ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 01

ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުރި ޒުވާނެކެވެ. ފާރުގައި ލެނގިލައިގެން ހުރިއިރު ހަށިގަނޑުގެ ވަރުގަދަ ކަމާއި އެކު  އިސްކޮޅުން ދިގެވެ. ކަނދުރާއާއި ހަމައަށް ދިގުކޮށްފައިވާ އިސްތަށިގަނޑެއް ހުރި އިރު އޭނާގެ ތުނބުޅިވެސް ފުދޭވަރަކަށް ދިގުކޮށްފައި ހުއްޓެވެ. މަޑުރަތްކަމެއް ހުރި ތުންފަތެއް ހުރި އިރު ވިލު ނޫކުލައިގެ ކަޅިއެއްވާ ދެލޮލުގައިވަނީ ތޫނު ކަމެވެ. ހަންގަނޑުން މާ ދޮން ނޫން ނަމަވެސް ކަޅެއްވެސް  ނޫނެވެ.  ޓޭން ވެފައި ވާއިރު އަންހެންކުދިން މޮޔަކުރުވާފަދަ ރީތިކަމެކެވެ.

އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުގައި ވަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. ފޮރުވިފައިވާ އެތައް ހާސް ހިތާމަތަކެއް ވާފަދައެވެ.

“ޒެވިއަލް” ވިސްނުމެއްގައި ހުރި ޒެވިއަލްގެ ސަމާލުކަން ހުއްޓުނީ ދޮރުން ވަދެގެން އައި ޖަލު ބަލަހައްޓާ އޮފިސަރަށެވެ. ޒެވިއަލްގެ ތުންފަތް މަތިން ފަނޑު ހިނިތުންވުމެއް ފެނިލިއެވެ. ބަލާބެލުމަށް އެ އެއީވެސް އެއުމުރުގެ ޒުވާނެކެވެ. އެ ޒުވާނާގެ މޫނުމަތިން ފެނިލީ ހިތްހެޔޮކަމެވެ.

“ޒެވިއަލް..އަހަރެން ވަރަށް ހަނދާން ވާނެ…ހީކުރަން މިތަނުން ދަސްވި ކަންތަކާއި އުނގެނުން އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް.. އަހަރެން މިތާގައި  ހޭދަ ކުރި ހަތް އަހަރުގެ ތެރޭގައި އަހަންނަށް ދިމާވި އެންމެ ތަފާތު ޒުވާނާ ތިޔައީ.. އުއްމީދުކުރަން ޖަލުން މިނިވަންވި ނަމަވެސް އަހަރެންނާއި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ކަނޑާނުލާނެ ކަމަށް..ތިއީ އަހަންނަށް ލިބުނު އެންމެ ގާތް އެކުވެރިޔާ” އޮފިސަރު ކަޔާން ހީލިއިރު ޒެވިއަލް އާއި ސަލާމް ކޮށްލަމުން އެއަތުގެ ތެރެއަށް ސިޓީ އުރައެއް ލައްވާލިއެވެ. ޒެވިއަލް ހައިރާންވެފައި ބަލަހައްޓާއިގެން ހުރިއިރު ކަޔާންއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮން އެތަނައް އައިސް ވަނީ އިތުރު ދެ އޮފިސަރުންނެވެ.

“ކޮބާ..ޒެވިއަލް .. ހިނގާ ދަމާ..އެބަ ހުންނެވި ބަލާ ދުރުވެފަ..” އެމީހުން ޒެވިއަލް ގޮވައިގެން ނުކުމަތީ ހަނިމަކުންނެވެ. މީހަކު ބަލާ އައިސް ހުރި ވާހަކަ ބުނުމުން ހައިރާން ވިނަމަވެސް ޒެވިއަލް  އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ކައިރީގައި އިތުރު އޮފިސަރުން ތިބުމުން ކަޔާން ވެސް އިތުރަށް އެއްޗެއް ނުބުނެ ޒެވިއަލްގެ ފަހަތުން ނުކުމެގެން އައެވެ.

