ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 08

އެވާހަކަތަކަށް ފަހު އަލާރާގެ ހިތުގައި ޒެވިއަލްއާއި މެދު ނޭނގޭ ޝައުގުވެރިކަމެއް އުފެދުނެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ބޯޖަހައިލިއެވެ.

****

އާދައިގެ މަތިން ޒެވިއަލް މިއަދުވެސް ތައްޔާރުވެގެން އައީ އަލާގެ ގާތަށެވެ. އޭރު ދިނާޔާ ވެސް އަލާރާއަށް ހެނދުނުގެ ނާސްތާ ދިނުމަށް އިންދައެވެ.

ޒެވިއަލްގެ ނަޒަރު ދަތުރު ކޮށްލީ އެނދާއި ގާތުގައި ހުރި ސޯފާގައި އިން އަލާރާގެ މޫނަށެވެ. ހެނދުނުގެ ހިތްގައިމު އެ ވަގުތު އެ މޫނުމަތި ފެންނަނީ ނުހަނު ތާޒާކޮންނެވެ.ހުދު ކުލައިގެ ގަމީސްކޮޅާއި ޑެނިމް ޖީންސްގައި ހުރި އިރު ބަލާފޫހި ނުވާހާ ޗާލެވެ. ކޮނޑުމަތިން ކުރިމައްޗަށް މިނިވަންކަމާއި އެކު ދޫކޮށްލާފައިވާ އިސްތަށިގަނޑުން ބައެއް އެ ދޮން ކޯތާފަތުގައި ބީހެމުން ދިޔައީ ސިހުރުވެރިގޮތަކަށެވެ. އެ މޫނަށް ބަލައިލާ ކޮންމެ  ފަހަރަކު ޒެވިއަލްގެ ހީވަނީ އޭނާގެ ނޭވާ ވެސް އެތެރެހަށީގައި ތާށިވާހެންނެވެ. އެ ރީތިކަން އޭނާގެ ހިތައް ލޮޅުން އަރުވަމުން ގެންދަނީ ނުވެސްއެނގި ހުއްޓައެވެ. އަލާރާ ފެންނަ ކޮންމެ ފަހަރަކު އެއީ މީހެއް ހައްގެއްކަން އަމިއްލަ ނަފްސަށް އެތައް ފަހަރަކު ހަނދުމަ ކޮށްދިން ނަމަވެސް އޭނާގެ ބަސްނާހާ ހިތް ހީވަނީ މަގުން ކައްސާލަން އުޅޭހެންނެވެ. ކަޅި ޖަހާނުލާ ބަލަން ހުރި ޒެވިއަލްއަށް ހަމަމަގަށް އާދެވުނީ އަލާރާއަށް ކާންދީ ނިމިގެން ދިނާޔާ އިށީންދެ އިން ގޮނޑިން ތެދުވިއަޑަށެވެ.

“ޒެވް..ދަރިފުޅާ… ކޮބަ ލިއާ މިއަދު” ހިނިތުންވެލައިގެން ހުރެ ދިނާޔާ އަހައިލިއެވެ.

“ލިއާ މިއަދު އީވް އާ އެއްކޮން ތަންކޮޅެއް އަވަހަށް ގޮސްފި..މާދަމާ ފުރަން ޖެހޭތީ ނިންމަން ހުރި މަސައްކަތެއް އެބައިނޭ  ބުނީ” ޒެވިއަލް އޮޅުން ފިލުވާލަ ދިނެވެ.

“އާންން..ހަނދާން ނެތިފަ އޭ މިހުންނަނީ…ދައްތަ ޑިއުޓީއަށް އެނގޭ މިދަނީ…ސައިބޮއްޗޭ ހަނދާންކޮށް” ދިނާޔާ ނުކުމެގެން ދަމުން ބުނެލިއެވެ. ޒެވިއަލް ބޯ ޖަހާލައިފާ ގޮސް އިށީނީ ކޮންމެ ދުވަހަކުވެސް އޭނަ އިންނަތާގައެވެ. ބެލްކޮނީގައި ހުރި އެކަކަށް އިނދެވޭވަރު ސޯފާ އެއްގައެވެ.

ހަމަހިމޭންކަން އޮތް މާހައުލުން އުދަގޫ ވެގެން ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އަދިވެސް ޒެވިއަލްއަށް ފަސްޖެހެވެނީއެވެ. އަނެއްކޮޅުން އަލާރާ އިނީ އާދައިގެމަތިން ކަންފަތައް ހެޑް ފޯނު މަހާލައިގެންނެވެ..

“ދަރިފުޅާ އަލާ..ޝަވަން އަންނާނަމޯ މާދަމާ ..ހުކުރު ދުވަހުން ބިޒްނަސް މީޓިންގްއަކަށް ބެންގްކޮކްއަށް ދަނީ ޔޯ…ތައްޔާރު ވާތި އެނގޭ” ދެވަނަ ފަހަރު ދިނާޔާ އައިސް ބުނެލިއެވެ. އޭރު އޭނާ ހުރީ އޮފީހަށް ދިއުމަށް ތައްޔާރުވެގެންނެވެ. ޝަވަންގެ ނަން ބުނެލި ހިނދު ދިނާޔާގެ މޫނުމަތިން އިންތިހާއަށް ހިތްހަމަ ނުޖެހުމުގެ އަސަރު ޒެވިއަލްއަށް ފެނިލިއެވެ.

ދިނާޔާ ނުކުމެގެން ދިޔުމުން ޒެވިއަލް ދެން ބަލައިލީ އަލާރާއާއި ދިމާލަށެވެ. އޭރު އަލާރާ އިނީ އިސްދޮށައް ޖަހައިގެންނެވެ.  އެހެން އިނދެފައި އޭނާއުޅުނީ ތެދުވަންނާށެވެ. ކޮޅަށް ތެދުވެވުނު ނަމަވެސް ހިނގައިނުގަނެ ހުއްޓެވެ. ދެ އަތް ތިލަ ބަނޑާއި ހިސާބަށް ނަގާފައި ދެފަރާތައް ހަރަކާތް ކޮށްލިއެވެ. ހީވަނީ ކޮންމެވެސް ތާކަށް ދާން ބޭނުންވެފައި ހުރިހެންނެވެ. އެކި ދިމަދިމާލަށް ހަރަކާތް ކުރަމުން ދިޔަ ދެލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތައް ފެނި ޒެވިއަލްގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފްބާރެކެވެ.

”ތާކަށް ދާން ބޭނުން ވަނީތަ”ޒެވިއަލް ހިތްވަރުކޮށްލާފައި އަހައިލިއެވެ.

”އަހަ..އަހަރެން ގާޑެންއަށް ގެންގޮސްދީފާނަން ތަ” އަލާރާ ބުނެލިއިރު ކޯތާފަތުން ތިރިއަށް ރޮގަކަށް ކަރުނަތިއްކެއް ޖަހަލައިލިއެވެ.

“ކެން އައި ހޯލްޑް ޔޯ ހޭންޑް” ޒެވިއަލް ހުއްދައަކަށް އެދުނު ހިނދު  އަލާރާ ބޯޖަހައިލިއެވެ.

ޒެވިއަލް ދެތިން ފަހަރަކު އަލާރާގެ އަތުގައި ހިފުމަށް ހިއްލާލި އަތް ފަސްޖެހިފައި ތިރި ކޮށްލެވެނީއެވެ. ހަތަރު ވަނަ ފަހަރު އަތް ހިތްލާލި ހިނދު އަލާރާ ކުއްލިއަކަށް ޒެވިއަލްގެ އުޅަބޯށީގައި އަތް އަޅުވާލިއެވެ. ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވާލަން ހިތާ ދިމާލު މޭގައި ޒެވިއަލް އަތްޖައްސައިލަމުން ހިނގައިގަތެވެ.

ގޭތެރޭގައި ވާ ލިފްޓު މަސައްކަތް ނުކުރާތީ ޒެވިއަލް އަށް އަލާރާ ގޮވައިގެން ފައިބަން ޖެހުނީ ސިޑީންނެވެ. އެކަމުގައި ވަގުތުކޮޅެއް ހޭދަވެސް ވިއެވެ.

