”ހިޔާރ ޝީ އިޒް.. ދެން ވެސް ތި އަނގަ މަޑުން ލައިގެން އިނދެބަލަ ތިއްތިބޭ“ ވިޝާމްއަށް ހައެއްކަ ފަހަރު އެ މެސެޖް ކިޔާލެވުނެވެ. ލިބިފައިވީ ވަރުގަދަ ޝޮކުން އަރައި ނުގަނެވިގެން އުޅެނިކޮން އިޔާން ކައިރިވިއެވެ.
”ކިހިނެތްވީ؟ ކޯއްޗެއް ތަ މާ ސިހޭ އެއްޗަކަށް ފޯނުން ފެނުނީ؟ މަށައް ވެސް ދައްކަބަލަ“ އިޔާން، ވިޝާމްގެ ގާތައް ކައިރިވެލިތަން ފެނި ސަދަފްގެ ދެލޯ ބޮޑުވިއެވެ. ނޭވާ ހިފަހައްޓާލައިގެން އިންދާ އެފޯނުގެ ސްކްރީނާއި ދިމާލަށް އިޔާން މޫނު އަރިކޮށްލިއެވެ. ސަދަފްއަށް ތުންފިއްތާލެވުނު ގޮތައް ދެލޯ މަރާލެވުނީ ދެން ވާނެ ގޮތެއް ނޭނގެތީއެވެ.
***
ސަދަފްއާއި ވިޝާމްގެ މޫނަށް އަރާ ފައިބަމުން ދާ ކުލަވަރު ދެކެން އަމީރާ އިނެވެ. ވިޝާމް ބުނަމުން ދިޔަ ޖުމްލަތަކުން ސަދަފްއަށް ވެފައި އިންގޮތުން ހިނިވެސް އައެވެ. އަނެއްކޮޅުން އިޔާން ބަލަހައްޓައިގެން އިން ގޮތުން އަމީރާ ބޮލުގައި ރިއްސައިގަތެވެ. އަނެއްކާ އޭނާއަށް ކަމެއް ޝައްކުވީބާއެވެ. ސަދަފް ދެލޯ ބޮޑުކޮށްލައިގެން އިން ގޮތުން ޔަގީނުންވެސް އިރަމްއާއި ގުޅޭ ކަމެއްކަން އޭނާގެ ހަވަނަ ހިއްސު ދެނެގަތެވެ.
”އައި ހޭވް ޓް ޑޫ ސަމްތިންގ …. ވަޓް ޓް ޑޫ.. މޫމްމް..
”އައުޗްޗް..“ބިއްލޫރި މޭޒުގެ ކޮޅުގައި އިން ތޫނު ތަންކޮޅެއް ފެނި، ދެ ލޯ މަރާލަމުން އެތަނުގައި އަމީރާ އަތުން ޖެއްސެވެ. އެހިނދު ތަންކޮޅެއް ކަފައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އަނިޔާ ލިބުނު ހިސާބަށް އަރައިގެން ދިޔަ ތޫނު ދިލައަށް ވުރެން ލިބުނު ހިތްހަމަ ޖެހުން ބޮޑެވެ. ވިޝާމްގެ ފޯނަށް އިޔާން ދީގެން ހުރި ސަމާލްކަން ވަގުތުން އަމީރާއަށް ދިނެވެ. އެފަދަ ކަމެއް ކޮށްގެން ވެސް އެތަނުގެ ހަމަ ނުޖެހުން ނުގެއްލި އޮވެއްޖެނަމަ ރަނގަޅުތާއެވެ.
”އެމީ.. ކީއްތިކުރީ “ އަމީރާއާއި އެންމެ ކައިރީގައި އިނީ ޒަންޔާއެވެ. އަތުން ލޭ އަންނަމުން ދިޔަ ތަން ފެނި ތެޅިގަނެފައި އަވަސް ހަރަކާތަކާއި އެކު މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫތަކެއް ބޮނޑިކޮށްލައިގެން ގެނެސް އަތުގައި އަޅާލިއެވެ.
އޭރު އެހެން މީހުންނަށް ވުރެން ކުރިން އިޔާން އިންތަނުން ތެދުވެގެން އައިސްފިއެވެ. ”ވަޓް ހެޕެންޑް؟ ހާދަ ލެއެކޭ .. ހޮސްޕިޓަލަށް ދާންވީނު.. ތަދުވޭތަ؟“ އަމީރާގެ އަތުގައި ހިފަހައްޓާލައިގެން އިޔާން ހުރިއިރު އެ މޫނުގައިވީ ކަންބޮޑުވުމެވެ. އެތައް ސުވާލެއް އެއްފަހަރާއި ކުރަމުން ދިޔައިރު އޭނާގެ ފައިވެސް ބިމުގައި ހަރުނުލާ ފަދައެވެ. ”ވަރަށް ތަދުވޭތަ؟“ އަނެއްކާ ވެސް އަހާލިއެވެ. އޭރު އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުރި ކަމެއް ނޭނގެއެވެ. އިޔާން އުޅުނުގޮތުން ނާޔާވެސް ހުރި އަޖައިބުވެފައެވެ. އެންމެން އަމީރާގެ ގާތައް ބޮޑިވެ ތަދުވޭހޭ އަހަން ފެށިއެވެ.
”އަމް ފައިން.. އެހާ ޑީޕް ކަޓް އެއް ނޫން“ އެންމެންގެ ނަޒަރުތައް ހުއްޓިފައި ހުރިތަން ފެނި އަމީރާ ލޮލުގެ އިޝާރާތުން އިޔާންއަށް ދައްކާލިއެވެ. އޭރު ލަދުން ގޮސް އަމީރާގެ މޫނު ރަތްވެއްޖެއެވެ. ނަމަވެސް އިޔާން އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. ވިޝާމް އަންގާލައިގެން އެތަނަށް އައި ވެއިޓަރުގެ އަތުގައި އޮތް ފަސްޓް އެއިޑް ބޮކްސް އޭނާ ދިއްކޮށްލުމުން ބޭސް އަޅަން ފެށިއެވެ.
”އެކަމަކު ހާދަ ލެއެކޭ.. ހިނގާ ހޮސްޕިޓަލަށް ދާން އެމީ“ އަމީރާއަށް އަނިޔާ ވުމުން ޔުމާންއަށް ހުރީ އުނދަގޫވެފައެވެ. އަމީރާ ދެފަރާތައް ބޯހޫރުވާލަމުން އޭނާ ރަނގަޅު ކަމަށް އަންގާލިއެވެ.
ސަދަފް މޭޒުގެ ކައިރީގަ އުޑަފައިން އިށީންދެ އެ މޭޒުގެ ކަނަށް ނަޒަރެއް ދިނެވެ. އެހިސާބުގައި ޝަހާދަތް އިނގިލި ހާކާލި އިރު ތޫނުކޮން އިން ތަންކޮޅު އޭނާއަށް ވެސް ފެނިއްޖެއެވެ. ނަމަވެސް ހައިޜާންވީ އެއީ އަދި އިނގިލި ޖައްސާލިއަސް އަތް ހަލާކުވާހެން ހެން ބިއްލޫރި ކޮޅަކަށް ނުވާތީއެވެ. އެކަމަކު ވެސް އަމީރާގެ އަތް ހަލާކުވީތާއެވެ. ސަދަފް ވަގުތުން ވެއިޓަރަކަށް ގޮވާ ގެނައެވެ.
”ވީ އެންމެ އަވަހަކަށް މި މޭޒު ބަދަލް ކުރާތި .. އޭގެ ކުރިން އެކަކު ވެސް މިތާގަ އިށީންނަ ނުދޭތި“ އޭނާ ބޯޖަހާލާފައި ދިއުމުން، އަމީރާގެ އަތުގައި ބޭސް އެޅުމުން ބަދަލްވީ އެހެން މޭޒަކަށެވެ.
”ކިހިނެތްތަ އެވީ؟“ ނާޔާ އަހާލުމުން މޭޒުގެ ކަނުގައި އަތް ޖެހުނީ ކަމުގައި ބުނެ އަމީރާ ހަމަޖައްސާލިއެވެ.
ކޮފީއަށް އޯޑަރކޮށްގެން އެ ލިބޭވަރު ވުމުން ދެން މުޅިން ވެސް ދެކެވުނީ ކައިވެނީގެ ތައްޔާރީ ތަކުގެ ވާހަކައެވެ. އެވާހަކައާއި އެކު ވިޝާމްގެ އަނގަ މުޅިންހެން ލެއްޕިގެން ދިޔައެވެ. އަދިވެސް ޒަންޔާއާއި ދެމީހުން ވަކިން ވާހަކަ ދައްކާ ނުލެވެއެވެ. ދެމީހުން ދެމީހުންނާއި ވާހަކަ ނުދެއްކި ނަމަވެސް ލުއި ހީލުންތައް ބަދަލުކޮށްލައެވެ. ބޮޑަށް ވާހަކަ ދެއްކީ ޔުމާން އާއި ނާޔާއާއި ސަދަފްއެވެ. ސަދަފް އިނީ ވިޝާމްގެ ފޯނުން އެވަގުތު އިޔާންއަށް ނުފެނުނީތީ ހަމަޖެހިފައެވެ. އިޔާން ފަހުން ބަލަން އުޅެފާނެތީ ވިޝާމްއަށް އަންގައިގެން ސަދަފް އެ ފޯނުން ފޮޓޯ ފުހެލިއެވެ. ވިޝާމްއާއި ޒަންޔާގެ ރަންކިއުމުގެ ރަސްމިއްޔާތު މާދަމާ އޮންނާތީ، ކޮފީއަށް ފަހު ގިނައިރު މަޑުނުކޮށް އެންމެން ވެސް ގެއަށް ދިޔުމަށް ނުކުތެވެ. ނަމަވެސް ވިޝާމްއާއި ސަދަފް ފިޔަވާއެވެ.
”ދޮންބެ ދަމުން ޒަންޔާ ގެއަށް ލައިދީބަ..ވަރަށް އާޖެންޓް ކަމަކު އެބަ ޖެހޭ މަޑުކޮށްލަން ޝެޑީއާއި އެކު“
ވިޝާމްގެ ޖުމްލަ އިވިފައި ސަދަފްއަށް ބަލައިލެވުނީ ޔުމާންގެ މޫނަށެވެ. ވިޝާމްއަށް ނުފެންނާނެ ފަދައަކުން ޔުމާންއަށް ސަދަފް އިޝާރާތް ކޮށްލީ އޭނާއާއި އެކު މަޑު ކުރުމަށެވެ. ވީ ކީއްކަމެއް ނޭނގުނު ނަމަވެސް ޔުމާންއަށް ސަދަފް އިޝާރާތް ނަގައިގަނެވި ބޯ ޖަހައިލިއެވެ.
”އެހެންވިއްޔާ ދޮންބެ މަޑުކުރާނަން.. ތިންމީހުންނަކަށް ސައިކަލަކު ނުދޭވޭނެ އެންނު..ދޮންބެ ދައްތަ ކައިރީގަ ބުނަން އެބަ ޒަން ގެންގޮސްދޭން“
”ކާރުގަ އެއް ނޫންތަ އައީ“
“ ސައިކަލްގަ ނުކުމަތްތަނާ އެންނު ވިޝާމް ގުޅައިގެން މިތާގަ ޕާކް ކޮށްފަ، ތި ކާރުގަ ޒަން ބަލާ ތިން މީހުން ދިޔައީ“ ޔުމާން ހިނިއައިސްފައި ހުރެ ބުނެލިއެވެ. ވިޝާމްވެސް ހަނދާންވެގެން ހީލިއެވެ. ނަމަވެސް ސަދަފްގެ ގާތުގައި ދައްކަން އުޅޭ ވާހަކަ އިވުމުން ޔުމާންގެ ’ރިއެކްޝަން‘ އަންނާނެގޮތެއް ނޭނގޭތީ އެކަމާއި ވިސްނާލެވުނެވެ. ކޮންމެގޮތެއް ވިއަސް މިރޭ އެވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. ޔުމާން ބޭރަށް ނުކުތީ ނާޔާއަތައް ސައިކަލުގެ ތަޅުދަނޑި ދިނުމަށެވެ. ޒަންޔާއާއި އެކު ނާޔާ އޭރު ވީ ބޭރަށް ނުކުމެފައެވެ.
ޔުމާން ނުކުމަތްތަން ފެނި ވިޝާމް ގޮނޑީގައި ލެނގިލައިފިއެވެ. ހަށަމް ބަނދެލި ގޮތައް ސަދަފްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
”ހާދަ ވަރަކަށް ތިބަލަނީ.. މިރޭ މަ މާ ރީތީތަ؟ “ ވިޝާމް އިންގޮތުން ހައްތަހާ ބޮޑަށް ސަދަފްގެ ހިތް ތެޅިގަތެވެ. ނަމަވެސް އެކަން ފޮރުވަމުން ސަދަފް ސަމާސާކޮށްލިއެވެ. ވިޝާމްގެ މޫނުމަތިން އޭނާ ހުރީ ހިތްހަމަނުޖެހިފައި ކަމެއް ނުވަތަ ނޫން ކަމެއް ބުނާކަށް ނޭނގުނެވެ.
”ސަދަފް މި ކޮން ކަމެއް؟“ އެންމެން ފަހުން ވިޝާމް އަހާލިއެވެ. ސަދަފްއަށް ދޭނެ ވަކި ޖަވާބެއް ނޭނގުނެވެ.
ސަދަފް އެހާ ހަމަޖެހިލައިގެން އިނުމުން ވިޝާމްއަކަށް ކަމަކު ނުދިޔައެވެ. “ އައި ސެއިޑް ވަޓް އިޒް ދިޒް؟“ އިރުކޮޅެއް ކުރިން ވިޝާމްގެ ތަބީއަތު ރަނގަޅު ނަމަވެސް މިހާރު އެ މޫނުމަތިން ފެންނަމުން ދަނީ ސީރިއަސްކަމެވެ.
