޭނާއަށް އެވަގުތު ވިސްނުނީ އަމިއްލަ މީހާގެ ސަލާމަތް ހޯދުމާއި ދޭތެރޭގައެވެ. ފޯނު ނެގުމަށްފަހު ޝަވަންގެ ނަމްބަރަށް ގުޅާލިއެވެ. ދިހަ ވަރަކަށް ފަހަރު ގުޅި ފަހުން ވެސް ޝަވަން ފޯނު ނުނެގުމުން ދެން އޭނާ ގުޅީ ސާމިއު އަށެވެ. އެކަކުވެސް ނުނަގައެވެ. ނަސްރާ ކުރިއަށް ވުރެން ވެސް ބޮޑަށް ހާސްވާގޮތްވިއެވެ.
ސާމިއު” ހަމްދީއަށް ވީޑިއޯކޮޅު ފެނުނު އިރު ތުރުތުރު އަޅައިގަތެވެ. މެޔަސް އަރައިގެން ދިޔައީ ތޫނު ދިލައެކެވެ.
ކަޔާން އިތުރަށް މަޑުކުރާކަށް ނުހަދައެވެ. އާޔަން މެދުވެރިކޮށް މެސެޖެއްގެ ޒަރީއާއިން، އޭނާއަށް ލިބިފައިވި ހެކިތައް ފޮނުވާލުމަށްފަހު ނަސްރާގެ މައްސަލަ ޕޮލިހަށް ރިޕޯޓް ކުރިއެވެ. މާގިނަ އިރެއް ނުވެ އެގެއަށް ޕޮލިހުން ދާނެ ކަމަށް ބުނެ އާޔަން ވެސް މެސެޖެއް ފޮނުވާލިއެވެ. ފޯނުން މެސެޖް ކުރަން ހުރެފައި ބަލައިލި ހިނދު، ނަސްރާގެ މޫނު މަތިން ފެންނަމުންދިޔަ ކުލަ ވަރުން ކަޔާން ގާތައް އައީ ހިންޏެވެ.
“ސާމިއު އާއި ޝަވަން މި ގަންނަ ގަނޑު އެނގޭނެ އެންމެ ރަނގަޅަށް ނަސްރާއަށް.. އެހެންވީމަ މިބުނީ ބުނާށޭ.. ނަސްރާ ބައިވެރި ނުވަންތަ އެމީހުންނަކާ..ކެރޭނެ ދޮގެކޭ ބުނަން… ބުނަން ވީ ދޮންބެ ވީ ތަނެއް..” ލިއާނާ އަނެއްކާ ވެސް ނަސްރާއާއި ދިމާލަށް ދިޔައެވެ. ނަމަވެސް ކަޔާން ހިފެހެއްޓުމުން އޭނާގެ ގައިގާ އަތްލެވޭ ގޮތެއް ނުވިއެވެ.
“ޕޮލިހުން އެބައާދޭ.. ގޯހެއް ހެދިއްޖެއްޔާ ލިއާ ވެސް ގެންދާނެ..” ލިއާނާގެ ކަންފަތް ދޮށުގައި ބުނެލުމުން އިތުރަށް ގަދަހަދާކަށް ނޫޅޫނެވެ.
“މަށަކަށް ނޭނގޭ ކަލޭ ތިކިޔަނީ ކީކޭ ކަމެއް.. ބަޔަކު ކުރާހާ ކަމެއް ކީއްވެތަ މަ ބޮލުގަ ތި އަޅުވަނީ..ދާން އުޅޭ ނުކުމެގެން މިގެއިން” ނަސްރާ ހަޅޭއްލަވަމުން ދިޔައިރު ވެސް މަލަމުން ދިޔައީ ހަމްދީގެ މޫނަށެވެ. އިސްޖެހިފައި ހުރި ހަމްދީ ބަހެއް ނުބުނެ ހުރުމުން ނަސްރާގެ ރުޅި ކޮންޓްރޯލުން ނައްޓާވަރު ވިއެވެ. “ހަމްދީ ކީއްވެތަ މިމީހުން މަގޭ ބޮލުގަ ތުހުމަތު އަޅުވަނީ.. މީނަ އަދި މަޑުން އެބަހުއްޓޭ” ނަސްރާ ހަމްދީގެ އަތުގައި ހިފައި ތަޅުވައިގަތް ވަގުތުވީ ގެޔަށް ޕޮލިހުން ވަދެގެން އައި ވަގުތަށެވެ.