ޖަލުން ނުކުމަތް ހިނދު ބޭރުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ޒެވިއަލްގެ ނަޒަރުގައި އަޅައިގަތެވެ. “އަރްކާން” ޒެވިއަލްއަށް ހުރެވުނީ ފާޑާކަށް ހުއްޓުން އަރައިފައެވެ. ދިގު އިސްކޮޅަކާއި ބިޔަ ހަށިގަނޑާއި އެކު ޒުވާން އަންހެނުން މޮޔަކުރުވާ ފަދަ ރީތި ސިފަތަކެއް ލިބިފައިވީ ނަމަވެސް އަރްކާންގެ މޫނުމަތިން ފެންނަނީ ބޮޑާކަމެވެ. ކަޔާން އާއި އެހެން އޮފިސަރުން ސަލާން ކޮށްލުމަށްފަހު ދިޔުމުން ޒެވިއަލް ކުރިމަތީގައި ހުރި އަރްކާންއަށް އަޅާނުލާ ޖެހިގެން އޮތް މަގަށް އެޅިއެވެ. އަރްކާން ގޮވަން ފެށުމުން އެ އަޑަށް ބީރުކަންފަތެއް ދީފައި ޒެވިއަލް ހިނގަމުން ދިޔައީ އޭނާ ފަހަތުން އަންނަ ކަން އެނގިހުރެއެވެ.

“ޒެވިއަލް… އޭތް މަޑުކޮށްބަލަ ބައްޕަ ބުނެގެން އަހަރެން މިއައީ ޒެވިއަލް ބަލައޭ..ކާކަށް ދައްކަންތަ ވައްތަރު ގިނަކުރަނީ ތި..ހީވޭތަ މަ ބޭނުން ވެގެން ބަލާ އަންނާނެ ހެން” އަރްކާންގެ އަޑުގައި ހުރީ އިންތިހާ  ރުޅިވެރިކަމެވެ.

ހިނގަމުންދިޔަ ޒެވިއަލްގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަސް އެނބުރިބަލައިލި އިރު، ރުޅިއައިސްފައި ހުރި އަރްކާން ފެނި ޒާތަކަށް ހީލިއެވެ. ހީވާގޮތުން ޒެވިއަލްގެ މަގްސަދު ހާސިލްވީއެވެ. އެއަމަލުން އަރްކާންގެ ރުޅި ވަކިން ގަދަ ވި ހެން ހީވިއެވެ.

“ބުނަން ވާހަކައެއް .. އަހަރެން މިތަނަށް އައިސް މިހުރީ  ކުރާނެ ކަންތައް ގިނަވެގެންނެއް ނޫން.. އަހަރެންގެ ކޮއްކޮ އެބައޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގަ…އެހެންވެގެން ބައްޕައަށް ނާދެވިގެން މިތަނަށް މިއައީ..ކިތަންމެ ނުބައިކޮން ޒެވިއަލް ކަންތައް ކޮށްފައި ހުރި ނަމަވެސް އަހަރެމެން ނޫނީ ނުތިބޭނެ އަޅާލާކަށް..އަދި އެއްވާހަކަ މަގުމަތީގަ އަހަރެން އިމްތިހާނު ކުރުވަން ނުހަދާ ކާރަށް އަރަން އާދޭ.. ސްޓޮޕް ވޭސްޓިންގް ބޯތް އޮފް އަސް ޓައިމްސް..” ރުޅިގަދަވެފައި ހުރި ނަމަވެސް އަރްކާން ވާހަކަ ދެއްކީ މަޑުންނެވެ. އަމީނީ މަގަށް ވެފައި އެވަގުތަކީ ވެސް މަގުމަތީގައި ނުހަނު ބާރުބޮޑު ވަގުތެވެ. އޭނާއަކީ ކާކުކަން އެނގިގެން މަގުންދާ މީހުން ވެސް ބަލަމުންދިޔައެވެ. އޭނާގެ އަހުލާގް އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރަމުންދިޔަ މަސައްކަތް ޒެވިއަލް އާއި ހެދި ބޭކާރް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