”ތިއްތިބެ އެއްބަސް ވީ މެންނު އެކަމަށް އެއްބާރުލުން ދޭނެ ކަމަށް.. މިހާރު ދެން ސީރިއަސް ވިޔަސް ކުރާނެ ކަމެއް ނެތް .. ހަމަ އެހީވާން ޖެހޭނީ.. “
”ވަޓް ދަ-.. އިޔާން އާއި މަށަކީ ކިރިއާ އެއްޗިހި އެނގޭ ވަރު ވީންސުރެން އެންމެ ގާތް އެކުވެރިން.. ޝެޑީއަށް އެނގެއެންނު އިޔާން ދިރި ދުނިޔޭގަ ހުއްޓަ ތިއީ ނުވާނެ ކަމެއްކަން..“ ވިޝާމް ބެލީ ސަދަފްއަށް ވިސްނައިދެވޭތޯއެވެ. އިރަމްއަކީ ރަނގަޅު ކުއްޖެއްކަން އެނގެއެވެ. އެކަމަކު ސަދަފް އާއި އިރަމް ގުޅިއްޖެކަން އެނގިއްޖެނަމަ ، ދެއާއިލާގެ ތެރޭގައި ބޮޑު ހައިޖާނު ގަނޑެއް އުފެދުންގާތެވެ. އިޔާންއާއި އޮތް ގުޅުމަށް ހީނަރުކަމެއް އަންނާކަށް ވިޝާމް އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ.
”ތިއްތިބޭ.. އަމް އިނޮސެންޓް!“ ފުރަތަމަ ފަހަރަށް އަމިއްލަ ދިފާއުގައި ބަހެއް ސަދަފް ބުންނެވެ. ނަމަވެސް ބުނީ، ވިޝާމް ގަބޫލް ކުރާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ.
”ވަޓް؟“ ވިޝާމްއަށް ގަބޫލްކުރަން އުނދަގޫ ވިނަމަވެސް، ސަދަފްގެ އަނގައިން އެހެން ބުނުމުން ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބިގެން ގޮސްފިއެވެ.
”ޕްރޫވް ކޮށްދޭކަށް ބޭނުމެއް ނޫން..ބަޓް ޔޫ ޝުޑް ނޯ ދެޓް، އަމް ނޮޓް ސަމްވަން ހޫ ލައިސް“
”އެކަމަކު ޝެޑީއަށް އެނގެންޖެހޭނެ ތިހެން ބުނާއިރު ވެސް އެދުވަހު ކަންތައް ވީ ގޮތް “
”ސްޓިލް އަމް އިނޮސެންޓް!…ބިކޯޒް- “
”ބިކޯޒް ހީ ސޭވްޑް ސަމްވަން ދެޓް ޑޭ“ ސަދަފްގެ ޖުމްލަ މެދުކަނޑާލާފައި ޔުމާން ބުނެލިއެވެ. ދެމީހުން ސިހިފައި ފަސް އެނބުރުނެވެ. ދެމީހުންގެ ވާހަކަ އަޑުއަހަން އެތާގައި ޔުމާން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ސަދަފްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން އިތުރަށް ހުންނަން އޭނާ ބޭނުން ނުވީއެވެ. ދެމީހުންގެ ގާތުގައި ހުހަށް ހުރި ގޮނޑީގައި އޭނާ އިށީންދެލިއެވެ.
”ޝެޑީގެ އެއްވެސް ކުށެއް ނެތޭ ވިޝާމް.. ދޮންބެ ދައްތައަށް ވެސް އެނގޭނެ.. ޔަގީން މިކަމަކާ ދެކޮޅެއް ނުހަދާނެކަން.. “
”ކީކޭ ތިކިޔަނީ.. އަހަންނަށް މިހާރު އޮޅިއްޖެ.. ތަންކޮޅެއް ސާފްވާހެން ކިޔައިދީބަލަ.. ޔަނާލް އާއި ސިއްރު ލޯބިވެރިޔާ ޑްރަގް ނަގަން ތިބިކަމުގެ މައުލޫމާތު ލިބިގެން އިޔާން ދިޔައިރު އެތާގަ ހުރީ ޝެޑީ އެއް ނޫންތަ؟ އޭގެ ފަހުން އެކަހަލަ ކަމެއް ނުފެނުނަސް އެދުވަހު ޑްރަގަށް ވެސް ޕޮޒިޓިވް ވި އެންނު؟ ހޮސްޕިޓަލުން އިޔާންއާއި ހަވާލުކުރި ރިޕޯޓްތައް އަހަރެންވެސް ދުށިން“ ވިޝާމް ހަމަ ރަނގަޅަށް ވެސް ހުރީ ވާނުވާ އޮޅިފައެވެ. ޔުމާން މިކިޔަނީ ކީކޭ ހެއްޔެވެ. އެދުވަހު ޝަދަފްގެ ދެ އަތުގައި ބިޑިއަޅުވައި ފުލުހުންގެ ޖިޕަށް އަރުވައިގެން ގެންދިޔަތަން، އެންމެންގެ ދެލޮލަށް ފެނުނު ނޫން ހެއްޔެވެ. ހައިކަލް ލާރި ދެއްކުމުން ސަދަފް މިނިވަން ވެފައި ހުރިކަން ވެސް އާއިލާގެ ތެރޭގައި ނޭނގޭ މީހަކު ނެތެވެ.
ޔުމާން ބަލައިލީ ސަދަފްގެ މޫނަށެވެ. އެހުރިހާ ވާހަކައެއް ކިޔައިދޭން ހުއްދައަކަށް އެދޭފަދަ ނަޒަރެކެވެ. ނަމަވެސް އާދައިގެ މަތިން ހިނިތުންވެލަމުން ސަދަފް ދެފަރާތައް ބޯހޫރުވާލިއެވެ. އެހިނިތުންވުމުގައި ވާ ވޭން އޭނާއަކަށް ނޯޅެއެވެ. އެއްވެސް ކުށެއްނެތި އެތައް ބައެއްގެ ނަފްރަތުގެ އަމާޒު ފަތްގަނޑަކަށް ވެގެން ސަދަފް ހުންނަތާ ވީ ކޮން ދުވަހެއް ހެއްޔެވެ. ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. އަމިއްލަ މީހާ ގަނަތެޅެމުން އަދިވެސް އުޅެނީ އެހެން މީހުން ސަލާމަތް ކޮށްދެވޭތޯއެވެ. ކޮންމެ ފަހަރަކު އެހުރިހާ ވާހަކައެއް ބުނަން ޔުމާން މަސައްކަތް ކުރާ ހިނދު ސަދަފް، އޭނާ ހުއްޓުވައެވެ. އިރަމްދެކެ ސަދަފް ލޯބިވާ ކަމުގައިވާ ނަމަ އެކަންތައް ކޮށްދޭން އޭނަ މަސައްކަތް ކުރާނެއެވެ.
”ވަޓްސް ގޮއިންގ އޮން؟ ކޮންމެވެސް މީހަކު އަޅެ ކިޔައިދީބަލަ ؟ އެހުރިޙާކަމެއް އެހެންވެފަ އޮތް އިރުވެސް މަންމައާއި ބައްޕަ އަބަދު ޝެޑީ ދުވަހަކުވެސް އަންހެންކުއްޖަކާ ވާހަކަ ނުދައްކައޭ މީން ވާހެން މުޅިން ވެސް ވާހަކަ ދައްކާފަ ހުރީ.. އެ ވާހަކަ ދައްކާ ކޮންމެފަހަރަކު ދޮންބެ ދައްތަ ވެސް އެހާ ކޫލް“
”އެއީ އެމީހުންނަށް ޝެޑީ އިނޮސެންޓްކަން އެނގޭތީ..“ ވިޝާމްގެ ރާގު ހުރިގޮތުން ޔުމާންއަށް މިފަހަރު ވެސް ނީދެވިގެން ބުނެލިއެވެ.
”އެކްޗްއަލީ އަމް އިނޮސެންޓް.. އާހްހް. އައި ވޯޒް ފޯލްސްލީ އެކިއުޒްޑް.. އެކަން އަސްލު ކުރި މީހާ ފޮރުވުމަށް ޕޮލިހުންގެ ތެރެއިން ބަޔަކު އެވިޑެންސް ހައިޑް ކޮށްފަ ހުރީ.. އަދިވެސް އަސްލު އެތާގަ ހުރީ ކާކުކަމެއް ނޭނގެ.. އެ ބިލްޑީންގަ ހުންނަ އެކުވެރިއެއްގެ އެޕާރޓްމަންޓަށް އަހަރެން އަސްލު ދިޔައީ “ ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން ސަދަފް ވާހަކައެއް ހަދާލިއެވެ. ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތެތެވެ. ހަގީގަތައް ވިޝާމް ގާތުގައި ބުނެގެން، އޭނާގެ ގަދަ ފަދަ ރުޅިގަނޑު ހިލިދާނެ ކަމުގެ ބިރު އޮތްވަރުން ސަދަފް ބުނަން ބޭނުން ނުވީއެވެ. އެއަށް ވުރެން ގޭތެރޭގެ ހަމަޖެހުން އޭނާއަށް މާ މުހިއްމެވެ. ޔުމާންއަށް ބަލައިލި އިރު އޭނާ ދެފަރާތައް ބޯހޫރުވާލިއެވެ. ތެދުތެދަށް ނުބުނުމުން ހިތްހަމަ ނުޖެހުނީކަން އެނގުނު ނަމަވެސް ސަދަފް އެ މައުޟޫއު އާއިގެން އިތުރަށް ކުރިއަށް ދާކަށް ބޭނުމެއް ނޫނެވެ.
ވިޝާމްއަށް ގޮނޑީގެ ލެނގޭ ބަޔަށް ހަށިގަނޑު ދަމާލެވުނެވެ. ދެން ހަދާނެ ގޮތަކާއި މެދު ވިސްނާ ކަހަލައެވެ. އެހަބަރަކީ އިޔާންއަށް ކޮންމެހެން ވެސް ދެންޖެހޭނެ ހަބަރެކެވެ. ސަދަފްއާއި ޔުމާންއާއި ދެމެދު ބަދަލްކުރެވުނު ނަޒަރުތަކުން، އެހާދިސާއިން ބައެއް އަދިވެސް ސިއްރު ކުރާހެން ހީވި ނަމަވެސް އެވަގުތު ސުޥާލްކުރާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެން ބޮޑަށް ސަދަފްއާއި މެދު ހަމްދަރްދީ ވެވުނެވެ. ސަމާސާއަކަށް ވެސް ޔުމާން ދޮގެއް ނުހަދާނެއެވެ. އިތުރު ސުވާލެއް ނުކޮށް ވިޝާމްއަށް ގަބޫލް ކުރެވުނީ ވެސް އެހެންވެއެވެ.
”އެކަމަކު މިއިން އެއްވެސް ވާހަކައެއް އިޔާންގެ ގާތުގަ ބުނާނެ ކަމެއް ނެތް.. އިތުރަށް ހަލަބޮލިކޮށްލާ ކަށް ބޭނުމެއް ނޫން.. ބޮޑު ކަންތައްގަނޑެއްގެ ތެރެއަށް ވަދެ ބޯ ގޮއްވުމަށްވުރެން ޕީސް ބޭނުން“ ސަދަފް ވާހަކަ ދެއްކިއެވެ. މިހާރުވެސް އަމިއްލަ ބޮލުގަ ނޭޅުވޭ ކުށެއް ނެތެވެ. ހަތަރު އަހަރު ވަންދެން ކެތްކޮށްފިއެވެ. އެކަމަކު އެކަންތައް އަލުން ހިލުވާލައިގެން ދެ އާއިލާގެ ގުޅުން ގޯސްވާކަށް އޭނާ ނޭދެއެވެ. ނަމަވެސް އިޔާންއާއި ވާހަކަ ނުދައްކާ ހުންނަން ޖެހޭތީ އެކަމާއި ވާ ދެރަ އިޙްސާސް ވާނީ އޭނާއަށްތާއެވެ. އަނެއްކޮޅުން އިރަމްގެ ލޯބި ހާސިލް ކުރަން ބޭނުން ނަމަ އިޔާންގެ ރުހުން ބޭނުން ވާނެއެވެ. އޭނާއާއި އިޔާން ވާހަކަ ނުދައްކާއިރު އެކަމަށް ރުހުން ލިބޭނެ ހެއްޔެވެ. މިހާރުގެ ހާލަތުގައި އޮތްވާ، އިރަމްއާއި ގުޅިއްޖެކަން އެނގިއްޖެނަމަ ޔަގީނުންވެސް އޭނާއަށް ޖެހޭނީ އެ ލޯތްބާއި މުޅި އުމުރަށް އަލްވަދާއު ކިޔާށެވެ. ސަދަފްއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލެވުނެވެ.
”މި ވަގުތު ތިކަމާއި އެހާ ބޮޑަށް ބޯ ނުގޮށްވާ .. ތިއްތިބެ ކުޑަކޮން ވިސްނާލާނަން ތިކަމާ.. ހިނގާ ގެއަށް ނިދާލަން “ ސަދަފްގެ މޫނުމަތިން ފެނުނީ އުދާސީ ކުލަވަރުން ވިޝާމްއަށް ވެސް ނީނދެވުނެވެ. އޭނާގެ އަތުގައި ހިފައިގެން އިންތަނުން ނެގިއެވެ. ޔުމާންވެސް ހުރިހާ ކަމަށް ރަނގަޅުވާނެ ކަމަށް ބުނެ ސަދަފްއަށް ހިތްވަރު ލައިދިނެވެ.