ބޭރަށް ނުކުމެވުމުން އަލާރާ ބޭނުންވީ އީސްޓަން ބަޑް ގަސްތަކުގެ ތެރޭގައި  ހުރި ބެންޗްގައި އިށީންނުމަށެވެ.

“ޔޫ ކޭން ސިޓް” އަލާރަ އިށީނުމުން ވެސް ޒެވިއަލް ކޮޅަށް ހުރިކަން އެނގުމުން އަލާރާ ބުނެލިއެވެ.

“ކަމޯން ޔޫ ކެން ސިޓް..އައި ވޯންޓް ބައިޓް ޔޫ..ލޮލަށް ނުފެނުނަސް އަހަރެންގެ އެހެން ހުރިހާ އޯގަންއެއް ބަރާބަރު..ކައިރީގާ ހިނގާ ހުރިހާކަމެއް ވެސް އިޙްސާސްވޭ” ހިތިގޮތަކަށް ހީލިއިރު ދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނުތައް ފެނި ޒެވިއަލްއަށް ހިންދިރުވާލެވުނެވެ.

“އާރ ޔޫ އޯކޭ” ޒެވިއަލްގެ ޖުމްލައިން އަލާރާއަށް އިތުރަށް ރޮވުނެވެ. އެވީ މަދު ވަގުތު ކޮޅު ތެރޭގައިވެސް އެ ދޮން މޫނަށް ރުއިމުގެ ސަބަބުން މަޑުރަތްކަމެއް ވަނީ ފާއްދާލާފައެވެ. ހާއްސަކޮން އެކުޑަ ނޭފަތުގެ ރަތްކަން ވެއެވެ. ތުންފަތް ހަފާލައިގެން ޒެވިއަލް ޖީބުން ނެގީ ހުދު ކުލައިގެ ރުމާކޮޅު އަލާރާގެ އަތުގެ ތެރެއަށް ލައްވާލާފައި ދުރު ބަލަހައްޓައިގެން އިނެވެ. އަލާރާ ރޯލަން ފުރުސަތު ދިން ފަދައެވެ.

“ފޯނާއި ކުޅެ ހަދަން އެއްވެސް ވަރަކަށް އެނގޭތަ..މިބުނީ މީހުންނާ ގުޅާ ހަދަން އެނގޭތަ” އިރުކޮޅެއްފަހުން އަލާރާ ރުއިން ހުއްޓި ހަމައަކަށް އެޅުމުން ޒެވިއަލް އަހާލިއެވެ.

“ގުޅާކަށް ނޭނގޭ..އެކަމަކު އަންނަ ފޯނު ނަގަން އެނގޭ..” މަޑުމަޑުން އަލާރާ ރައްދު ދިން އިރު ޒެވިއަލް ދިން ރުމާކޮޅުން ކަރުނަތައް ފުހެމުންދިޔައެވެ.

”ކެން ޔޫ ވެއިޓް ހިޔާރ..ފަސްމިނެޓް ތެރޭގަ އެބަ އަންނަން..” ޒެވިއަލް ގޮސް މާގިނައިރެއް  ނުވެ އައި އިރު ނޮކިޔާ ބައްތި ފޯނެއް އަތުގައި އޮތެވެ.

“މަށައް ހީވަނީ އައި ފޯނައް ވުރެން އަލާރާއަށް މިހާރު  ނޮކިއާ މާ އީޒީ ވާނެހެން…ތި ފޯނު ވެސް ގެންގުޅެވިދާނެ..އެކަމަކު މީހަކަށް ގުޅަން ބޭނުން ވިއަސް ގުޅާލަން ފަސޭހަ ވާނެ މިކަހަލަ ފޯނަކުން” އަލާރާގެ އަތަށް ޒެވިއަލް ލައިދިނީ އޭނާ ދެންމެ ގެނައި ފޯނެވެ.

“މި..މި ޒެވިއަލް ބޭނުންކުރާ ފޯނުތަ” ،  “ނޫނޭ މި އެއްވެސް ބޭނުމެއް ކުރާ ފޯނެއް ނޫން… އަހަރެން ގެންގުޅޭ ފޯނު މިއޮތީ އަހަރެންގެ އަތުގަ.. އަލާރާގެ އައިފޯނު ވައިބާ އެއްޗިސް ބޭނުން ކުރަން ރޫމް ގަ ބާއްވަ.. ނޮކިއާ ފޯނުގެ ކީޕެޑްގަ މިހުންނަ ނަންބަރު ތަކުން ކޮންމެ ނަމްބަރަކަށް ފޯނު ނަންބާރ އެއް އެޑްކޮށްގެން ކްއިކް ކޯލް އެއް ކުރެވޭނެ..  އޯލް ޔޫ ހޭވް ޓް ޑޫ އިޒް ޕްރެސް.. އަހަރެން މި އެޑް ކޮށްދެނީ މިގޭ އެންމެންގެ ނަންބާސް…އެންމެ ފުރަތަމަ އިންނާނީ ބައްޕަގެ ނަމްބަރ..ދެން މަންމަ ..ދެން އަރްކާން ..ދެން އީވް..” އަލާރާގެ ސިމްކާޑް އެ ފޯނަށް ލައްވަމުން ޒެވިއަލް ކިޔައިދޭންފެށިއެވެ.

“ފުރަތަމަ ފީލް ކޮށްލާނީ ވަން..ވަން އިންނާނީ ތިން ވަނަ ބަރީގަ …އަޅެ ޓްރައި ކޮށްލަން ވީނު..ރިންގް ވާން ހެދީމަ އަހަރެން ކަނޑާލަ ދޭނަން..”ޒެވިއަލް ފޯނު ދިއްކޮށްލުމުން އަލާރާ ފުން ނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ. ފޯނު ގައި ހިފާލާފައި ޒެވިއަލް ބުނެލި ގޮތައް ކީފެޑްގައި ޝަހާދަތް އިނގިލިން ކާއްތާލައި އެކެއް ހޯދާއި އޮބާލި ހިނދު އަޒީޒްގެ ނަމްބަރަށް ޑައިލް ވިއެވެ.

“ޔެސް..އެނގިއްޖެ ދޯ..އެހެން ވީމަ މިކަން ވެސް މި ވީ ..ޝަވަންގެ ނަމްބާރ ބޭނުން ތަ އެޑް ކުރަން..” އަހަން ނާހަން ހުރެފައި ޒެވިއަލް އަހާލިއެވެ.

“ނޫން..ޒެވިއަލް އެޑް ކޮށްދިނީ ތި ހަމަ އެންމެ މުހިންމު މީހުންގެ ނަމްބަރ ތައް.. ވަރަށް ބޮޑަށް ތެންކިއު.”

“އިޓްސް އޯކޭ…އެންމެ ލާސްޓް އަށް ނަމްބާރ ނައިންގަ އިންނާނީ އަހަރެންގެ ނަމްބާރ..ޕްރެސް އިޓް ވެން ޔޫ ނީޑް ސަމް ޝޯލްޑާރ..މްމްމް.ހޭވް ސަމް ފީސްފުލް ޓައިމްސް..އެކޮޅުގަ މަޑުކޮށްލާނަން” ޒެވިއަލް ރައްދު ދިނުމަށްފަހު އިންތަނުން ތެދުވިއެވެ. މިވަގުތު ނުރޮވުނު ނަމަވެސް އަލާރާގެ ދެލޮލަށް އަދިވެސް ބޮނޑިވެފައިވާ ކަރުނުތައް ހުރަހެއް ނެތި ޒެވިއަލްއަށް ފެންނަމުންދިޔައެވެ. އޭނާއަށް ވިސްނުނީ އަލާރާއަށް އެހަމަހިމޭން މާހައުލުން އެކަނިވެރި ވަގުތުކޮޅެއް ދިނުމުން ހަމައަކަށް އެޅިދާނެކަމަށެވެ. ނަމަވެސް ޒެވިއަލްއަށް އެޅުނީ ކުރިއަށް އެންމެ ފިޔަވަޅެކެވެ. އަލާރާ، ޒެވިއަލްގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޒެވިއަލް ފަސް އެނބުރުނު ހިނދު އޭނައަށް ފެނުނީ އެ ދެލޮލެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ.