“އަހަރެން ނުބުނަން އެއްވެސް މީހެއްގެ ކައިރީގަ ބަލާ އަންނާކަށް … އަމިއްލަ ގެއެއް އެބަހުރި.. އަމިއްލަ ކުޑަ ކޮއްކޮ ވެއްޖެ އެހެން ގެއެއްގަ ..އެގެއިން ކޮއްކޮ ގޮވައިގެން އަމިއްލަ ގެޔަށް އަހަރެން ދާނީ…. އަރްކާންގެ ބައްޕަ ކައިރީގައި ގޮސްފަ ބުނެލަދީ ކޮއްކޮ އެކަނިން ދޫކޮށްލާފައި ދުރުގަ ދެން ނުހުރެވޭނެ އޭ..ޖަލުން މިނިވަން ކޮށްދިނީމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ..މިވަގުތު ގޮސްލީ” އެއްވެސް އަސަރެއް ނެތް ފަދައަކުން ބަލައިލުމަށްފަހު މަގުން ދަތުރު ކުރަމުން ދިޔަ ޓެކްސީ އެއް ހުއްޓުވުމަށްފަހު ޒެވިއަލް އެއަށް އަރައިގެން ދިޔައެވެ.

ޒެވިއަލް ދިޔަތަން ފެނި އަރްކާންގެ ރުޅިގަނޑު ކޮންޓްރޯލް އިން ނައްޓައިގެން ދިޔައެވެ. ހޮސްޕިޓަލްއަށް ނުގޮސް އެހާ ވަރުން އެއައީ ވެސް ބައްޕަގެ އެދުން ފުރިހަމަ ކޮށްދިނުމަށެވެ.

**

“އަލާރާ މުހައްމަދު އަޒީޒް” އޮޕަރޭޝަން ތީ އޭޓަރުގެ ތެރެއިން ނުކުން ޑޮކްޓަރާއި އެކު ހުރި ނަރުހުގެ އަޑަށް  ތީއޭޓަރުގެ ބޭރުގައި ތިބި ދެމަފިރިން ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. “ޑޮކްޓާރ..އަޅުގަނޑުގެ ދަރިފުޅު ސްޓޭބަލް ތޯ” އަވަސް އަވަހަށް އަހައިލިއިރު އަޒީޒްގެ މޫނުމަތީގައިވަނީ ހިތްދަތިކަމުގެ އަސަރެވެ. ކައިރީގައި ހުރި ދިނާޔާގެ ދެލޮލުގައި ވެސްވަނީ ކަރުނައިގެ އަސަރެވެ.

“ﷲ އިރާދުކުރެއްވީތީ އަލާރާގެ އޮޕަރޭޝަން ކާމިޔާބު.. ނަމަވެސް އެކްސިޑޭންޓްވެ ޖެހުނު ގޮތުން ނުހަނު ބޮޑަށް ބޮލާއި ލޮލުގެ ނާރުތަކަށް ވަނީ ގެއްލުންވެފަ.. ހާއްސަކޮން ލޮލުގެ ފެނުމުގެ ހިއްސު ބަލަހައްޓާއިދޭ ނާރު ކަމަށްވާ އޮޕްޓިކް ނާވްގެ އެއިޓީ ޕަސެންޓްވަނީ ޑެމޭޖް ވެފަ..ދެން ބޮލަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު ކޯމާއަކަށް ވެސް ދިޔުމަކީ އެކަށީގެންވާ ކަމެއް.. އަދި މިވަގުތު ޕޭޝަންޓް ހޭ ނާރާތީވެ ވަކި އެއްޗެއް އަޅުގަނޑުމެންނަށް ބުނަން ދަތި.. އިތުރު ސުވާލެއް އެބައޮތްތޯ” ޑޮކްޓާރުގެ ވާހަކަތަކުން އަޒީޒްއަށް ހުރިދިމާލަށް ތިރިވެވުނެވެ.

އަޒީޒްގެ ގާތައް ތިރިވި ދިނާޔާއަށް ވެސް ރޮވެމުން ދިޔައެވެ. “އަޅެ އަހަރެމެންގެ އަލާ ސަލާމަތް ވާނެތަ..ކިހިނެތް ތަ މިވީ އަލާއަށް” ދިނާޔާ ރޯވަރުން އަޒީޒް އޭނާ ގެނެސް މެޔާލާ ބޮނޑިކޮށްލަމުން ހިތްވަރުދިނެވެ. އޭނާގެ ހިތައް ކިތަންމެ ހާ ވެސް ބޮޑަކަށް އަސަރް ކުރިނަމަވެސް ލޯބިވާ އަނބިމީހާއަށް ހިތްވަރު ލައިދެމުންދިޔައެވެ.