***
ހެނދުނު އަރައިގެން އައި އިރާއެކު އިރަމް ތެދުވިއެވެ. އޭނާ ބަލައިލި އިރު އަމީރާގެ އެއްވެސް ހިލަމެއް ކޮޓަރިއަކު ނުވެއެވެ. ރޭގައި ރަނގަޅަށް ނިދި ނުލިބި މާވަރަކަށް ރުއިމުގެ ސަބަބުން ބޮލުގައި ހުރީ މަޑު ރިހުމެއް އުފެދިފައެވެ. އެނދުގެ ފަޑީގައި އިށީންދެ ހޭވިފައިވާ އިސްތަށިގަނޑު ރަމަތަކޮށްލަމުން ވޫލްކޮޅަކުން އައްސާލިއެވެ. ފޯނު ނަގާ ބަލައިލި ހިނދު އޭނާއަށް ލިބުނީ ސިހުމެކެވެ. ސަދަފްގެ ތިންސަތޭކައެއްހާ މިސްކޯލް އައިސް އޮތެވެ. ފޮޓޯ މެސެޖްއެއް އައިސް އޮތުމުން ބަލާލި އިރު އެގޭ އަރާނެހެން ނަގާފައި ފޮޓޯއެކެވެ. އިރަމްއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.
ސަދަފް ރޭގައި ބައްދަލްކުރަން އައިސް އިންތިޒާރުގައި ހުރިކަން އެނގުމުން ދެރަވިއެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް އޭނާގެ ހިތް ވަނީ ޒަހަމް ވެފައެވެ. ބައްދަލްކުރަން ގޮސްފިނަމަ އޭނާގެ އަމިއްލަ ހިތް ބޭޒާރުވެދާނެއެވެ. ކުރިމަތީގައި ސަދަފް އެހެން އަންހެންކުއްޖަކާއި ހެދި އުޅޭތަން ދެކޭކަށް އިރަމްއަށް ކެތްކޮށްލެވޭނެ ހެއްޔެވެ. އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެގުޅުން އެހާ ބޮޑަށް ބަދަހިވެފާ ވީ އިރު އެ ނޫން ސޫރައެއް ދެކެން ބޭނުމެއް ނުވެއެވެ. ވުމަށްވުރެން ނުވުން ގާތްކަމަށްކަން އެނގިހުރެމެ ސަދަފްގެ ނަން ހިތުގައި އެހާ ބޮޑަށް ފެވިއްޖެއެވެ. ސަދަފްއާއި މެދު އުފެދުނު އެކުވެރިކަމުގެ ގުޅުން، އެހެން މިސްރާބަކަށް ބަދަލްވެގެން ދިޔައިރު އޭނާ ހީކުރީ ސަދަފް ވެސް އޭނާއާއި މެދު ހާއްސަ ގޮތެއް ބަހައްޓާ ކަމަށެވެ. އިރަމްއާއި ދިމާ ބަލަން ހުންނަ ގޮތާއި ބަހައްޓާ ހާއްސަ ގާތް ކަމުން ނެގުނީ އެ މާނައެވެ.
ނަމަވެސް އެންމެ ފަހުން ދެމީހުން ބައްދަލްވީ ވަގުތު ދުވަހު ވެގެން ދިޔަ ގޮތުން އޭނާ ދެކުނު ހުވަފެން ބިލާހަކަށް ވެއްޖެއެވެ. ހިތުގެ ހާލަތު އިއްވާލަ ދިނުމުގެ މާ ކުރިން ނާކާމިޔާބީގެ ހިތިރަހަ އަރުގައި ލައިފިއެވެ. ސަދަފްދެކެ ފޫހިވެވޭތޯ މަސައްކަތް ފެށި ނަމަވެސް އަމިއްލަ ބާރެއް އެކަމަކަށް ނުހިނގައެވެ. އެ އިޙްސާސްތަކާއި ދުރުވެވުމުގެ ބަދަލްގައި ކޮންޓްރޯލް ކުރަން ދަތި މިންވަރަކަށް ކުރިލާ ހެދެން ފަށާފައެވެ.
”ޑިޑް އައި ރިއަލީ ފާލް އިން ލަވް ވިތް ހިމް؟“
ހިތާއި ދިމާ މޭގައި އަތް ޖައްސާލައިގެން ހުރެ އިރަމްއަށް ދެލޯ މަރާލެވުނެވެ. އެހިނދު ކޯތާފަތައް ވެއްޓިގެން ދިޔަ ކަރުނަ ތިކި އިހްސާސް ވިއެވެ. ދެވަނަ ސިކުންތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އަހާފައި ދުންޖަހާފައި ގޮސް ފާހާނަ ތެރެއަށް ވަނެވެ. އޭނާގެ ރޯ މަންޒަރު އިތުރު މީހަކަށް ފެންނާކަށް ނޭދެއެވެ.
”ކުޑޫ.. އޭތް.. ހާދަ ބާރަކަށް.. މަންމަ އެބަ ގޮވައޭ“ މަޖުދާ އެދިގެން އިރަމް ހޯދަން ވަތް ނީޝަން ދިޔައީ ސިއްސައިގެންނެވެ. ދުވެފައި ގޮސް ފާހާނައަށް ވަނީ އެހާ ބާރަށެވެ. “ ޔޫ އޯކޭ ކުޑޫ؟“ ނީޝަންގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ. އޭނާ ހީކުރީ އިރަމްއަށް ކަމެއް ވީ ކަމަށެވެ. އެހެން ހުންނަތާ އިރުކޮޅެއްފަހުން އިރަމް ހޫމް އަޅުވާލުމުން ނީޝަން ހިތްހަމަޖެހުނެވެ. މަޖުދާ ހޯދާކަމަށް ބުނެ ނީޝަން ނުކުމަތެވެ.
”ކޮބާ ތެދުވެއްޖެތަ؟“ ނީޝަން އެނބުރި ބަދިގެއަށް ވަނުމުން މަޖުދާ އެހިއެވެ. އޭނާ ބޯޖަހާލަމުން އިރަމް ފާހާނައަށް ވަތް ވާހަކަ ބުނެލިއެވެ. އޭރު ރީއާ އުރާލައިގެން އަމީރާ ހުރީ އުނދުނާއި ގާތުގައެވެ. މަޖުދާ ވެސް މޭޒުމައްޗަށް ނާސްތާ ނެގުމުގައި އުޅުނީ އަވަދި ނެތިއެވެ.
”ދެން ރީއްކޮ އާދެބަ.. މިހާރު ބޮޑު ކުއްޖެއްނު ތި.. ބަސް އަހާބަލަ“ ނީޝަން އުޅުނީ ރީއާ އުރާ ނުލެވިގެންނެވެ. އަމީރާގެ ކަރުގައި ބައްދާލައިގެން އިން ގޮތައް ރީއާ އިނެވެ.
”އެބުނާހެން ދެން ދަރިފުޅޫ ފައިބަން އުޅޭ.. ކިހާ އުނދަގޫ ވާނެ ދައްތިއަށް ތިހެން ހެދީމަ.. “ މަޖުދާ ވެސް ރީއާ އުރަން އުޅޭތާ އިރުކޮޅެއް ވެއްޖެއެވެ. ކާމިޔާބު ވާގޮތެއް ނުވިއެވެ. އަމީރާއަށް ހުރެވުނީ ތެޔޮ ތާހާއި މަގަތުގައި ކަމުން މާގިނައިރު އެހެން ހުންނާކަށް ނުކެރުނެވެ. އުނދުން ނިއްވާލުމަށްފަހު އެ މަސައްކަތް ޖެހުނީ ބަހައްޓާށެވެ. އެހިނދު ރީއާ ޖަހައިލީ ހިނިގަނޑެކެވެ. އަމީރާ ގާތައް ވެސް ހިނިއައެވެ.
”ނޯޓީކޮޅު.. ހަމަ ދައްތި އެތަނުން ދުރަށް ދިޔައީ ހޭން ފެށީނު“ ނީޝާން ވެސް ހޭންފެށިއެވެ.
”ހެހެހެ އިޓްސް އޯކޭ.. އިރޫ އައީމަ މި ބައި ނިންމާލާނަން އިނގޭ..“
”އޯކޭ ވާނެ ދަރިފުޅާ.. އެބައި މި ނިންމާލަނީ.. މިހާރު ވާ ވަރަށް މަސައްކަތް ކުރެވިއްޖެ އެންނު.. ކޭކް އަޅަން ފަށަން ވާއިރަށް ރެސްޓް ކޮށްލާ އިނގޭ.. މިއޮތް އައީނު އިރޫ“ މަޖުދާގެ ޖުމްލަ ނިމުނު ތަނާހެން އިރަމް ވަދެގެން އައިތަން ފެނި ބުނެލިއެވެ.
އިރަމް އަތްލުމާއި އެކުހެން ރީއާ ތަންކޮޅެއް ފަސޭހައިން ފައިބާފިއެވެ. އިރަމްގެ މޫނުމަތިން ތަފާތެއް ފާހަގަވެގެން މަޖުދާ ސުޥާލް ކުރުމުން ބޮލުގައި ރިއްސަނީ ކަމަށް ބުނެ ހަމަޖައްސާލިއެވެ.
”ވީ ނީޑް ޓް ޓޯކް“ އަމީރާ ވާހަކަ ދެއްކީ އެކަނި އިރަމްއަށް އިވޭ ވަރަށެވެ. އިރަމް އަނގައިން ނުބުނެ ބޯޖަހައިލިއެވެ.
”އެމީ ދޭބަ އިޔާ ހޭލައިފިތޯ .. ދޮރުގައި ޖަހާލީމަ ތެދުވާނެ.. ރީއްކޮ ގޮވައިގެން އައި އިރުވެސް އޮތް ނިދާފަ“ މަޖުދާ ބުނެލި ހިނދު އަމީރާއަށް ބަލައިލެވުނީ އިރަމްގެ މޫނަށެވެ. އެތަނަށް ވަދެގެން އައިއިރު އިރަމްގެ މޫނުމަތި ގޯސްވެފައިވީ ނަމަވެސް މަޖުދާގެ ޖުމްލައާއި އެކު ލާނެތް ކަމެއް ފެނިލިއެވެ. ދޮރާއި ދިމަލަށް އިޝާރާތް ކޮށްލުމުން އަމީރާ އެންމެ ފަހުން އެތަނުން ގޮސްފިއެވެ.
އެތެރެއަށް ވަތްއިރު މުޅި ވަނީ ފަނޑު އަލިކަމެކެވެ. އެހެންޏާ ފަތިހު ހޭލައިގެން އެބަޔަށް ދާ ޒުވާނާ މިހާރަކަށް އައިސްލަހުން ހޭލާތީ އަމީރާއަށް އަމިއްލަ ނަފްސަށް އިވޭވަރަށް ކުދި ކިޔާލެވުނެވެ. އިޔާންގެ ކޮޓާރީގެ ދޮރު މަޑުމަޑުން ހުޅުވާލި އިރު ގަދަ ނިދީގައި އޮތްތަން ފެނި ދެފަރާތައް ބޯހޫރުވާލެވުނެވެ.
”ހާދަ ފްރީ މީހެކޭ ދޯ މިއޮތީ .. ހުރެބަލަ ނިކަން“ އަމީރާ ކޮޓަރިން ނުކުމެ ގޮސް ވަނީ ބަދިގެއަށެވެ. އައިސް އަލަމާރިން އައިސްކިއުބް ޓްރޭއެއް ނަގާ ތައްޓަކަށް އަޅާލިއެވެ. އޭގެ ތެރެއަށް ފެން އަޅައި ފުރާލައިގެން އެ ހިފައިގެން އަލުން ކޮޓަރިއަށް ވަނެވެ. އެއިން އެއް ކިއުބް އަތައް ލައިގެން ގޮސް އެނދުގެ ތިރީގައި އުޑަފައިން ހަމަޖެހިލިއެވެ. އިޔާން މޫނު އަނބުރައިގެން އޮތީ އެދިމާލަށެވެ. އައިސް ކިއުބް އޮތް އަތް ހިއްލާލި ނަމަވެސް އަމީރާގެ އަތައް ލަސްކަމެއް އައީ އިޔާންގެ މޫނުއެހާ ކައިރިން ފެނިފައެވެ.
މުޅި ހަށިގަނޑުން ހީބިހި ހަލުވާލިއެވެ. މާ ދޮން ނޫން ނަމަވެސް ކަޅެއް ވެސް ނޫނެވެ. ހަންގަނޑު ’ޓޭން‘ ވެފައިވާ ގޮތުން ހާދަ ފުރިހަމައެވެ. ތުނބުޅި ނުބާލާތާ ދުވަސްކޮޅެއް ވެފައި ހުރުމުން ވަނީ ފުދޭވަރަކަށް ބޯވެފައެވެ. އެދެތުންފަތް ފެންނަނީ ސިހުރެއް ފަދައިންނެވެ. ނިތް މައްޗަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅުތައް އަމީރާގެ ހިމަ އިނގިލިތަކުން ނުހަނު ލޯބިން އެއްފަރާތް ކޮށްލަ ދިނެވެ.
”ސޯ ހޭންޑްސަމް.. އައި ޑޯންޓް ވޮނަ ވޭކް ޔޫ .. ބަޓް އައި ހޭވް ނޯ ޗޮއިސް“ އަމީރާގެ ދެތުންފަތް ހަރަކާތް ކުރިއެވެ. އިޔާން ނިދާފައި އޮތްގޮތުން ހޭލައްވަން ބޭނުން ނުވެފައި ހުރެމެ އަތުގައި އޮތް އައިސްކިއުބް އޭނާގެ ނިތްމަތީގައި އަމީރާ ޖައްސާލިއެވެ. ދެ ފަހަރު ހާކާލުމުން ފިނިވެގެން އެސްފިޔަތައް ތަޅުވާލަމުން ހަނިގޮތަކަށް ލޯ ހުޅުވާލިއެވެ.