”އައި ނީޑް ސަމްވަން ޓް ޓޯކް..އަހަރެންގެ ނެތް އެއްވެސް އެކުވެރިއެއް..ކެން ޔޫ ވެއިޓް” މަޑު ތުރުތުރެއް އެކުލެވިގެންވާ އަލާރާގެ އަޑު ކަންފަތުގައި ޖެހުނު އިރު ޒެވިއަލްގެ ހިތައް ގޮތެއްވިހެން ހީވިއެވެ.

“އެނގޭ އަހަންނާ ވާހަކަ ނުދައްކާ ހުއްޓަސް މިހާރު ޒެވިއަލް ވެސް ހުއްޓަ އެ ހިނގާ ކަންކަމުން ހިތުގަ ސުވާލް ނުއުފެދި ނުހުންނާނެ ކަން.. އެންޑް..ކަމެއް ދިމާވެއްޖެޔާ ވަރަށް ފަސޭހައިން އަހަންނަށް ރޮވޭނެ..ސޮރީ ފޯރ ދިން” އަލާރާ ހިފަހައްޓާގައިގެން ހުރި ރުމާކޮޅު ކުޑަގޮތައް ހިއްލާލަމުން އަލާރާ ބުނެލިއެވެ.

“ނޫން..އިޓްސް އޯކޭ..ޔޫ ކެން ހޭވް އިޓް.. ކޮންމެ އިންސާނަކަށް ވެސް ކަންތައްތައް ދިމާވާނެ ދުނިޔޭގަ އުޅޭއިރު.. ނަމާދުކޮށް ޒިކުރުތައް ކުރީމަ ބޭކާރު ހިޔާލުތަކުން ދުރުވެ ހުރިހާ ކަމެއް ވެސް އިންޝާﷲ ރަނގަޅުވާނެ…ދުއާއަކީ ވަރަށް ބާރުގަދަ ހަތިޔާރެއް…އަހަންނަކީ ވެސް މާކާމިޔާބު މީހެއް ނޫން ކަންކަމުގަ.. މާތްﷲ އަށް ވަކީލް ކޮށްލައިގެން ހުންނަން ވާނެ އަބަދުވެސް..ޝެއާރ ކޮށްލަން ވީނު ހިތައް ހަމަޖެހުމެއް ލިބޭތޯ”  ޒެވިއަލްގެ ވާޙަކަތައް އަޑުއަހަން އިރުވެސް އިރުކޮޅަކާއި އަލާރާ ދެލޯ ފުހެލައެވެ.

އަލާރާ ކިޔައިދޭންފެށީ އޭނާއާއި ޝަވަންގެ ލޯބީގެ ފަސާނާއެވެ. ދެމީހުންގެ މައިންބަފައިންނަކީ ގާތް ރަހްމަތްތެރިންނަށް ވީއިރު އަބަދު ދިމާވުމުގެ ސަބަބުން ޝަވަންއާއި އަލާރާ އަކީ ކުޑައިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ކިޔަވަންދަނީ ވެސް އެއް ސުކޫލަކަށެވެ. ރާއްޖޭގައި އަލާރާ ކިޔެވީ ގްރޭޑް ތިނަކާ ހަމައަށެވެ. ދެން އޭނާ ގެންދެވުނީ އަޒީޒްގެ ކޮއްކޮ ޝާތިރް އާއި އަންހެނުން ހައުލާގެ ގާތަށް އޮސްޓްރޭލިއާއަށެވެ. އެ ދެމަފިރިންނަކީ ކުދިން ނުލިބޭ ބައެކެވެ. އޭރުވެސް އެމީހުން ދިޔައީ ރާއްޖޭން ބޭރުން އެކަމަށް ބޭސްކުރަމުންނެވެ. އެދެމަފިރިން އަލާރާ ބަލަމުން ދިޔައީ ނުހަނު ލޯބިދީގެންނެވެ. ކޮންމެ ބަންދެއްގައި ވެސް އެމީހުން އަލާރާ ގޮވައިގެން ރާއްޖެ އާދެއެވެ. އޭރުވެސް ގިނަވަގުތު އަލާރާ ހޭދަކުރަނީ ޝަވަންއާއި އެކުއެވެ. އަލާރާގެ ހިތުގައި ޝަވަންއާއި މެދު ލޯބީގެ އިހްސާސްތައް ހިނގަން ފެށީ އަލާރާގެ އުމުރުން ތޭރައަހަރުގައެވެ. ޝަވަން ދެކޭ ގޮތެއް ނޭނގޭތީ އެ ވާހަކަ ނުބުނެ އޭރު އަލާރާ ހުރީއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން އޭލެވެލް ކިޔެވުމަށް އަލާރާ ބޭނުންވީ ރާއްޖެއައުމަށެވެ. އަލާރާ އެދުނުގޮތައް އަޒީޒް، އޭނާ ސްކޫލަށް ލީ ޝަވަން އާއި އެއްކުލާހަކަށެވެ. އޭރުވެސް  ދެމީހުންގެ ރަހްމަތްތެރިކަން އެގޮތުގައި އޮތެވެ. އޭލެވެލްގެ ފުރަތަމަ އަހަރު ކިޔެވުން ފެށުނުތާ މާގިނަދުވަހެއް ނުވަނީސް ދެމީހުންގެ ދެމެދުގައި އޮތް ރައްޓެހިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ދިޔައެވެ. ޝަވަން އިސްވެ އަލާރާއަށް ލޯބި ހުށައެޅީއެވެ.  މިހުރިހާ ދުވަހަކު ވެސް ލޯބިވީ ކަމަށާއި ދެމީހުންގެ ރަހްމަތްތެރިކަމަށް ބުރޫއު އަރާފާނެކަމުގެ ބިރަށް ފަސްޖެހިފައި ހުރެވުނީ ކަމަށް ޝަވަން ބުންޏެވެ. އެދުވަހަށް ފަހު ދެ ލޯބިވެރިންނަކީ މުޅި ސްކޫލަށް މަޝްހޫރު ދެ ލޯބިވެރިންނެވެ. އޭލެވެލް ނިމިގެން އަލާރާ އެނބުރި އޮސްޓްރޭލިއާއަށް ދިޔައީ ކޯސް ހެދުމަށެވެ. ކިޔަވާ ނިމިގެން އެއްކޮން ރާއްޖެ އައި އިރުވެސް އެކަން އޮތީ އެގޮތުގައެވެ. ޝަވަންގެ ފަރާތުން ހިފެހެއްޓުމެއް ނެތް ލޯބި އަލާރާއަށް ދިޔައީ އިންތިހާއަށް އޮހެމުންނެވެ. ހުރިހާކަމެއް ބަދަލްވީ އަލާރާގެ އެކްސިޑެންޓަށް ފަހުއެވެ. އޭގެ ފަހު މިއަދާއި ހަމަޔަށް ފެނިގެންދިޔައީ މުޅިން ތަފާތު ޝަވަންއެކެވެ. އެންމެ ދުވަހެއްގެ ތެރޭގައި ޝަވަން ބަދަލްވީއެވެ. ގޮވާލަން ނާންނަތާ ހާލު ބަލާލުން ވެސް ޝަވަންއަށް ވީ ވޭނަކަށެވެ.ޝަވަންއާއި އެކު ދިރިއުޅުމެއް ފަށަން އަލާރާ ދެކެމުން އައި އުފާވެރި ހުވަފެން ގަޑުބަޑުވެއްޖެއެވެ.