“ދިނާ..އެއީ ދިނާގެ ފުށުން ވީ ކަމެއް ނޫނޭ..އަހަންނަކަށް ހިއެއް ނުވޭ އެއީ އަލާ ގަސްތުގައި ކުރި ކަމެއް ހެންނެއް.. އެއަށްވުރެން އަލާ އަކީ ހޭޖެހޭ ކުއްޖެއް.. މާތްﷲގެ އިރާދަފުޅުން އަލާ އަށް ދެރަގޮތެއް ނުވާނެ .. ހިތްވަރުކުރޭ.. އަލާ ހޭ އެރީމަ އެންނު އެހޭނީ ވެސް ވީ ގޮތެއް..” އަޒީޒްގެ ދެލޮލުން ފޭދުނު ކަރުނަތިކިތައް ފުހެލަމުން ދިނާޔާގެ ގައިގާ ކުރިއަށް ވުރެން ބޮޑަށް ބައްދާލިއެވެ. އޭރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. އިރުކޮޅެއްފަހުން އިތުރު ނަރުހަކު ނުކުމެފައި އަލާރާ ޕްރައިވެޓް ރޫމަކަށް ބަދަލްކުރަން އުޅޭވާހަކަ ބުނެލުމުން  ދެމަފިރިންނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

އަރްކާން ހޮސްޕިޓަލްއަށް ވަދެގެން އައި އިރު ތަނުގައި ތިބި މުވައްޒަފުންނާއި ތަނަށް ހިދުމަތް ހޯދުމަށް އައިސް ތިބި އާންމުމީހުންގެ ނަޒަރުގައި އޭނާ އަޅައިގަތެވެ. އިސްޖަހައިލައިގެން އައި ނަމަވެސް އެހެންމީހުންގެ ނަޒަރު އޭނާގެ މޫނަށް އަމާޒުވެފައިވާ ކަން އެނގުމުން އަރްކާން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. މޫނުމަތިން ފެނުން ބޮޑާ ކަމާއެކުވެސް އޭނާގެ ރީތި ސިފައަށް ޒުވާން އަންހެނުން ކަޅި ޖަހާނުލާ ބަލަންމުންދިޔައެވެ.

އަރްކާން އަށް ދެވުން އިރު އަލާރާ ވަނީ ޕްރައިވެޓް ރޫމަކަށް ބަދަލް ކުރެވިފައެވެ. ކޮޓަރީގެ ތެރެއަށް ވަން އިރު ދިނާޔާ، އަލާރާގެ އަތްތިލާގައި ހިފަހައްޓާއިލައިގެން އިނެވެ. އޭރު އަޒީޒް ފޯނު ކަންފަތުގައި ޖަހައިލައިގެން ދުރުގައި ހުއްޓެވެ.

“ދަރިފުޅާ ކޮބާ ބަލާދިޔަ ކުއްޖާ..” ދިނާޔާ އަރްކާންގެ މޫނައް ބަލައިލަމުން އަހައިލިއެވެ. އަރްކާން ދިޔައީ އަޒީޒްގެ އެންމެ ގާތް ރަހްމަތްތެރި ޒާފިރްގެ ފިރިހެން ދަރިފުލު ބަލާ ކަމުގައި އަޒީޒް ވަނީ އޭނާގެ ގާތުގައި ބުނެފައެވެ. ނަމަވެސް އަރްކާން މިއައީ ހުސް އަތާއެވެ. ދިނާޔާގެ އަޑަށް ފޯނުގައި ހުރި އަޒީޒް ވެސް އަރްކާން އާއި ދިމާލަށް އައެވެ.