”ގުޑް މޯނިންގް ބޭބް“ އަމީރާގެ މޫނު ފެނުމާއި އެކު ފިރިހެންވަންތަ ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ.
”ކޯއްޗެއް؟ ފެން؟“ ނިތްކުރި ފޭބި ފެންތިކި މޫނުމަތީގައި ޖެހުމުން، މޫނުމަތީގައި އިޔާން އަތް ހާކާލިއެވެ. އަމީރާ ދައްކާލީ އޭނާ ހިފައިގެން ހުރި އައިސް ކިއުބެވެ. އިޔާން އެވަރުން ތެދުވާކަށް ނޫޅުނެވެ. އެންމެ ފަހުން އަމީރާ ނެގީ ޓައިލްސް މަތީގައި އޭނާ ބޭންދި އައިސް ކިއުބްއިން ފުރާވެފައިވާ ތައްޓެވެ. އިޔާން ނުވިސްނާ ހުއްޓާ މުޅި ގަޔަށް ތަށި ހުރިގޮތައް ބަންޑުން ޖަހާލިއެވެ.
”އެމީ!“ ފިނިވިވަރުން އިޔާން ކޮޅަށް ޖެހުނެވެ. އޭސީގެ ފިންޏާއި ހަށިގަނޑުގައި ބީހިލި އައިސްފެނުގެ ސަބަބުން އޭނާ ތުރުތުރު އަޅާގަތެވެ. ކްއުލްތް ނަގާ މުޅި ގައިޣާ އޮޅާލަމުން އެނދުން ފުއްމާލިއެވެ. އިޔާންއަށް ވީ ގޮތް ފެނި އަމީރާއަށް ހީގަނެވުނެވެ. ”ނޯޓީ.. ހުރެބަލަ ދެން ހަދާ ގޮތް ބަލަން“ އިޔާން ގާތައް ފިޔވަޅެއް އެޅުމުން އަމީރާ އެއަށް ވުރެން ބާރަށް ދުވެލާފައި ކޮޓަރިން ނުކުތެވެ. ނަމަވެސް އިޔާން މާ ހުށިޔާރެވެ. ގޭގެ ދޮރާއި ހިސާބުން އަމީރާ އަތުގައި ހިފާ ދަމާލަމުން އަތްދަނޑި މައްޗަށް ލާފައި މިސްރާބު ޖެހީ ކޮޓަރިއަށެވެ.
”އިޔާ .. އިޔާ.. ނޫން.. މީހަކަށް އާދެވިދާނެ“ ހަމައެކަނި ނިދަން ލާ ސޯޓުގައި ހަށިގަނޑު ހާމަކޮށްލައިގެން އިޔާން ހުރި ގޮތުން އަމީރާ ލަދުގަންނަމުން ދިޔައެވެ. އިޔާންގެ ހަށިގަނޑުގައިވި ހޫނުކަން އަމީރާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ފެނުގެ ސަބަބުން ހޭވިފައިވާ އިސްތަށިގަނޑުން ބައެއް ނިތްކުރިމަތީގައި އޮތީ ތަތްލާފައެވެ. ލާނެތް ހީލުމުގައި އިޔާން ހުރި އިރު އަމީރާ ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަމެއް ނުދިނެވެ. އިޔާން، އޭނަ ދޫކޮށްލީ ކޮޓަރީގެ ތެރެއަށް ވަދެވުމުންނެވެ.
”އިޔާ މަންމަ އައިސްފާނެ.. ރީއްކޮ ވިއަސް..“ އިޔާން ގާތްވާން ފެށުމުން އަމީރާގެ ނޭވާ ވެސް ހީވީ އަރުގައި ތާށިވެގެން ދިޔަ ހެންނެވެ.
”ހަނދާން ނެތުނީތަ މަ ވޯކް ކުރަނީ ޕޮލިހުގަ ކަމެއް.. އައި ހޭވް ޑަން އަ ލޮޓް އޮފް ތްރެއިނިންގސް.. ވީ އިރު އެހެން ދުވެލުން އެއީ އެއްވެސް ކަމެއް ނޫން“ އިޔާން ފޮނިވެލާފައި ބުނެލި ގޮތުން އަމީރާއަށް ހެވުނެވެ.
”އޯކޭ އޭ ފޮނި ފިރިހެނާ.. ބަޓް އައި ރިއަލީ ހޭވް ޓް ގޯ.. ޔަގީން ލަސް ވެއްޖެއްޔާ އިރޫ ނޫނީ ދައްތަ އަންނާނެ ކަން“
”ކަމޯން އަދި މަޑުކޮށްބަ.. އެހެން ނޫނަސް ދެން ސިއްރު ކުރާނެ ކަމެއް ނެތޭ “ ސަހާދަތް އިނގިލިން އަމީރާ ކޯތާފަތުގައި ހާކާލަމުން އިޔާން އަދިވެސް ބެލީ އަމީރާ ލަދުގަންނަވާލެވޭތޯއެވެ. އެ މޫނާއި ތުންފަތުގައި ވި ރަތްކަން އޭނާގެ ހިތްވެސް އަވަސްކުރުވަމުން ދިޔައެވެ. އިހުނަތްވުރެން ގާތްވެލަމުން އަމީރާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ”ވައި އާރ ޔޫ ޕްރިޓީ.. ހިތައް އަރާ މެރީ ކުރެވުނީމަ މަށައް ވާނީ ކިހިނެތްބާއޭ“
”ދެންން އިޔާ..“ކައިވެނީގެ ވާހަކަ އިޔާން އަލަށް ބުނުމުން ޖިސްމުގައި ހިނގައިގަތީ ބުނެދޭން ނޭނގޭފަދަ ޖަޒުބާތެކެވެ. އަމީރާއަށް އިޔާންގެ ލޮލަށް ބަލައިލެވުނެވެ. ސަމާސާގެ ކުލަވަރެއް ނުފެނެއެވެ. ހަތަރުކަޅި ހަމަކޮށްލި އިރު އިޔާންގެ ބަހުގެ ސާބިތުގެ ދެލޮލުން ފާޅުވެއެވެ. އުފާވެސް ވިއެވެ. ނަމަވެސް ލަދުން ގޮސް މުޅި ކުއްޖާ ރަތްވެއްޖެއެވެ. އަމީރާގެ މޫނާއި އިޔާން މޫނު ލަސްލަހުން ކައިރިކޮށްލިއެވެ.
”ކީއްތަވީ.. އަމް ޕްލޭނިންގ ވަރަށް އަވަހަށް މެރީ ކުރަން .. ބީ ރެޑީ ބޭބް“ އަމީރާގެ ކޯތާފަތުގައި އިޔާންގެ ކޯތާފަތް ހާކަލިއެވެ. އަމީރާގެ ކަންފަތާއި ހަމައަށް އެއަޑު ފޯރިލެއް މަޑުކަމުން ހިތުގެ ތެޅުން ދެގުނަވިއެވެ.
”އެމީ .. ދަރިފުޅާ“ އިވުނީ މަޖުދާގެ އަޑެވެ. އެހިނދު ތެޅިގަނެފައި އިޔާންގެ ކައިރިން އަމީރާ ދުރަށް ޖެހިލިއެވެ.
”ކޮބާ ބުނީމެންނު.. އިޔާ ކަންތަކޭ.. ދެން ކިހިނެތް ހަދާނީ.. އަޅޭ… އަމް ސްކެއާރޑް… ޕްލީޒް ޑޫ ސަމްތިންގް.. ހެލްޕް މީ“ ބިރުން ގޮސް އަމީރާގެ ދެފައި ވެސް ބިމުގައި ހަރުލާ ގޮތެއް ނުވިއެވެ. އަމީރާ އުޅެމުން ދިޔަލެތް މައުސޫމްކަމުން އިޔާންއަށް ހެވުނެވެ.
”ޝުޑް އައި؟“
”ދެން ނުހީ ހެލްޕް އެއް ވެބަލަ އިޔާނޫ.. ދެން ނުވެސް އަންނާނަން މިބަޔަކަށް“ އަމީރާ އެންމެ ފަހުން އިޔާންގެ އަތުގައި ވިކައިގަތެވެ. ރޮވޭގޮތް ދައްކާލަމުން އާދޭސް ކުރަން ފެށިއެވެ.
”އައުޗްޗް.. މަޑުކޮށްބަ ހެލްޕް ވާނަމޭ.. އެކަމަކު ކީކޭތަ ބުނާނީވެސް“
އޭރު މަޖުދާގެ ފިޔަވަޅުތައް ކައިރިވާ އަޑުއިވުނެވެ. އަމީރާ ދެލޯ މަޜާލާ ފިތާލައިގެން ހުރީ މަޖުދާއަށް ފެންނާނެ އޭ ހީވި ވަރުންނެވެ. ނަމަވެސް އޭނާ އައިސްދޮރުގައި އަތްލަން ވާއިރަށް އިޔާން ދޮރު ތަޅުލައިފިއެވެ.
”މަންމާ ޗޭންޖް ކުރަނީ.. ކިހިނެތް ވީ؟“ މަޖުދާ ތަޅުގައި އަތްލުމުން އިޔާން ގޮވާލިއެވެ.
”ކޮބާ އެމީ؟އިޔާ ކޮބައިތޯ ފޮނުވީމޭ..ލަސް ވެގެން އަނެއްކާ އިޔާ ނުހޭލަނީ ކަމަށް މަންމަ މިއައީ“
”ނޫނޭ ހޭލައިފިން.. ތިރިއަށް ފޭބީ ތިރިއަށް މަ ބުނެގެން ޕެކޭޖެއް ބަލާ .. މިހާރު އަންނާނެ.. “
”އެހެންތަ.. ސައިބޯން އަންނަން ވީނު.. ދަރިފުޅު ފޯނު ނުނަގައިގެން ވިޝާމް ދެންމެ ގުޅި އިރޫ އަށް“
”އޯކޭ އެބަ ގުޅާލަން.. “ އިޔާން ޖަވާބު ދިނުމާއި އެކު މަޖުދާ ނުކުމެގެން ދިޔަ އަޑު އިވުނެވެ. އަމީރާ އެހުރި ހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ގަނެފައިވާ ބިރާއި އެކު ތެޅެމުން ދިޔަ ހިތް ހަމަ އަކަށް އަޅުވާލުމުގެ ގޮތުން މޭގައި އަތް އެޅިއެވެ. ދެވަނަ ސިކުންތު ލޯ އަޅާލަމުން އިޔާން އަތުގައި ޖަހައިފިއެވެ.
”ހަހަހަ..ބަލާބަ އަދިވެސް އިތުބާރެއް ނުކުރޭ.. ދެން އަހަރެން ސޭވް ކޮށްދޭނެ އެންނު.. މިއަދު ކޮން ކަމެއް އޮތީ؟“
”އަދި ކިރިޔާ ދޯ ތި އެހުނީ.. ފައިވް ޑޭސްގެ ލީވްއެއްގަ މިހުރީ އެ ވެޑިން ނިމެންދެން.. މެޑަމް ޕާސަނަލީ ޑިޑް އިޓް.. މިއަދުން ފެށިގެން ވެޑިންއާއި ޖެހެންދެން އޮތީ އިޔާގެ މަންމައާއި އެކު ކޭކް އެޅުން.. މަންމަޔާ ކޭކު ހަވާލް ކުރީ.. އަދި މި އެނގުނީ މަޖުއްތަ އަށް އެހާ މޮޅަށް ކޭކް އަޅަން ވެސް އެނގޭކަން.. ދެން ކޭކާއި އެކު މި ފައިވް ޑޭޒް ވަރަށް ބިޒީ ކޮން އޮތީ…މިރޭ އޮތީ އޭޒް ޔޫ ނޯ، ޒަން މެންގެ ރަންކިއުން.. ދެން މާދަމާ ޖެހޭ އެގެޔަށް ދާން..އެއީ މެޑަމްއާއި އެކު ކެއްކުމުގެ ކަންކަމުގަ އެހީވާން.. އެއީ ގެއަށް ގެސްޓުން އަންނާތީވެ.. ދެން އަނެއް ދުވަހުން އެބަ އޮތް އިރޫ އާއި ނާޔޫ ދައްތައާއި އެކު ޝޮޕިންގއަށް ދިއުން… އެންޑް އޭގެ ފަހުން އަނެއްކާ ވެސް އެގެޔަށް ދިޔުން އޮތީ.. އައި ވޮންޑާރ ކީއްވެބާއޭ އެންމެން ތިއްބަ އަހަރެން ކައިރީގަ އަންނަން ބުނީ… އެވެސް އަހަރެންނަށް ވުރެން ތަޖުރިބާކާރު މީހުން ތިއްބަ“
”ބިކޯޒް މައި ބޭބީ ކުކްސް ދި ބެސްޓް.. ބޭބީ ހަމަ މޮޅީއޭ.. މާޝާﷲ .. އެހެންވީމަ ދައްތަގެ ލޮލުގައި ވެސް އަޅައި ގަންނޭނެއެންނު .. “ އަމީރާގެ އަތުގައި ހިފާލަމުން އިޔާން ބަލައިލީ ލޯބިން ފުރިގެންވާ ފަދައިންއަކުންނެވެ. ”ނެތްތަ ތި ބިޒީ ޝެޑިއުލްއިން އަހަންނަށް ހުސްކޮށްލެވޭނެ ވަގުތުކޮޅެއް.. މުޅި ޝެޑިއުލް އޮކިއުޕައިޑް އެއްނު“ އިޔާން ތުން ދަމާލިއެވެ. އަމީރާއަށް ހެވިގެން ދެފަރާތައް ބޯހޫރުވާލިއެވެ.