“ޝަވަން ވަރަށް ޕްރޮމިސްކުރި ދުވަހަކުވެސް ލީވް ނުވާނެ ކަމަށް ބުނެ..އަހަންނަށް އެ ހާދިސާ ދިމާވިފަހުން އެންމެ ފަހަރަކުވެސް އަދި އޭނައާއި ބައްދަލް ނުވެ..މަންމަ ކުރީ ދުވަހު ބުނި ނަސްރާތަ ބުންޏޭ ޝަވަން ކައިވެންޏަށް އެދެން އަންނާނެއޭ..މަންމަ އެހެން ބުންޏަސް އަހަރެން މިހުރީ ގަބޫލް ނުކުރަން..އެއީ މިހާރު ޝަވަން އެ ދައްކަމުން ދާ ކުލަތަކުން ހިޔެއް ނުވޭ އަހަންނާއި މެދު ދުވަހަކުވެސް ލޯބިން ކަންތައް ކުރި މީހެއް ހެނެއް ވެސް..އޭނަ އަހަރެން ކުރިމައްޗަށް އަރަން ބޭނުން ނުވާކަމަށް ވަނީނަމަ ފޯނުންވެސް ވާހަކަ ދެއްކިދާނެ ދޯ..އެކަމަކުވެސް ނުގުޅާ.. އަހަންނަށް ހަބަރުތައް އިވެނީ މަންމަ އާއި އީވްގެ ފަރާތުން..ދޮންބެ ވެސް މަންމަ ވެސް އީވް ވެސް އަހަރެން ކައިރިއަށް ނަސޭހަތް ދޭން އައި..އެމީހުން ކުރެ އެކަކުވެސް ސީދާ ސީދަލަކަށް އެކަން ނުކުރާކަށް ނުބުނޭ… އެމީހުންގެ ވާހަކަ ތަކުން އެކަމާއި ހިތްހަމަ ނުޖެހޭ ވަރާއި އެކަމުން ގެއްލުމެއް ލިބިދާނެތި ކަންބޮޑުވެފައިވީ ވަރު ވެސް އެނގޭ… ދޮންބެ ވަރަށް ކުރީންސުރެންވެސް ޝަވަން ދެކެ ރުޅި އަންނާނެ..އެއީ އޭނާ ސްކޫލް ދައުރުގައި އުޅުނީ ގޭންގް އެއް ފަހަތު ލައިގެން…އެހެންވެގެން..އެކަމަކު އޭނާ އެމީހުންނާއި ދުރުވި އަހަރެން ބުނީމަ…އެކަމަކު ވެސް ދޮންބެ ވަރަށް ރުޅި އަންނާނެ އޭނަ ދެކެ..ދެން ފަހުން އެ ކަންތައް ކުރި ގޮތުން ދޮންބެ އެހުންނަނީ އިތުރަށް ރުޅިގަދަވެފަ…ބައްޕަ ވެސް މަންމަ ވެސް ވަރަށް ހިތްހަމަ ނުޖެހޭ..ދޮންބެ ބުނީ ޝަވަންގެ އަސްލުކުލަ ފެންނާނީ ކައިވެނި  ކުރެވުނީމަ ކަމަށް… މިހާރުވެސް ކައިވެނި ނުކުރެވިގެން އުޅޭއިރުވެސް އެހެރީ އެ ދައްކާ އެޓިޓިއުޑް…އާހްހްހް..އޭނަ މާދަމާ އައީމަ އަހަންނަކަށް ނޭނގޭއަހަރެން ހަދަންވީ ގޮތެއް..ޒެވިއަލް ކީކޭ ބުނަނީ..އަދިވެސް ވަރަށް ބޮޑަށް ލޯބިވޭ ޝަވަންދެކެ…” އާލާރާގެ ވާހަކަ ނިންމާލުމުން ޒެވިއަލްއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. އެންމެފަހުން އަލާރާ އެބުނި ޖުމްލައިން ތަފާތުގޮތަކަށް ޒެވިއަލްގެ ހިތުގައި މާޔޫސީ ކުލަތައް ފަވާލިއެވެ.

“އަލާޜާއަށް ހީވޭތަ ތި ކައިވެނި ކުރި ނަމަވެސް އުފަލެއް ލިބޭހެނެއް..އަޑުއަޙާފަ ކަންނޭގެ އޮންނާނީ ދޮންބެ އާއި އަހަންނާ މީ ކިހާ ބޮޑު ދެ އެނިމީޒް ކަން..އެކަމަކު މިކަމުގަ އަހަންނަށް ވެސް އަރްކާން މެންނާ އެއްކޮޅަށް ބުރަވެވެނީ..އަރްކާން އެބުނިހެން ކައިވެނިވެވުނީމަ ހަގީގީ ކުލަ ފެންނާނީ އެންޑް އަލާރާ ތިބުނިހެން މިހާރުވެސް އޭނާ އެ ދައްކަނީ ވަރަށް ފީކަޅާ އެޓިޓިއުޑެއް..އެހެންވީމަ ތި ކައިވެނި ވޯކް އެއް ނުކުރާނެ ..ދެރަ ލިބޭނީ އަލާރާއަށް..ލޯބިވާ އަދި ހެޔޮ އެދޭ އެންމެން ވެސް ތި ކައިވެނި ވެވޭކަށް ބޭނުމެއް ނުވޭ.. މަންމަ ވެސް އަލާރާގެ ހެޕިނަސްއަށް ހުރަސް ނާޅަން ސީދާ އެކަން ނުކުރާށޭ ނުބުންޏަސް އެކަނި ވީމަ އެކަމާ ވަރަށް ވިސްނާނެ.. އޭޒް އޭން އެކްސްޕީރިންއަންސްޑް ޕާސަން..ހާލުގަ ޖެހުނީމަ ތިމާއަށް ހަގީގީ މީހުންނާ ބައްދަލް ވާނީ.. ކުރިން އަހަންނަކީ އަރްކާން އާއި އަދިވެސް އެތައް ރަހުމަތެރިއެއް ގެންގުޅުނު މީހެއް..މިހާރު އަހަރެން ހުންނާނީ އެންމެ އެކުވެރިއެއް.. އޭނާއަށް ވެސް އިތުބާރުކުރަން ފަސްއަހަރު އަހަންނަށް ނެގި” ޒެވިއަލްގެ  ވާހަކަ އިވި އަލާރާ ޒެވިއަލް އިން ދިމާލަށް މޫނު އަނބުރާލިއެވެ.

“ދަރިފުޅުމެނޭ ވިއްސާރަ ހަދާފަ އޮތީ..” އަލާރާއަށް އިތުރަށް އެއްޗެއް ބުނެވުމުގެ ކުރިން އިސްކަން ދޭން ޖެހުނީ ގޯތިތެރެއަށް ހުއްޓުނު ކާރުން ފޭބި ދިނާޔާގެ އަޑަށެވެ.

“މާދަމާ އެންނު އޭނަ އަންނަނީ.. ސޯ ދެންމެ މި ދެއްކި ވާހަކަ އާއި މެދު ވިސްނާލާތި..ތިންކް އެބައުޓް އިޓް ވެރީ ކެއާފުލީ” އަލާރާގެ އަތުގައި ހިފައިގެން ހިނގައިގެން ޒެވިއަލް ބުނެލީ ހަމައެކަނި އަލާރާއަށް އިވޭ ފަށުގައެވެ.

***

އިރުއޮއްސެމުން ދިޔަ ވަގު މަޖީދީމަގުން ބާރު ހިނގުމުގައި އައި އީވާ ހުއްޓުނީ މަލާއި ބަގީޗާ ގަސްގަހަށް ހާއްސަ ފިހާރައެއްކަމަށްވާ “ރޯޒްލިލީ” ފިހާރައިގެ ކުރިމަތީގައެވެ. ގާތް އެކުވެރިއެއްގެ އުފަންދުވަސްކަމުން މިރޭ އޮންނަ ޕާޓީއަށް އީވާ ބޭނުންވީ އޭނާ ތައްޔާރު ކުރި ހަދިޔާއާއި އެއްކޮން މާ ބޮނޑިއެއް ވެސް ދިޔުމަށެވެ. މުޅިތަންބެލުނު އިރު ވެސް އޭނާއަށް ކަމުދާ ޒާތުގެ މަލެއް އެތާކުން ނުފެނުނެވެ. އެންމެ ފަހުން ބާސްކެޓެއްގައި އިން ލެވެންޑާ ކޯންޏެއް އީވާގެ ލޮލުގައި އަޅައިގަތެވެ. އެ ވައްތުގެ އިނީވެސް އޭތި އެކަންޏެވެ.