“ބައްޕާ އޭނާ ނައި..އަހަރެން ދިޔައިން ބަލާ..ކީއްކުރަންތަ އެ ފާޑަށް އުޅޭ މީހުން ގަދަކަމުން ގެޔަށް ގެންނަން ތިއުޅެނީ ..” އަރްކާން ދެންމެ ހިނގާދިޔަ ކަންތައް އަޒީޒްއަށް ކިޔައިދިނުމުން އަޒީޒްގެ ނިތައް އަރައިގެން ދިޔައީ ކުދި ރޫތަކެކެވެ.

“އެފަދަ ގޮތެއް ވާނީ..ލިއާނާ އެކަނި ދޫކޮށްލާފަ އޭނާ ނުވެސް އަންނާނެ .. ފަސް އަހަރު ޖަލުގައި ބަންދުކޮށްފައި އެ ނެރުނީ.. މިދުވަސްކޮޅު އަހަރެމެން ލިއާނާ ބެލި ނަމަވެސް ޒެވިއަލް ވެސް ބޭނުންވާނެ ދެން އެތަނުން ނުކުމެފަ ކޮއްކޮ ކައިރިގަ ހުންނަން… އަހަރެމެންނަށް ނަމަވެސް އެގޮތައް ދިމާވީމަ ކުރިމައްޗަށް އަރަން ޖެހިލުންވާނެ..އަލާ ގެޔަށް ދޫ ކޮށްލީމަ ހަމަޖެހިލައިގެން އަހަރެން އުޅޭނަން އެކަމާ..އަހަރެމެން ނުވާނެ އެދެބެން އެކަނި ކޮށްލައިގެންނެއް..” އަޒީޒް ދިނާޔާގެ ކައިރީގައި އިށީންދެލިއެވެ. އަޒީޒްގެ ވާހަކަތަކަށް އެއްބަސް ވުމުގެ ގޮތުން ދިނާޔާވެސް ބޯ ޖަހައިލަ ޖަހައިލަ އިނެވެ.

“ސާބަސް އެކަމަކު ބައްޕަ މެންނަށް… އެ ޒެވިއަލް އާއި ލިއާނާ ވެގެން ބައްޕައާއި މަންމަގެ ބްރެއިން ތިހުރީ ރަނގަޅަށް ވެސް ވޮޝްކޮށްލާފަ އެންނު.. ބައްޕަ މިހާ އަވަހަށް ހަނދާން ނެތުނީތަ ޒެވިއަލް ޖަލަށް ލީ ކީއްވެގެން ކަމެއް.. އަހަރެން ހީކުރީ ބައްޕައަށް ނުވިސްނުނަސް މަންމަ އަށް ވިސްނޭނެކަމަށް..އެހާ އަހްލާގު ދަށް މީހުން ގެޔަށް ވެއްދީމަ ގޭތެރެވެސް ފަސާދަ ވާނެ” އަރްކާން ރުޅިގަދަވެފައި ވީ ވަރު އެމޫނުމަތިން ވެސް ހާމަ ވެގެން ދެއެވެ.

“ދަރިފުޅާ ރުޅި މަޑުކޮށްބަލަ.. ދަރިފުޅު ތީ ދެން ކުޑަ ކުއްޖެއް ނޫން ދޯ.. އެހެން ނޫނަސް ބައްޕަ އަށް ކުރަންވާ އިހްތިރާމް މަތިން ހަނދާން ނެތުނީތަ މާ އަޑުބާރުވެގެން ތިއުޅެނީ..ބައްޕަ އެބުނީ ދޮގެއްތަ…އަހަރެމެން ނޫނީ ނެތޭ ލިޔާ އާ ޒެވިއަލް އަށް އެހީވާން އިތުރު ބައެއް .. އަހަރެމެން ތިންމީހުންނަށް ވެސް އެނގެއެންނު ޒެވް އިނޮސެންޓްކަން..” ދިނާޔާ ޒެވިއަލް ދިފާއުކުރުމުން އަރްކާން ވަކިން ރުޅި ގަދަވިއެވެ.

“އޭނާ އިނޮސެންޓް ވީމަ ތަ އެކަހަލަ މީހުން ފަހަތުލައިގެން އުޅެނިކޮން ބަސްޓްވެގެން ޖަލަށް ލީ..މަ” އަރްކާން ދައްކަމުން ދިޔަ ވާހަކަ ހުއްޓުމަކަށް އައީ އަޒީޒް ރުޅިވެރި އަޑަކުން އޭނާއަށް ގޮވައިލުމުންނެވެ.