އިސްޖެހިފައި ހުރެފައި ހަމްދީ ވެސް އިސްއުފުލާލީ އެވަގުތުއެވެ. އެމީހުން އައިސް ދެއްކީ އަމުރެވެ. ދެ ފުލުހުން ނަސްރާގެ އަތުގައި ބިޑި އެޅުވި ހިނދު ހަމްދީއަށް ހަޅޭއްލަވައި ގަނެވުނެވެ.
“ނަސްރާ ވަނީ ލިއާގެ މައިންބަފައިން ޝާލިއާދައްތަ އަދި ޒާފިރްބޭ މަރާލުމުގެ ކުށުމުގަ ހައްޔަރު ކުރި ދެ ކުށްވެރިން މިނިވަން ކުރުމަށް ސީޕީ ލަތީފްއަށް އެތައް މިލިއަން ޑޮލަރެއް ދީފަ.. ދެމީހުން ހަދާފަ އޮތީ އެއްބަސް ވުމެއް .. ލަތީފް ބުނެފައިވާ އަދަދަށް ފައިސާ ދިނުމުން ނަސްރާ އެދުނު ފަދައިން އެދެ ކުށްވެރިން ދޫ ކޮށްލާ ގޮތައް.. އެކަން ކޮށްފަ އެބަ ވޭ.. ލަތީފް ގެ އެކައުންޓްއަށް އެބަ ހުރި ފައިސާ ޓްރާސްފާރ ވެސް ކޮށްފަ.. މިވަރުން ދެން ހަމްދީއަށް ޔަގީން ވާނެ ކަމަށް އުއްމީދު ކުރަނީ.. ލަތީފް އަކީ ނަސްރާގެ ލޯބިވެރިޔާ.. ވަގު..ލޯބިވެރިޔާ” ކަޔާން ކިޔައިދިނެވެ. އޭނާގެ ފޯނުން ދައްކައިލީ އެފައިލްތަކާއި ސީސީޓީޥީ ކެމެރާއިން ނަގާފައިވާ، ނަސްރާ އާއި ލަތީފްގެ ގައިގޯޅިކޮން ހުރި ފޮޓޯތަކެވެ. އެ ސާމާނު ފެނި ލިބުނު ސިހުމުގައި ހަމްދީގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މެޔަށް އަރާފައިވި ގަދަ ރިހުން އިތުރުވެ ހެޔަށް ގޮތްވެގެން ދިޔައެވެ. އޭނާ ވެއްޓެން ދިޔަ ހިނދު އެންމެ ބާރަށް ރޮއިގަތީ ނަސްރާއެވެ.
ހަމްދީއަށް ވެގެން ދިޔަ ގޮތުން ކަޔާންއާއި ލިއާނާ ވެސް ހުރީ ހިސާބަކަށް ބިރުގަނެފައެވެ. ހަމްދީ ގޮވައިގެން ގޭގައި ގެންގުޅޭ މީހެއްގެ އިތުރުން ދެ ފުލުހަކު އެމީހުންގެ ޖިޕުގައި ހޮސްޕިޓަލަށް މިސްރާބު ޖެހިއިރު ނަސްރާ ހިފަހައްޓައިގެން ތިބި މީހުން ތިބީ އިތުރު ޖިޕެއް އަންނަންދެނެވެ.
“ހަމްދީ.. މާފް ކުރޭ.. ހަމްދީ.. އަހަރެން އެހެން ހެދީ އަހަރެމެންގެ ދަރިފުޅަށް ޓަކައޭ.. ލިއާނާ.. ތެދެއް ތިބުނީ އަހަރެން މިއުޅެނީ ބަދަލް ހިފަން.. އެކަމަކު ޝަވަންމެން ވީ ތަނެއް އަހަންނަކަށް ނޭނގޭ..” ހަމްދީ ގެންދާ ތަން ފެނި ނަސްރާ ހަޅޭއްލަވަމުން ދިޔައިރު ޝަވަންގެ ނަމުން ވެސް އޭނާ ދިޔައީ ގޮވަމުންނެވެ.