“އާހް..ނާޔާ ވުޑް ލަވް ދިސް..”ތުއި ގޮތަކަށް ހީލަމުން ދުވެލާފައި ގޮސް އޭތި ނެގިއެވެ. އޭނާ އޭގައި އަތް ލި ވަގުތުވީ އެހެން މީހަކު ވެސް ހަމަ އޭގައި އަތްލި ވަގުތަށެވެ. އެހުރިގޮތައް ހުރެފައި އީވާ ފަސް އެނބުރުނު އިރު ފަހަތުގައި ހުރީ އޭނާ ނުވެސް ދަން ފިރިހެނެކެވެ. އީވާ ދެލޯ ހަނިކޮށްލައިގެން ހުރެ މާތަކުގައި ހިފައިގެން ހުރިގޮތައް ހުރެ ދަމާލިއެވެ.އެއާއި އެކު އެމީހަކު ވެސް ނުދޭން ވެގެން ދަމާލައިފިއެވެ.

”އެކްސް ކިއުޒް މީ..ކާކު ތީ..އަހަރެން މީގަ ފުރަތަމަ އަތް ލީ” އީވާ ތުންފިއްތާލިއެވެ.

“އެކްސް ކިއުޒް ޔޫ..މަ އަތް ލީމަ ތި ކުއްޖާ އައި ލީ..ލީވް އިޓް ޓް މީ”

“މިސްޓާ…ކޮން ހާ ދޮގެއް..އެންމެ ފުރަތަމަ އަހަރެން އަތްލީ…ބުނަން ވާހަކައެއް މަށައް އެބަ ވަރަށް ލަސް ވޭ..ދުކޮށްލާ”ފިހާރަ ތެރޭގައި މީހުން ފުދޭވަރަކަށް ތިބުމުން އީވާ ވާހަކަ ދެއްކޭތޯ ބެލީ މަޑުންނެވެ. ނަމަވެސް އޭނާ ރުޅިގަދަ ވަމުން ގޮސް ދެލޯ  ވެސް ހުރީ ރަތްވާ އަތައް އަޅާފައެވެ. އެ މީހަކު މަލުގައި އަތްލާއިގެން ހުރި ހިސާބުން  މިހާރު ބައެއް ހަލާކު ވެސް ވެއްޖެއެވެ. އެކަމާއި އީވާ ކުރިއަށް ވުރެން ރުޅިގަދަވިއެވެ. ނިކަން ރަނގަޅަށް އީވާ އެމީހެއްގެ މޫނައް ބަލައިލިއެވެ. ބަލާބެލުމަށް އޭނައަށް ބޮޑަށް ވައްތަރުވީ ފޮލިހަކާއެވެ. އިސްތަށި ގަނޑު ހަދާފައި ހުރީ އެފަދަ ގޮތަކަށެވެ.

“ޕޮލިހަކާއި ވައްތަރުވާން ފާޑުފާޑަށް އިސްތަށިގަނޑު ހަދައިގެން އުޅޭނެކަމެއް ނެތް..ޕޮލިހެއް ވެއްޖެޔާ ތަންކޮޅެއް ރެސްޕެކެޓް ކޮށްބަލަ.. މިހިރީ މިތާގަ ކެމެރާ ހަރުކޮށްފަ…އުޅޭ ބަލަން މީގަ ފުރަތަމަ ކާކު ތޯ އަތް ލީ..” އީވާ ބުނެލާފިއެވެ. އޭރު އެޒުވާނާ ޒާތަކަށް އަނގަހަދާލައިގެން ހުއްޓެވެ. ދެމީހުން ކުރެ އެކަކުވެސް އެވަރުންވެސް އެ މާބޮނޑިން އަތްދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންގެ އެކޯޅުން ފެނި ކައުންޓަރުން މީހަކުވެސް އެތަނައް އޭރު އައިސްފިއެވެ.

“ހެލޯ މޭމް..ހެލޯ ސާރ..އިޒް ދެއާރ އެނީ ޕްރޮބްލެމް” އެތަނުގައި މަސައްކަތް ކުރާ ބިދޭސީ ކޭޝިއަރު އަހައިލިއެވެ.

“ހޫމް ވެރީ މަޗް ޕްރޮބްލެމްސް..ދިސް ގާލް އިޒް ޓްރައިން ޓް ސްޓީލް އިޓް ފްރޮމް މީ”

“ނޯ ހީ އިޒް ޓްރައިން ޓް ޑޫ ދެޓް …ނޮޓް މީ..”

“އޯކޭ އޯކޭ…ލެޓްސް ސީ ދި ކެމެރާ ފޫޓޭޖްސް” އެދެމީހުންގެ ކޯޅުން އިހުނަށް ވުރެން ބޮޑުވެގެން ފިހާރަ ތެރޭގައި ތިބި މީހުންގެ ސަމާލުކަން ވެސް ވަނީ ހުއްޓޭ ގޮތްވެފައެވެ. ދެމީހުން އެކަކު އަނެއްކަކަށް ލޯ އަޅާލައިގެން ތިބެ ކޭޝިއަރ ފަހަތުން ގޮސް ފޫޓޭޖްތައް ބެލިއެވެ. އެތައް ފަހަރަކު ބެލުނު އިރު އެތަނުން މަލުގައި އަތްލެވުނީ ކާކަށް ކަމެއް ބުނާކަށް އެކަކަށް ވެސް ނޭނގުނެވެ. ދެމީހުންނަށް ވެސް އޭގައި އަތް ލެވުނީ އެކުއެކީގައެވެ.

“ދެ ބޭފުޅުން ވެސް މި މާ ބާއްވާފަ ފިހާރައިން އެ ބޭފުޅަކަށް ކަމުދާ މަލެއް ނަންގަވާ..އިޓްސް އޮން މީ..އެންމެ އިންސަފުވެރި ވާނީ އެގޮތް ކަންނޭގެ..ދެއްތޯ” ބިދޭސީ ކޭޝިއަރު ހަބަރު ދީގެން އައިސް ހުރި ފިހާރައިގެ މެނޭޖަރު ބުނެލިއެވެ.

ގެއަށް ދާން ކުޑަތަން ވެފައި ހުރުމުން އިތުރަށް އަރައިރުން ނުވެ ދެތިން ވައްތަރެއް މަލުން ބުކޭއެއް ހަދައިގެން އީވާ ފިހާރައިން ނުކުމަންނަން ދަމުން ބަލައިލިއިރު އެއްކަލަ ޒުވާނާ ވެސް އީވާއަށް ބަލަހައްޓައިގެން ހުރެ ދޫ ހަދައިލި ތަން ފެނުނެވެ. އެ މަންޒަރު ފެނި އީވާ ދަތްކުނޑި ވިކާލައިގެން ހުރެ ނުކުންނަން ދަމުން އޭނާގެ ގައިގާ ޖެހިވެސް ގަތެވެ.

ގެޔަށް ދެވުމުން އައިސް ފައި ހުރި ރުޅިގަނޑު އީވާ ބޭލީ ލިވިންގްރޫމު ސޯފާއަކަށެވެ. އެއް ސޯފާއަށް އަތުގައި ހުރި ސާމާނުތައް އަޅައިލަމުން އަނެއް ސޯފާގައި ދެއަތުން ނިކަން ބާރަށް ތަޅައިގަތެވެ. އެހެން ހުރެފައި ދެން ފެނުނީ ނިކަން ބާރަށް ހަޅޭއްލަވައިގަން ތަނެވެ.

“އީވް..ކިހިނެތް ވީ..” ބަދިގޭގައި ފެން ބޯން ހުރި ލިއާނާ ދުވެފައި ނުކުމަތީ އީވާއަށް ކަމެއް ވީ ކަމަށް ހީކޮށެވެ.

“ކިހިނެތް ނުވަނީ..ފައްކާ އޭ**ހ* އަކާއި މިއަދު މަށައް ދިމާވި..އެހެންވެ ރަނގަޅައް ވެސް މޮޔަވެފަ މި އިނީ” އީވާ ކިޔައިދިނީ ދެންމެ ހިނގި ހާދިސާއެވެ. ދެން ހީވީ އެތާގައި ފުއްޕާހަމެއް ގޮއްވާލިހެންނެވެ. ލިއާނާ ހޭންފެށިގޮތައް ނުވެސް ހުއްޓުނެވެ.