“އަރްކާން.. އަޑުމަޑުކުރޭ.. ބައްޕައަށް އެނގޭނެ ގެޔަށް ގެންދަން ވީ މީހުންނާ ނުގެންދަން ވީ މީހުން.. ދަރިފުޅަށް އެއްޗެއް ބުނެދިނުމަށް ވުރެން ނުބުނެދިނުން ރަނގަޅުވާނީ.. މިވީ ފަސް އަހަރު ތެރޭގައި ލިއާނާ އެ ހުރީ ބައްޕަގެ ގާތް އެކުވެރިއެއްގެ ގޭގަ..އެދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ލިޔާނާއަށް ކިތަންމެ ހެވަސް ޒެވިއަލް އައީމަ މިހާރް ދެން އެގޭގަ ކުރިން ހުރިގޮތަކަށް ނުއެއް ހުރެވޭނެ ..  ބައްޕަ އެދެބެން އަހަރެމެން ގޭގެ އެންމެ މަތީ ފްލޯއަށް ގެންނަން އޮންނާނީ ނިންމާފަ.. ލިއާނާ ގާތު ވާހަކަ ދެއްކީމަ އޭނާ އޭރު އަންނަން އެއްބަސް ނުވީ ޒެވިއަލް މިނިވަން ނުވާތި.. މިހާރް އެއްބަސް ވާނެ ހެން ހީވަނީ.. އަހަރެމެން އުޅޭ ފްލޯއަކު ނޫން ޒެވިއަލް މެން ހުންނާނީ އެއް..މިވަރުންވެސް ހިތްހަމަ ނުޖެހެންޔާ ދަރިފުޅުގެ ހުންނާނެ އަމިއްލަ ގެއެއް.. އެ ގެޔަށް ޗޭންޖް ވޭ..” އަޒީޒްގެ ވާހަކަތައް އިވުމުން އަރްކާން ދެލޯ ބޮޑުކޮށްލައިގެން ހުއްޓެވެ. ޒެވިއަލް އަށްޓަކައި ބައްޕަ އޭނާއާއި ދެކޮޅަށް ބަސްބުނީތީ ކުރިއަށް ވުރެން ބޮޑަށް ޒެވިއަލްދެކެ އަރްކާން ފޫހިވިއެވެ. އަރްކާން އެއްޗެއް ބުނަން އުޅުނު ހިނދު ދެބަފައިންގެ ޒުވާބް ހޫނުވުމުގެ ކުރިން ދިނާޔާ ހުއްޓުވިއެވެ. އިތުރަށް އަރްކާން ވެސް އެއްޗެއް ނުބުނެ ގޮސް އަލާރާގެ ގާތައް ހުއްޓިލިއެވެ. އަރްކާން ކައިރިވުމުން ދިނާޔާ އޭނާ އިއްތަން ތަން ދިނުމަށް ފަހު އަޒީޒް ގާތު ދުރުގައި މަޑުކޮށްލިއެވެ.

ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އަލާރާގެ މޫނުކޮޅު ފެނި އަރްކާންގެ ހިތް މަޑުވެގެން ދިޔައެވެ. ހުދު ދޮންކުލައިގެ ހިމަ ދިގުމޫނަށް މަޑު ފިޔާތޮށިކުލައެއް ވަނީ ވެރިވެފައެވެ. ތުނިތުނި ރަތް ތުންފަތެކެވެ. ދިގު އެސްފިތައް ކޯތާފަތް މައްޗަށް ހިޔާ އެޅިފައިވާ ގޮތުން ނުހަނު ލޯތްބެވެ. ހަންގަނޑު އޮމާންކަމުން އެންމެ ކޫރުމެއް ވެސް އެޅިފައި ނުވާ ބިއްލޫރި ބުދެއް ފަދައެވެ. އަލާރާގެ ގަދަ ޗޮކްލެޓް ކުލައިގެ ފަންފަން ބޯ އިސްތަށިގަނޑު ފަހަތުން ފެންނަން އޮތްބައި އަރްކާން ވޫލްކޮޅަކުން ރަނގަޅުކޮށްލަ ދިނުމަށްފަހު އަލާރާގެ ނިތުގައި ވަރަށް ލޯބިން ބޮސްދިނެވެ.