“ދޮގު ނުހަދާ ބުނަންވީ.. ކޮބާ ހޭ މަގޭ ދޮންބެ.. ކަލެއަށް އެނގޭނެ ވީތަން.. ބުނާށޭ”
“ނޭނގެއޭ.. އަހަންނަކީ ދީން ވެރި މީހެއް ނޫން ..އެކަމަކު ހެއްދެވި ފަރާތް ގަންދީ ހުވާ ކޮށްފަ މިބުނީ އަހަންނަކަށް ނޭނގޭ .. ދެން ވެސް އަހަރެން ދޫ ކޮށްލަން ބުނޭ …ހަމްދީ ކައިރިއަށް ފޮނުވާލާ ” ނަސްރާ ރޮމުން ގޮސް ހުރި ދިމާލަށް ތިރިވެ ލިއާނާގެ ފައިގަ ހިފެހެއްޓިއެވެ. ނަމަވެސް ލިއާނާ އަޅައިވެސް ނުލިއެވެ. ފައި ފޮޅުވާލުމަށްފަހު ދުރަށް ޖެހިލިއެވެ.
“ހިނގާ އިހަށް މި ވަގުތު … މަށަކަށް ހިއެއް ނުވޭ މީނަ އަށް އެނގޭ ހެންނެއް ޒެވް ވީ ތަނެއް.. އެހާ ވަރު ކުރި އިރު ބުނާނެ އެހެންނަމަ..” ކަޔާން އަށް ވިސްނުނު ގޮތް ބުނެލިއެވެ. ލިއާނާ ވެސް ބޯ ޖަހާލާފައި ކަޔާންގެ ފަހަތުން އެގެއިން ނުކުންނަން ދިޔައެވެ.
ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔަކަން ވެސް ލިއާނައަށް ރެއަކާއި ލީ އެވަގުތުއެވެ. އަރްކާންގެ ވިއްސަކަށް މިސްކޯލް އިން އިރު އެވަގުތު ވެސް ދިޔައީ އަރްކާން ގުޅަމުންނެވެ.
****
މަޑު ފުސްކަމެއްގެ ތެރެއިން އަލިވަމުން ދިޔައިރު މާހައުލު ލަސްލަހުން ވަކިވަމުންދިޔައެވެ. ބޮލާއި ނިތް ކުރި އަށް ވާން ވެފައިވާ ވަރުން ބޯ ހިއްލާލަން ވެސް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ހިތްވަރު ކޮށްފައި ޒެވިއަލް ތެދުވަންނަން މަސައްކަތް ކުރަމުން ދިޔައެވެ. ބޯ ހިތްލާލި ވަގުތު ހީވީ މުޅިތަން އެނބުރިގެން ދިޔަހެންނެވެ. އަތުގައި ވާ ޗޭނުގަނޑުގެ އިޙްސާސް ވެސް ކުރެވުނީ އެވަގުތެވެ. އިށީންދެ އިން ގޮނޑީގައި ބޯ އަލާލަމުން އަތައް ބަލައިލެވުނެވެ. އަތުގައިވަނީ ދަގަނޑު ބަރު ޗޭނު ފައްޗަކުން ވަރުގަދައަށް އައްސާފައެވެ. އެ ޗޭނުގަނޑުގެ ބަޔެއް ކަރަށް ވައްޓާލާފައި ވާއިރު އެއާއި ގުޅުވާފައިވާ އިތުރު ބައެއް އުނަގަނޑާއި އެކު ގެންގޮސް އެންމެ ތިރިޔަށް ވައްޓާލާފައިވާ ބައިން ދެފައިވެސް ވަނީ އައްސާ ރަނގަޅަށް ހިލިހިލާ ޖަހާފައެވެ. އޭނާ ބައިންދާފައިވަނީ ކުޑަ ގޮޅިއެއް ކަހަލަ ތަނެވެ. ބަންދުން ބޮޑެވެ. ލިބެނީ މަތީގައިވާ އޮރެންޖް ކުލައިގެ އެންމެ ބޮއްކެއްގެ ފަނޑު އަލިކަމެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް ކަންކަން އަންނަމުން ދިޔަ ވަގުތު، އަލާރާގެ މަތިން ހަނދާންވެ ޒެވިއަލްއަށް ތެޅިގަނެވުނެވެ. އެންމެ ފަހު ހަނދާނަކަށްވީ، އޭނާގެ ބޮލަށް މީހަކު ހަމަލާއެއް ދިން ވަގުތުގެ ހަނދާނެވެ. ދެން ވީ ގޮތެއް ޒެވިއަލްއަކަށް ނޭނގުނެވެ. ހަމަލާ ދިން ވަގުތު އަލާރާ ވެސް ކައިރީގަ ހުއްޓެވެ. އެންމެ ފަހުން އޭނާއަށް އިވުނީ އަލާރާގެ ރުއިމުގެ އަޑެވެ.