“ސިރިއަސްލީ..އީވް…ކެމެރާގެ ފޫޓޭޖްތައް ވެސް ބެލީތަ..ނޫނޭ ވާ ރަނގަޅު މީހަކާ ތި ޖެހުނީ” ލިއާނާ ގަދަޔަށް ހެމުން ދިޔުމުގެ ސަބަބުން މޫނަށް ވެސް ހުރީ ރަތްކުލަ ފާއްދާލާފައެވެ.

“އާން.. މަ ހިތައް އެރި ނުދޫ ކުރާނަމޭ އެ މާ ޗަސްވިއަސް..އައި މީން އެމީހާގަނޑު އެ ފިއްތާލައިގެން ހުރި ގޮތުން ހަލާކުވާން ފަށާފަ އޮތީ..އެ ވަރު ވީމަ މަވެސް ވަކި ދެން ގޮތް ދޫކުރަން ބޭނުންވާނެ ތަ ..ދޮންތި ކައިރީގަ މާމަ އެބޯޅެ ދޯ” އީވާ ސޯފާގެ މައްޗަށް ވެއްޓިގެން އިރު ވެސް ހުރީ ތުން ދަމައިގެންނެވެ.

“ޔެއާ އެބޯޅެ..އަލާ ދައްތަ ކައިރިގަ އުޅެފަ މިކުތީ އަހަރެން ވެސް…އީވްއަށް ތިދިމާވި މީހަކު އަހަރެން ދެކިލާ ހިތްވެސް ވެއްޖެ.. ހަހައްހަ….އޯހް ނޯ..ކްލާސްއަށް ދާ ގަޑި ޖެހެނީ..ހަނދާން ނެތިފަ މި އިނީ..” ލިއާނާ ކުއްލިއަކަށް ހަނދާން ވެގެން ތެޅިގަތެވެ.

“އަޅޭ މިހާ ލަސްވީމަ ހިނގާފަ ދަންޏާ ގަޑި ޖެހޭއިރުވެސް ނުދެވޭނެ..ކޮބާ ޒެވް ބޭބެ” އީވާ ވެސް ކަންބޮނޑުވިއެވެ. ގޭގެ ޑްރައިވަރު ވެސް ވީ އަޒީޒް އާއި ދިނާޔާ ގޮވައިގެން ހުޅުމާލެ ގޮހެވެ. ބަހުގަ ދިޔަސް ނުދެވޭނެކަން ގައިމެވެ. އަމުދުން މިގަޑިއަކީ ފަސޭހައިން ކާރެއް ލިބޭނެ ވަގުތެއް ވެސް ނޫނެވެ.

“ދޮންބެ ވެސް ވެއްޖެ ބޭރުގަ…”މާޔޫސީ ރާގެއްގައި ލިއާނާ ބުނެލިއެވެ. ގަޑިޖެހިގެން އޭނާ ކްލާހަކަށް ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. މިރޭ އަނެއްކާ އޮތީވެސް އަރްކާން ކިޔަވައިދޭ ގަޑިއެވެ.

“ވެއިޓް އަހަރެންގެ ދޮންބެ އަދި ނުދޭ ދޯ..” އީވާ އަހައިލިއެވެ. ލިއާނާ ދެކޮނޑު އަރުވާލީ މޫނަށް ވައްތަރެއް ޖައްސައިގެން  ހުރެއެވެ.

އެވަގުތުވީ ހަލުވި ފިޔަވަޅު ތަކެއްގައި އަރްކާން ވެސް ސިޑިން ފައިބައިގެން އައި ވަގުތެވެ. އެ މަންޒަރުފެނި ލާނެތް ހިނިތުންވުމެއް އީވާގެ މޫނުމައްޗަށް ވެރިވިއެވެ.

“މިއޮތް އުޅެނީނު..ދޮންބޭ..އީވްއަށް ކަމެއް ކޮށްދީބަ” ނިކަން ޅަ ގޮތަކަށް އީވާ ބުނެލިއެވެ.

“ޔެސް ލަވް..ކިހިނެތް ހަދާލަ ދޭން ވީ..”

”ދޮންބެ ދާ މަގުމަތީގަ ލިއާ ވެސް ގެންގޮސް ދީބަ..ހަނދާން ނެތިގެން ލިއާއަށް އިނދެވުނީ ދޯ..ދެވް ބޭބެއެއް ވެސް ގެޔަކު ނެތް…ހަމީދު ވެސް ވެއްޖެ މަންމަ މެން ގޮވައިގެން ހުޅުމާލޭގަ” އީވާގެ ޖުމްލައިން ލިއާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން ނޫނެކޭ ބުނެލިއެވެ. އަރްކާން އާއި ހަތަރުކަޅިހަމަވި ވަގުތު އޭނާގެ މޫނައް ވެރިކޮށްލީ ފޫހި ވައްތަރެކެވެ. އޭރު އީވާ އެތަނުން ނުކުމެގެން ގޮސްފިއެވެ.

“ގަޑިޖެހެން ބޭނުންވާނަމަ އިނދޭ..ދެމިނެޓް ވަންދެން މަށައް މަޑުކުރެވޭނީ..އަރްކާން އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން ބުނެލިއެވެ. އެއަށްފަހު މަޑުކުރުމެއް ނެތި އަވަސް ފިޔަވަޅުތަކެއްގައި އަރްކާން ބޭރަށް މިސްރާބު ޖެހިއެވެ.

“އާހް ދިހަވަރަކަށް މިނެޓް ދޯ މި އިނީ..ކިއްކުރާނީ..ތަގުދީރު ވެސް މަށައް ދޯކާ ދިނީ މި މިރޭ…ދާކަށް ނު މިޖެހުނީ..ކަމަކާއި ނުވެ ކްލާހަށް ނުގޮސް ގޭގަ އިންދެއްޖެޔާ ދޮންބެ އަންނާނީ ރުޅި” މަޖުބޫރު ވެފައި އިނދެ ލިއާނާ ކަންނެތް ފިޔަވަޅުތަކަކާއި އެކު  ބޭރަށް ނުކުން އިރު އިންތިޒާރުގައި އަރްކާންގެ ކާރު މަޑުކޮށްގެން އޮތެވެ.

އޭނާ ގޮސް ފަހަތު ސީޓު ދޮރު ހުޅުވާލި އިރު އޭގައި ބޮޑު ދެ ފޮށިގަނޑު އިނެވެ.

“ކުރިއަށް އަރާ..އެ ފޮށިގަނޑު ޑެމޭޖް ވާކަށް ބޭނުމެއް ނޫން..” އަރްކާން ބުނެލިއެވެ.ލިއާނާ އެއްޗެއް ނުބުނެ  ހުރެ ކާރުގެ ކުރީ ސީޓުގައި  އިށީންދެ ބެލްޓް އަޅުވާލިއެވެ. ކޮލެޖާއި ކައިރިވިއިރުވެސް އަރްކާން އޭނާއާއި ޒުވާބެއް ނުފަށާ އިނުމުން ލިއާނާ އިނީ ހައިޜާން ވެފައިއެވެ. މިރޭ ކުއްލިއަކަށް އަރްކާން މާ މައިތިރި ވެފައި އިން ސަބަބެއް ނޭނގޭތީ އޭނާ އިނީ ބިރުގަންނަ ގޮތް ވެސް ވެފައެވެ.

ކޮލެޖާއި ކައިރިއަށް ކާރު މަޑުކޮށްލުމުން ކާރުން ފައިބައިގެން ލިއާނާ އަވަސް އަވަހަށް އެތެރެއަށް ވަންނަން ދިޔައެވެ.

 

“ބޭބީ ވައި ޔޫ ސޯ ލޭޓް” ލިއާނާ އައިލެއް ލަސްކަމުން ރައިހާ ތުންދަމައިލައިގެން އިނދެ ޝަކުވާ ކޮށްލިއެވެ. ލިއާނާ ވީ ގޮތް ކިޔައިދިނުމުން ރައިހާ ބޯޖަހައިލިއެވެ. އެވަގުތު އަރްކާން ވެސް ކްލާހަށް އައިސް ވަންތަން ފެނުނެވެ. ލިއާނާއަށް އޭނާ އާއި ދިމާ ބަލައިލެވުނީ  އެހެންޏާއަށް ވުރެން ތަފާތުހެން ހީވެގެންނެވެ. އެހެންޏާ އަބަދުމެ މޫނަށް ހަރުކަށިކަން ވެރިކުރުވައިގެން ހުންނަ މީހަގެ މޫނުމަތިން ހިސާބެއްގެ މޮޅިވެރިކަމެއް ފެންނަން ހުއްޓެވެ. ކިޔަވައިދެމުން ދިޔައިރު ވެސް އެކަންފާހަގަ ވެގެން ދިޔައެވެ.