“ދޮންބެގެ ޕްރިންސެސް..ދެން ހޭލަން އުޅޭ…ހިތަކަށް ކެތެއް ނުވޭ ތިހާލުގަ އޮންނަ ތަން ދެކޭކަށް..އާހް “އަލާރާގެ މަޑު އަތްތިލައިގާ ހިފާލައިގެން އިންއިރު އަރްކާންގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

“ދަރިފުޅާ.. ސުހާދު ގުޅާފަ ބުނި ބޭރުގަ ނޫސްވެރިން ވެސް އެބަ ތިއްބޭ.. ބައްޕަ ބުނިން އަލާގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރަން .. އެއްވެސް ނޫސްވެރިއެއް ނުވެސް ދިޔަ..ދަރިފުޅު ދާންވީއެންނު  ގޮތެއް ހަދާލަން..ކޮބާތަ އީވާ ކޮއްކޮ…ޝަވަންވެސް ނެތެންނު..ޝަވަންއަށް އިނގެންވާނެ ދޯ މިއަދު މިތާގަ މަޑުކުރަން ..” އަޒީޒްއަށް ފޯނުކޯލްތައް އަންނަވަރުން އެންމެފަހުން ފޯން އޮފްކޮށްލިއެވެ.

” އެހެން ވީމަ އެބަ ދަން އަހަރެން.. ޝަވަން އަށް ގުޅި އިރުގަ އޭނާ ހުރީ އެއާޕޯޓުގަ..މިހާރު އެބަ އާދޭ..އީވް މިހާރު އަންނާނެ ކްލާސް ނިމިގެން” އަޒީޒްގެ ސުވާލަށް ޖަވާބް ދިނުމަށްފަހު އަރްކާން އެތަނުން ނުކުމަތެވެ.

***

އިރުއޮއްސެމުން ދިޔަ ވަގުތެވެ. ރަތާއި އޮރެންޖްގެ އެކި ކުލަތަކުން އުދަރެސް ވަނި ފަވާލައިފައެވެ. ދުރުދުރުން އުދުހެމުން ދިޔަ ދޫނިތަކުން އެ މަންޒަރު އިތުރަށް ފުރިހަމަވެގެން ދިޔައެވެ.  ބެލްކޮނީގެ ރެއިލިންގް ގައި އަތް އަޅުވާލައިގެން އިރުއޮއްސޭ މަންޒަރަށް ހިތްދޫކޮށްލައިގެން ހުރިއިރު ލިއާނާގެ މޫނުމަތިން ފެނިގެންދަނީ ފުރިހަމަ ހިނިތުންވުމެކެވެ. ނުހަނު ހިމަތޮޅިކޮން ހުރި އިރު އޭނާގެ ކޮނޑާހަމައަށް ހުރި ފަން އިސްތަށިކޮޅު ޖެހެމުންދިޔަ ލުއި ވައިރޯޅިތަކުގެ ބީޓަށް ނަށާލަ ނަށަލަ އޮތެވެ. ދޮން މޫނުން ފެނިގެންދަނީ ތާޒާކަމެވެ.

“ލިއާ..” ސިހިފައި ލިޔާނާ ފަހަތް ބަލައިލި އިރު އެންމެ ގާތް އެކުވެރިޔާ ރައިހާ ފެނުމުން ހީލިއެވެ. ލިޔާނާ ހީލިއިރު ދެކޮލަށް އެޅިގެން ދިޔައީ ނުހަނު ފުރިހަމަ ދެ އަޑިކޮޅެވެ.

“މައި ޕްރިޓީ ބެސްޓީ.. މިތާގަ ތަ..އާދެބަލަ ނިކަން.. އައި ހޭވް އަ ސަޕްރާއިޒް ފޯރ ޔޫ..” ރައިހާ ނިކަން ހިނިއައިސްފައި ހުރެ ލިޔާނާގެ އަތުގައި ހިފާލައިގެން ހުރެ ލޯމަރަން ބުނެލުމުން ލިޔާނާ ދެކޮޅު ހެދުމެއް ނެތި ލޯ މަރައިލިއެވެ.