”ވީ ވިލް މީޓް އޭ.. އެކަމަކު މިހާރު ދާން ޖެހިއްޖެ.. ދެން ދޭބަ އޮފީހަށް ދާން އަވަހަށް .. މިހާރު މާ ލަސް ވަނީ.. ބައިގަޑި އިރަށް ވީ އެއޮތް“ ސައިޑް ޓޭބަލް މަތީގައިން ގަޑި ދައްކާލަމުން އިޔާންގެ ބުރަކަށީގައި އަތުން އަޅާ ފާހާނައާއި ދިމާލަށް ކޮއްޕާލިއެވެ. އިޔާންވެސް ހީލަމުން ތުވާލި ހިފައިގެން ފާހަނާއާއި ދިމާލަށް މިސްރާބް ޖެހިއެވެ، ނަމަވެސް ދިއުމުގެ ކުރިން އަމީރާގެ ގައިގާ ނުހަނު ލޯބިން ބައްދާލިއެވެ.
**********
ބާސެލޯނާގެ ’ކާސާ ސިއެލޯ’ގެ ގޭގެ ގޭޓާއި މާ ދުރުނޫން ހިސާބަކަށް މަޑުކޮށްލި އަޅިފުސްކުލައިގެ ވޯލްވޯއެކެވެ. އެއިން ފޭބީ، މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. މަގުން ހިނގާ ބިނގާވެ އުޅޭ މީހުންގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ސްޕެއިން ފަދަ ގައުމުތަކުގެ މަގުތަކުން ބޮޑަށް ފެންނަނީ ނިވާވާ ހެދުމަށް ވުރެން ނިވާކަން ކުޑަ ހެދުމުގައި މީހުން އުޅޭތަނެވެ. ގިނަފަހަރަށް އެމީހުން ލައި އުޅޭ އަންނައުނުން ކިރިޔާ އުނުއޮރިޔާން ނިވާ ވާކަމެވެ. މޫނުބުރުގާ އަޅާ ނިވާވެފައި ހުރިމީހަކު ފެނުމުން ބަލަމުން ދިޔައީ ތަފާތު ގޮތަކަށެވެ.
ނަމަވެސް އޭނާގެ ސަމާލް އެއިން ކަމަކަށް ހުރިހެން ހިއެއް ނުވެއެވެ. އޭނާގެ ދެލޯ ފޮރުވާލެވިފައި ވަނީ އަޅާފައިވާ އަވިއައިނަކުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް މަޑުކޮށްލީ ގޭޓް ކައިރީގައި ހުރީ ދޮރުވާނު ގާތުގައެވެ. އަންހެން މީހާ ބަހަކުން ބަހެއް ނުބުނެ ދައްކައިލީ އޭނާގެ ދަބަހުން ނެގި ކާޑެކެވެ. އެހިނދު ދޮރުވާނު ގޭޓް ހުޅުވާލަ ދީފައި އޭނާ ވަނުމަށް ތަން ދެއްކިއެވެ. ދޮރުވާނު އިޝާރާތް ކޮށްލުމުން އެތެރެއިން އައިސް ހުއްޓުނު އިތުރު މީހަކަށް އަންހެން މީހާ ދައްކާލާފައި އޭނާ ގޮވައިގެން ވަނުމަށް އެދުނެވެ.
ގޯތިތެރޭން ގެޔަށް ވަދެވޭހެން އޮތް ފުޅާ ވޯކްވޭގައި ހިނގާލާފައި ދެމީހުން އައެވެ. އަންހެން މީހާ ފެނުމާއި އެކު ގޯތިތެރޭގައި ހޭލަމޭލަވަމުން ދިޔަ މަސައްކަތު މީހުން ދިޔައީ ސިހެމުންނެވެ. އެމީހުންގެ މަސައްކަތްތައް ހުއްޓި އެންމެން ކޮޅަށް ޖެހުނެވެ. މުޅިތަން ހަމަހިމޭންވެ އަދަބު އިޙްތިރާމް އަދާކުރުމުގެ ގޮތުން އިސްޖަހާލިއެވެ. އޭނާއަކީ އެތަނަށް ބާރު ހިނގާ މީހެއްކަން ޔަގީންވެއެވެ. އެމީހުން ގެއަށް ވަންނަން ދެން މާދުރުނޫން ހިސާބެއްގައި ލިއޯ މަޑުކޮށްލައިގެން ހުއްޓެވެ.
”ރަފައެލް… ކާކު އެއީ؟ އެންމެން ކީއްވެމާ ސްޓްރޭންޖް ކޮން މިއުޅެނީ؟“ ލިއޯ ހުރީ އިތުރު އޮފިސަރަކާއި އެކުބަގީޗާގެ ތެރޭގައެވެ.
”އެއީ ދޯ.. ކީކޭ ބުނާނީ ވެސް.. ހޫގޯގެ ވަރަށް ހާއްސަ މީހެއް އެއީ.. އޭނާ އަންނާނެ މަހަކު އެއްފަހަރު .. ލިއޯ އައި ފަހުން އަދި ނާދޭ ދޯ.. ހޫގޯ ހަރުކަށި އަމުރުން އަމުރު ނެރަފަ އޮންނަނީ އޭނައަށް އަދަބް އިހްތިރާމް އަދާކުރަން.. ދެން އެނގެއެންނު އޭނައަށް ކިޔަމަން ނުވާ މީހުންނަށް އޮތް އަދަބު.. އެހެންވެ އެހާ ބޮޑަށް އެބަލަނީ މީނައަށް..“ ރަފައެލް ބުނެލިއެވެ.
”އެހެންތަ .. އޭނާ އެހުރީ މުސްލިމުން ލައި އުޅޭ ޒާތުގެ ހެދުމެއްގަ.. ހޫގޯ އަކީ މުސްލިމުންނަށް އެހާ ނަފްރަތުކުރާ މީހެއް.. އަޑު އެހިން އޭނާ ކުރިން ކައިވެނި ކުރި ރާއްޖޭގެ އަންހެން މީހާ ވެސް ވަރިކުރީ މުސްލިމެއްކަން އެނގުމުންނޭ.. އެވަރުމީހަކު މުސްލިމް އެކުވެރިއެއް، ހާއްސަކޮން މޫނު ބުރުގާ އަޅައިގެން ހުރި މީހަކު ގެއަށް ވެއްދުމުން ހައިރާން ވެއްޖެ.. “
”އާން ލިއޯ.. އަހަރެމެން އެންމެން ވެސް އަޖައިބްވަނީ ތިކަމާ.. އޭނާ އަބަދުވެސް މިގެޔަށް އާދޭ އެކަމަކު މިގޭގަ އުޅުނެއްނު އަންހެން ކުއްޖެއް.. އަމީރާ ކިޔާ… އޭނާ އުޅެނިކޮން މި އަންހެން މީހާ އަންނާނީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް.. އެއިން ކޮންމެ ފަހަރަކު ބައްދަލް ކުރާނީ މިތާ ބޭރުން.. ގެއަކަށް ނުވެސް ވަދެލާނެ… ހޫގޯއާއި ބައްދަލްކޮށްލާފަ އޭނާ ދާނީ .. އަމީރާއަށް އޮންނަނީ ގެއިން ނުކުތުން ވެސް މަނާ ކޮށްފަ.. އެހެންވީމަ އޭނައަކަށް ނޭނގޭނެ ތާ އެމީހަކު އަޔަސް… މިހާރު ދެން އޭނަ ދިޔައީމަ މަހަކު އެއް ފަހަރު އާދޭ.. އަނެއްކާ އަންނަ ކޮންމެ ފަހަރަކު މިގޭގަ މަޑުކުރޭ ދެތިން ދުވަހަށް “ ރަފައެލް އަނެއްކާ ވެސް ބުނެލިއެވެ. މިފަހަރު އެހެން ބުނެލުމުން ލިއޯއަށް އެކަމާއި ވިސްނާލަން ޖެހުނެވެ. އަނެއްކާ އަމީރާއާއި ގުޅުމެއް ހުރި މީހަކަށް އޭނާ ވެދާނެބާއެވެ. އެހަބަރާއި އެކު ލައިލާއަށް ގުޅުމުގެ ކުރިން ލިއޯ އިތުރަށް ބަލަން ބޭނުންވިއެވެ.
”ކޮން ނަމެއް ކިޔަނީ އޭނައަށް؟ “ ލިއޯ އަހާލިއެވެ.
”މްމްމް އޭނާގެ ނަމެއް ނޭނގޭ.. ހަހަހަ..އޭނާ ހުންނަލެއް މިސްޓީރިއަސް ކަމުން އަހަރެމެން ކިޔާ އުޅެނީ ނޯޗޭ.. ”ރަފައެލް ބުނެލި ހިނދު، ލިއޯ ބޯޖަހައިލިއެވެ. ނަމަވެސް އޭނާގެ ތޫނު ފިލި ސިކުނޑީން ކަމެއް ދެނެގަނެފިއެވެ. ރަފައެލްގެ ކައިރީގަ ބުނެލުމަށްފަހު ލިއޯ ދިޔައީ އެތެރެއަށެވެ. އޭނާގެ ބޭނުމަކަށް ވީ އެ އަންހެންމީހާގެ މައުލޫމާތެއް ދެނެގަތުމެވެ.
“ސަމްތިންގް އިޒް ރިއަލީ އޮޑް ހިއާރ.. އަމީރަ ހުއްޓަ އަހަރަކު އެއް ފަހަރު.. ނުވިތާކަށް އަމީރާ އުޅުނު އިރު މިގޭގަ މަޑުކުރާކަށް ނާދޭ.. ގޭގެ ބޭރުން ބައްދަލްކޮށްފަ ދަނީ. އެކަމަކު އަމީރާ ދިއުމުން މަހަކު އެއްފަހަރު.. މިހާރު ސީދާ ގެއަށް އެވެސް މަޑުކުރަން.. ހޫމްމް..މްމްމް.. ކޮންމެވެސް ގޯހެއް އެބަ އުޅޭ..“ ލިއޯ އެތެރެއަށް ވަތް އިރު އެމީހުންގެ ހިލަމެއް ނުވެއެވެ. ކޮޅުކޮޅަށް ހޭލަމޭލަވަމުން ނޯކަރުންގެ ތެރެއިން އޭނާގެ ސަމާލްކަން ހުއްޓުނީ ލިފްޓާއި ގާތައް ދިޔަ ނޯކަރަށެވެ. އޭނާގެ އަތުގައި ޓްރޭއެއް އިނެވެ.
”ކޮންތާކަށް ގެންދާ އެއްޗެއް؟“
”މީ ހޫގޯއާއި އޭނާގެ ހާއްސަ އެކުވެރިޔާއަށް“ ނޯކަރު ޖަވާބު ދިނުމުން، އެ މަސައްކަތާއި ލިއޯ ހަވާލްވިއެވެ. އޭނާ ވެސް އިތުރު ސުވާލެއް ނުކޮށް ޝުކުރު އަދާކުރުމަށްފަހު ދިޔުމުން ލިއޯ މިސްރާބް ޖެހީ، ހާއްސަ މީހުންނާއި ހޫގޯ ބައްދަލް ކުރާ ކޮޓަރިއަށެވެ. އެތަން ހުންނަނީ އެބައިގައެވެ.
ހަނި މަގުތަކުން ލާފައި ލިއޯ އަށް އެހިސާބަށް ދެވުނީ ފުދޭވަރަކަށް ހިނގުނު ފަހުންނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުން ވަނުމުގެ ހުއްދަ ލިބުނެވެ. އެޅި ފުރަތަމަ ފިޔަވަޅާއި އެކު ވެސް ލިއޯގެ ފައި ބިމުގައި ހަރުލިއެވެ. ފެނުނު މަންޒަރުން ދެލޮލުން ތަރި ބުރައިގެން ދިޔައެވެ. ހޫގޯ އާއި މަގަތުގައި ހުރި ގޮޑިއެއްގައި އޭނާ ވެސް އިންއިރު ދެމީހުންގެ ކުރިމަތީގައި ވަނީ ފުރާލާފައިވާ ރާތަށި ތަކެވެ. އެތަނުން އެއް ތަށި އަންހެން މީހާ ނެގިއިރު، ލިއޯ ވަނުމުން ބަލައިލިއެވެ. އެދެލޮލުގައި ވީ މަކަރުވެރި ކުލަވަރު ލިއޯއަށް އެވަގުތު ފެނުނެވެ. މޫނު ބުރުގަލުގަ އިނދެމެ ރާތަށި ހިފާލައިގެން އިންގޮތުން ލިއޯ އަޖައިބް ވިއެވެ.
”ލިއޯ .. ކޮބާ މަބުނި ކަންތައް އެބަ ވޭތަ..“ ކަރުގައި އަމުނާލާފައި ހުރި ފައްތަކުގައި އިނގިލި ކާއްތާލަމުން ހޫގޯއެއްސެވެ.
”ލައްބަ.. “ ހޫގޯ ހަވާލް ކުރި ކަންތަކާއި ގުޅޭ އެއްވެސް މަސައްކަތެއް ނުފެށި އޮތް ނަމަވެސް ލިއޯ ދޮގު ހެދިއެވެ. ހޫގޯ ނުރުހޭ ފަދަ ޖަވާބެއް ދެވިއްޖެނަމަ އޭނާގެ ފަރާތުން ކުރިމަތިލާން ޖެހޭނީ ކޮންފަދަކަމަކާއި ކަމެއް ކަން ވެސް ނޭނގެއެވެ. ތެދަށް ބުނުމަށް ވުރެން ދޮގުހެދުން އެތައް ގޮތަކުން ބުއްދިވެރިއެވެ. ހޫ ގޯ ބޯޖަހައިލިއެވެ.