“މީނަ ތަފާތު ހެން ހީވޭތަ…”ލިއާނާ، ރައިހާގެ މޫނަށް ބަލައިލަމުން ވައި އަޑުން އަހައިލިއެވެ.

“ހޯން އެއްކަލަ އަންހެނާ..މިއަދު ދެން އަނެއްކާ އެހެން ކިޔާފަ  ގެއަށް ދާ މަގުމަތީގަ ފައިޓް އެއް ނުހިންގާތި އޭނައާ..”

“ޕިސް..މަ އެބޯޅެންތަ މޮޔަވެގެން..އޭނަ އޭ މަށާ އަބަދު ޒުވާބު ކުރަނީ..އެކަމަކު މިރޭ މާ މައިތިރި..ކާރުގަ އޭ މިއައީ އޭނައާ އެއްކޮން..މަ ހިތަކަށް ވެސް ނާރަން މަ މަރުވުމުގެ ކުރިން އޭނަގެ ކާރުގަ މަށައް ދަތުރެއް ކޮށްލެވޭނެ ކަމަކަށް ވެސް.. އަނެއްކޮޅުން މަށާ ޒުވާބު ކުރާކަށް ވެސް  ނޫޅެ..އެހެންޏާ ހުންނަހެން އެހެރަ ދެލޯ ކާއްޓަކަށް ހަދައިގެންނެއް ވެސް ނޫން ހުންނަނީ..ސަމްތިންގް ސަސް” ލިއާނާގެ ވާހަކަ ހުރި ގޮތުން ރައިހާ ގާތައް އައީ ހިންޏެވެ.

“ސަލާމަތެއް ނެތެންނު ލިއާ…އޭނާ މަޑުން ހުރީމަ ވެސް  އުނދަގޫ ވެއްޖެ ވިއްޔާ..ލިއާ ވެސް ދެލޯ ކުރޮޅިއަކަށް ހަދައިގެން ބަލާތީނު އޭނާ ދެލޯ ކާއްޓަކަށް ހަދައިގެން އިންނަ ތަން ތިޔަ ފެންނަނީ..ގައިމު މަށާ ނުލާހިކު ރީތިކޮން ސްމައިލް ވެފަ ވާހަކަ ދައްކާ..ތިހެން އުޅެފަ ތިދެމިހުން ކަންނޭގެ މެރީ ކުރާނީ..ވަރަށް ޝައްކު” ރައިހާ ބެލީ ލިއާނާއާއި ދިމާކޮށްލެވޭތޯއެވެ.

“ވަޓް ދަ ފ*..އާރ ޔޫ ކްރޭޒީ..އޭޒް ބިފޯރ އައި ސެއިޑް އިންނާނެ މީހަކު ނުވިއަސް އެ ގޮލައަކާ މަ ނީންނާނަން..އާރ ޔޫ މައި ބެސްޓީ އޯ ނޮޓް..އޭނަގެ ދިފާއުގައި ތިއޮތް ވަކާލާތު ކުރާ ގޮތެއް..ރައީ ދާން ވީނު އޭނައާއި އިންނަން..އެހެން ނޫނަސް  ޝާފީބެ އާއި އަޒީޒް އަކީ ގާތް އެކުވެރިން ވީމަ ކިހާ އީޒީ ވާނެ..އޭނަ އެހެންވީމަ ވެސް ތީނައަށް ރަނގަޅުވާނެނު…ހަހް”

“ހޯހޯ..އޭޒް ޔޫ ނޯ އަމް އޯލްރެޑީ ޓޭކެން..އަހަރެން ފިއާންސޭ އެއް ނެތް ނަމަ ރަނގަޅު ވީސް އެކަމާ އުޅެން.. ރީތި ސޮރެއްނު….ހައްހައް..ޔުއާރ ފޭސް ތޯ” ރައިހާގެ ޖަވާބު އަހާފައި ލިއާނާގެ މޫނަށް ހަދައިގެން އިން ގޮތުން ރައިހާއަށް ދިޔައި ހެވުމުންނެވެ.

****

“ޑޯންޓް ވޮރީ..” ބެލްކޮނީގެ ރެއިލިންގައި ލެގިލައިގެން ހުރިއިރު އޭނާ ނަޒަރު އަމާޒުވެފައި ހުރީ އެނދުމަތީގައި އިން އަލާރާއަށެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު މައުސޫމް މޫނުމަތިން ފެންނަނީ މާޔޫސީކުލައެވެ. އެމޫނުމަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. އޭނާ ތައްޔާރުވެގެން އިނީ ޝަވަން ބައްދަލް ކުރަން އަންނަން ބުނި ގަޑިއަށެވެ.

“އާހްހް..ޒެވިއަލް އައި..އައި” އެއިންގޮތައް އިނދެ އަލާރާއަށް ބުނެވުނީ އެވަރަށެވެ. ނޭނގޭ ސަބަބަކާއި ހުރެ އޭނާގެ ސިކުނޑި ހާސްކުރުވަމުން ދަނީއެވެ. އަދިވެސް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އެހެން އިންދާ ކުރީ ރޭގައި އޭނައަށް އައި ފޯނުކޯލް މަތިން ހަނދާންވިއެވެ. އެ ހިޔާލްތައް ވެސް ސިކުނޑީގައި ނުބައިގޮތަކަށް ވަނީ ވަށާލާފައެވެ.

“މިހާރު އެންމެ ހެޔޮ އެދޭ މީހުންގެ ވިއު އަލާރާއަށް އެނގެއެންނު…އެންމެ ފަހު ފަހަރަށް ވިސްނާލަ.. އަމިއްލައަށް މިއީ އޭ އެންމެ ރަނގަޅުގޮތަކީ ހީވާ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ..ޖަސްޓް ކާމް ޔުއާރ ސެލްފް” އަލާރާ އުޅެމުން ދިޔަގޮތް ދުރުގައި ބަލަން ހުރެފައި ޒެވިއަލް އޭނާގެ ކައިރިއަށް އައިސް ހުއްޓުނެވެ.

“ދަރިފުޅާ ޝަވަން އައިސްފި..ހިނގާ މަންމައާއެކު” އަލާރާގެ ކޮޓަރި ތެރެއަށް ވަންނަމުން ދިނާޔާ ގޮވާލިއެވެ.

ދިނާޔާގެ އަތުގައި ހިފައިގެން އަލާރާ ގޭގެ ލިވިންގްރޫމަށް ދިޔައެވެ. ދިނާޔާގެ އެދުމުގެ މަތިން ޒެވިއަލް ވެސް ފަހަތުން ދިޔައެވެ. “މިތާގަ އިށީންދެ” އަލާރާ ސޯފާގައި ބައިންދާލަމުން ކައިރީގައި ދިނާޔާ ވެސް އިށީންނެވެ.

“މަންމާ ކޮންބައެއް ތިބީ”އަލާރާ ވައި އަޑުން ދިނާޔާ ކުރެން އަހާލިއެވެ.

“ނަސްރާ އާއި ޝަވަން..ހަމްދީ ނާދެ..މަންމަ އާއި ދޮންބެ އާ ބައްޕަ ދެން މިތިބީ” އަލާރާ ސުވާލު ކުރިހާ މަޑުން ދިނާޔާ ވެސް ޖަވާބުދިނެވެ. އިތުރު އެއްޗެއް ނުބުނެ އަލާރާ ހަމައެކަނި ބޯ ޖަހައިލިއެވެ.