“ރައި ކިހިނެތް ވީތަ..ކޮންތާކަށް ތަ އަހަރެން މިގެންދަނީ..” ލިއާނާ ސުވާލް ކުރަން ފެށުމުން އިހަށް ވާހަކަ ނުދެއްކުމަށް ބުނެ ރައިހާ، އޭނާ ގޮވައިގެން ސިޓިންގްރޫމަށް ގޮސްފައި ހުއްޓުނެވެ. ދެލޮލުން އަތް ނެގުމަށްފަހު ލޯ ހުޅުވަން ބުނެލުމުން އޭނާ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހިނިއައިސް ތިބީ ރައިހާގެ މައިންބަފައިންނެވެ. ރަމްލާ އާއި ޝާފިއު ފެނުމުން ލިއާނާ ރައިހާ އާއި ދިމާލަށް ބަލައިލަމުން ކަޅިއަޅާއިލިއެވެ.

“އަހަރެންގެ މަންމައާއި ބައްޕަ އެއް ނޫނޭ މި ދައްކަނީ..ސީ ހޫޒް ދެޓް ” ލިއާނާގެ ދެކޮނޑުގައި ހިފައި ރައިހާ ދޮރާ ދިމާލަށް އަނބުރާލި ވަގުތު ފެނުން ސޫރައަކުން ލިއާނާ އަށް ހުއްޓެވިއްޖެއެވެ. ހައިރާންވެގެން ދެލޯ ބޮޑުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ދެލޮލަށް ކަރުނަތައް ޖަމާވީ ބަސްބުނާހާ މަދުސިކުންތުކޮޅެއްގެ ތެރޭގައިއެވެ.

“ދޮންބޭ..” ކުރިމަތީގައި ހުރި ޒެވިއަލް ފެނި ލިއާނާގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ. ދުވެލައިފާ ގޮސް ޒެވިއަލްގެ ގައިގާ ބައްދާލި ހިނދު އޭނާ އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.

ނުރޯން ހުރި ނަމަވެސް ލިއާނާ ހުއްޓުމެއްނެތި ގިސްލާ ރޮމުންދިޔަތަން ފެނި ޒެވިއަލްގެ ލޮލަށް ޖަމާވި ކަރުނަތައް ލަސްލަހުން ފައިބަން ފެށިއެވެ. ދެމީހުންނަށް ވަގުތު ދިނުމަށްޓަކައި އެހެން މީހުންވެސް އޭރު އެތަނުން ގޮސްފިއެވެ.

“ދެން ހުއްޓާލަބަލަ ދޮންބެ މިހުރީނު އައިސް.. ” އަމިއްލަ ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލާފައި ޒެވިއަލް ނުހަނު ލޯބިން ލިޔާނާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަ ދިނެވެ.

“ދޮންބެ..ދޮންބެ ކިހިނެތް އެހާ އަވަހަށް މިނިވަން ވީ..ދިހަ އަހަރަށެއްނު ޖަލު ހުކުމް އައީ.. މިވީ ފަސް އަހަރެއްނު އަދި..” ލިއާނާ ޓިޝޫއެއް ނަގާ ލޮލުގައި ޖައްސާލަމުން ޒެވިއަލް އާއި ދިމާ ބަލައިލިއެވެ.

“ދެން ދޮންބެ ދާން ވީތަ އަނެއްކަ ވެސް..” ލިޔާނާ ދެރަވެފައި އިނުމުން ޒެވިއަލް ބެލީ ހެއްވާލެވޭތޯއެވެ. ލިޔާނާ ދެނޭ ކިޔާ ވަގުތުން އޭނާގެ އަތުގައި ވިކާލިއެވެ.

“އެހެހެ އެ މަޖަލޭ.. ދޮންބެ ޖަލުން ނެރުނީ އަޒީޒް..” ޒެވިއަލް ދުރު ބަލަހައްޓައިގެން އިނދެ ބުނެލި ވާހަކައަކުން ލިއާނާއަށް ކީކޭހޭ އަހައިލެވިއްޖެއެވެ.

***j

  • (ނުނިމޭ)
Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.