“ކާކު މިތަނަށް ގެނައީ… ކާކު ހޭ…އަލާ.. އަލާ” އަލާރާއަށް ގޮވަމުން ޒެވިއަލް، ޗޭން ގަނޑު ނެއްޓޭ ތޯ އެކި ކޮޅުކޮޅަށް ދަމަން ފެށުމުން އެކަމުން ލިބުނީ އިތުރު ވޭނެވެ. ކަރަށް ބާރު ވެގެން ދިޔަގޮތުން ނޭވާ ލާން ވެސް އުނދަގޫ ވިއެވެ. އޭނާ ހައްޔަރު ކުރި ބަޔަކު އެވަނީ އެހާ ވެސް ފުރިހަމައަށް އެކަން ކޮށްފައޭ ހިތައް އެރިއެވެ.
“ކޮބާ ބަ އަލާ .. އަލާ…އަލާ” ޒެވިއަލް ކެނޑިނޭޅި ގޮވަމުން ދިޔައިރު ހިތައް ވަންނަމުން ދިޔައީ ބޮޑު ބިރުވެރިކަމެކެވެ. އަލާރާ ކޮބައިބާވެއެވެ. އަލާރާއަށް ކަމެއް ވީބާއެވެ. ފަހަރަކކަށް ވުރެން ފަހަރަށް ހިތް ހާސްކުރުވަމުން ދިޔައެވެ.
ޗޭނުގަނޑުން ސަލާމަތް ވާނެ އާލާތެއް ފެނޭތޯ ވަށައިގެން ލޯ ހިންގަނިކޮން ކުއްލިއަކަށް އެ ތަނުގައިވާ ހަނި ދޮރެއް ހުޅުވުނު އަޑު އަހާފައި ޒެވިއަލް ބަލަހައްޓައިގެން އިނެވެ. ދޮރު ހުޅުވުނު ވަގުތު ބޭރުން އިންޖީނު އަޑެއް އިވެމުންދިޔައިރު، ކޮންމެ ވެސް ވަރަކަށް މޫދު ލޮނު ވަސް ދުވަމުންދިޔައެވެ. އެކަމަށް ސަމާލުވެގެން އިންދާ އޭނާއަށް ފެނިގެން ދިޔައީ ފެންނާނެ ކަމަށް އުއްމީދު ކުރި ފަރާތެއް ނޫނެވެ.
“ސާމިއު” ޒެވިއަލް ދިޔައީ ރުޅިގަދަ ވެގެން ދިޔައިރު އެ މޫނަށް ފާއްދާލީ ރަތްކުލައެވެ. ރުޅިން ތުރުތުރު އަޅަމުން ދިޔައިރު ސާމިއުގެ މޫނުމަތިން ފެންނަމުން ދިޔައީ ނުބައި ހިނިތުންވުމެކެވެ.
***
(ނުނިމޭ)