”އެންމެ ރަނގަޅު ދެން ދިޔަސް“
ބޯޖަހާލާފައި ލިއޯ ނުކުންނަން ދިޔައެވެ. ނުކުންނަމުން ބޭރު ދޮރު ކިރިޔާ ނުޖެހޭ ވަރަށް ގާތް ކޮށްލަމުން، ދޮރާއިނިވާ ވެލިއެވެ. ދޮރުފަތުގައި ކަންފަތް ޖަހާލައިގެން ލިއޯ މަޑުކޮށްލީ އެމީހުން ވާހަކަ އިވޭތޯއެވެ.
”ކޮން އިރަކުން ފްލައިޓް އިނީ؟“ ހޫގޯ ބުނާ އަޑު އިވުނެވެ.
”މިރޭ އަށެއް ޖެހުމުގެ ކުރީން އެއަރޕޯޓަށް ދާން ޖެހޭ.. ގަބޫލް ކުރަން އުނދަގޫ ވެފަ މިހުންނަނީ އަދިވެސް.. މާކިންގެ ސަބަބުން ފޫ ނުބެއްދޭވަރުގެ ގެއްލުމަކާއި ކުރިމަތި ލާން މިޖެހުނީ.. އިއްތިފާގުން ވެސް އަމީރާއަށް އެދެވުނީ އަމިއްލަ އާއިލާއާއި ނުހަނު ގާތައް“
އޭނާ އެންމެފަހުން ބުނި ޖުމްލައިން ލިއޯއަށް ހުއްޓުން އަރައިގެން ދިޔައެވެ. ލިބުނު ސިހުމުގައި ތެޅި ނުގަނެވުނީ ކިރިޔާއެވެ.
”އެކަމަކު ލާހިކެއްނޫން މަގޭ ދަރިންނަށް ނުލިބުނު އުފަލެއް، އޭނާގެ ދަރިންނަށް ލިބޭކަށް ..މިރޭ މި ފުރަނީ އެ އާއިލާއަށް ރަނގަޅު ބަދަލެއް ހިފަން ހިތުލައިގެން .. އެންމެ ފަހުން ނުނިވި އިން އުއްމީދުގެ ހުޅުކޮޅު ވެސް ނިވިދާނެ ލަސް ކޮށްފިނަމަ.. އެއީ ސުންޕާ އަންހެނެއް“ އަތުގައި އިން ރާ ތައްޓައް ފިތާލިލެއް ބާރުކަމުން އޭނަގެ އަތުގެ ތެރެއަށް ބިއްލޫރިތައް ފައިބައިގަތެވެ. އެއިން ކަމަކާއި ކަންބޮޑުވިހެން ހިއެއްނުވެއެވެ. އޭނާގެ ވާހަކަ ނުހުއްޓާ ކުރިއަށް ގެންދިޔައެވެ. ނަފްރަތުން ފުރިފައިވި އިރު ކޮންމެ ބަހެއް ބުނެލަނީ ވެސް ޔަގީންކަމާއި އެކުއެވެ. ހުޅުވިފައި ހުރި ހަނި ދާއިރާއިން ފެނުނު އިރުވެސް އެ އަންހެންމީހާގެ ދެލޮލުން ފެނުނު ނުރައްކާތެރި ވިދުވަރުން ލިއޯއަށް ހިންދިރުވާލެވުނެވެ.
”އަހަންނަށް ވެގެން ވިއްޔާ އެއިން އެކަކަށް ވެސް ހަމަޖެހިގެން އުޅޭވުނަ ނުދޭނަން.. ހުރިޙާ މޮޅެއް ލިބެން ޖެހެނީ އެމީހުންނަށްތަ! އޭނާ ދިޔަ ހަބަރު ލިބުނު ނަމަވެސް ނުގޮސް މަޑު މިކުރީ އެކަމަކު އިތުރު ހަބަރެއް ވެސް ލިބިއްޖެ“
”ކޮން ހަބަރެއް އަނެއްކާ؟“ ހޫގޯ އަހާލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ޝައުގުވެރިކަމެވެ.
”އަމީރާގެ ކޭސް ރިއޯޕެން ކުރަން ، އެމީހުންގެ އެޕްރޫވަލް ލިބިއްޖެ..“ އެޖުމްލައިން ހޫގޯ ދިޔައީ ހުއްޓުން އަރައިގެންނެވެ. އިންތަނުން ތެދުވެވުނެވެ.
”ވަޓް؟؟ ދޮގު ދޯ؟“
”އެ ނޫންނަމަ އަހަރެން ރާއްޖެ ދާކަށް ހިތައް ވެސް ނާރުވާނަން.. އަހަރެން ކުރިހާ ހަރަދެއް ވޭސްޓް ވެގެން އެ ދިޔައީ “
”ކޮބާތަ އެކޮޅުން ކަލޭމެން ހަޔާރ ކުރީ މީހާ؟. ނޭނގޭތަ ތިހާ ފަރުވާ ކުޑަވެގެން ކަލޭމެން އެންމެން އިސާހިތަކު ބަސްޓް ވެދާނެ ކަމެއް؟ ކަލޭގެ ފިރިމީހާއާއި އޮތް ގާތްކަމުން، ތިކަމަށް އަހަންނަށް ވެސް ފައިސާ އޮއްސުނު ވަރެއް ނޭނގޭ“ ހޫގޯ ދިޔައީ ރުޅިގަދަވަމުންނެވެ. ކުއްލިޖަހާލާ ކޮންމެ ފަހަރަކު އޭނާގެ ކަތުރުކަށިގަނޑު ތެޅިލައެވެ. ބޯ ހާސްވެފައިވާ މީހަކު ފަދައިން އޭނާ ދިޔައީ ދެކޮޅަށް ހިނގަމުންނެވެ. އަންހެންމީހާ އޭރުވެސް އޭރު އިން ގޮތައް އިނެވެ.
”އަހަރެން ވެސް ވަކި މިހެން ވާން ބޭނުން ވާނެތަ؟ މިފަހަރު ނޭނގޭ މިކަން ދިޔަ ގޮތެއް.. އެކަމަކު ހޫގޯއަށް ހީވޭތަ އަހަރެން ދުނިޔޭގަ ހުއްޓަ އެކަކަށް ވެސް ހަގީގަތް އެނގޭނެ ހެން؟.. ލާހިކެއް ނޫން!“ އޭނާ ބުނެލި ހިނދު ހޫގޯ ދޫކޮށްލީ ނުތަނަވަސް ނޭވާއެކެވެ. ބޯޖަހައިލިއެވެ. ނަމަވެސް އިހު ހުރި ކަންބޮޑުވުން އަދިވެސް އޭނާގެ މޫނުގައި ވިއެވެ.
”ވަޓް ދަ ހެލް އިޒް ގޮއިންގ އޮން؟“ ލިއޯއަށް އަމިއްލަ ބޮލުގެ އަތް ހާކާލެވުނެވެ. އިރުކޮޅަކަށް ނަމަވެސް އޭނާއަށް ހީވީ ނޭވާވެސް އަރުގައި ތާށިވެފައި ހުރިހެންނެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔޭ ހިތާއި ހިތާއި ސުވާލް ކޮށްލެވުނެވެ. ލިއޯ މަޑުކޮށްލީ އޮޅިގެންވެސް މާކިންގެ ވާހަކައެއް އެމީހުންނަށް ބުނެވޭތޯއެވެ. އެފަދަ ފުރުސަތެއް ނުލިބި ހުއްޓާ ދުރުން ބަޔަކު ވާޙަކަ ދައްކާ އަޑު އިވިގެން ލިއޯ އެތަނުން ދުރަށް ދިޔައެވެ.
***
ކޮލެޖްގެ ބޭރުގައިވާ ވެއިޓިންގ އޭރިއާގައި އިރަމް މަޑުކޮށްލައިގެން ހުރީ ބަލާ އަންނަންދެންނެވެ. އިރުކޮޅެއް ކުރީން މަޖުދާ ގުޅާފައި އިޔާން އަންނާނެ ވާހަކަ ބުންޏެވެ. އިޔާން އަންނަ ދުވަހެއް ވިއްޔާ ތަންކޮޅެއް އަވަހަށް އަންނާނެ ކަން އެނގޭތީ އިރަމް އިނީ ހަމަޖެހިލައިގެންނެވެ. ނަދީމް އަންނަން ނޫޅުމުން ހިތާ ހިތުން އުފާކުރިއެވެ. އެ ނޫންނަމަ އަދި މަޑުކޮށްލުމަށް ބުނެ ގަޑި އިރެއް ފާއިތުވާ ފަހުން ވެސް ބަލާ އަތުވެދާނެއެވެ. ވިއްސާރަ މޫސުމް ނުނިމޭތީ އުޑުމަތީގައި ވަނީ ކަޅު ވިލާކޮޅުތައް އެތުރިފައެވެ. އެކަމުގެ ސަބަބުން އިރުގެ ދޯދިތައް ވަނީ ވަންހަނާވެފައެވެ.
އެހެން އިންނަތާގައި މާގިނަ އިރެއް ނުވެ އިރަމް ސިހުނީ ދާދި ގާތުން ކާރެއް ބަރުގޮނު އަޅާލި އަޑަށެވެ. އިސް އުފުލާލި އިރު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ބޯ ދިއްކޮށްލީ ވިޝާމްއެވެ.
”ކަމް އިން“ވިޝާމް ހީލައިގެން އޮވެ ގޮވާލިއެވެ. އިރަމްވެސް ފޮތްކޮޅާއި ދަބަސް ހިފައިގެން ގޮސް ކާރާއި ގާތައް ހުއްޓިލިއެވެ.
”ދޮންބެ ބުނެގެން ދޯ؟“ އިރަމް އަހާލުމުން ވިޝާމް ބޯޖަހައިލިއެވެ.
”އަޅެ އަހަރެން ބަލާ އަންނަ އެންމެން ދޯކާ އޭ ދޯ މިދެނީ“ ތުންދަމާލައިގެން ހުރެ އިރަމް ބުނެލި ގޮތުން ވިޝާމްގެ ގާތައް ހިނިއައެވެ.
”އޭނަ އަންނަން އުޅެނިކޮން ކަމެއް ޖެހުނީ ކަމަށް ބުނީ.. މަށައް ގުޅާފަ ބުނީމަ ކިޔައިފިން ތިގެއަށޭ މިދަނީ .. ދަމުން ގެންގޮސްދޭނަމޭ“
”އެހެންތަ.. ބައްޕައާއި ދޮންބެއަށް އާންމުކޮން ޑީއުޓީ ނިމޭ ގަޑީގަ ކަންކަން ލައްވާލާނެ.. އެހެންނުވާނީ އަބަދުވެސް ކޮންމެވެސް ކަމެއްގެ މަތިން ހަނދާން… ނެ.ތި.ފަ.. ވިއްޔަ ހުންނާ..ނީ“ ކާރަށް އަރަމުން ވާހަކަ ދެއްކި އިރަމްއަށް ހުއްޓުން އެރީ ޑްރައިވަރު ސީޓާއި ޖެހިގެން އިން ސީޓުގައި އިން ސަދަފް ފެނިފައެވެ. ލޯގަނޑުން ސަދަފް ބަލަހައްޓައިގެން އިންތަން އިރަމްއަށް ފެނުނެވެ. ދެ މީހުންގެ ހަތަރުކަލި ހަމަވި ވަގުތު އިރަމްއަށް ނޭވާލާން ވެސް އުނދަގޫވިއެވެ. އަވަސް އަވަހަށް އިސް ޖަހައިލީ ކާރުގައި ވިޝާމްވެސް އިނުމުންނެވެ. އިސްޖަހައިން އިނދެފައި ވެސް އިރަމްއަށް ސިއްރު ކަޅިއެއް ސަދަފްއަށް ދެވުނެވެ. އޭރުވެސް އޭނާ ބަލަހައްޓައިގެން އިންތަން ފެނި ލަދުގަންނަ ގޮތްވިއެވެ. އޮފީސް ހެދުމުގައި ސަދަފް އިން އިރު ރީތިކަމުން ކަޅި ދުރުކޮށްލާ ހިތްނުވިއެވެ. ހުދު ގަމީސް ހިސާބަކަށް އޮޅާލާފައި ހުރުމުން އެވަރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ނާރުތައް ފުއްޕާލާފައި ވާގޮތުން އިރަމްއަށް ހިންދިރުވާލެވުނެވެ.
”ކޮބާ ކިޔެވުން ކިހިނެތް؟ ހޮސްޕިޓަލްއަކަށް ނުނިކުންނަންތަ މިހާރު؟“އިރަމްއަށް ސަދަފް ފެނުމާއި އެކު ކާރުތެރެއަށް ވެރިވި ހަމަހިމޭންކަމުން ވިޝާމްއަށް އުނދަގޫވިއެވެ.
”ރަނގަޅު..ނޫނޭ ދަން.. ކޮލެޖްގެ ބިއްދޮށުގަ އިން ހޮސްޕިޓަލްގަ ވޯކް ކުރަނީ“ އިރަމް ބުނެލިއެވެ. ވިޝާމް އެހެންހޭ ބުނެލިއެވެ. އެވަގުތު ވިޝާމްއަށް ގުޅީ މަޖުދާއެވެ.
”ކީކޭ ދައްތާ؟.. ޔެސް އޯކޭ.. ދަމުން އެބަ ގެންދަން“
”މަންމަ ތަ؟ ކިހިނެތް ވީ؟“ ވިޝާމް ފޯނު ނެގި ވަގުތު ޑިސްޕްލޭ ފެނުމުން އިރަމް އެއްސެވެ.