“ހައު ވޯޒް ޔޫ” ފުރަތަމަވެސް އަޑުޖެހުނީ އެއަޑެއް އަހާލުމަށްޓަކައި އޭނާ މިހުރިހާ ދުވަހު ބޭގަރާރްވެފައި ހުރި ފަރާތުގެ އަޑެވެ. ޝަވަންގެ އަޑެވެ. ވާހަކަ ދެއްކި އިރު ވެސް އެއަޑުގައި ހުރި ބީރައްޓެހިކަން އަލާރާއަށް ސިއްރެއް ނުވިއެވެ. ހިތައް ތަދުވިނަމަވެސް ހިތްވަރުކޮށްލައިގެން އިނީ ޝަވަންގެ ކުރިމަތިގައި އެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާލަން ބޭނުން ނުވާތީއެވެ.

“ހާލަތު މިހުރީ ފެންނަން” މަޑުމައިތިރި ގޮތަކަށް އަލާރާ ބުނެލި ނަމަވެސް އެތެރެފަރާތުން އޭނާގެ ހިތް ދިޔައީ ރޮމުންނެވެ.

“އޯކޭ ލެޓްސް ގެޓް ޓް ދި ޕޮއިންޓް ޑައިރެކްޓްލީ ..ސިންސް އަމް އަ ވެރީ ބިޒީ ޕާސަން އެހާ ގިނައިރަކު ނެތް ހުރެވޭކަށް..މި ކައިވެނި ކުރަން އަހަރެން ރުހިގަބޫލް.. އަޒީޒްބޭ..އަހަރެން ބޭނުން އަލާރާއާއި ކައިވެނިކުރަން” އަސަރެއް ނެތް ގޮތަކަށް ޝަވަން ބުނެލި އިރު އޭނާގެ ވާހަކަ ހުރިގޮތުން އެންމެންގެ މޫނުމަތިން ފެނިގެންދިޔައީ ހައިރާންކަމެވެ.

ޝަވަންގެ ސަބަބުން ލަދުގައިން ވަރުންނާއި  އައިގަދަ ރުޅިން ނަސްރާގެ މޫނު ޓޮމާޓޯއެއްހާ ރަތްވެގަތެވެ. ދިނާޔާއާއި އަޒީޒްއާއި ހަތަރުކަޅި ހަމަކޮށްލަމުން  ވެސް ނަސްރާއަށް އުނދަގޫވިއެވެ. ކައިރީގައި އިން ޝަވަންގެ ގައިގާ ގައި ހުރި ބާރަކަށް އޭނާ ވިކާލިއިއެވެ.

“މިހާ ދުވަސް ފަހުން އަލާއާއި ދިމާ ވީމަ ވެސް ރަނގަޅަށް ވާހަކަ ދައްކާލުން ރަނގަޅު ދޯ..ތިއީ އަދި މީހުން ކައިވެންޏަށް އެދޭ ގޮތެއް ނޫން..ބިޒީ ވިއްޔާ ނައިސް ހުރި ނަމަ..ބައްޕާ ..އަހަންނެއް ގަބޫލެއް ނޫން މި ކައިވެންޏަކަށް” އަރްކާންއަށް ނީދެވިގެން ބުނެލިއެވެ. އޭރު ޝަވަން ދެކެއައިސް ހުރި ރުޅި އޭނާގެ މޫނުމަތިން ހާމަވިއެވެ.

“އޯހް ޕްލީޒް..އަރްކާން ގާތުގަ ތަ އަހަންނަށް މި އެދެވުނީ ކައިވެންޏަށް..އަޒީޒްބޭ މިކަމަށް އެއްޗެކޭ ބުނެބަލަ..އަހަންނަކަށް ހިއެއް ނުވޭ އަޒީޒްބޭ ދުނިޔޭގަ ހުއްޓާ އަރްކާން ގާތުން ހުއްދަ ހޯދަން ޖެހޭނެ ހެންނެއް..” ޝަވަން  މިފަހަރު ބުނެލި ޖުމްލަތައް ހީވީ އަނދަންފެށި އަލިފާން ގަނޑަކަށް އުކާލި ޕެޓްރޯލް ހަމެއް ހެންނެވެ.

“ނޫނޭ..ޝަވަންއަށް އޮޅިފަ ތިހުރީ..އަހަރެމެން ތިން ބެއިންނަކީ އެކައްޗެއް…އަހަންނާ ދޮންތަގެ ހުރިހާ ކަމަކަށް ދޮންބެއަށް ބަސްބުނުމުގެ ފުރިހަމަ ހައްގު އޮންނާނެ..ބައްޕަގެ ރުހުން ހޯދާ އުސޫލުން ދޮންބެގެ ރުހުން ވެސް ހޯދައިގެން ކުރިއަށް ދެވޭނީ..ދޮންބެގެ ރުހުން ނުލިބެންޏާ  ތި ކައިވެންޏެއް ނުކުރެވޭނެ..މިވަރުން އެއީ ކިހާ މުހިއްމު މީހެއް ކަންއެނގޭނެ ކަމަށް މިބަލަނީ..ޝަވަންއަކަށް ނޯންނޭނެ ތިހެން ކިއުމުގެ ހައްގެއް ވެސް..ހިސާބަށް ވުރެން މީހާ ގޮތެއް ފޮތެއް ވެސް ނެތީމަ ކައިވެންޏަށް އެދެން ވެސް އަންނަން ކެރުނީ… އެނގޭތަ ދޮންތަ މިއަދާއި ހަމައަށް ކިތައް ކަންތައްކާ ފައިޓް ކޮށްފިކަމެއް..ތިވާ ތެދުވެރި ލޯބީގެ ބާރުންނު މިތަނަށް އެ ފަކީރު ކޮބައިތޯ ބަލާލަން ވެސް ނާދެވުނީ…އެހުރިހާ ވަގުތަކު އަހަރެމެންނޭ ދޮންތަ ކައިރިގަ ތިބީ…ދޮންތަ އެއްބަހެއް ނުވާނެ ދޮންބެ ނޫނެކޭ ބުނެފިއްޔާ..އަމިއްލައަށް ބޭޒާރު ނުވެ ދެންވެސް ރީތި ކޮން ހުރޭ ” ޝަވަންއަށް ޖަވާބުދިނީ އެމީހުންގެ ކައިރިއަށް ހުއްޓުނު އީވާއެވެ. އޭނާގެ ލޭ ހުރީ ކެކިކެކިއެވެ.

“ނަން އޮފް ޔޯ ބިޒްނެސް އޭޒް ވެލް” އީވާގެ ވަރުގަދަ ޖަވާބުން ޝަވަން ބަލައިލީ ނުރުހުމާއި އެކުއެކީގައެވެ.

“އީވް” ދެވަނަ ފަހަރަށް އީވާ އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު ދިނާޔާ މަނާ ކުރިއެވެ.

ޝަވަން އިންތަނުން ތެދުވެގެން އައިސް  އުޑަފައިން އިށީނީ އަލާރާ އިން ސޯފާގެ ތިރީގައެވެ. އެހެން އިނދެފައި އަލާރާގެ އަތުގައި ހިފާލިއެވެ.

”އަލާ..އަމް ސޮރީ ނާދެވުނީމަ..އުޅެން ޖެހުނު ގޮތުން އާދެވޭ ގޮތް ނުވީ..އައި ޕްރޮމިސް ދެންއެހެން ނުވާނެ ކަމަށް..އަރްކާން ދެކެ ހިތްހަމަ ނުޖެހިފައި ހުރީމަ އެގޮތައް އެ ވާޙަކަ ދެއްކުނީ..އައި ސްޓިލް ލަވް ޔޫ..އައި ރިއަލީ ޑޫ..ވިލް ޔޫ މެރީ މީ” ޖީބުން ނެގި މަހުމާ ފޮށިގައި ވާ ހުދުރަނުގެ އަނގޮޓި އަލާރާގެ އަތުގެ ތެރެއަށް ލަމުން ޝަވަން އަހާލިއެވެ.

***

(ނުނިމޭ)

 

Share this
Copy to Clipboard

Leave a Reply

Your email address will not be published. Required fields are marked *

Sponsored Ad
Sponsored Ad
About Us

About Us

DhivehiVaahakain is a creative space for every voice that speaks in Dhivehi. Whether you're a storyteller, poet, thinker, or simply someone with a story to tell — this is your space to be heard. Writers of all genres and readers come together here to share, connect, and grow.