”ކޭކަށް ބޭނުންވާ ފްރެޝް ފްލާވާރ ކޮޅެއް ގެންނަން ވެގެން.. ދެމީހުން މަޑުކޮށްލާ ކާރުގަ އެނގޭ.. އެބަ އަންނަން އެހެރަ ފިހާރައަށް ވަދެލާފަ.. އެހާ ގިނަ ވަގުތެއް ނުނަގާނެ.. ރެޑްއާއި ވައިޓް ރޯޒް ކޮޅެއް ބޭނުން ވަނީ“
”ތިއްތިބޭ މަށައް ވެސް ގެނެސް ދީބަ ބުކޭއެއް.. އެމީއަށް ޝުކުރު އަދާ ނުކޮށް މިއުޅެނީ އަދި“ ސަދަފް ބުނެލި ހިނދު ވިޝާމް ހީލާފައި ބޯޖަހައިލިއެވެ. އެމީހުންނަށް ތިބެވުނީ މާ ވިއްކާ ފިހާރައަކާއި މާ ދުރުނޫން ހިސާބެއްގައި ކަމުން ވިޝާމް އެއްފަރާތުގައި ކާރު ޕާކް ކޮށްލުމަށްފަހު ފޭބިއެވެ.
ކާރުގައި ދެމީހުން އެކަނި ވުމުން އިރަމްގެ ހިތް ތެޅެމުން ދިޔަ ގޮތުން ހީވީ އަރަބި އަހެއް ހެންނެވެ. އެހާ ވެސް ހަލުއްވެވެ. ހަމަހިމޭން ކަމުން ސަދަފް ކުރީ ސީޓުގައި އިންނަމަވެސް އެއަޑު އޭނާގެ ކަންފަތާއި ހަމައަށް ނުފޯރާނެ ކަމާއި މެދު ޝައްކެވެ. އޭނާ ވާހަކަ ނުދައްކާތޯ އިރަމް އިނީ ދުއާ ކޮށްލަ ކޮށްލައެވެ.
”ފިލައިގެންތަ ތިއުޅެނީ؟“ ސަދަފްގެ ފިރިހެންވަންތަ އަޑު އިވުމުން އިރަމްއަށް ތުންފިއްތާލެވުނެވެ. އިރަމްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހިތްނެގިނެގިފައި ޖެހެމުން ދިޔައެވެ. އިރަމް ސިހުނީ، ލޯގަނޑުން ސަދަފް ބަލަން އިނދެފައި، ފަސް އެނބުރި ސީދާ އިރަމްގެ މޫނަށް ބަލައިލުމުންނެވެ. އިރަމްއާއި ހަތަރުކަޅި ހަމަކޮށްލި ގޮތުން މެޔަށް ހީވީ އައިސްކިއުބްތަކެއް އޮއްސާލިހެންނެވެ. އެދެލޮލުން އިރަމްއަށް ތަފާތުކަމެއް ހީވި އަންގާލަ ދިންހެންނެވެ. އަތްފައި ފިނިވެ ދަބަހުގަ ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. އިސްތިރިކޮށްލުމުގެ ކުރީގައި އެހިސާބުގައި އިނދެވެސް ސަދަފްގެ އަތް އިރަމްގެ މޫނާއި ހިސާބަށް ފޯރުވިއެވެ. އެ ފިނި އަތްތިލަ ކޯތާފަތައް އިޙްސާސް ވީ ހިނދު އިރަމްގެ ހިތްހީވީ މަގާމުން ވީއްލިގެން ގޮސްފާނެހެންނެވެ.
ސަދަފް އެފަދައިން ބީހިލާފާނެ ކަމަކަށް އިރަމް ކުޑަކޮން ވެސް އުއްމީދެއް ނުކުރެއެވެ. އިހްސާސްތަކުގައި ބެހެމުން ދަނިކޮން އިރަމްގެ ހިތައް އުނދަގޫ ކުރީ އެންމެ ފަހުން ބައްދަލްވި ދުވަހު ސަދަފް ބުނެލި ވާހަކައެވެ. ވަގުތުން ސަދަފްގެ އަތް އޭނާގެ މޫނު ނައްޓުވަން އުޅުނެވެ. ނަމަވެސް ސަދަފް ހިފާލައިގެން ހުރީ އެއަށް ވުރެން ބާރަށެވެ.
”ކޮބާ ޖަވާބު؟ ފިލައިގެންތަ ތިއުޅެނީ؟“
”ވިޝާމްބެ އައިސްފާނެ“ އެ މޫނަށް ބަލަން ކެތް ނުވެގެން އިރަމްއަށް ކަޅި ދުރުކޮށްލެވުނެވެ.
”އައި ޑޯންޓް ކެއާރ.. ތިއްތިބެއަށް ފެންނަން ބޭނުން ނޫނިއްޔާ ޖަވާބު ދީ!.. ފިލައިގެންހޭ ތިއުޅެނީ؟“ ސަދަފްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
”ނޫން“ އިރަމްގެ އަޑުގައިވީ މަޑު ތުރުތުރު ފާހަގަ ވެގެން ސަދަފް އަތައް ކުޑަ ލުޔެއް ދިނެވެ.
”ދެން ކީއްވެ ގުޅީމަ ފޯނު ނުނެގީ؟ މަ ނުބުންޏަސް އިރަމްއަށް އެނގޭނެ ގުޅިވަރު“ ދެމީހުންގެ ރަހްމަތްތެރިކަން ފެށުނު ފަހުން ’އިރޫ‘ ނޫންގޮތަކަށް ސަދަފް ނުގޮވައެވެ. ނަމަވެސް މިއަދު އޭނާގެ ފުރިހަމަ ނަން ބޭނުން ކުރުމުން ހިތައް އަސަރުކުރިއެވެ. ލޯ ތެމޭހެން ހީވެގެން އިސްޖަހާލާފައި ތުންފަތުގައި ދަތް އަޅަލިއެވެ.
”އަމް ސޮރީ..“ އިރަމް އިންގޮތުން ސަދަފްއަށް އުނދަގޫވިއެވެ. ހުސްކޮން އޮތް އަތް ވެސް ހިއްލާލަމުން އިރަމްގެ ކޯތާފަތުގެ ދެފަރާތުން އަތް އަޅުވާލިއެވެ. ސަދަފްގެ އަދާއިން ނަގަންވީ މާނައެއް އިރަމްއަކަށް ނޭނގުނެވެ. އޭނާއަށް އޮޅިއްޖެއެވެ. ހިތްހަމަ ޖެހޭ ކުއްޖެއް ފެނިގެން އުޅޭ އިރުވެސް އޭނާގެ އިހްސާސްތަކަށް ނިކަމެތިކަން އަންނަފަދަ ގޮތްގޮތައް ސަދަފް މިއުޅެނީ ކީއްވެހެއްޔެވެ. ހިތުގައި ޝަކުވާ ވީ ނަމަވެސް ސަދަފްއާއި ދުރުވެލާކަށް ހިތެއް ނޭދުނެވެ.
”މާފަށް އެދޭކަށް ނޫނެއްނު މިބުނަނީ.. ސްޓޮޕް އިގްނޯރިންގ މީ!.. ނޯ މެޓާރ ހައު ހާރޑް ޔޫ ޓްރައި، ޔޫ ކޭންޓް ރަން އަވޭ ފްރޯމް މީ..ނެވާރ! ގޮޓް އިޓް؟“ އެއިން ކޮންމެ ބަހެއް ބުނަމުން ދިޔައިރު ސަދަފްގެ ދެލޮލުން ފެނުނު ޔަގީންކަމާއި ނުރައްކާތެރިކަމުން އިރަމްގެ މުޅި ހަށިގަނޑުން ހީބިހި ހަލުވާލިއެވެ. ޖަންބުކުލަ އެ ދޮން މޫނަށް ފެތުރިގަތެވެ. އެއްލި ކަޅިއަކުން ފިހާރަ ތެރެއިން ވިޝާމް ނުކުމަތްތަން އިރަމްއަށް ފެނިގެން ތެޅިގަނެވުނެވެ.
”ޝެ..ޝެޑީ.. ވި.. ވިޝާމްބެ“ އިރަމްއަށް ސަދަފްގެ އަތުގައި ހިފާލެވުނެވެ. އެ ދެއަތް އޭނާގެ މޫނު ދުރުކޮށްލަން އުޅުމުން މިފަހަރު ސަދަފް ވެސް ދޫދިނެވެ. ވިޝާމް ކާރަށް އެރުމުގެ ކުރީން ދެމީހުން ވެސް ސީޓުގައި ހަމަޖެހިލިއެވެ. ނަމަވެސް ދެމީހުންގެ ހިތުގެ ހަމަޖެހުން ވަނީ ނެގިފައެވެ.
”ސަޅި.. ތޭންކިއޫ.. ހައު މަޗް؟“ ވިޝާމް ގެނައި މާ ބޮނޑި ދިއްކޮށްލުމުން ސަދަފް އަހާލިއެވެ. ދަނބާއި ހުދުގެ މާތަކުން ހަދައިގެން ގެނައި ބުކޭ ސަދަފްއަށް ކަމުދިޔައެވެ.
”ވަން މިލިއަން.. ހަހަހަ“ ސަދަފްގެ ބޮލުގައި ވިޝާމް ޖަހައިލިއެވެ.
”އޯކޭ.. ޓްރާސްފަރިންގ ޓޫ މިލިއަން..“ ހެވިފައި އިނދެ ވިޝާމްގެ ސަމާސާގައި ސަދަފްވެސް ބައިވެރި ވެލިއެވެ. އެގެޔާއި ހިސާބަށް ފޯރުމުން ކާރުން ފައިބައިގެން އިރަމް އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ސަދަފްއާއި ވިޝާމް ވެސް އައެވެ.
”ސަމްތިންގ ހެޕެންޑް؟“ އިރަމް ދިޔަގޮތް ފެނި ވިޝާމްއަށް އެހުނެވެ. ސަދަފް ހީލަމުން ދެފަރާތައް ބޯހޫރުވާލިއެވެ.
”ދެން ޝެޑީ ތިހެން ދެފަރާތައް ބޯހޫރުވާލީމަ އެއްޗެއް ނޭނގޭހާ ތިއްތިބެ ގަމާރެއް ނޫނޭ.. ފަހުން ކިޔައިދޭން ވާނެ އިނގޭ“
”އަނެއް ހެން އެހާ ބޮޑު ކަމެއް ނުވޭ.. ހަމައެކަނި އިރަމްއަށް ރިމައިންޑާރ އެއް ދިނީ“ ސަދަފް އިތުރަކަށް ނުބުންޏެވެ. ވިޝާމް ވެސް އެވަގުތު އިތުރަށް ސުވާލްކުރަން ނޫޅުނީ ގޭގެ ލިފްޓާއި ހިސާބަށް އާދެވުމުންނެވެ. އޭރު އިރަމް ވެސް ލިފްޓަށް އަރަނީއެވެ. ލިފްޓްގައި ހުރި އިރު އިރަމް ހުރީ އިސްޖަހައިގެންނެވެ. ދޭތެރެއަކުން ވިޝާމްކޮށްލާ ބައެއް ސުވާލްތަކަށް ޖަވާބް ދެއެވެ. އެނޫނީ ހުންނަނީ މަޑުންނެވެ. ނަމަވެސް ސަދަފްގެ ކަޅި އިރަމްގެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ވަކި ނުވެއެވެ. އެ މަންޒަރު ފެނުމުން ވިޝާމްއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.
ގެއަށް ދެވުމަށްފަހު، ރޭގެ ބޮޑުބައެއް ވިޝާމް ހޭދަކޮށްލީ ސަދަފްއާއި މެދު ވިސްނުމުގައެވެ. އެއްގޮތަކަށް ވެސް ސަދަފްއަށް ދެރަގޮތެއް ވާތަން ދުށުމަކީ އޭނައަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. އަނެއްކޮޅުން އިޔާންއެވެ. އިރަމްއާއި ދިމާ ބަލާލެވުމުން އަނެއްކާ ވެސް ވިޝާމްގެ ބޮލުގައި ރިއްސައިގަތެވެ. އަމިއްލަ ކައިވެންޏާއި ދޭތެރޭގައި އޮތީ ބަރާބަރު ފަސް ދުވަހެވެ. ނަމަވެސް އެކަމަށް ވުރެން ބޮޑަށް ސަދްފްއާއި އިރަމްއަށް ވެގެންދާނެ ގޮތަކާއި މެދު މާ ބޮޑަށް ވެސް ވިޝާމްއަށް ވިސްނެއެވެ.
”ކިތައް އަހަރު ފަހުން މިގެއަށް ތިއައީ؟“ ގޭގެ ދޮރުން އިރަމް ވަނުމުން ވިޝާމް އަހާލީ ސަދަފް ކުރެންނެވެ. ސަދަފް އެއްޗެއް ނުބުނެ ހީލިއެވެ.
“އަހާންން މިއޮތް އައީނު.. ކޮބާ ލިބުނުތަ ފްރެޝް މާ ކޮޅެއް؟“ ވިޝާމް ފެނުމުން ނިކަން ލޯބިން ލައިލާ ވާހަކަ ދެއްކިއެވެ. އޭނާ ފެނުމުން ލައިލާގެ މޫނު ހީވި އަލިވެގެން ދިޔަ ހެންނެވެ.
”ލައްބަ ލިބުނު.. ރަނގަޅުތަ ؟“ ކައިވެނި ހަމަޖެހުނު ފަހުން ފުރަތަމަ ފަހަރަށް ލައިލާއާއި ވާހަކަ ދައްކަން ޖެހުމުން ވިޝާމްއަށް ހުރެވުނީ ނުކެރިފައެވެ. އެކަމަކު ލައިލާގެ ހިތްހެޔޮކަމުން ވިޝާމްއަށް ލިބުނީ ތަފާތު ހިތްހަމަޖެހުމެކެވެ. ނަމަވެސް އަދިވެސް ޒަންޔާއާއި ވާހަކަ ނުދެއްކެއެވެ. ކޮންމެ ގޮތަކަށް ކުރެވޭ ކައިވެންޏަކަށް ވީ ނަމަވެސް ޒަންޔާއާއި ގުޅުން ބަދަހި ކުރަން އެބަޖެހެއެވެ. ޔަގީނުންވެސް އިސްވެ ޒަންޔާއަކަށް އޭނާއާއި ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އިސްނަގަން ޖެހޭނީ އޭނާއަށެވެ. ހިތާމައަކީ އޭނާވެސް އޭނާ ޒަންޔާ ފެނުމާއި އެކު ލަދުގަންނަކަމެވެ. އެހެން ހިތައް އެރުމާއި އެކު ވެސް ހިނިއަންނަގޮތްވިއެވެ.
”މްމް…މީ..މީ މަ..މަންމާ… ކޮބާ ޒަންޔާ؟“ ނުހަނު އުނދަގުލުން އެއްކޮށްލި ބަސްތަކެއް ދުލާއި ހަމައަށް ވިޝާމް ގެނައެވެ. ލައިލާއާއި ދުރުން އުޅެގެން ވެސް ނުވާނެތާއެވެ. އޭނާ އަލަށް މުހާތަބު ކުރި ލަފްޒު އިވި ލައިލާއަށް ވެސް ކުޑަ ސިހުމެއް އައިކަން އެމޫނުން އެނގުނެވެ. ލައިލާ ބަލަން ހުރި ގޮތުން ވިޝާމް ލަދުން ވިރޭވަރުވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ތުންފަތައް ހިނިތުންވުމެއް ވެރިކޮށްލިއެވެ.
”ޒަން ވެއްޖެ އެމީ އާއި އެއްކޮން ޓެރެސްގަ .. އެމީހުން އެއުޅެނީ ކުކީސް އާއި އެއްޗިހި ހެދުމުގަ..“ ލިބުނު އުފާވެރިކަމާއި އެކު ލައިލާގެ ހިނިތުންވުން ފުޅާވިއެވެ. ވިޝާމްވެސް ބޯޖަހާލާފައި މައްޗަށް އަރަން ދިޔައެވެ. ސަދަފް ކޮބާތޯ ބަލާލި އިރު ސޯފާގައި ޔޫވިން އުނގައް ލައިގެން އިނެވެ.
”އަޅޭ އެކަމަކު މުޅި ހެއާރ ހޭވިއްޖެ.. ދެން ކިހިނެތް ހަދާނީ ވެސް“ ހަދާފައި ހުރި ކުކީސްތައް ޑިޒައިން ކުރުމަށް އުޅެމުން ދަނިކޮން އަމީރާގެ ބޯ ހޭވިއްޖެއެވެ. އަތުގައި ހުރި އައިސިންގ ތަކެވެ. ޒަންޔާގެ އަތް ވެސް އެފަދައެވެ. ދެމީހުން ނޫން އިތުރު މީހަކު އެވަގުތު ނެތެވެ.
”އޯހް ނޯ.. ވެއިޓް އެބަ ބަލަން މަންމަ ހުރިތޯ.. ދެންމެ އުޅުނު ތިރީގަ“
”ދައްތަ ހީވަނީ މަޖުއްތަ އަށް ހެލްޕްވާން ބަދިގޭގަ އުޅޭހެން.. އޭރު ގުޅިތަނާ އިރޫ ބުނި ޗޭންޖް ކޮށްލައިގެން މި އަންނަނީއޭ.“
”ދެން ބްރޭކެއް ނަގަން ވީ ކަންނޭގެ ދޯ.. މިރެއަށް ތައްޔާރް ވާން ވެސް ޖެހޭނެ އެންނު … މިހާރު ސިކްސް ވަނީ އެއޮތް.“ އަމީރާގެ ބަހާއި އެއްބަސް ވުމުގެ ގޮތުން ޒަންޔާ ވެސް ބޯޖަހައިލިއެވެ.
“ ފައިނަލީ އިރޫ.. ހެލްޕް މީ .. އާދެބަލަ ބޯ އައްސާލަ ދޭން ..އެއްކޮން މޮހިއްޖެ“ ޓެރެހުގެ ދޮރުހުޅުވާލި އަޑު އަހާފައި އަމީރާ ބުނެލީ އިރަމް ކަމަށް ހީކޮށެވެ. ނަމަވެސް އިރަމްގެ ބަދަލްގައި ވިޝާމް ހުރިތަން ފެނުމުން އަމީރާ ލަދުވެސް ގަތެވެ.
”ސޮރީ.. އައި ތޯޓް އިރޫ ކަމަށް“
”އިޓްސް އޯކޭ.. އައްސާލަ ދީފާނަމޭ.. ފަހަރި ކޮއްކޮ ވިއްޔަ“ ލާނެތް ހިނިތުންވުމަކާއި އެކު ވިޝާމް ބުނެލި އަޑުއަހާފައި އަމީރާއަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ. ޒަންޔާގެ މޫނަށް ބަލައިލި އިރު އޭނާގެ މޫނުމަތިންވެސް ފެނިގެންދަނީ ދިމާ ކުރާ ފަދަ ޝުއޫރެކެވެ. ދާދި ދެންމެ އަކު އިޔާންއާއި އެއޮތް ގުޅުން ރަނގަޅުވެ އަލުން ގުޅުނުކަން އަމީރާ ބުނެދިން ފަހުން ޒަންޔާ ދިމާކުރުން ނުހުއްޓައެވެ.
”ޔޫ އާރ ބްލަޝިންގ ޑާލީންގ“ ޒަންޔާ ލާނެތް ގޮތަކަށް ބުނެލިއެވެ.
”މާ ބާރަށ އެއްސެންޏާ ބުނައްޗޭ“ ޓައިލްސް މައްޗަށް ވެއްޓިފައި އޮތް ވޫލްކޮޅު ނަގައިގެން ވިޝާމް އައިސް ހުއްޓިލީ އަމީރާގެ ފުރަގަހުގައެވެ. އެ ބުޅި އިސްތަށިގަނޑު އެހާ ގާތުން ފެނުމުން ވިޝާމްއަށް ފުން ނަޒަރެއް ދެވުނެވެ. އެހިނދު ހިތައް ތަދުކުރި ހިޔާލްގެ ތުންފަތުގައި ދައިގަނެވުނެވެ. ދެފަރާތައް ބޯހޫރުވާލަމުން އަމީރާގެ އިސްތަށިގަނޑުގައި ވިޝާމްއަށް ހިފާލިއެވެ. ނަމަވެސް މުޅި ހަށިގަނޑަށް ހުއްޓުން އަރައިގެން ދިޔައެވެ. ކުރުވި އިޙްސާސްއިން މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އެ އިސްތަށިގަނޑުގައި އަތްލެވުނު ހިނދު ހީވީ މާޒީގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ. އެތައް ދުވަހަކަށް ފަހު އަލުން އެތަޖުރިބާ ކުރެވުނު ފަދަ އިހްސާސެކެވެ. ވިޝާމްގެ މެޔަށް އުނދަގޫވިއެވެ. ހިންދިރުވާލަން އުނދަގޫވިއެވެ. އަމީރާގެ ވައަތް ފަރާތު ކަންފަތް ކައިރި ފެނުނު ހިނދު، ބޭ އިހްތިޔާރްގައި ވިޝާމްއަށް އެ އިސްތަށިގަނޑުން އަތް ދޫކޮށްލެވުނެވެ. ދެލޯ ބޮޑުވެފައި ހުރެމެ ބަލަހައްޓައިގެން ހުރެވުނީއެވެ. އަމީރާ ދެތިން ފަހަރަކު ގޮވާލި އަޑުވެސް ވިޝާމްއަށް ހީވީ ހުވަފެނެއްގެ ތެރެއިން އިވުނުހެންނެވެ.
“ ވިޝާމް.. “ ހަމަބިމަށް އާދެވުނީ ޒަންޔާ ކޮއްޓާލުމުންނެވެ. ލޮލުން ވެއްޓުނު ފެންތިކި ކޯތާފަތުގައި ޖެހުނު ތަން ޒަންޔާއަށް ފެނިގެން ކަންބޮޑުވެފައި ހުރެމެ ރަނގަޅުތޯ އެހިއެވެ. ވިޝާމް މޫނު ފުހެލަމުން ވޫލްކޮޅު ނަގާ އަވަސް ވީ ގޮތަކުން ބެލީ އަމީރާގެ އިސްތަށިގަނޑު އައްސާލެވޭތޯއެވެ. އެ މަސައްކަތް ނިންމާލެވުނު އިރުވެސް ވިޝާމްއަށް އަމީރާގެ ކަންފަތާއި ދިމާ ބެލުނު އަދަދެއް ނޭނގެއެވެ.
”ސޮރީ.. ކުޑަކޮން ނުފަރިތަ ވާނެ މިކަހަލަ ކަންތަކަށް “ ގަދަކަމުން ތުންފަތައް ހިނިތުން ވުމެއް ވެރިކުރުވަމުން ވިޝާމް ބުނެލިއެވެ.
”ހެހެހެ އިޓްސް އޯކޭ.. އެކަމަކު ވަރަށް ބޮޑަށް ތޭންކިއު .. ޒަން އެބަ އަންނަން އަތް ދޮވެލައިގެން “ އަމީރާ ހީލާފައި އެތަނުން ދިޔަ އިރު ވެސް ވިޝާމްއަށް ބަލަހައްޓައިގެން ހުރެވުނެވެ.
”ވަޓް ހެޕެންޑް؟“ އަހަން ނާހަން ހުރެފައި ޒަންޔާ އެއްސެވެ. ވިޝާމްއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ ލޮލަށް ޖަމާވެގެން އައި ކަރުނުތައް ޒަންޔާގެ ކުރިމަތީގައި ބޭރުކޮށްލެވުނެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން ފޯނު ނަގާފައި ބަލައިލީ ގެލެރީއެވެ.
’އަމީ‘ ގެ ނަމުގައި ހުޅުވާފާއިވާ ފޯލްޑާރ އަށް ވިޝާމް ވަދެ ހުޅުވާލީ މެދު ތެރޭގައި އިން ފޮޓޯއެކެވެ. އޭގައި ތުއްތު އަމާޔާ އިނީ ބުޅި ބުޅި އިސްތަށިކޮޅު ކަނާއަތް ފަރާތު ކޮނޑުމަތިން ކުރިމައްޗަށް ގެނެސް ހާވާލައިގެންނެވެ. ފުދޭވަރަކަށް މަތިން ނަގާފައިވާ ފޮޓޯއެއް ކަމުން، އޭނާގެ ވައަތް ފަރާތު ކަންފަތް ނުހަނު ރީއްޗަށް ފެނެއެވެ. ވިޝާމް އެ ފޮޓޯ ޒޫމް ކޮށްލަން އަތް ލިއްލާލި ވަގުތު އަތުގައިވި ތުރުތުރު އެޅުން އިހުނަށް ވުރެން އިތުރު ވިއެވެ. ވިޝާމްއަށް ވަމުންދާ ގޮތް ފެނި ޒަންޔާއަށް ގޮވާލެވުނެވެ.
”ވިޝާމް.. ޔޫ އޯލް ރައިޓް؟“
”ޒަންޔާ ކެން ޔޫ ހެލްޕް މީ.. މި ފޮޓޯ ޒޫމް ކޮށްލަ ދީބަ ..އައި.. އައި ކުޑުންޓް“ ވިޝާމްގެ އަޑު ކުރެހިއްޖެއެވެ. އިތުރު ގޮތެއް ނެތުމުން ލާފައި ހުރި ހެދުމުގެ ނުފުށުން އޭނާގެ އަތް ފުހެލިއެވެ. ވިޝާމްގެ ބުނި ގޮތައް އެ ފޯނު އަތުލުމަށްފަހު އެ ފޮޓޯ ޒޫމް ކޮށްލަ ދިނެވެ. އަމީޜާގެ ކަންފަތް ކައިރިން ފެނުނު ކަޅުކުލައިގެ ކުޑަ ލަފަތް ، އަމާޔާގެ ކަންފަތް ކައިރިން ފެނުނު ހިނދު ވިޝާމްއަށް ދެލޯ މަރާ ފިތާލެވުނެވެ.
****
(ނުނިމޭ)


Comments (6)
Lubasays:
ޑިސެމްބަރ 23, 2025 at 23:59Ahhhhh thi episode 😩😩😩😩
Sooo goodd
Cant wait for the next
Laisays:
ޑިސެމްބަރ 24, 2025 at 00:23😱
Damnnnnnn
V goass hosaabeg dhw mihaaru miothy
Dhen sadhafa r iroo gulhuvaba
Ekudhin nurohvaa
Haadha dheraveye sadhaf ulhey gothun😞
Cant wait for the next epp
Lots of love 💕
Amathsays:
ޑިސެމްބަރ 24, 2025 at 00:23Ma sha allah v reethi
❤️❤️❤️
Yumusays:
ޑިސެމްބަރ 24, 2025 at 00:50Alhey sadha ah ehen nuhadha😭😭
This is so heartbreaking 😩😩
When next ✨✨
Nausays:
ޑިސެމްބަރ 24, 2025 at 00:51Finally emmie ge famiky eh member ah shakkuvee🥺🥺 v reethi masha allah💖💖
Anonymoussays:
ޖެނުއަރީ 3, 2026 at 08:52when is next waiting impatiently